އެފްއޭއެމް އިން އިންތިޒާމުކޮށްގެން ބާއްވާ ވެޓެރަންސް ކަޕް 2026 ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ނިއުރޭޑިއަންޓް މޮޅުވެއްޖެއެވެ.
ކުރީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ، މި މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރީ ނިއުރޭޑިއަންޓާއި ދަ ގްރާންޑޭ އެވެ.
ކުރީގެ ގިނަ ތަރިންތަކެއް ހިމެނޭ ނިއުރޭޑިއަންޓާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުން ނިއުރޭޑިއަންޓް މޮޅުވީ 2-0 އިންނެވެ. މެޗް ފެށީއްސުރެ މޮޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ނިއުރޭޑިއަންޓުން ތަނަވަސްކުރި އެވެ.
މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި، ނިއުރޭޑިއަންޓަށް ޖަހައިދިނީ ފުރަތަމަ ޑިވިޝަންގައި ނިއުރޭޑިއަންޓާއި އެހެންވެސް ބައެއް ކުލަބުތަކަށް ކުޅެފައިވާ އިތުބާރު ފޯވާޑް އަލީ އުމަރު އެވެ.
ފުރަތަމަ ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވެ ނިއުރޭޑިއަންޓުން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާފައެވެ. 18 ވަނަ މިނެޓުގައި ނިއުރޭޑިއަންޓަށް މިލަނޑު ޖަހައިދިނީ އޭއެފްސީ ކަޕްގައި ނިއުރޭޑިއަންޓުން ވިދާލި ކާމިޔާބު މިޑްފީލްޑަރު އަހުމަދު ނިޔާޒު އެވެ.
ދެވަނަ ހާފުގައި ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ދެޓީމަށް ލިބުނެވެ. ނިއުރޭޑިއަންޓަށްވުރެ ގިނަ ފުރުސަތު ދަ ގްރާންޑޭ އަށް ލިބުނުއިރު އިތުރު ލަނޑެއް މިމެޗްގައި ނުޖެހެއެވެ.
