އާއިރާގެ ދިރިއުޅުމަކީ ހިމޭން ދިރިއުޅުމެކެވެ. ހެނދުނު ހެނދުނާ ހޭލައި، ގިނަ ވަގުތު މަސައްކަތުގައި ހޭދަކޮށް، ނަމާދުކޮށް، މަންމައަށް އެހީތެރިވެދެއެވެ. އަދި ބައެއް ފަހަރު އިރުއޮއްސޭ ވަގުތު މޫދު ފެންނަ ހިސާބެއްގައި މަޑުކޮށްލައިގެން އިނދެއެވެ. ކައިވެނީގެ ޚިޔާލު އޭނާ ވަނީ ދޫކޮށްލާފައެވެ. އެއީ މީހަކު ދެން އޭނާދެކެ ލޯބިނުވާނެތީއެއް ނޫނެވެ. ނަމަވެސް، ދިރިއުޅުމުގެ ބައެއް ޞަފުހާތަކަކީ ލައްޕާފައި ބާއްވަންޖެހޭ އެއްޗެއްކަން އޭނާ ޤަބޫލުކުރާތީއެވެ.
މިދަނޑިވަޅުގައި، ރިޝާން އިބްރާހީމަކީ މުޅިން ތަފާތު މީހަކަށް ވަނީ ބަދަލުވެފައެވެ. އާއިރާ ގެއްލުމަށްފަހު، ރިޝާންގެ ދިރިއުޅުމަށް ބޮޑު ގުޑުމެއް އެރިއެވެ. އޭނާ މަތީ ދަރަޖައިގައި ތަޢުލީމު ހާސިލުކުރި ނަމަވެސް، އެކަމުގެ އުފަލެއް ފާހަގައެއް ނުކުރެއެވެ. އޭނާގެ ކާފަ ބަލިމަޑުކަމުން ފަސޭހަވަމުންދާތީ ފެންފުށްޓަށް ބަދަލުވިއެވެ. ރިޝާން ފުރަތަމަ މަސައްކަތްކުރީ ލޮޖިސްޓިކްސް ކުންފުންޏެއްގައެވެ. އޭނާއަކީ ފައިސާއާއި، ނުފޫޒާއި، އިންސާނީ ގުޅުންތައް ދެނެގަތުމަށް ކުޅަދާނަ، ތޫނުފިލި ޒުވާނެކެވެ.
އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީވެސް އަދި ބަލިފަޔަކީވެސް، ޚިޔާނާތްތެރިވާ މީހުންނަށް ކެތްތެރިނުވުމެވެ. ވިޔަފާރީގެ ދުނިޔެއަކީ އެފަދަ މީހުން ގިނަ ތަނެއްކަން އޭނާއަށް ވަރަށް އަވަހަށް އެނގިގެން ދިޔައެވެ. ވިޔަފާރީގެ ބައިވެރިއަކު އޭނާއަށް އޮޅުވާލިއެވެ. މުދާ އުފުލުމުގެ އެއްބަސްވުމެއް ބާތިލުވިއެވެ. މުއްސަނދި އިންވެސްޓަރަކު އޭނާގެ ޚިޔާލުތައް ބޭނުންކުރުމަށްފަހު އޭނާ ބާކީކޮށްލިއެވެ. ކޮންމެ ނާކާމިޔާބީއަކުން އޭނާ ފިލާވަޅެއް ލިބިގަތެވެ. އަދި ކޮންމެ ޚިޔާނާތަކާއެކު، ދުވަހަކުވެސް ނިކަމެތިނުވުމަށް އޭނާ އަޒުމް ކަނޑައެޅިއެވެ.
ނަތީޖާއެއްގެ ގޮތުން އޭނާގެ އަމިއްލަ ލޮޖިސްޓިކްސް އަދި ޓްރޭޑިންގ ނެޓްވޯކެއް ޤާއިމުކުރިއެވެ. ފުރަތަމަ އެއީ ޤާނޫނީ އިމުގެ ތެރެއިން ކުރި ކަންކަމެވެ. ނަމަވެސް ފަހުން، ޤާނޫނާ ޚިލާފު ކަންކަން ކުރާ މީހުންނާ ގުޅުން އުފެދުނެވެ. މުދާ އުފުލުމުގެ ކޮންޓްރެކްޓްތަކާއި، ގުދަންތަކާއި، ފައިނޭންސް ކުންފުންޏެއްގެ ކޮންޓްރޯލް އޭނާ ހޯދިއެވެ. އަދި ރަސްމީ ލިޔެކިޔުންތަކުގައި ނަން ހިމަނަން ބޭނުންނުވާ ނުފޫޒުގަދަ މީހުންނާ ގުޅުން ބަދަހިކުރިއެވެ.
ރިޝާނާ ބެހޭގޮތުން ތަފާތު ވާހަކަތައް ފެތުރެން ފެށިއެވެ. ބައެއް މީހުން ބުނާގޮތުގައި އޭނާއަކީ ވަގުފާރިކުރާ މީހެކެވެ. އަނެއް ބަޔަކު ބުނަނީ އޭނާ ސިއްރު ޖުވާ ކުޅޭ ތަންތަނާއި ޤާނޫނާ ޚިލާފު މުދާ އެތެރެކުރުމުގެ ތެރޭގައި އުޅޭ ކަމަށެވެ. މުޅި ހަޤީޤަތް އެނގޭ އެކަކުވެސް ނެތެވެ. ނަމަވެސް އެންމެންނަށްވެސް އެނގޭ އެއް ކަމަކީ، ރިޝާން އިބްރާހީމަކީ މިހާރު ފަސޭހައިން ލަނޑުދީ ގޮންޖަހާލެވޭނެ މީހެއް ނޫން ކަމެވެ.
އޭނާގެ ކުންފުނިތައް ގިނަ އަތޮޅުތަކެއްގައި ހިންގަމުންދާއިރު، އޭނާގެ ނުފޫޒު ރާއްޖެއިން ބޭރަށްވެސް ފޯރާފައިވެއެވެ. އޭނާގެ ނަން ކިޔައިއުޅެނީ ބިރުވެރިކަމާއެކުގައެވެ. ބައެއް މީހުން އޭނާއަކީ ރަޙުމެއް ނެތް ނުރައްކާތެރި މީހެއްގެ ގޮތުގައި ސިފަކުރެއެވެ. އޭނާއާއެކު މަސައްކަތްކުރާ މީހުން އޭނާއަށް މުޚާތަބުކުރަނީ “ބޮސް” ގެ ނަމުންނެވެ. ނަމަވެސް، އޭނާ ހަޤީޤަތުގައި ހޯދަމުންދަނީ ކޮން އެއްޗެއްކަން އެނގެނީ ވަރަށް މަދު ބަޔަކަށެވެ. ވޭތުވެދިޔަ ފަސް އަހަރު ދުވަހު އޭނާ ހޯދަމުން ދިޔައީ އާއިރާއެވެ.
*****
ރިޝާން އަމިއްލަ ގޮތުން ތަހުޤީޤުވެރިން ހޯދައިގެން މަސައްކަތްކުރިއެވެ. އާއިރާ އަދި އޭނާގެ އާއިލާ މެންބަރުންގެ ކުރީގެ ފޯނު ނަންބަރުތަކުގެ މަޢުލޫމާތު ހޯދައި، ކުރީގެ އެކީގައި ކިޔެވި ކުދިންނާ ސުވާލުކޮށް، އަދި އާއިރާ ބައްޕަގެ އިނދަޖެހިފައިވާ ކުންފުނިތަކާ ގުޅުންހުރި ވިޔަފާރީގެ ރެކޯޑުތައް ބަލައި ތަހުޤީޤުކުރިއެވެ. އަދި އޭނާ ފެނުނު ކަމަށް މީހުން ބުނި ރަށްރަށަށްވެސް ރިޝާން ދަތުރުކުރިއެވެ. ނަމަވެސް ކޮންމެ މަސައްކަތެއް ނިމިގެންދަނީ މާޔޫސްކަމާއެކުގައެވެ. އަދި ކޮންމެ އަހަރަކުވެސް، އާއިރާ ގެއްލުނު ދުވަހުގެ ހަނދާން އާކުރާ ދުވަހު، ރިޝާން އެ ދުވަސްވީ ލަކުޑި ފޮށި ނަގާ ބަލައި ހަދައެވެ.
އެ ފޮށީގެ ތެރޭގައި އޮތީ އޭނާ އަމިއްލަ މަސައްކަތުން ހޯދި ފައިސާއިން ގަނެފައިވާ އާދައިގެ އަނގޮޓިއެކެވެ. އޭނާ ދުވަހަކުވެސް އެހެން އަންހެނަކަށް އެ އަނގޮޓި ދޭކަށް ބޭނުމެއް ނުވެއެވެ. އޭނާ ދުވަހަކުވެސް ކައިވެންޏެއްވެސް ނުކުރެއެވެ. އަދި އާއިރާއަށްފަހު އެއްވެސް މީހަކާ އިޙުސާސްތަކުން ގުޅުމަކަށް އޭނާ ފުރުޞަތެއް ނުދެއެވެ.
ރިޝާންގެ ވިޔަފާރީގެ ރަސްކަން ފުޅާވެގެން ދިޔައެވެ. އޭނާގެ މުއްސަނދިކަން އެތައް ގުނައަކަށް އިތުރުވިއެވެ. އަދި އޭނާގެ ނުފޫޒު އިންތިހާއަށް ގަދަވިއެވެ. ނަމަވެސް، އޭނާގެ ކައިރީގައި ހުރުމަށް އެންމެ ބޭނުންވި މީހާ އަދިވެސް ހުރީ ގެއްލިފައެވެ. ވީނުވީއެއް ނޭނގިފައެވެ.
*****
އާއިރާއަށް ރިޝާން އިބްރާހީމްގެ ނަން އަލުން އިވުނު ފުރަތަމަ ފަހަރަކީ، މާލޭގެ ކުޑަ ކެފޭއެއްގެ ކައުންޓަރު ފަހަތުގައި އޭނާ ހުރި ވަގުތެއްގައެވެ.
އާއިރާ މާލެއަށް އެނބުރި އައީ އޭނާގެ މަންމަ ޑޮކްޓަރަށް ދެއްކުމަށް އެހީތެރިވުމަށްޓަކައި މަދު ދުވަސްކޮޅަކަށެވެ. އަދި އެ މަދު ދުވަސްކޮޅަށްވެސް އާއިރާ އިޚްތިޔާރުކުރީ ވަގުތީ ގޮތުން ޕާޓްޓައިމް ވަޒީފާއެއް އަދާކުރުމަށެވެ. އެގޮތުން ކެފޭއެއްގައި މަސައްކަތްކުރަން ފެށިއެވެ.
އެ ދުވަހުގެ މެންދުރުފަހަކީ ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ. ހަނި މަގުތަކުގައި ވާރެއިން ސަލާމަތްވުމަށް މަސައްކަތްކުރާ މީހުން ގިނައެވެ.
އާއިރާ ސައި އަދި ކޮފީ ޓްރޭއެއް ހިފައިގެން ހުއްޓާ ދެ ފިރިހެނަކު އެ ކެފޭއަށްވަނެވެ. އެމީހުން ތިބީ ކަޅު ކުލައިގެ ގަމީހާއި ފަޓުލޫނުގައެވެ. އޭގެ ތެރެއިން އެކަކު ވަގުތުން ކައުންޓަރާ ދިމާއަށް އައެވެ.
“ޕްރައިވެޓް އޭސީ ކޮފީ ރޫމް ހުސްތަ؟”
“ލައްބަ ސާރ. އެތަނުގައި އިށީންނަވަން ބޭނުންފުޅުތޯ؟”
އޭނާއަށް ޖަވާބު ނުދެވިގެން އުޅެނިކޮށް، ތިންވަނަ މީހަކު ވަނެވެ. މުޅި މާހައުލު ބަދަލުވެގެން ދިޔައެވެ. އެތަނުގައި ތިބި ދެމީހުން ވަގުތުން ސީދާވެލިއެވެ. އާއިރާ ފުރަތަމަ އިސްއުފުލާ ބަލައެއް ނުލައެވެ. މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާ ދިޔައީ ތަބަކުގައި ތަށިތައް އަތުރަމުން ދުވަހުގެ ފޯނު ކޯލުތަކަށް ޖަވާބުދެމުންނެވެ. ތާވަލުތައް ތަރުތީބު ކުރަމުންނެވެ. ދެން އާއިރާއަށް އެ އަޑު އިވުނެވެ. އެއީ ފާއިތުވި ފަސް އަހަރު ތެރޭގައި އޭނާއަށް ނީވޭ އަޑެކެވެ. އެތައް ހާސް ބައެއްގެ ތެރެއިންވެސް އޭނާއަށް ވަކިކުރަން އެނގޭނެ އަޑެކެވެ.
“ކޮފީއެއް. ހަކުރު ނާޅާ.”
ވަގުތުން އާއިރާގެ އަތް ހުއްޓުނެވެ. ހިތުތެ ވިންދު އަވަސްވިއެވެ. އަތުން އެއް ޖޯޑު ކުޑަކޮށް ދޫވެ، ދެން ހުރި ޖޯޑުތަކުގައި ޖެހުނު އަޑު އިވުނެވެ. ދެން ބޭއިޚްތިޔާރުގައި ލަސްލަހުން އާއިރާއަށް އިސްއުފުލާ ބަލާލެވުނެވެ. ކުރިމަތީގައި އެ ހުރީ އޭނާއެވެ. ހަމަ ރިޝާންއެވެ. ރިޝާން ކުރިއަށްވުރެ އިސްކޮޅުން ދިގުވެފައި، ހަށިގަނޑު ފުޅާވެފައި، އަދި ވަރަށް ފުރިހަމައަށް ހެޔޮވަރަށް ފަހާފައިވާ ސްޓްއިލިޝް ކަޅު ގަމީހެއްގައި ހުރިއިރު ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. އިސްތަށިގަނޑު ހުރީ ރީތިކޮށް ފުނާއަޅާ އޮމާންކޮށްފައެވެ. ދަތްދޮޅި ކުރިއަށްވުރެ ބޮޑަށް ފާޅުވެފައި ހުރިއިރު، ތުނބުޅި މަތިމަސް ރީތިކޮށް ފާހަގަވެއެވެ. ވައަތްފަރާތު ބުމަ ކައިރީގައި ކުރިން ނެތް ކުޑަ ލަކުނެއް ހުއްޓެވެ.
ނަމަވެސް އާއިރާ ޖެހިލުންވީ ރިޝާންގެ ދެލޮލުގެ ސަބަބުންނެވެ. އެއީ ހަމަ އެ ތޫނު ދެލޮލެވެ. އެކަމަކު މިހާރު އެ ދެލޮލުން ފެންނަނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ކަމެކެވެ. އެއީ ފިނިކަމެވެ.
ރިޝާން މީހުންނާ ވާހަކަދައްކަމުން ދަނިކޮށް، އޭނާގެ ނަޒަރު ކައުންޓަރާ ދިމާއަށް ހުއްޓުނެވެ. ސިކުންތަކަށް އޭނާއަށް އާއިރާ ވަކިކުރަން ނޭނގޭ ކަހަލައެވެ. ދެން ރިޝާންގެ ހަރަކާތްތައް ވަގުތުން ހުއްޓުނެވެ. މުޅިން ހުއްޓުނެވެ. އޭނާގެ ކައިރީގައި ހުރި މީހާ ވާހަކަދައްކަމުން ދިޔައެވެ.
“ސާރ، މީޓިންގްގެ ލިޔެކިޔުންތައް.”
ރިޝާން ޖަވާބެއް ނުދިނެވެ. އޭނާ ހުރީ ކައުންޓަރު ފަހަތުގައި ހުރި އަންހެން މީހާއަށް ބަލަހައްޓައިގެންނެވެ.
އާއިރާގެ މޫނުމަތިން ކުލަވަރު ފަނޑުވެގެން ދިޔަކަން އޭނާއަށް އިޙުސާސްވިއެވެ. އޭނާ އެތަނުން ދާން ބޭނުންވިއެވެ. ފިލަން ބޭނުންވިއެވެ. ބިންގަނޑު ފަޅައިގެން ގޮސް އޭގެ ތެރެއަށް ވަދެގެންދާން ބޭނުންވިއެވެ. ނަމަވެސް އާއިރާއަށް އެންމެ ފިޔަވަޅެއްވެސް އަޅާލާކަށް ނުކެރުނެވެ.
ރިޝާން އޭނާއާ ދިމާއަށް ހިނގައިގަތެވެ. ލަސްލަހުންނެވެ. ސަމާލުކަމާއެކުގައެވެ. އެއީ ހީވާގޮތުން ބާރަށް ހިނގައިގެންފިނަމަ، އަނެއްކާވެސް އާއިރާ ގެއްލިދާނެތީ ބިރުން އުޅޭ ކަހަލަ ގޮތަކަށެވެ.
“އާއިރާ؟”
އޭނާގެ ތުންފަތް ހަރަކާތްކުރިއެވެ. ނަމަވެސް އަޑެއް ނުނިކުތެވެ. ރިޝާން އައިސް އާއިރާގެ ކުރިމައްޗަށް ހުއްޓުނެވެ. ވަގުތުކޮޅަކަށް ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ދެން އޭނާ އާއިރާގެ ޔުނީފޯމުގައި އިން ނަން ބޯޑަށް ބަލާލިއެވެ.
“އާއިރާ ނަޖީބު.”
އާއިރާ އިސްޖަހާލިއެވެ.
“ކޮފީ، ސާރ؟”
ރިޝާން އާއިރާއަށް ބަލަހައްޓައިގެން ހުއްޓެވެ. ދެން ވަރަށް މަޑުމަޑުން ބުންޏެވެ. “ފަސް އަހަރު.”
އާއިރާ ވަރަށް އުނދަގުލުން ކޮޅަށް ރީއްޗަށް ހުންނަން މަސައްކަތް ކުރިއެވެ.
“މިތަނުގެ ސްޕެޝަލް ކޮފީ ވަރަށް މީރުވާނެ. ބައްލަވައިގަންނަން ބޭނުންފުޅުތޯ؟”
ރިޝާން އިތުރު އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދިނެވެ.
“ފަސް އަހަރު، އާއިރާ.”
އޭނާގެ މީހުންގެ ތެރެއިން އެކަކު ކައިރިވިއެވެ.
“ސާރ، އަޅުގަނޑުމެން..”
“އިހަށް ދޭ!”
އެ މީހާ ވަގުތުން ފަހަތަށް ޖެހުނެވެ.
ރިޝާން ހުއްޓުމެއްނެތި އާއިރާއަށް ބަލަހައްޓައިގެން ހުއްޓެވެ.
“އާއިރާ މަށާއެކު ހިނގާ.”
“އަޅުގަނޑު މިހުރީ ޑިއުޓީގައި.”
“އެކަން މަށަށް ފެނޭ.”
“ވީމާ، މިކަން އިތުރަށް އުނދަގޫ ނުކުރައްވާ.”
އޭނާގެ މޫނުމަތިން ހަރުކަށިކަން ފެނުނެވެ. “އުނދަގޫ؟”
އާއިރާ އިސްއުފުލާ ބަލާލިއެވެ. “އާދޭސްކުރަން ރިޝާން.”
އެއީ ފާއިތުވި ފަސް އަހަރު ތެރޭގައި އޭނާ ރިޝާންގެ ނަމުން ގޮވާލި ފުރަތަމަ ފަހަރެވެ. އަދި އެއާއެކު ރިޝާންގެ ހިތުގެ ތެރޭގައި ކޮންމެވެސް ބަދަލެއް އައެވެ. އޭނާ ކައުންޓަރު މަތީގައި ފައިސާ ބެހެއްޓުމަށްފަހު ބޭރަށް ނިކުންނަން އެނބުރުނެވެ. ނިކުތުމުގެ ކުރިން އޭނާ ފަސް އެނބުރި ބަލާލިއެވެ.
“މަށާއި ކަލެއާ ދެމެދު އޮތް ކަންތައް އަދި ނުނިމޭ.”
ދޮރު ލެއްޕެންދެން އާއިރާ ހުއްޓުން އަރާފައި ހުރިތާ ބަލަން ހުއްޓެވެ.
(ނުނިމޭ)
