ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އެ އަޑު – ހަތްވަނަ ބައި

އިންސާފުގެ ފަތިސް

ޒާރާގެ އަތުގެ ތެރޭގައި ތިބި ލާރާއާއި ލަޔަލްގެ އަތުގައި އޭނާ ވަރަށް އޯގާތެރިކަމާއެކު ހިފާލިއެވެ. އެއީ ހުވަފެނެއް ނޫންކަން ޔަގީންކުރަން ބޭނުންވާ ފަދަ ގޮތަކަށެވެ. އެ ކުދިންގެ ކުޑަކުޑަ އިނގިލިތަކުގެ ބާރު ޒާރާގެ އަތަށް އިހުސާސުވަމުން ދިޔައިރު، ޒާރާގެ ހިތަށް ލިބުނު ހިތްހަމަޖެހުމަކީ މީގެ  ފަސް އަހަރު ކުރިން އޭނާގެ އަތުން ދޫވެފައިވާ އިހުސާސްއެކެވެ. އެހެންކަމުން ފަސް އަހަރު ފަހުން އޭނާއަށް މިފުރުސަތު ލިބުނީތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ.

ޖެހިގެން ހުރި ކޮޓަރީގައި މަރްޔަމްވެސް އޭނާގެ ތަކެތި ހަމަކޮށްލައިގެން، އެތައް އަހަރަކަށްފަހު ފުރަތަމަ ފަހަރަށް ހިތްހަމަޖެހުމުގެ ނޭވާއެއްލަމުން ހުއްޓެވެ. މަރްޔަމްގެ ލޮލުން ފެންނަމުންދިޔަ ކަރުނައަކީ އޭނާވެސް އެ އުފުލި ބަރު ބޮޑު ސިއްރުގެ ބުރަކަމުން މިންޖުވުމުގެ ނިޝާނެކެވެ.

ޒާރާ އެކުދިންނާއި މަރްޔަމް ގޮވައިގެން ގޭގެ ބޭރަށް ނިކުތްއިރު، ފުލުހުން ދިޔައީ އެ ގޭގެ ގޯތިތެރޭގެ ބައެއް ތަންތަން ބަލައި ފާސްކުރަމުންނެވެ. އަޒީލްގެ މަކަރުވެރިކަމުގެ ކޮންމެ ސަފުހާއެއް މިއަދު ދިޔައީ ހާމަވަމުންނެވެ. އޭނާ ބިނާކުރި ދޮގުގެ ގަނޑުވަރުގެ ބިންގާ މިއަދު ވަނީ މުގުރައިގެން ގޮސްފައެވެ. ގޯތިތެރޭގައި ހުރި ބޮޑު ގަހުގެ ހިޔަލުގައި މަޑުކޮށްލައިގެން ހުރި އަޒީލްގެ މޫނުމަތިން ފެންނަނީ މާޔޫސްކަމާއި ބަލިގަބޫލުކުރުމުގެ އަސަރެވެ. އޭނާގެ ފައިސާއާއި ނުފޫޒުގެ ބާރު މިއަދު ވަނީ ހަގީގަތުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާފައެވެ.

“ބައްޕަ އަހަރެމެންނަށް ވަރަށް ލޯބިދިން، އެކަމަކު ދުވަހަކުވެސް ނުބުނޭ ތިއީ އަހަރެމެންގެ މަންމައެކޭ،” ލަޔަލް މަޑުމަޑުން ޒާރާގެ އަތަށް ފިތާލަމުން ބުންޏެވެ. އެ ކުޑަކުޑަ ދުލުން ބޭރުވި ބަސްތަކުން ޒާރާގެ ހިތަށް ތޫނު ތަދެއް އިހުސާސުކުރެވުނެވެ. އަޒީލް ވަނީ އެކުދިންގެ މައުސޫމް ހިތްތަކުގައި ޒާރާއާ ބެހޭގޮތުން ނުބައި ތަސައްވަރެއް އުފައްދަން މަސައްކަތްކޮށްފައެވެ. ޒާރާ އެކުދިންގެ ބޮލުގައި ފިރުމާލަމުން، ކަރުނުން ފުރިފައިވާ ދެލޮލާއެކު ބުންޏެވެ. “ދަރިފުޅާ، މިއަދަށްފަހު ހުރިހާ ދޮގުތަކެއް ނިމުނީ. މިހާރު ތި ދެކުދިން ތިތިބީ ދެކުދިންގެ މަންމަ ކައިރީގަ. ދެން އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ތި ދެކުދިން އަހަރެންގެ ލޯމަތިން ގެއްލިޔަ ނުދޭނަން. މިއީ މަންމަ ތިކުދިންނަށް ކުރާ ވައުދެއް.”

ކޯޓުގެ މަރުހަލާތައް ހަލުވިކަމާއެކު ކުރިއަށް ދިޔައެވެ. ޒާރާގެ ފަރާތުން ހުށަހެޅި ޑީ.އެން.އޭ ރިޕޯޓާއި، މަރްޔަމްގެ ހެކިބަހަކީ އަޒީލްގެ މައްޗަށް މައްސަލަ ސާބިތުކުރުމަށް ލިބުނު އެންމެ ވަރުގަދަ ހެކިތަކެވެ. އަޒީލް ކުރި ކޮންމެ އުޒުރެއް، ދެއްކި ކޮންމެ ދޮގު ވާހަކައެއް ކޯޓުގައި ބޭކާރުވެގެން ދިޔައެވެ. އޭނާގެ މުއްސަނދިކަމާއި ނުފޫޒަށްވުރެ ހަގީގަތުގެ ބާރު ގަދަވެގެންދިޔައެވެ. ގާނޫނީ ގޮތުން ކުރެވުނު ދިގު މަސައްކަތަށްފަހު، ޒާރާއަށް އެދެކުދިންގެ ފުރިހަމަ ކަސްޓަޑީ ލިބިގެން ދިޔައެވެ. އަދި އޭނާގެ ދަރިން ވަގަށް ނަގައި، އާއިލީ ގުޅުން ކަނޑާލުމުގެ ކުށުގައި އަޒީލްގެ މައްޗަށް ހުކުމް އިއްވައި، އޭނާ ޖަލަށް ލެވުނެވެ.

ޖަލުގެ ގޮޅިތަކުގެ ފަހަތަށް އަޒީލް ދިޔައިރު، ޒާރާ ހުރީ އޭނާގެ ދަރިންނާއެކު އާ ދިރިއުޅުމަކަށް ތައްޔާރުވެގެންނެވެ. އޭނާގެ ހިތުގައި އަޒީލްގެ މައްޗަށް އޮތީ ނަފުރަތަށްވުރެ ބޮޑަށް ހަމްދަރުދީއެވެ. ދޮގާއި މަކަރުގެ މައްޗަށް ބިނާކުރާ ކޮންމެ ކަމެއްގެ ނަތީޖާއަކީ މިއީކަން އޭނާ މިއަދު ދެނެގަތެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ޒާރާގެ ދިރިއުޅުމަށް އައި ބޮޑު ބަދަލާއެކު އޭނާގެ މުޅި ދުނިޔެ އުޖާލާވިއެވެ. އަމިއްލަ ދަރިން އަނބުރާ ލިބުނުތާ ދެތިން މަސް ފަހުން، އެއް ދުވަހެއްގެ ހަވީރު ޒާރާ އިނީ ލަޔަލް، ލާރާ އަދި މަރްޔަމްއާއެކީ އަތިރިމަތީގައެވެ. ދޮންވެލިގަނޑު މަތީގައި ކުދިން ކުޅެމުން ދިޔައިރު، މަރްޔަމް އިނީ ޒާރާގެ ގާތުގައި ހިނިތުންވެފައެވެ. އިރުއޮއްސެމުންދިޔަ ރީތި ރަންވަން ކުލައިގެ މަންޒަރަށް ބަލަހައްޓައިގެން އިންއިރު، ޒާރާގެ ހިތަށް އާދަޔާ ހިލާފު ހަމަޖެހުމެއް ލިބުނެވެ.

އެ ވަގުތު އޭނާގެ ކަންފަތުގައި އެންމެ ފަހު ފަހަރަށް “އެ އަޑު” އިވުނެވެ. މިފަހަރު އެއީ މީގެ ކުރިން އިވުނު ބިރުވެރި އަޑެއް ނޫނެވެ. އެއީ ވަރަށް ހިތްހަމަޖެހޭ، އުފާވެރި ހިނިތުންވުމެއްގެ އަޑެވެ. އެއީ ޝުކުރުވެރިކަމުގެ އަޑެކެވެ. ޒާރާއަށް އެނގިއްޖެއެވެ. އެ އަޑަކީ އޭނާގެ ނަފްސުގެ އަޑެވެ. އަމިއްލަ ދަރިންނަށްޓަކައި އޭނާގެ ހިތުގައި އުފެދުނު ކުލުނާއި، އަނިޔާ ލިބޭ މީހުންނަށް އެހީވުމަށް އޭނާގެ ހިތުގައި އުފެދުނު ވަރުގަދަ ޖަޒުބާތުގެ އަޑެވެ. މިއަދު އެ އަޑު މަޑުވެއްޖެއެވެ. އެއީ އިންސާފު ގާއިމުވެ، ހިތުގެ އެދުން ފުރިހަމަވުމުން ލިބުނު މަތިވެރި ހަމަޖެހުމެވެ.

ޒާރާގެ މުޅި ހަށިގަނޑަށް ލުއިކަމެއް އިހުސާސުވިއެވެ. އޭނާގެ ވަށައިގެންވި ދުނިޔެ މިއަދު ފެންނަނީ މުޅިން އާ ކުލައެއްގައެވެ. ކަނޑުގެ ރާޅުތަކުގެ އަޑާއި، ދޫނިތަކުގެ ގޮވުމުގެ އަޑުގެ ތެރެއިން އޭނާގެ ދަރިންގެ ހުނުމުގެ އަޑު ގުގުމާލިއިރު، ޒާރާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ފާޅުވިއެވެ. އިންސާފުގެ މި ފަތިހަކީ އޭނާގެ ހަޔާތުގައި އައި އެންމެ އުޖާލާ ދުވަހެވެ.

ލާރާއާއި ލަޔަލް ދުވަމުން އައިސް ޒާރާގެ ގައިގައި ބައްދާލިއެވެ. “މަންމާ، ދެން އަހަރެމެންނާއެކު އަބަދުވެސް ހުންނާނަން ދޯ؟” ލާރާ އުންމީދުން ފުރިގެންވާ ގޮތަކަށް ސުވާލުކުރިއެވެ. ޒާރާ އެކުދިން މޭގައި ޖައްސާ ބާރުކޮށްލިއެވެ. “ލައްބަ! މަންމަ އަބަދުވެސް ތިކުދިންގެ ގާތުގައި ހުންނާނަން. ދެން އެއްވެސް މީހަކަށް އަހަރެމެން ވަކި ނުކުރެވޭނެ. މިއީ މަންމަގެ ވައުދެއް!.”

ޒާރާ ހިނިތުންވެލިއެވެ. އޭނާގެ ދިރިއުޅުމުގެ ކަޅު އަނދިރި ސަފުހާތައް ނިމި، އާ ފަތިހަކަށް އިރު އެރީއެވެ. އެއީ ބިރުވެރިކަމެއް ނެތް، ލޯތްބާއި އުފާވެރިކަމުން ފުރިގެންވާ މުސްތަގުބަލެއްގެ ފެށުމެވެ. “އެ އަޑު” މިހާރު ވަނީ އޭނާގެ ހިތުގެ އެންމެ ފުންމިނުގައި އަމާނާތެއްގެ ގޮތުގައި ރައްކާކުރެވިފައެވެ. އެއީ އަބަދުވެސް ހަގީގަތާއި އިންސާފުގެ މަގަށް އޭނާއަށް މަގުދައްކައިދޭނެ އަލިގަދަ ނޫރެކެވެ. ޒާރާގެ ހަޔާތުން “އެ އަޑު” ގެއްލުނު ކަމުގައި ވިޔަސް، އެ އަޑު ދަސްކޮށްދިން ހިތްވަރާއި ސާބިތުކަން އޭނާގެ ކިބައިގައި އަބަދަށް ދެމިހުންނާނެއެވެ.

އަތިރިމަތީގައި ހޭދަކުރި އެ ވަގުތުކޮޅަކީ ޒާރާގެ މުޅި ހަޔާތުގެ މިސްރާބު ބަދަލުކޮށްލި ވަގުތުކޮޅެކެވެ. އޭނާގެ ދަރިންނަކީ އޭނާގެ ދިރިއުޅުމުގެ ބިންގާ ކަމުގައި ވީއިރު، މަރްޔަމް އަކީ އެ އާއިލާގެ އެންމެ މުހިންމު އެއް ތަނބެވެ. ޒާރާ މިއަދު އަޒުމް ކަނޑައެޅީ އޭނާގެ ދަރިންނަށް އޯގާތެރި، ހަމަޖެހޭ މާހައުލެއް ހޯދައިދިނުމަށެވެ. އަދި އޭނާގެ ފަދައިން ހަގީގަތުގެ މަގުގައި މަސައްކަތްކުރާ ކޮންމެ މީހަކަށް ހިތްވަރު ދިނުމަށެވެ.

އިންސާފަކީ އަބަދުވެސް ކާމިޔާބުވާނެ އެއްޗެއްކަން އޭނާ މިއަދު ދުނިޔެއަށް ސާބިތުކޮށްދީފިއެވެ. އުޑުމަތީގައި ފިޔަޖަހަމުންދާ ފުރަތަމަ ތަރިއާއެކު، ޒާރާގެ ހިތުގައި އުންމީދުގެ އާ ދަންމަރެއް ދިއްލުނެވެ. މިއީ ހަމައެކަނި ވާހަކައެއްގެ ނިމުމެއް ނޫނެވެ، މިއީ އާ ދިރިއުޅުމެއްގެ ފެށުމެވެ. އިންސާފުގެ އައްސޭރިއަށް ވާސިލުވުމުން ލިބޭ ހަމަޖެހުމާއެކު، ޒާރާ އޭނާގެ ދަރިން ގޮވައިގެން ގެއަށް ދިޔައީ އުފާވެރި މުސްތަގުބަލަކަށް ފަރިވެފައިވާ ހިނިތުންވުމަކާއެކުގައެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top