ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވަކިވާކަށް ނޭދެން – ސަތާރަވަނަ ބައި
ފޮޓޯ: މުނިއަވަސް ގްރެފިކްސް

“ޒޯޔާ!” އާފިޔާ ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނެވެ.

“މަންމާ! ކަންބޮޑުނުވެބަލަ. ކޮންމެއަކަސް، އެ ރަތް ޓީޝާޓާ އޭނަގެ އާއިލާ އަހަންނަށް މިހާރު ވަރަށް ރަނގަޅަށް އެނގިއްޖެ.” ޒޯޔާގެ ވާހަކައިން އާފިޔާ ސިހިފައި ކުއްލިއަކަށް ޒޯޔާގެ މޫނަށް ބަލައިލިއެވެ.

“ވަޓް؟” އާފިޔާ އެހެން ބުނެލުމާއެކު އަޔާންގެ އާޓް ގެލެރީއާ ދިމާއަށް ބަލަން ހުރި ޒޯޔާ އާފިޔާގެ މޫނަށް ބަލައިލިއެވެ. އާފިޔާގެ މޫނުމަތިން ހުރީ ކަންބޮޑުވުމެވެ.

“މަންމާ. ތިހާ ސްޓްރެސް ނުވެބަލަ.” ޒޯޔާ އާފިޔާ ހިތްހަމަޖައްސާލުމަށްޓަކައި ބުންޏެވެ.

“ޒޯޔާ ދެންމެ ކީކޭ ތިބުނީ؟ އޭނަގެ އާއިލާ އެނގެޔޭ؟” އާފިޔާ އެހިއެވެ.

“އާނ މަންމާ. މަންމަ ކީއްވެތަ އޭނަގެ ކަންކަމުގައި އެހާ ގިނައިން ސުވާލުކުރަނީ؟ އަހަރެން އެހާ ސަމާލުކަން ނުދޭއިރު މަންމަ އެކަމާ އެހާވަރުން އުޅޭ ސަބަބެއް އަހަންނަކަށް ނުވިސްނޭ.” ޒޯޔާ ބުނެލިއެވެ.

“އޭނައަކީ ނުރައްކާތެރި މީހެއް. މަންމަ ކަންބޮޑުވޭ އޭނަ ދަރިފުޅަށް ކަމެއް ކޮށްފާނެތީ. ހޫމް. ދެން ބުނެބަލަ. ދަރިފުޅަށް ކިހިނެއް އޭނަގެ އާއިލާ އެނގެނީ؟” އާފިޔާ ވާހަކަ ހަމަޖައްސާލިއެވެ.

“މަންމައަށް އެނގެއެއްނު އެތަނުގެ ވެރިމީހާ ޒާމިރުބެ. އެ ރަތް ޓީޝާޓު އެތަން ނެގިކަން އެނގިގެން އަހަރެން ޒާމިރުބެއަށް ގުޅީ އެތަން ހޯދަންވެގެން. ގުޅީމަ ޒާމިރުބެ ބުނީ އެ ރަތް ޓީޝާޓުގެ ބޭބެ އެ ފިހާރަ ނެގީ އިތުރަށް ދިހަ ހާސް ރުފިޔާ ދީފަޔޯ. އެމީހުންގެ ވިޔަފާރީގެ އެއްވެސް ސެންސެއް ނެތް.” ޒޯޔާ ކިޔައިދިނެވެ.

ޒޯޔާގެ ވާހަކަ އަޑުއަހަން ހުރި އާފިޔާއަށް ހުރިހާ ކަމެއް ވިސްނުނެވެ. މި ކަމަކީ ވަރަށް ރޭވުންތެރިކަމާއެކު ރިޔާޒް ޖަހާފައިވާ ދަންތުރައެކެވެ. ދެން އޭނާ ކިތަންމެ ބޭނުންވިޔަސް އަޔާންއާ ޒޯޔާ ބައްދަލުނުވާނެ ގޮތެއް ހެދުމަކީ ނުވާނެ ކަމެކެވެ. ޒޯޔާގެ ކެފޭ ބަންދުކުރަން ދައްކާނެ އެއްވެސް އުޒުރެއް ނެތެވެ. ކުއްލިއަކަށް އެކަން ކުރަން އުޅެފިނަމަ ޒޯޔާގެ ހިތުގައި ޝައްކު އުފެދޭނެއެވެ. އެތައް ސުވާލެއް ކުރިމަތިވާނެއެވެ. އަނެއްކޮޅުން މިހާރު ޒޯޔާގެ މޫނުމަތިން ފެންނަ އުފާވެރިކަމަކީ އެ ކެފޭގެ ސަބަބުން ލިބޭ އުފަލާއި ހިތްހަމަޖެހުމެވެ. ވީއިރު އެކަން ހުއްޓުވައިގެން ޒޯޔާގެ އުފާވެރިކަން ޤުރުބާން ކުރެވޭކަށްވެސް ނެތެވެ.

“އަހަރެން ދެން ދަނީ.” އާފިޔާ ކުއްލިއަކަށް ބުނެލިއެވެ. އަދި ދާން ހިނގައިގަންނަން އުޅުމުން ޒޯޔާ އޭނާގެ އަތުގައި ހިފައި ހުއްޓުވިއެވެ.

“މަންމާ. އައިސް ޓީ ބޮއިގެނެއްނު ދާނީ. މިހާރު އެ ރެޑީވީއޭ.” ޒޯޔާ ބުންޏެވެ. އާފިޔާއަށް ކުއްލިއަކަށް މި އައި ބަދަލުން ޒޯޔާ ހައިރާންވިއެވެ.

“ގެއަށް ގޮސް ބޮއިފާނަން.” އެހެން ބުނުމަށްފަހު ޒޯޔާގެ އަތް ނައްޓުވާލާފައި އާފިޔާ ބާރު ހިނގުމުގައި ބޭރަށް ނުކުތެވެ.

“އެކަމަކު މަންމާ.. މަންމާ..” ޒޯޔާ ގޮވަމުން އާފިޔާގެ ފަހަތުން ހިނގައިގަތެވެ.

“މަންމާ.. މަންމާ.. އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ.” ޒޯޔާގެ އަޑަށް ފިހާރައިގެ މަތީ ބައިގެ ދޮރުގައި ދަވާދު ލާން ހުރި އަޔާން ބަލާލިއެވެ.

އާފިޔާ ގޮސް ކާރަށް އަރަން ދޮރު ހުޅުވާލި ވަގުތު ޒޯޔާ އޭނާ ހުއްޓުވިއެވެ. އާފިޔާ ކާރުގެ ދޮރު ލެއްޕިއެވެ.

“މަންމާ. މަންމައަށް ކުއްލިއަކަށް ކިހިނެއް ތިވީ؟” ޒޯޔާ ހައިރާންވެފައި އެހިއެވެ.

“ޒޯޔާ، ފަހުން ވާހަކަދައްކާނީ. އިހަށް ދަނީ.” އާފިޔާ އެހެން ބުނުމަށްފަހު ކާރަށް އަރަން ދޮރު ހުޅުވާލިއެވެ.

“އޯ ހެލޯ މެޑަމް.” އަޔާންގެ އަޑު އިވިގެން އަޑު އައި ދިމާލަށް އާފިޔާއާ ޒޯޔާ އެއްފަހަރާ ބަލާލިއެވެ. އާފިޔާ އަނެއްކާވެސް ކާރުގެ ދޮރު ލެއްޕިއެވެ.

“އަމިއްލައަށް އަގުބޮޑު ކާރުތަކުގައި ދުއްވާއިރު، މި ފަގީރު ކުރެހުންތެރިޔާއަށް ދޭނެ ފައިސާއެއް ނެތް ދޯ؟” އަޔާން ބާރު އަޑުން ގޮވާލިއެވެ. ޒޯޔާ ރުޅި އައިސްގެން އެއްޗެކޭ ބުނަން އުޅުނު ވަގުތު އާފިޔާ އޭނާ ހުއްޓުވިއެވެ.

“އޭނައާ ވާހަކަ ނުދައްކާ! އެތެރެއަށް ވަދޭ.” އާފިޔާ ބުނެލިއެވެ.

“އޯކޭ މަންމާ. މަންމަ ދޭ ދެން.” ޒޯޔާ ކާރުގެ ދޮރު ހުޅުވާލައި އާފިޔާ އަރަން ދެއްކިއެވެ.

“ގޮތްކުޑަ މީހެއް.” ކާރަށް އަރަމުން އަޔާންއަށް ލޯއަޅާލަމުން އާފިޔާ ބުނެލިއެވެ. އާފިޔާ ދިޔުމުން އެނބުރި އަޔާންއާ ކުރިމަތިލިއެވެ.

“އޯ ހެލޯ!” ޒޯޔާ ބާރަށް ގޮވާލިއެވެ.

“ކީކޭ؟” އަޔާން ބަލާލަމުން އަހާލިއެވެ.

“ކަލޭގެ ކިބައިގައި ކޮން ހިތްވަރެއް ހުރެގެންތަ އަހަރެންގެ މަންމައާ ތިގޮތަށް ވާހަކަދެއްކީ؟” ޒޯޔާ ރުޅިއައިސްފައި ބުންޏެވެ.

“އަޖައިބެއް! ކުށްވެރިޔަކީ ކަލޭގެ މަންމަ. އެންމެން ގާތު ބުނަންވީތަ ކަލޭގެ މަންމަ އަހަންނަށް ހެދި ގޮތް؟ އަހަރެންގެ ލާރިކޮޅު ކާލީ.” އަޔާންވެސް ބާރަށް ބުންޏެވެ.

“ބުނަން. މިތާ ތި ޑްރާމާ ކުޅޭނެކަމެއް ނެތް. ކަލޭ އަހަންނާ ވާހަކަދައްކަން ބޭނުމިއްޔާ ތިރިއަށް ފައިބާ.” ޒޯޔާ ދެކޮޅަށް ބަލާލާފައި މީހުން ބަލަން ތިބުމުން އަވަހަށް ބުންޏެވެ.

“ވާހަކަދައްކަން ފެށީ ކަލެއެއްނު. އެހެންވީމަ ކަލޭ މައްޗަށް އަރާފަ ނިންމާލާ. އަހަރެން ކީއްކުރަން ތިރިއަށް ދަނީ؟” އަޔާން ބުނެލިއެވެ.

ޒޯޔާ ގާތަށް އައި ރުޅިން ކެފޭއަށް ވަންނަން ހިނގައިގަތެވެ.

“ބިރުގަތީ ދޯ؟ ކަލޭ ހާދަ ބިރުގަނެޔޭ ދޯ.” އަޔާންގެ އަޑަށް ޒޯޔާ އެނބުރި ބަލައިލިއެވެ.

“ތި ދެލޯ މާބޮޑުކޮށްގެން ބަލަނީޔޯ. ހިތްވަރެއް ހުރިއްޔާ މައްޗަށް އަރާފަ ވާހަކަދައްކަބަލަ. މިހިރީ ހަރުގަނޑުވެސް ބަހައްޓާފައި. މިހާރު ކިހިނެއްވީ؟ ބަސް ހުއްޓުނީތަ؟ ހެހެ. ހިތްވަރެއް ނެތް ދޯ؟ އަހަންނަށް އެނގެޔޭ ނުކެރޭނެކަން.” އަޔާން އެހެން ބުނެލުމާއެކު އިތުރަށް މަޑުވެސްކޮށްނުލާ ޒޯޔާ އައިސް ހަރުގަނޑު ކައިރީ ހުއްޓުނެވެ.

ޒޯޔާ ހަރުގަނޑުން އެރުމުގެ ކުރިން މައްޗަށް ބަލާލިއެވެ. އަދި ހިންދިރުވާލިއެވެ. ނަމަވެސް މި ރަތް ޓީޝާޓުގެ ކައިރިން ދަށްވެގެން ނުވާނެއެވެ. ވުމާއެކު އޭނާ ހަރުގަނޑުން މަޑުމަޑުން އަރަން ފެށިއެވެ. ކޮންމެ ހަރަކާއެކު އޭނާގެ ހިތުގެ ވިންދު އަވަސްވެއެވެ. ވަކި ހިސާބަކަށް އަރާފައި އޭނައަށް ތިރި ބަލައިލެވުނެވެ. އޭނަގެ މޭ ތެޅިގަތެވެ. ހަރުގަނޑުގައި ބާރަށް ހިފަހައްޓަމުން ދެލޯ މަރާ ތަގުޅިކޮށްލިއެވެ.

ޒޯޔާއަށް ވީ ހުރިހާ ގޮތެއް އަޔާންއަށް ފެނުނެވެ. އަޔާން ހީނލިއެވެ. މި މޮޔަ އަންހެން ކުއްޖާ އޭނައާ ޗެލެންޖުކުރަން ހާދަ ފޯރިއެއް އެބަހުރެއެވެ. ބިރުން ހަލާކުވާވަރަށް ހުރެވެސް އޭނަ ނުކެރޭނެޔޭ ބުނީތީ އެ އަރަނީއެވެ. އަޔާން ދެފަރާތަށް ބޯ ހޫރާލިއެވެ. އަދި ހަރުގަނޑާ ގާތްވެލިއެވެ. އޭރު ޒޯޔާ ހުރީ ހަރުގަނޑުގެ އެންމެ ކުރިއާ ހަމައަށް އާދެވިފައެވެ. އޭނާ ދެލޯ މަރާ ބާރުކޮށްލިއިރު، ހަރުގަނޑުގައި އިތުރު ބާރެއްލައި ހިފެހެއްޓިއެވެ.

“މިހާރު އަހަރެންގެ އަތުގައި ހިފާ. ނޫނީ މައްޗަށް އަރަން އުޅެން ހަދައިގެން ސީދާ ހޮސްޕިޓަލަށް ގެންދަން ޖެހޭނީ. ހިފާބަލަ. އަހަރެން ކަލޭ ވައްޓައެއް ނުލާނަމޭ. އާދޭ.” އަތް ދިއްކޮށްލަމުން އަޔާން ބުންޏެވެ.

ޒޯޔާ ވަރަށް ބިރުން ހުރެ އަތް ދިއްކުރިއެވެ. އޭނާ މި ގޮތެއް ނެތް މީހާއަކަށް އިތުބާރެއް ނުކުރެއެވެ. ނަމަވެސް އެނޫން ގޮތެއް ނެތެވެ. އަލުން ފައިބައިފިނަމަ އަނެއްކާވެސް އޭނަގެ މަލާމާތާ ކުރިމަތިލާން ޖެހޭނެއެވެ. އޭނައަކީ ފިނޑިއެއް ކަމަށް ވާކަށް އޭނަ ބޭނުމެއް ނޫނެވެ.

“ހޫނ ރަތް ޓީޝާޓާ. ދެން ކިޔާބަލަ ތި ކިޔަން އުޅޭ އެއްޗެއް.” ޒޯޔާ އަހާލިއެވެ.

“މަޑުކުރައްޗޭ. އަހަރެން އެބަ އަންނަން.” އަޔާން އެހެން ބުނުމަށްފަހު ކުއްލިއަކަށް ފުރާޅުމަތިން ފުންމާލިއެވެ.

އެތަން ފެނުމުން ޒޯޔާއަށް ހަޅޭއްލަވައިގަންނަމުން ދުރަށް އެނބުރެވުނެވެ. ދެން އޭނައަށް އެނބުރިލެވުނުއިރު އަޔާން ހަރުގަނޑު ދުރަށް ލަނީއެވެ.

“އޭތް ރަތް ޓީޝާޓާ. ކަލޭ ކީއް ތިކުރަނީ؟ ތި ހަރުގަނޑު އަލުން މިތާ ބަހައްޓާ!” ޒޯޔާ އަމުރުކުރިއެވެ.

“ނުބަހައްޓާނަން. ކަލޭގެ މަންމަ އަތުން އަހަރެންގެ ލާރިކޮޅު ހޯދޭނެ ހަމައެކަނި ގޮތަކީ މިއީ. މަގޭ ލާރިކޮޅު ކާލީނު. ދެން ތިތާ ތާށިވެފައި ހުރޭ.” އަޔާން ބުންޏެވެ.

“އަހަރެން މިބުނީ ތި ހަރުގަނޑު މިތާ ބަހައްޓާށޭ! އަހަރެން ތިރިއަށް ފައިބާނީ ކިހިނެއް؟” ޒޯޔާ އަނެއްކާވެސް ބުންޏެވެ. ބިރާއި ރުޅިން އޭނާއަށް ރޮވޭގޮތް ވެއްޖެއެވެ.

“އަހަރެންވެސް ފޭބި ގޮތަށް. ފުންމާލާ. ތި އެހާ އުހެއް ނޫނޭ. ވިއްސަކަށް ފޫޓު.” އަޔާން މަލާމާތުގެ ގޮތަކަށް ބުނެލިއެވެ.

******

އަފްޒާ ވަރަށް އަތްމަތި އަވަސްކޮށްލައިގެން އަތްދަބަސް ހިފައިގެން ކޮޓަރިން ނުކުތެވެ. އޭނަ ހުރީ ވަރަށް ރީތިވެލައިގެން ބޭރަށް ދާން ތައްޔާރުވެގެންނެވެ. ރިޔާޒް އިނީ ސިޓިންރޫމް ސޯފާގައި ލެޕްޓޮޕް ހިފައިގެން މަސައްކަތެއްގައެވެ. އަދި އަފްޒާ މާ ރީތިވެލައިގެން އަވަސްއަރުވާލައިގެން އުޅޭތީ ސުވާލުކުރިއެވެ.

“ކޮންތާކަށް ދާން މާ އަވަސް އަރުވާލައިގެން؟”

“ރިޔާޒް. އަހަރެން ބުނީމެއްނު އަޔާންގެ އާޓް ގެލެރީއަށްދާ ވާހަކަ. ހަނދާންކޮށް ރާއިޒް ބަލައި ސްކޫލަށް ދައްޗޭ.” އަފްޒާ ފެން ތަށްޓެއް އަޅަމުން ބުންޏެވެ.

“އަފްޒާ. އަހަރެން ދާނަމޭ. މިއަދު ހެނދުނުން ފެށިގެން މިހާރު ފަނަރަ ވަރަކަށް ފަހަރު ތިހެން ބުނެފި.” ރިޔާޒް އެހެން ބުނެލުމުން އަފްޒާ ހީނލިއެވެ.

“އަދި ބުނަން، ވަޑާންކުރާ މީހާވެސް އަންނާނެ. ފާޚާނާގެ ދޮރު ހަދަންވެފައެއްނު ހުރީ. އެކަންވެސް ކޮށްލުވައްޗޭ.”

“ދެން ތިހާ ގިނަ މަސައްކަތް ހުރިއިރު ކީއްކުރަން ގެލެރީއަށް ތިދަނީ؟” ރިޔާޒް އެހިއެވެ.

“މިއަދަކީ އަޔާންގެ ފުރަތަމަ ދުވަހެއްނު. އަހަރެން ނުގޮއްސިއްޔާ އޭނަ ދެރަވާނެ. އެހެންވެ އަހަރެން ދިޔުން ވަރަށް މުހިންމޭ.” އަފްޒާ އެހެން ބުނަމުން ފެންފުޅި އައިސްއަލަމާރިއަށް ލާން ދިޔައެވެ.

“ޒޯޔާއާ ބައްދަލުނުކޮށް ކެތްނުވީ ދޯ؟” އަފްޒާ އެހާ ހިތް އަވަސްވެގެން އެ އުޅޭ ސަބަބު އެނގޭތީ ރިޔާޒް ބުންޏެވެ. އަފްޒާ ވެސް ދެކޮޅެއް ނުހަދައެވެ.

“އަފޫ! ބުނީމެއްނު ހެނދުނު އަޔާން ގުޅާފައި ނަސީރުގެ ވިޔަފާރިއާ ބެހޭގޮތުން އެހި ވާހަކަ. އަދި އަހަރެމެންގެ މެދުގައި ކުރެވުނު ވިޔަފާރީގެ ޑީލްތަކުގެ ތަފްސީލު ބޭނުންވެގެން އެހި ވާހަކަ. އަހަރެން ބިރުގަނޭ އެއް ދޮގު ފޮރުވަން ދޮގު މައްޗަށް ދޮގު ހަދަން ޖެހޭތީ. އަދި އެ ދޮގުތަކުގެ ސަބަބުން އަޔާން އަހަރެމެންދެކެ ރުޅިއައިސްދާނެތީ.” ރިޔާޒް އޭނާގެ ކަންބޮޑުވުމެއް ފާޅުވިއެވެ.

“އާނ، ތީ ތެދެއް. އެކަމަކު އަހަރެމެން އޭނައަށް ވިސްނައިދޭނީ. އަހަރެމެން ހެދި ކޮންމެ ދޮގަކީ އޭނަޔާ ޒޯޔާއަށް ރަނގަޅަކަށް ހެދި ދޮގެއްކަން އެނގުމުން އޭނަ އެކަން ޤަބޫލުކުރާނެ. އަހަރެމެން އޭނަދެކެ ލޯބިވާވަރާ ދުވަހަކުވެސް އޭނައަށް ދެރައެއް ނޭދޭނެކަން އޭނައަށް އެނގޭނެ. އެހެންވީމަ ހަޤީޤަތް އެނގުނީމަ އޭނައަށް އަމިއްލައަށް ވިސްނޭނެ.” އަފްޒާ ބުންޏެވެ.

“މިހާރު ދެން ވަރަށް ލަސްވެއްޖެ. އަހަރެން ދެން މި ދަނީ އިނގޭ. ތިވާހަކަ ދެން މިރޭ ދައްކާނީ. ރިޔާޒް. ރާއިޒް ގެންނަން ހަނދާން ނައްތާނުލައްޗޭ.” އަތްދަބަސް ނަގައި ކޮނޑުގައި އަޅުވާލަމުން އަފްޒާ އަނެއްކާވެސް ހަނދާންކޮށްދިނެވެ.

“އާނއާނ. ދެން ދޭބަލަ.” ރިޔާޒް ބޯހޫރާލަމުން ބުނެލިއެވެ.

އަފްޒާ ހެމުންހެމުން ދޮރާއި ދިމާއަށް ދަނިކޮށް ދޮރުގެ ރަނގަބީލު ޖެހިއެވެ.

“މިހާރު މިގަޑީގައި ކާކުތަ އެ އައީ؟” އަފްޒާ ދޮރު ހުޅުވާލިއެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top