އދ. ހަންޏާމީދޫ ސްކޫލާއި އަމިއްލަފަރާތެއް ގުޅިގެން ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ ރަމަޟާން ޤުރުއާން މުބާރާތުގެ، މިއަހަރު މުބާރާތް މިރޭ ފެށޭނެއެވެ.
ވޭތުވެދިޔަ އަހަރުތަކަކޭ އެއްފަދައިން މިއަހަރުގެ މުބާރާތުގައި ވެސް ވަނީ ގިނައަދަދެއްގެ ދަރިވަރުން ބައިވެރިވެފައެވެ. ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުން އަދި ހާއްސަ ކެޓަގަރީ ހިމެނޭ މިއަހަރުގެ މުބާރާތުގައި 68 ބައިވެރިން، ބައިވެރިވެފައި ވެއެވެ. މިއަހަރުގެ މުބާރާތުގައި ހިތުން ކިޔެވުމުގެ ގޮފީގައި، ހިމެނީ 13 އަހަރުން ދަށް، 11 އަހަރުން ދަށް، 9 އަހަރުން ދަށް، 7 އަހަރުން ދަށް، އަދި 6 އަހަރުން ދަށެވެ. ހާއްސަ ކެޓަގަރީގައި 1 ބައިވެރިއަކު ބައިވެރިވެފައި ވާއިރު ބަލައިގެން ކިޔެވުމުގެ ގޮފީގައި ހިމެނެނީ 13 އަހަރުން ދަށް، 19 އަހަރުން ދަށް، 16 އަހަރުން ދަށް، 11 އަހަރުން ދަށް، 9 އަހަރުން ދަށް، 7 އަހަރުން ދަށް، އަދި 6 އަހަރުން ދަށެވެ.
މުޅި މުބާރާތުން 1 ވަނަ ހޯދާ ބައިވެރިއަކަށް -/7000 ރުފިޔާ އަދި 2 ވަނަ ހޯދާ ބައިވެރިއަކަށް -/5000 ރުފިޔާ، 3 ވަނަ ހޯދާ ބައިވެރިއަކަށް -/3000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު 4 ވަނަ އާއި 5 ވަނައަށް، ކޮންމެ ވަނައަކަށް -/1000 ރުފިޔާ ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ މަޤްސަދީ ކީރިތި ޤުރުއާނަށް ލޯބި ޖައްސުމާއި، ޤުރްއާން ކިޔެވުމުގެ ރޫހު އާލާކޮށް އިތުރުކުރުމާއި، ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ރީތި ރާގުގައި ޤުރުއާން ކިޔަވާ ދިވެހި ދަރިންތަކެއް އުފެއްދުމާއި، ކީރިތި ޤުރުއާން ހިތު ދަސްކުރުމަށާއި ތަޖުވީދަށް ކިޔަވާން ހިތްވަރު ދިނުމާއި ދީނީގޮތުން ހޭލެންތެރި މުޖުތަމައެއް ބިނާކުރުމަށް މަސައްކަތް ކުރުމެވެ.
ކޮންމެ އުމުރުފުރާއަކުން 1،2،3 ވަނަ އާއި ކޮންމެ ކެޓަގަރީއަކުން 1،2،3 ވަނައިގެ އިތުރުން ދެގޮފި ވަކިންނާއި މުޅިމުބާރާތުން ވެސް 1،2،3،4،5 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިމުބާރާތް ބާއްވާ 18 ވަނަ އަހަރެވެ
