މާލޭގެ ހަލަބޮލި މަގުތަކުގެ އަޑުތަކަށްވުރެ ބާރަށް މެހެކްގެ ހިތް ތެޅެމުން ދިޔައެވެ. މިއަދަކީ އޭނާގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއް ދުވަހެވެ. އޭނާގެ ކައިވެނީގެ ހަފުލާ އޮތް ދުވަހެވެ. މެހެކްއަކީ ކުޑައިރުއްސުރެ ކައިވެންޏާމެދު ވަރަށް ފޮނި ހުވަފެންތަކެއް ދެކެމުން އައި ކުއްޖެކެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ފިރިމީހާއަކީ ހަމައެކަނި ދިރިއުޅުމުގެ ބައިވެރިއެއް ނޫނެވެ. އެއީ އޭނާގެ ދުނިޔެއެވެ. އޭނާއަށް އިހުތިރާމްކުރާ އޭނާދެކެ އިންތިހާއަށް ލޯބިވާނެ “ޕްރިންސް ޗާމިން” އެކެވެ.
“މެހެކް! އަވަސްކޮށްބަލަ. ފާޒިލްމެން އެ އަންނަނީ މިހާރު.” މެހެކްގެ މަންމަ ރަމީޒާ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.
މެހެކް ލޯގަނޑުން އޭނާގެ އަމިއްލަ ސޫރައަށް ބަލައިލިއެވެ. ހަށިގަނޑުގެ ބައްޓަމާ ނުހަނު ގުޅޭ ހުދުކުލައިގެ އަގުބޮޑު ކައިވެނީގެ ހެދުމުގައި އޭނާ ފެންނަނީ ރާނީއެއް ފަދައިންނެވެ.
“މަންމާ. އަހަރެން ވަރަށް ބިރުގަނޭ. ފާޒިލްއަކީ އެހާ މުއްސަނދި ނުފޫޒުގަދަ މީހެއް. އޭނަ އަހަރެންދެކެ ލޯބިވާނެބާ؟” ހިތުގައިވާ އެންމެ ބޮޑު ސުވާލު މެހެކް ކުރިއެވެ.
ފާޒިލްއާ މެހެކް އަދި ބައްދަލުވެފައެއް ނުވެއެވެ. ފެނުނީ ހަމައެކަނި ފޮޓޯއެކެވެ. ކައިވެނި ހަމަޖެއްސީ މައިންބަފައިންނެވެ. މައިންބަފައިންގެ އެދުމުގެ މަތިން އޭނާ އެ ކައިވެންޏާ އެއްބަސްވީ އެމީހުންގެ އެދުމުގައި ކޮޅުފައިން ނުޖަހަންވެގެންނެވެ. އެމީހުން އޭނާއަށް ދެރަގޮތެއް ނޭދޭނެކަން އެނގޭތީއެވެ. އަދި އޭނާއަށް ފާޒިލްގެ ސޫރަ ރީތިވީމައެވެ. ނަމަވެސް އޭނާގެ ހިތް ނުތަނަވަސްވަނީ ފާޒިލްގެ މިޒާޖު ނޭނގޭތީއެވެ.
“ދަރިފުޅާ. އާ ކައިވެނީގެ ރޭ ކޮންމެ އަންހެން ކުއްޖަކަށްވެސް ތިހެން ވާނެ. ފާޒިލްއަކީ މާލޭގެ ނަން މަޝްހޫރު ވިޔަފާރިވެރިއެއް. އޭނާގެ އާއިލާއަކީ ޤަދަރުވެރި ބައެއް. އެމީހުން ދަރިފުޅުދެކެ ވަރަށް ލޯބިވާނެ. އެގޭގައި ދަރިފުޅު އުޅޭނީ ރާނީއެއްހެން.” ރަމީޒާ މެހެކްގެ ބޮލުގައި ވަރަށް އޯގާތެރިކަމާއެކު ފިރުމާލަމުން ވަރަށް ލޯބިން ބުނެލިއެވެ.
ނަމަވެސް ހަޤީޤަތް އޮތީ މުޅިން ތަފާތުކޮށެވެ. ފާޒިލްއަކީ ބޭރުފުށުން ކިތަންމެ ރީތި، މުއްސަނދި މީހަކަށް ވިޔަސް އޭނާގެ ހިތުގައި އަންހެނުންނަށް އޮތީ ވަރަށް ދަށު ދަރަޖައެކެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި އަންހެނުންނަކީ ފިރިހެނުންގެ ފައިބުޑުގައި ތިބެން ޖެހޭ، އެމީހުން ބޭނުންހާ ގޮތެއް ހަދަން ތިބޭ ބައެކެވެ.
ކައިވެނީގެ ހަފުލާ ފެށިއްޖެއެވެ. މާލޭގެ އިއްޒަތްތެރިންނާއި މަޝްހޫރު ވިޔަފާރިވެރިން މުޅި ދަރުބާރުގެ ފުރާލާފައިވެއެވެ. ހައްތާވެސް ފާޒިލްގެ އެކުވެރިންނާއި ގާތް މީހުންނެވެ. ވިޔަފާރި ބައިވެރިންނެވެ. ފާޒިލްގެ އާއިލީ ރަހުމަތްތެރިންނެވެ. އެ ހުރިހާ އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ފާޒިލްގެ ކައިވެންޏަށް އެމީހުން ނުހަނު އިންތިޒާރު ކުރިކަން ހާމަވާފަދަ އުފާވެރިކަމެކެވެ.
އެ އުފާވެރި މާހައުލުގައިވެސް މެހެކް ހުރީ ނުތަނަވަސްވެފައެވެ. މޫނުމަތިން ހިނިތުންވުމެއް ދައްކައިގެން ހުރިނަމަވެސް އޭނާ ހުރީ ފާޒިލްގެ ބަސްމަދުކަމުން އުނދަގޫވެފައެވެ. އޭނަޔާ އަޅާލުން ކުޑަކަންވެސް ފާހަގަ ކުރެވުނެވެ. އޭނައަށް ބަލާލާފައި ހީނލުން ފިޔަވައި އިތުރު ކަމެއް ފާޒިލްގެ ފުށުންނެއް ނުފެނުނެވެ. އޭނާގެ އިހުސާސްތައް ކުޑަކޮށްވެސް ފާޒިލްއަށް އެނގޭހެނެއް ހިޔެއްނުވެއެވެ.
ކައިވެނީގެ ބޮޑު ހަފުލާ ނިމިއްޖެއެވެ. ކާރުގައި ގެއަށް ދިޔައިރުވެސް ފާޒިލް މެހެކްއަކާ އަނގައިންނެއް ނުބުނެއެވެ. މެހެކްވެސް އިނީ އިސްވެ އަނގައިން ބުނަން ނުކެރިފައެވެ. ކައިވެނީގެ މަތިވެރި ގުޅުމުން ގުޅިފައިވީ ނަމަވެސް އެ ދެމެދުގައި ބުނަން ނޭނގޭ ފަދަ ދުރުކަމެއް ހުއްޓެވެ.
މެހެކް އިނީ ފާޒިލްގެ ކޮޓަރީގެ އެނދުމަތީގައެވެ. ދެކަކުލުގައި އަތް ވިދެލައިގެން އިންއިރު އޭނާގެ ހިތް ތެޅެމުންދިޔައީ ވަކި ވަރެއް ބަލާފައެއް ނޫނެވެ. ކައިވެނީގެ ފުރަތަމަ ރޭ ނުވެސް ދަންނަ އޭނާގެ ފިރިމީހާއާ ކުރިމަތިލާނެ ގޮތެއް އޭނައަކަށް ނޭނގެއެވެ. އަދި ފާޒިލް އައިސް ކަންތައް ކުރާނެ ގޮތެއްވެސް އެނގެނީއެއް ނޫނެވެ. ހަމަ އެޔާއެކު ފިލްމުތަކުން ފެންނަ ކައިވެނީގެ ފުރަތަމަ ރޭގެ މަންޒަރުތައް ހިތަށް ސިފަވުމުން އޭނާގެ މޫނު ލަދުން ރަތްވެއްޖެއެވެ. ހިނދުކޮޅަކަށް އޭނާގެ ހިތުން ނުތަނަވަސްކަން ފިލައިފިއެވެ.
ފާޒިލް ކޮޓަރިއަށް ވަނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ކާމިޔާބީގެ ފަޚުރުވެރިކަމެވެ. ކޮޓަރީގެ ދޮރު ތަޅުލުމުން މެހެކްގެ ހިތް އަވަސްވިއެވެ. އޭނާއަށް ފާޒިލް އެނދާ ދިމާއަށް އަންނަތަން ފެނެއެވެ. އޭނާއަށް އިނދެވުނީ ލަދުން އިސްދަށަށް ޖަހާލައިގެންނެވެ. އޭނާގެ ހިތަށް ސިފަވަމުން ދިޔައެވެ. ފާޒިލް އައިސް ވަރަށް ލޯބިން އޭނާގެ ބޮލުގައިވާ ފޮތިގަނޑު ނައްޓާލަދޭނެއެވެ. އަދި އަޅާފައިވާ ގަހަނާތައް ވެސް ބާލަދޭނެއެވެ.
“މެހެކް. އެއްކަމެއް ހަނދާން ބަހައްޓާތި. މި ގޭގައި ހިނގާނީ އަހަރެން ބޭނުންވާ ގޮތް. އަހަރެންގެ އަމުރު. މިހާރު ކަލޭ ތީ އަހަރެންގެ މިލްކެއް. އަހަރެން ބުނާގޮތަށް އުޅެންޏާ މި ގޭގައި އުފަލުގައި އުޅެވޭނީ.” ފާޒިލްގެ އަޑުން މެހެކްއަށް ސިހިފައި ބަލައިލެވުނެވެ. އޭރު ފާޒިލް އޭނާގެ ގަމީހުގެ ގޮށްތައް ނައްޓަނީއެވެ. އޭނާ ހީކުރި ލޯބީގެ ބަސްތަކުގެ ބަދަލުގައި އިވުނީ އަމުރުވެރި އަޑެކެވެ.
“އެކަމަކު ކައިވެންޏަކީ ދެމީހުން އެކަކު އަނެކަކަށް އިޙުތިރާމް ކުރުމެއްނު.” ވަރަށް ހިތްވަރުން މެހެކްއަށް ބުނެވުނެވެ. ފާޒިލް ބާރަށް ހީނގަތެވެ.
“އިޙުތިރާމޭ. އަންހެނުންނަށް އޮންނާނީ ފިރިހެނުންނަށް ކިޔަމަންވުން. ދެން ތި މޮޅު ވާހަކަ ބާއްވާފައި އަހަރެންގެ ބޫޓު ބާލައިދީ.” އެނދުގައި އިށީންނަމުން ބޮޑާ ގޮތަކަށް ފާޒިލް ބުނެލިއެވެ.
މެހެކްގެ ލޮލުން ކަރުނަ ފޭދުނެވެ. އޭނާގެ ހުވަފެނީ ދުނިޔެ ފުނޑުފުނޑުވާން ފެށީ އެންމެ ފުރަތަމަ ރެޔެވެ. ނަމަވެސް އޭނާ އަމިއްލަ ނަފްސަށް ވިސްނައިދިނީ ވަގުތާއެކު ފާޒިލް ބަދަލުވާނެ ކަމަށެވެ.
ކައިވެނީގެ ފުރަތަމަ ރޭ މެހެކްއަށް ވީ ވޭނަކަށެވެ. އުމުރަށް ނުފިލާނެ ޒަޚަމަކަށެވެ. ލިބެންވީ އުފަލާއި ހިތްހަމަޖެހުމުގެ ބަދަލުގައި ލިބުނީ ކެތްކުރަން ދަތި ވޭނެކެވެ. ފާޒިލްގެ އަޅެއް ފަދައިން ކަންތައްތައް ކުރަމުން ދިޔައިރު އޭނާގެ ހިތް ރުއިރުއިން އެނގޭނީ ޚުދު އޭނާއަށެވެ.
ޖެހިގެން އައި ދުވަހު ފާޒިލް މެހެކް ގޮވައިގެން ދިޔައީ ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓަށެވެ. ބޭރު ފުށުން ބަލާއިރު އެއީ ނުހަނު ހިތްގައިމު މަންޒަރެކެވެ. އެކަމަކު މެހެކްއަށް އެތަން ވީ އެއްވެސް މިނިވަންކަމެއް ނެތް ޖަލަކަށެވެ.
ރިސޯޓުގެ ރެސްޓޯރެންޓުގައި ތިއްބާ މެހެކްއަށް އޭނާ ސްކޫލް ދައުރުގެ ރަހްމަތްތެރިއަކާ ދިމާވިއެވެ. ދިމާ ނުވާތާ ދުވަސްތަކެއް ފަހުން ދިމާވުމުން މެހެކް އޭނައާ ވާހަކަދައްކާލަން މަޑުކޮށްލިއެވެ. އޭނައާ ދިހަ ވަރަކަށް މިނެޓު ވާހަކަދައްކާލުމަށްފަހު މެހެކް އެނބުރި ފާޒިލް ގާތަށް ދިޔައިރު ފާޒިލްގެ މޫނު ވަނީ ރަތްވެފައެވެ. އޭނާގެ މޫނު ފެނުމުންވެސް މެހެކް ރޫރޫ އަޅައިގަތެވެ.
ކެއުމުގެ ވަގުތުގައި ފާޒިލްގެ ކަތުރުކަށިގަނޑަށް އަންނަމުންދިޔަ ބަދަލުތަކާއި އިރުއިރުކޮޅާ މެހެކްއަށް ބަލައިލާ ގޮތުން މެހެކްގެ އަރުތެރެ ބެދޭގޮތްވިއެވެ. އޭނައަށް ރަނގަޅަށް ކެވޭ ގޮތެއްވެސް ނުވިއެވެ. ނަމަވެސް ނުކައިފިނަމަވެސް ފާޒިލްގެ ރުޅިވެރިކަމާ ކުރިމަތިލާން ޖެހޭނެތީ އޭނާ ގެނައި ކާއެއްޗެހި ގަދަކަމުން ހުސްކުރިއެވެ.
ކައި ނިމުމުން ކޮޓަރިއަށް ދާންވެގެން ފާޒިލް މެހެކްގެ އަތުގައި ހިފެހެއްޓިއެވެ. ދުރުން ފެންނަ މީހަކަށް އެއީ ވަރަށް ލޯބި މަންޒަރަކަށް ވެދާނެއެވެ. ނަމަވެސް މެހެކްއަށް ހީވީ އޭނާގެ އަތުގެ ކަށިތައް ބިންދައިގެން ދިޔަހެންނެވެ. ފާޒިލް ހިފެހެއްޓީ އެހާވެސް ބާރަށެވެ. މެހެކްގެ ލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް މަންޒަރު ރީތިކޮށްލުމަށްޓަކައި އޭނާ ވަރަށް ނުވާކަމަކަށް ހަދާފައި ލޯ ފޮހެލިއެވެ.
“އެއީ ކާކު؟ ކީއްވެ އޭނައާ ވާހަކަދެއްކީ؟” ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމާއެކު ފާޒިލް އެހިއެވެ.
“އެއީ ކިޔަވަން އުޅުނު އިރުގެ ރައްޓެއްސެއް.” މެހެކް ބުންޏެވެ. އޭނާގެ އަޑުގައި ވަނީ ބިރުވެރިކަމެވެ. ލޮލުގައި ވަނީ ތަދާއި ބިރު އެކުލެވިގެން ހިލިފައިވާ ވޭނީ ކަރުނައެވެ.
“އަހަރެންގެ ހުއްދަ ނެތި އެއްވެސް ފިރިހެނަކާ ވާހަކަދައްކައިގެން ނުވާނެ! ކަލޭ ތިއީ މަގޭ އަނބިމީހާ. މަގޭ އަބުރު ހަޑިކުރަން ނޫޅޭތި!” ފާޒިލް ހަޅޭއްލަވައިގަތެވެ.
“ފާޒިލް. އަހަރެން ފާޒިލްގެ އަބުރަށް ހުތުރުވާ ކަހަލަ އެއްވެސް ކަމެއް ނުކުރަން. ނުވެސް ކުރާނަން. އެކަމަކު އަހަރެން ރައްޓެއްސަކާ ވާހަކަދައްކާލުން އެއީ މައްސަލައެއްތަ؟” މެހެކް ބިރުން ހުރިނަމަވެސް ބުނެލިއެވެ.
މެހެކްގެ ޖުމްލަ ރަނގަޅަށް ނުނިމެނީސް ފާޒިލްގެ އަތުގެ ބާރު އެތިފަހަރެއް މެހެކްގެ މޫނުމައްޗަށް އަރައިފިއެވެ. މެހެކް ވެއްޓުނީ އެނދުމައްޗަށެވެ. ޖެހިލެއް ބާރުކަމުން އޭނާގެ ކޯތާފަތް ރަތްވެގެން ދިޔައީ ބަސްބުނާހާ ހިނދުންނެވެ.
“މާ އަނގަގަދަ ނުކުރާތި! އަހަރެން އެއްޗެކޭ ބުނީމަ ރައްދު ޖަވާބު ދެންޏާ އަހަރެންގެ ރުޅި ވަރަށް ގަދަވާނެ. އަނިޔާ ވާން ބޭނުން ނޫނިއްޔާ އަނގަ މަޑުކޮށްގެން ބުނާގޮތް ހަދައިގެން އިނދޭ!” މެހެކްގެ އަނގައަށް ފިތާލަމުން ފާޒިލް ބުނެލިއެވެ. އަދި ބާރުބާރަށް ގޮސް ކޮޓަރިން ނުކުތެވެ.
މެހެކް ގިސްލަގިސްލާފައި ރޮމުން ދިޔައެވެ. މިއީ އޭނާ ބޭނުންވި “ޕްރިންސް ޗާމިން” ހެއްޔެވެ؟ އޭނާ ބޭނުންވީ ވަގުތުން މާލެ ގޮސް މަންމަމެން ގާތު މިވާހަކަ ބުނާށެވެ. އެކަމަކު އޭނާގެ ހިތަށް އެރިއެވެ. އޭރުން އާއިލާގެ އަބުރަށް ވާނީ ކިހިނެއް ހެއްޔެވެ؟ މީހުން ކިޔާނީ ކީކޭ ހެއްޔެވެ؟ ފާޒިލްއަކީ މުއްސަންޖެކެވެ. ފާޒިލްގެ ވާހަކަ މީހުން ޤަބޫލު ކުރާނެއެވެ. އޭނާފަދަ މީހެއްގެ ވާހަކަ އަޑުއަހާނީ ކާކު ހެއްޔެވެ؟ ކައިވެނި ރޫޅުމުން ހުރިހާ ހުތުރެއް ވެސް ވާނީ އޭނާގެ އަބުރަށެވެ.
މާލެ އައުމަށްފަހު މެހެކްގެ ދިރިއުޅުން ވީ މެޝިނެއް ފަދަ އެއްޗަކަށެވެ. ހެނދުނު ހޭލައިގެން ފާޒިލްގެ ހުރިހާ ކަމެއް ކުރުމާއި ފާޒިލްގެ މަންމައާއި އާއިލާގެ މީހުންނަށް ކިޔަމަންވުމެވެ.
އެއްދުވަހުގެ ހެނދުނެވެ. ނާސްތާ ގަޑީގައި މެހެކް ފާޒިލްއަށް ކޮފީ ތަށި ގެނެސް ބަހައްޓަނިކޮށް ކޮފީތަށިން އެތިފޮދެއް ފާޒިލްގެ އަތަށް ބަންޑުންވިއެވެ. ހަމަ ވަގުތުން ބަލާކަށް ނުހުރެ ފާޒިލް އެ ކޮފީ ތަށި މެހެކްގެ މޫނަށް ޖެހިއެވެ. މެހެކްއަށް ހަޅޭއްލަވައިގަނެވުނެވެ.
“ފާޒިލް!” ފާޒިލްގެ ބައްޕަ ހައިދަރު ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ.
“ބަލަ އެއީކީ ކަލޭ ހިތުހުރި ގޮތެއް ހަދަން ގެނެއްސަ ހުރި އަޅެއް ނޫނޭ. ރީތިކޮށް ބުނިއްޔާ ކީއްތަ ވާނީ؟ ކަމެއް ވާއިރަށް އަތް އިސްކޮށް..”
“ހުއްޓާލާ! އެއީ އަހަރެންގެ އަނބިމީހާ. ބައްޕަ މިދޭތެރެއަށް ވަންނަން ނޫޅޭ!” ހައިދަރުގެ ވާހަކަ މެދުކަނޑާލަމުން ހަޅޭއްލަވައިގެންފައި ފާޒިލް ތެދުވެގެން ހިނގައިގަތީ މެހެކް ކޮއްޕާލާފައެވެ.
“ފާޒިލް. ފާޒިލް.” ފާއިޒާ ގޮވިއެވެ. ނަމަވެސް ފާޒިލް އެނބުރި ނައިތާނގައި އެނބުރި ބަލައިވެސް ނުލިއެވެ.
“ހައިދަރުވެސް ދެން ތަންކޮޅެއް ރީތިކޮށް ބުނެލިނަމަ. އޭނަ އެ ދިޔައީ ސައިވެސް ނުބޮއި.” ފާއިޒާ ބުނެލިއެވެ.
“އަދިވެސް އަހަރެން ދޯ ގޯސްވީ. ފާއިޒާ ނިކަން އޭނައަށް ވިސްނައިދީބަލަ.” ހައިދަރު ބުނެލިއެވެ. ފާއިޒާ ބޯޖަހާލިއެވެ.
ހައިދަރު މެހެކް ކޮޓަރިއަށް ފޮނުވާލިއެވެ. އޭނާގެ މޫނު ވަނީ ހޫނު ކޮފީގެ ސަބަބުން ރަތްވެފައެވެ. އޭނާ ހެދުން ބަދަލުކޮށްލައިގެން ކޮޓަރީގައި އެތައް އިރަކު ރޯން އިނެވެ. ފާޒިލް އޭނާދެކެ އެހާ ރުޅިއަންނަނީ ކީއްވެ ހެއްޔެވެ؟ އޭނައަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟ އެޔެއް ބުނެދޭނެނަމައެވެ. އޭރުން އޭނާ އެކަމެއް އިސްލާހުކުރަން މަސައްކަތް ކުރާނެއެވެ.
“މެހެކް. ފިރިހެނުންނަކީ ތިކަހަލަ ބައެއް. އެމީހުން ބައެއް ފަހަރު ރުޅިއައިސްގެން އެއްޗެހިވެސް ބުނާނެ. ޖަހާވެސް ފާނެ. އެކަމަކު އަހަރެމެން އަންހެނުން ޖެހޭނީ ކެތްކުރަން.” ފާއިޒާ މެހެކްއަށް ނަސޭހަތް ދިނެވެ.
މެހެކް ހިތަށް އެރިއެވެ. މީ ކޮންކަހަލަ އަންހެނެއް ހެއްޔެވެ؟ އަންހެނަކަށްވެ ހުރެ އަންހެނެއްގެ އިހުސާސްތަކެއް ނޭނގޭ ހެއްޔެވެ؟ ނުވަތަ އެނގިހުރެ ނޭނގޭ ކަމަށް ހަދަނީ ހެއްޔެވެ؟ އެއީ ހަޤީޤަތުގައިވެސް މައިދައިތަގެ ވިސްނުން ހުރި ގޮތްބާވައެވެ؟ ނުވަތަ ދަރި ދޮންފުތުވީވަރުން އެކަން ކަމަކަށް ނުވީ ހެއްޔެވެ؟
(ނުނިމޭ)
