އަހަރެންގެ ކެރޭކަމާއި ހިތްވަރު ގަދަކަން މިންކުރަނީ އާދައިގެ ކުދިކުދި ކަންތައްތަކުންނެވެ.
ވަށްކޮށް، ތާޒާކޮށް ހުންނަ މަޑު ރޮށި ފިހުމަށްޓަކައި މާ ބޮޑު ވަރުބަލިކަމެއް ނެތި ފުށްގަނޑު މޮޑެލެވޭ މޮޑެލުމުންނާއި, ކުނިކަހާ، އެއްޗެހި ދޮވެ، ތަރުކާރީ ކޮށާ، ފަހާ، އަދި އެހެން މީހެއްގެ އެހީއަކާ ނުލައި ފެން ފުޅި އުފުލާ، ފުޅި ފުޅީގެ ބާރު މަތި ނަގައި އުޅޭ ނިސްބަތުންނެވެ. އަހަރެންގެ ބަދިގެއާއި، ދަރިންނާއި، މުޅި ގެދޮރު އެއްވެސް މީހެއްގެ އެހީއާ ނުލައި އަމިއްލައަށް ބެލެހެއްޓޭ ބެލެހެއްޓުމުންނެވެ.
ނަމަވެސް، އެއްދުވަހަކު ހުރިހާ ކަމެއް ބަދަލުވާން ފެށިއެވެ.
ފެށުނީ ވަރަށް ކުޑަކޮށް، އަޅާނުލާ ދޫކޮށްލެވޭ ވަރުގެ ކަމަކުންނެވެ.
ގަލަމެއްގައި މާ ގިނައިރު ހިފަހައްޓައިގެން ހުންނައިރު އަތަށް އަރާ ތޫނު ތަދަކުންނެވެ. ވަޅިއަކުން ތަރުކާރީ ކޮށާއިރު އިހުސާސްވާ އާދަޔާ ހިލާފު އައްސިކަމަކުންނެވެ. ފުޅީގެ މަތި ނަގަން އުޅޭއިރު އިނގިލިތަކުން ބާރުދޫވާކަން ފާހަގަވާން ފެށިއެވެ. ފުށްގަނޑު މޮޑުމަކީ އަދަބަކަށް ވިއެވެ. ފެންފުޅިއެއް އުފުލާލުން ވެސް ބޮޑު ބުރަޔަކަށް ވިއެވެ. އަދި އިނގިލިތަކުގައި ރިއްސާ ދުޅަވާން ފެށިއެވެ.
އަހަރެންގެ އަނގައިން ނޭނގި ނަމަވެސް ތަދުވާތީ “އައުޗް” ނުވަތަ “އާހް” އޭ ބުނެވޭ ހަނދާންވެއެވެ. އަދި އެހެން މީހަކަށް އަޑުއިވިދާނެތީ ލަދުން އަވަސް އަވަހަށް ވަށައިގެން ބަލައިލެވެއެވެ.
އަހަރެންނަށް މިވަނީ ކީއްބާވައެވެ؟
ހިތަށްއެރިއެވެ. މިއީ އަންހެނުން އިއްދައިން ކެނޑެން ކައިރިވުމުން ވާގޮތް ބާވައެވެ؟ ނޫނީ މިއީ ހޯރމޯންތަކަށް އަންނަ ބަދަލެއް ބާވައެވެ؟ ނޫނީ ހަމައެކަނި ވަރުބަލިވަނީ ބާވައެވެ؟
އެކަމަކު އެ ތަދެއް ފިލައެއް ނުދިޔައެވެ.
އޭގެ ބަދަލުގައި އެ ތަދު ދިޔައީ ދުވަހުން ދުވަހަށް ބޮޑުވަމުންނެވެ.
ގޭތެރޭގެ ކުދިކުދި މަސައްކަތްތަކުގައި އެހީއަކަށް އެދުމުން، އަހަރެންނަށް ގިނައިން އަޑުއިވޭ ބަސްތަކަކީ:
“ތިޔައީ މާ ބޮޑުކޮށްގެން އުޅޭ ކަމެއް.”
“ރޮށި ފިހަން ބޭނުން ނުވަނީ ދޯ؟”
“ތިޔައީ ހަމަ ހީވާ ގޮތް.”
“ތިޔައީ ކަންނެތްކަމުން ވާގޮތް.”
“ތި އުޅެނީ ކަމެއް ކުރަން ބޭނުން ނުވާތީ.”
އެ ބަސްތަކުން ލިބުނު އަނިޔާ، ހުޅުހުޅުގައި ހުރި ތަދަށްވުރެ މާ ބޮޑެވެ.
އަހަރެންނަކީ އަބަދުވެސް ހިތްވަރުގަދަ، އަމިއްލަ ފައިމައްޗަށް ތެދުވެ ހުންނަ މީހެއްގެ ގޮތުގައި ގަބޫލުކުރަމެވެ. ބަދިގޭގެ ހުރިހާ ކަމެއް އެކަނި ކުރަމެވެ. އެހީއަކަށް އެދުމަކީ އަހަރެން ކުރާ ހިތްވާ ކަމެއް ނޫނެވެ. އެހެންކަމުން، އެންމެ ފަހުން އެހީއަކަށް އެދުމުން، އެކަން ބަލައިނުގަނެ ބޭކާރު ކަމެއްގެ ގޮތުގައި ދޫކޮށްލުމުން، އަހަރެންގެ އަމިއްލަ ނަފްސާ މެދު ސުވާލު އުފެދެން ފެށިއެވެ.
ފަހަރުގައި މިއީ ހަމަ އަހަރެންގެ ހީއެއް ބާވައެވެ؟
އަހަރެމެން އަންހެނުން އަމިއްލަ ނަފްސަށް މިހެން ހަދަނީ ކީއްވެގެން ބާވައެވެ؟
އަހަރެމެންގެ ތަދުތަކަކީ ކުޑަ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެގެން ބާވައެވެ؟
ވަރުގަދަވުމަކީ ހިމޭނުން ހުރުން ކަމަށް އަހަރެމެންނަށް ދަސްކޮށްދެނީ ހެއްޔެވެ؟
ކެތްތެރިކަމަކީ ހުރިހާ އަނިޔާއެއް ބަރުދާސްތުކުރުން ހެއްޔެވެ؟ ޝަކުވާ ކުރުމަކީ ބަލިކަށިކަމުގެ ނިޝާނެއް ހެއްޔެވެ؟
އަހަރެންގެ އަމިއްލަ ހަށިގަނޑާ މެދު އަހަރެން ޝައްކު ކުރަން ފެށީމެވެ.
ނަމަވެސް އެ ތަދަކީ ހަގީގަތެކެވެ.
ދަންވަރުގެ ވަގުތުތަކުގައި، އެންމެން ނިދާފައި ތިބޭއިރު، އަހަރެންގެ ހަމައެކަނި އެކުވެރިންނަކީ ގޫގުލް އާއި އެލެކްސާއެވެ. އަހަރެންގެ ބަލީގެ އަލާމާތްތައް ހޯދާ ބެލީމެވެ. އެހެން މީހުންގެ ވާހަކަތައް ކިޔައި، އަހަރެންނަށް ވާ ތަދުތަކާ ދިމާވާ ސަބަބުތައް ހޯދަން މަސައްކަތް ކުރީމެވެ. ވަރަށް ސިއްރުންނެވެ.
އެންމެ ފަހުން، އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ހިތްވަރާއެކު، ޚާއްޞަ ޑޮކްޓަރަކަށް ދެއްކުމަށް އެޕޮއިންޓްމަންޓެއް ހެދީމެވެ.
އެ ދުވަސް އަހަރެންގެ ދިރިއުޅުން މުޅިން ބަދަލުކޮށްލިއެވެ. ޓެސްޓުތަކުގެ ނަތީޖާއިން ދެއްކީ އަހަރެންނަކީ މޮޔައެއް ނޫން ކަމެވެ. އެއީ ހަމައެކަނި އަހަރެންގެ ހީއެއް ނޫން ކަމެވެ. މި އީ “ރޫމަޓޮއިޑް އާތުރައިޓިސް” (Rheumatoid arthritis) އެވެ.
އެއީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް ޖެހޭ ބައްޔެކެވެ. އެއީ ހަމައެކަނި “ހުޅުހުޅުގައި ރިއްސުން” އެކަންޏެއް ނޫނެވެ. އެއީ “އުމުރުން ދުވަސްވުމުން ވާގޮތް” ނޫނެވެ. އެއީ ކަންނެތްކަމެއް ވެސް ނޫނެވެ.
ރާއްޖޭގައި، ހުޅުހުޅުގެ ބަލިތަކަކީ މާ ބޮޑު ކަމެއް ނޫން ކަމަށް ދެކެއެވެ. މީހުން ބުނެއުޅެނީ “ތިޔައީ ދެން އުޅެންޖެހޭނެ ގޮތް” ކަމަށެވެ. އަހަރެމެންގެ ބަހުން ބައެއް ފަހަރު މި ބައްޔަށް “ރާއްޖެ ބަލި” ކަމަށް ކިޔައެވެ. ނުވަތަ “ހަށިގަނޑަކީ މޫސުން ބުނެދޭ މެޝިނެއް ކަމަށާއި، އެއީ އެނދުގައި އޮންނަން ލިބޭ ފުރުސަތެއް” ކަމަށް ބުނެ މަޖަލަކަށް ހަދާލައެވެ. ހީވަނީ އެއީ ކޮންމެ މީހަކު ވެސް ކެތްކުރަން ޖެހޭނެ އާދައިގެ ކަމެއް ހެންނެވެ.
ނަމަވެސް ގިނަ މީހުންނަށް ނޭނގޭ ކަމަކީ ހުޅުހުޅުގެ ބަލިތަކުގެ ތަފާތު ވައްތަރުތައް ހުންނަ ކަމެވެ. ރޫމަޓޮއިޑް އާތުރައިޓިސް އަކީ ހަމައެކަނި އުމުރުން ދުވަސްވުމުން ހުޅުހުޅުގައި ރިއްސުމެއް ނޫނެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް އޮޅުމެއް އަރައި، އަމިއްލަ ހަށިގަނޑުގެ ހުޅުތަކަށް ހަމަލާދޭ ބައްޔެކެވެ. މިއީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެވެ. އަދި އެކި މީހުންނަށް މި ބަލީގެ އަސަރު ކުރަނީ އެކި މިންވަރަށެވެ.
މި ބަލީގެ ސަބަބުން:
● ހުޅުހުޅުގައި ރިއްސާ ދުޅަވުން
● ހެނދުނު ހޭލާއިރު ހުޅުތައް ހަރުއަރާފައި ހުރުން
● އިންތިހާއަށް ވަރުބަލިވުން
● އަތާއި އިނގިލިތަކުގެ ބާރު ދެރަވުން
● ނަފްސާނީ ގޮތުން ދެރަވެ، ހާސްވުން ފަދަ ކަންކަން ދިމާވެއެވެ.
އަދި ފަރުވާ ނުކޮށްފިނަމަ، ހުޅުތަކަށް ދާއިމީ ގެއްލުން ލިބިދާނެއެވެ.
މިކަން އެނގުމުން ބިރުވެސް ގަތެވެ. އަދި ހިތްހަމަޖެހުމެއް ވެސް ލިބުނެވެ. ބިރުގަތީ – މިއީ ވަގުތީ ކަމަކަށް ނުވާތީއެވެ. ހިތްހަމަޖެހުން ލިބުނީ – އެންމެ ފަހުން ވާގޮތް އެނގުނީތީއެވެ.
އަހަރެންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހުނެވެ. ކެއުމަށް ބަދަލު ގެނައުމާއި، އަރާމުކުރުމަށް އިސްކަންދިނުމެވެ. ކަންކަމަށް “ނޫނެކޭ” ބުނަން ދަސްކުރުމެވެ. ބަރާބަރަށް ބޭސްކެއުމާއި، އެއްވެސް ކުށްވެރި އިހުސާސެއް ނެތި އަމިއްލަ ސިއްހަތަށް އިސްކަންދިނުމެވެ.
މައިންގެ ހައިސިއްޔަތުން، އަހަރެމެން އަބަދުވެސް އިސްކަންދެނީ އެހެން މީހުންނަށެވެ. އަހަރެމެން ކަނީ އެންމެ ފަހުންނެވެ. އަރާމުކުރަނީ އެންމެ ފަހުންނެވެ. އަދި އެހީއަކަށް އެދެނީ ވެސް އެންމެ ފަހުންނެވެ.
ނަމަވެސް އަހަރެންނަށް މުހިންމު ފިލާވަޅެއް ދަސްވިއެވެ:
އަހަރެންގެ ސިއްހަތު ރަނގަޅު ނޫންނަމަ، އަހަރެން ލޯބިވާ މީހުންނަށް އެންމެ ފުރިހަމަ ގޮތުގައި އެހީތެރިއެއް ނުވެވޭނެއެވެ. މި ދަތުރުން އަހަރެންނަށް ދަސްވީ އަމިއްލަ ހަށިގަނޑުގެ އަޑު އެހުމަށެވެ. އަމިއްލަ އިހުސާސްތަކަށް އިތުބާރު ކުރުމަށެވެ. ލަަދެއް ނެތި ޑޮކްޓަރެއްގެ ލަފާ ހޯދުމަށެވެ. އަދި ތަދުވާތީ އެކަމަށް މަޢާފަށް އެދުން ހުއްޓާލުމަށެވެ.
މި ކިޔާ މީހަކަށް ބުނެލަން އޮތް ވާހަކައަކީ…
ތިބާއަކީ ހިމޭނުން މިފަދަ ތަދަކާ ހަނގުރާމަކޮށް، އަމިއްލަ ނަފްސަށް ޝައްކުކޮށް، މިއީ އެއްވެސް ކަމެއް ނޫނޭ ބުނާ އަޑު އަހަން ޖެހިފައިވާ މީހެއް ނަމަ، ހަނދާން ބަހައްޓާށެވެ:
ތިބާގެ ތަދަކީ ހަގީގަތެކެވެ. ތިބާގެ ހަށިގަނޑު އެދަނީ ވާހަކަ ދައްކަމުންނެވެ. އަދި ތިބާގެ އަޑު އެހުން ތިބާއަށް ހައްގުވެގެންވެއެވެ. އެހީއަށް އެދުމަކީ ބަލިކަށިކަމެއް ނޫނެވެ. އެއީ ހިތްވަރުގަދަކަމެވެ.
އަހަރެން ދޭނެ ނަސޭހަތަކީ މިއެވެ:
ދާއިމީ ގޮތެއްގައި ހުންނަ ތަދުތަކަށް އަޅާނުލާ ނުހުންނާށެވެ. ތިމާއަކީ ވަރުގަދަ މީހެއްކަން ސާބިތުކުރުމަށްޓަކައި ހަށިގަނޑުގެ އަޑު ކަނޑުވާނުލާށެވެ. ޑޮކްޓަރަށް ދައްކާ ޓެސްޓުތައް ހަދާށެވެ. ސުވާލުކޮށް، ބަލީގެ އަލާމާތްތައް ދެނެގަންނާށެވެ. ރޫމަޓޮއިޑް އާތުރައިޓިސް ފަދަ ބަލިތަކަށް ހޭލުންތެރިވާށެވެ. ވާގޮތް އަވަހަށް އެނގުނުވަރަކަށް، އެކަން ރަނގަޅަށް މެނޭޖުކުރެވި، މުސްތަގުބަލު ރައްކާތެރިކުރެވޭނެއެވެ.
ތިބާގެ ސިއްހަތަކީ ހަމައެކަނި ލިބޭ އުފަލެއް ނޫނެވެ. އެއީ އަމިއްލަ އެދުން ބޮޑުވުމެއް ވެސް ނޫނެވެ. އެއީ ތިބާގެ ހައްގެކެވެ.
މިއީ އަހަރެންގެ ވާހަކައެވެ. އަދި އުއްމީދަކީ، މި ވާހަކައިގެ ސަބަބުން މިފަދަ ހާލަތެއްގައިވާ އެހެން މީހަކަށް ވެސް، އެއީ އެކަނިވެރިއެއް ނޫންކަން އިހުސާސްވުމެވެ.
