މޫނުގެ ހަންގަނޑުގެ ޓޯން އާއިމެދު ހިތްހަމަނުޖެހުމެއް އެބައުޅޭހެއްޔެވެ؟ ބިޒީކޮށް އުޅެން ޖެހުމާއި މާހައުލުގެ ތަޣައްޔަރު ކަމުގެ ސަބަބުންް ހަންގަނޑުގައި ހުރި އަސްލު ޤުދުރަތީ ދޮންކަން ގެއްލިފައިވާކަމަށް ހީވޭހެއްޔެވެ؟ ގެއްލިފައިވާ ދޮންކަމާއި ހަންގަނޑުގެ އުޖާލާކަން އަލުން އަނބުރައި ހޯދުމަށް ކޮންމެހެން ބިއުޓީ ޕާލާ އަކަށް ގޮސް އެތައް ބައިވަރު ފައިސާއެއް ހޭދަކުރަން ކޮންމެހެން އުޅޭނެކަމެއް ނެތެވެ.
ގޭތެރެއިން ލިބެން ހުންނަ ބައެއް ތަކެތި ބޭނުންކޮށްގެން މޫނުގެ ހަންގަނޑަށް ޒުވާންކަމާއި ތާޒާކަން ގެނެސްދިނުމަށް އެތަކެއް ބައިވަރު ފޭސްޕެކް ތަކެއް ފަސޭހަކަމާއެކު ތައްޔާރުކުރެވިދާނެ އެވެ. އެގޮތުން މި ގެނެސްދެނީ އެފަދަ ފޭސްޕެކެކެވެ. މިއީ ހަނޑުލު ފުށް، މާމުއި އަދި ސައިފެން ބޭނުންކޮށްގެން މޫނުގެ ކުލަ އަލިކޮށް އުޖާލާ ކުރުމަށް ހެދިދާނެ ފޭސްޕެކެކެވެ.
އެއް ޖޯޑު ސައިފެނުގެ ތެރެއަށް ބައި މޭޒުމަތީ ސަމުސާ މާމުއި އަދި ދެ މޭޒުމަތީ ސަމުސާ މުގުރާފައިވާ ހަނޑޫފުށް އެއްކުރާށެވެ. ހުރިހައި އެއްޗެއް ރަނގަޅަށް އެއްކުރުމަށްފަހު މޫނުގައި އުނގުޅާ ރަނގަޅަށް މަސާޖުކުރާށެވެ.
15 މިނެޓާއި 20 މިނެޓް ވާންދެން ބެހެއްޓުމަށްފަހު ފިލުވާލާށެވެ. މިހެން ފިލުވާނީ މޫނުގައި އިނގިލިތަކުން ވަށްކޮށް ހާކަމުންނެވެ. މިހެން ހެދުމުން މަރުވެފައިވާ ހަމުގެ ސެލްތައް ނެއްޓި، މޫނުގެ ކުލަ އުޖާލާވެ ދޮންވާނެ އެވެ.
ހަނޑުލުފުށް މަސައްކަތްކޮށްދޭނީ މޫނު ސްކްރަބް ކޮށްދިނުމަށެވެ. މާމުއި އަކީ މޫނަށް ވަރަށް ރަނގަޅު މޮއިސްޗަރައިޒަރ އެކެވެ.
