ދީނީ ސުވާލެއް އޮތީތަ؟
ޙަޤީޤީ
ޒަލަފް – ފަހު ބައި

ދުވަސްތަކަކަށްފަހު ޒައިދުގެ ވިޔަފާރީގެ ބައިވެރިއަކު އޭނާއާ ބައްދަލުކުރަން އައެވެ. އޭނާ ފެނުމާއެކުވެސް ޒައިދުގެ މޫނުގެ ކުލަ ބަދަލުވެގެން ދިޔައެވެ. އެއީ މާހީގެ ކުރީގެ ބޮސްއެވެ.

“ކީއްކުރަން މިތަނަށް ތިއައީ؟ އަހަރެން ކަލެއާ އެކީ ވިޔަފާރީގެ އެއްވެސް ކަމެއް ކުރިއަށް ގެންދާކަށް ބޭނުމެއް ނޫން” ޒައިދު ރުޅިއައިސްފައި އެހިއެވެ.

“ޒައިދު. ރުޅިމަޑުކުރޭ. ކަލެއަށް ތި ހުރިހާ ގޮތެއްވެސް ތި ވަނީ ކަލޭގެ ތި ބޮޑާކަމުގެ ސަބަބުން.” މަޖީދު މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

“އަހަރެން ބޮޑާވިޔަކަސް އެއީ މީހަކާ ބެހޭކަމެއް ނޫނެއްނު.” ޒައިދު ހުރީ ގޮތުގައެވެ.

“ޒައިދު. އަހަރެން އަބަދުވެސް ޒައިދަށް ހެޔޮއެދެން. އެހެންވެގެން މި އާދެވުނީވެސް. ބަލާބަލަ ޒައިދުގެ ތި އީގޯގެ ސަބަބުން ޒަލަފްއަށް ވަމުންދާގޮތް. އެ ކުޑަ ދަރިފުޅުގެ ހުރިހާ އުފާތަކެއް ފޭރިގަނެވިފަ ތިހިރީ ތި އީގޯގެ ސަބަބުން. އެކުއްޖާ ފަކީރު މަންމަގެ ލޯތްބަށް އެދި އެހެރަ ހަލާކުވަނީ. ކަލޭ އަދިވެސް ތިހުންނަނީ ގޮތްދޫނުކުރަން.” މަޖީދު ވިސްނައިދޭން މަސައްކަތްކުރިއެވެ.

“ކީއްވެތަ ބުނަން ނުކެރިގެން ތިއުޅެނީ ތި އައީ ލޯބިވެރިޔާ އުޅޭ ހާލު ފެނި ކެތްނުވެގެންނޭ؟” ޒައިދު މަލާމާތްކޮށްލިއެވެ.

“ޒައިދު. ކަލޭގެ ވިސްނުމާމެދު އަހަރެން ހަމަ ހައިރާންވެއްޖައިން. އިނދެގެން އެހާ ދުވަސް ވީއިރުވެސް ކަލެއަށް މާހީ ނޭނގުނު. އޭނައަކީ ކިހާ ރަނގަޅު އަނތްބެއް. އޭނަ ކަލެއަށްޓަކައި ނުވަނީ ކޮން ޤުރުބާނީއެއް. އެކަމަކު ބަދަލުގައި ކަލޭ އޭނައަށް ދިނީ ކޯއްޗެއް؟ ހުތުރު ތުހުމަތާ އަނިޔާ. އޭނަގެ ވަފާތެރިކަމާމެދު ކަލޭ ސުވާލު އުފެއްދިއިރު އެންމެ ފަހަރަކުވެސް ހިތަށް އެރިތަ އޭނަ އެ ހުރިހާ ކަމެއް ކުރީ ކަލެއަށްޓަކާއޭ. އޭނ؟” މަޖީދު ކުޑަކޮށް ހިތްހަމަނުޖެހުނު ނަމަވެސް އޭނާ ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.

“އަހަރެންނަށްޓަކައޭ ކިޔާފަ ގޮސް ހިލޭ ފިރިހެނެއްގެ އުނގަކަށް ނޫން ވެއްޓިގަންނާނީ.” ޒައިދު ބާރަށް ބުންޏެވެ.

“އޭނަ އެއްވެސް މީހެއްގެ އުނގަކަށް ނުވެއްޓޭ. ކަލެއަށް ތިއުޅެނީ ވަރަށް ބޮޑު ކުށްހީއެއް ކުރެވިގެން. ރަނގަޅު. އެދުވަހު ކަލޭ އައިމަ އަހަރެމެން ދެމީހުން ވާހަކަ ހުއްޓާލިން. އެއީ ކޮންމެހެން އަހަރެމެން ނަހަމަ ގުޅުމެއް ހިންގާތީކީ ނޫން. އެއީ ކަލޭގެ ފައިދާއަށް ކަލޭއަށް އެހީއެއް ވާން ކުރަން އުޅުނު ކަމެއް ވީމަ. އެދުވަހު އަހަރެމެން ދެއްކީ ކަލޭގެ ވިޔަފާރިއަށް އެހީތެރިވާނެ ގޮތުގެ ވާހަކަ. ކުރެވޭނީ ކޮން ކަންކަމެއްގެ ވާހަކަ ދެކެވުނީ. ކަލެއަށް ނޭނގުނަސް މާހީ އޭނަގެ ބައްޕަ އަތުން ފައިސާ ހޯދައިގެން ކަލޭގެ ދަރަނިތައްވެސް ދެއްކީ. އެކަން ކަލެއަށް ނުވެސް އެނގޭނެ. އެކަންކަން މާހީ ކަލެއަށް އަންގަން ބޭނުންވެސް ނުވީ. މިއަދު ކަލޭ ބޮޑާވެފަ ފުއްޕިޔަސް، މިއަދު ކަލެއަށް މިހިސާބަށް އާދެވިފަ ތިހިރީ މާހީގެ ސަބަބުން.” މަޖީދު ކިޔައިދިނެވެ.

ޒައިދަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. އޭނާގެ ބޮޑާކަމުގެ ސަބަބުން އޭނާ ހަލާކުކޮށްލީ އޭނާގެ އަމިއްލަ އާއިލާއެވެ. ހިތުގައި އިންދުނު ޝައްކުގެ އޮށުގެ ސަބަބުން އޭނާއަށް އެހީތެރިވި މީހާއަށް އޭނާ ދިނީ އަނިޔާއެވެ.

މަޖީދު ދިޔުމުންވެސް އެތައް އިރަކު ވިސްނަން ޒައިދު އިނެވެ. އޭނާގެ ކުށް އޭނާއަށް އިހުސާސް ކުރެވިއްޖެއެވެ. މާހީ ނެތުމުގެ ފަޅުކަންވެސް އޭނާއަށް މިއަދު ކުރިއަށްވުރެ ބޮޑަށް އިހުސާސް ކުރެވިއްޖެއެވެ. ތިމާގެ ކުށްވެރިކަން އިހުސާސް ކުރެވުނުލެއް ބޮޑުކަމުން އޭނާގެ ލޮލުން ކަރުނަ ހިލިއްޖެއެވެ.

އެރޭ ޒައިދު ގެއަށް އައިއިރު ޒަލަފް އޮތީ ވަރަށް ގަދައަށް ހުން އައިސްފައެވެ. ޒަލަފް ނިދީގައިވެސް ގޮވަމުން ދިޔައީ “މަންމާ” އެވެ. ޒައިދު ވަރަށް ނުކެރި ހުރެވެސް ދަރިފުޅުގެ ޙައްޤުގައި މާހީއަށް ގުޅިއެވެ.

“މާހީ. އަހަންނަށް މާފްކުރޭ. އަހަންނަށް އަހަރެންގެ ކުށް އިހުސާސް ކުރެވިއްޖެ. ޒަލަފް ވަރަށް ބަލި. އޭނަ މާހީއަށް އެބަ ގޮވާ. އަވަހަށް އާދޭ.” ޒައިދު ރޮމުން މާފަށް އެދުނެވެ.

މާހީ އެއްވެސް ޝަކުވާއެއް ނެތި ވަގުތުން ގެއަށް އައެވެ. ދަރިފުޅު ބަލި ވާހަކަ އަޑުއިވުމުން ދަރިފުޅު ދުށުމަށް ކެތްމަދުވެފައިވާ އެ މަންމަގެ ހިތަށް ކެތްނުކުރެވުނީއެވެ. މާހީ ފެނުމާއެކުވެސް ޒަލަފްގެ ހުން މަޑުވާން ފެށި ކަހަލައެވެ. ޒަލަފް ލޯ ހުޅުވާލާފައި މަންމަ ފެނުމުން އޭނާގެ މޫނުމައްޗަށް އައި ކުލަވަރުން ޒައިދުގެ ހިތް ކުދިކުދިކޮށްލިއެވެ.

“މަންމާ. މަންމަ ދެން ނުދައްޗޭ. ނުދާނަން ދޯ.” ޒަލަފް ބަލި އަޑަކުން މަޑުމަޑުން އެހިއެވެ.

“އާނ ދަރިފުޅާ. މަންމަ ދެން ދުވަހަކުވެސް ދަރިފުޅު ދޫކޮށްލާފައެއް ނުދާނަން.” މާހީ ޒަލަފްގެ ބޮލުގައި ފިރުމަމުން ބުންޏެވެ.

“މާހީ. އަހަންނަށް މާފްކުރޭ. އަހަރެންގެ ބޮޑާކަމުން އަހަންނަށް ހެޔޮނުބައި އޮޅުނީ. މިހާރު އަހަންނަށް ޤަބޫލު ކުރެވިއްޖެ އާއިލާއެއް ނެތްނަމަ ފައިސާއަކީ އެއްވެސް އެއްޗެއް ނޫންކަން.” ޒައިދު މާހީގެ ފައިބުޑަށް ވެއްޓި މަޢާފަށް އެދުނެވެ.

މާހީ ޒައިދަށް ބަލައިލިއެވެ. އޭނާގެ މޫނުމަތީގައި ވަނީ ހަޤީޤީ ހިތާމައެވެ. ކުށްވެރިކަމުގެ އިހުސާސެވެ. އޭނާގެ ހުރިހާ ބޮޑާކަމަކާއި ކިބުރުވެރިކަމެއް ފިލައިފިއެވެ. މާހީގެ ހިތުގައި އަދިވެސް ޒައިދު ދިން ހިތާމައިގެ ވޭނީ އަސަރުތައް ހުރި ނަމަވެސް ޒަލަފްގެ އުފަލަށްޓަކައި އޭނާ ޒައިދަށް މަޢާފުކުރިއެވެ.

“ޒައިދު. އަހަރެމެންގެ ދަރިފުޅަށް ބޭނުންވަނީ އަހަރެމެން ދެމީހުންގެ ލޯބި. ފައިސާއަކުން އެ ލޯތްބެއް ނުގަނެވޭނެ. މިއަދުން ފެށިގެން އަހަރެމެން އަލުން އާ ފެށުމަކުން ފަށަމާ.” މާހީ ބުންޏެވެ.

މާހީ އެނބުރި އައުމުން ގޭގެ މާހައުލު މުޅިން ބަދަލުވިއެވެ. ކުރިން ހުރި ފަޅުކަމާއި ހިމޭންކަން ފިލައި ގޭތެރޭގައި އުފާވެރިކަމުގެ އަޑުތައް އިވެން ފެށިއެވެ. ނަމަވެސް ޒައިދަށް އެނގެއެވެ. ހަމައެކަނި މާހީ ގެއަށް ގެނައުމަކުން ހުރިހާ ކަމެއް ނިމުނީއެއް ނޫނެވެ. އޭނާ ވަނީ މާހީގެ ހިތުގައި ވަރަށް ފުން ލަކުނުތަކެއް ލައްވާފައެވެ.

“މާހީ. އަހަންނަށް އެނގޭ އަހަރެން ބުނި ބަސްތަކަކީ އަނބުރާ ގެނެވޭނެ އެއްޗެއް ނޫންކަން. އެކަމަކު އަހަރެން ބޭނުމީ މާހީގެ އިތުބާރު އަލުން ހޯދަން. އަހަރެން ބަދަލުވާނަން.” އެއްދުވަހަކު ހަވީރު ސައިބޯން ބެލްކަނީގައި ތިބެފައި ޒައިދު ބުންޏެވެ. މާހީ ހިނިތުންވެލިއެވެ.

“ޒައިދު. ބަދަލުވާންވީ އަހަންނަށްޓަކައެއް ނޫން. އަމިއްލަ މީހާއަށްޓަކައި. ޒަލަފްއަށްޓަކައި. އޭނައަށް ބޭނުންވަނީ އޭނަގެ ބައްޕައަކީ އޭނާ ފަޚުރުވެރިވާނެފަދަ އޯގާތެރި މީހަކަށް ވުން.” މާހީ ހިނިތުންވެފައި ބުނެލިއެވެ.

މި ދުވަސްވަރު ޒަލަފްގެ ސްކޫލްގައި އަހަރީ “ފެމެލީ ޑޭ” ބާއްވަން ނިންމިއެވެ. މިއީ ޒަލަފްއަށް ވަރަށް މުހިންމު ދުވަހެކެވެ. ކުރީ އަހަރުތަކުގައި ޒައިދު ބުރަކަމުން އެފަދަ ހަފުލާތަކަކަށް ނުދެއެވެ. ނަމަވެސް މިފަހަރު ޒައިދު ނިންމީ އޭނާގެ ހުރިހާ މީޓިންގތަކެއް ކެންސަލްކޮށްފައި ދަރިފުޅާއެކު ވަގުތު ހޭދަކުރުމަށެވެ.

ސްކޫލުގެ ބޮޑު ހޯލު އޮތީ ބެލެނިވެރިންނާއި ދަރިވަރުން ފުރިފައެވެ. ޒަލަފް ހުރީ އޭނާގެ މަންމައާއި ބައްޕަ އެކުގައި އަތުގައި ހިފާލައިގެން ތިބި މަންޒަރު ފެނުމުން އިންތިހާއަށް އުފާވެފައެވެ. އެހެން ކުދިންގެ ކުރިމަތީގައި އޭނާ މިއަދު ފަޚުރުވެރިވިއެވެ.

ހަފުލާގެ ތެރެއިން “ބެލެނިވެރިންނާއި ދަރިވަރުންގެ ދުވުން” އޮތެވެ. ޒައިދު ޒަލަފްގެ އަތުގައި ހިފައިގެން ދުވިއިރު އޭނާއަށް އިހުސާސްވީ އޭނާގެ ވިޔަފާރީގެ ކާމިޔާބީއަށްވުރެ މި ކުޑަކުޑަ ދުވުމުން ލިބުނު އުފާ މާ ބޮޑުކަމެވެ.

“ބައްޕާ އަޅުގަނޑުމެން މޮޅުވެއްޖެ.” ދުވުން ނިމުމުން ޒަލަފް ޒައިދުގެ ގައިގައި ބައްދާލަމުން ހަޅޭއްލަވައިގަތެވެ. ޒަލަފްގެ އުފާވެރިކަން ފެނިފައި އޭނާގެ ލޮލުން ކަރުނަ އައެވެ. އޭނާ ޒަލަފް އުރާލިއެވެ.

“އާނ ދަރިފުޅާ. އަހަރެމެން މޮޅުވެއްޖެ. ބައްޕަ ދެން ދުވަހަކުވެސް މި އުފާވެރިކަން ދޫކޮށްލާފައެއް ނުދާނަން.” ޒަލަފްގެ ކޮލުގައި ބޮސްދެމުން ޒައިދު ބުނެލިއެވެ. އެމަންޒަރު ބަލަން ހުރި މާހީގެ ލޮލުންވެސް ކަރުނަ ހިލުނެވެ.

އުފާވެރިކަމުގެ ތެރެއަށް އަނެއްކާވެސް ހިޔަންޏެއް އެޅޭކަށް ގިނަ ދުވަހެއް ނުނެގިއެވެ. ޒައިދުގެ ވިޔަފާރީގެ ބައެއް ދުޝްމަނުން އޭނާގެ އަގު ވައްޓާލުމަށްޓަކައި ކުރީގެ ބައެއް މައްސަލަތައް ފެންމަތިކުރަން އުޅޭކަމުގެ ޚަބަރު ލިބުނެވެ. މިފަހަރު ޒައިދު ރުޅިއައުމުގެ ބަދަލުގައި ވަރަށް ކެތްތެރިކަމާއެކު އެކަމަށް ކުރިމަތިލިއެވެ.

ޒައިދު ނިންމީ އޭނާގެ ޙަޔާތުގައި ކުރި އެންމެ ބޮޑު ކުށަށް މަޢާފަށް އެދުމަށެވެ. އެއީ މާހީގެ ބައްޕަ އިސްމާޢީލްގެ ކިބައިންނެވެ. އޭނާ މާހީއާއި ޒަލަފް ގޮވައިގެން އިސްމާޢީލްގެ ގެއަށް ދިޔައެވެ.

“ބައްޕާ. އަހަރެން މިއައީ އަހަރެންގެ ބޮޑާކަމާއި ވިޔާނުދާ އަމަލުތަކަށް މާފަށް އެދެން. ބައްޕަގެ ދަރިފުޅާއި ކާފަ ދަރިފުޅުގެ ޙައްޤުގައި އަހަންނަށް މާފްކުރޭ.” އިސްމާޢީލްގެ ކުރިމަތީގައި ޒައިދު އިސްދަށަށް ޖަހާލިއެވެ.

އިސްމާޢީލް ފުރަތަމަ ހިމޭނުން އިނެވެ. ނަމަވެސް ޒަލަފް ގޮސް އޭނާގެ ކާފަގެ އަތުގައި ހިފާލާފައި ބަލައިލި ގޮތުން އެ ހިލަ ހިތް މަޑުވިއެވެ.

“ޒައިދު. މާފްކުރުމަކީ މާތް ސިފައެއް. ކަލެއަށް ކަލޭގެ ކުށް އިހުސާސްވުމަކީ ކަލޭ ބަދަލުވެއްޖެކަމުގެ ހެއްކެއް. އެހެންވެ އަހަރެން ކަލެއަށް މާފްކޮށްފިން.” އިސްމާޢީލް ޒައިދުގެ އަތުގައި ހިފާލާފައި ބުނެލިއެވެ. ޒައިދު އިސްއުފުލާ ބަލައިލުމުން ބޯޖަހާލިއެވެ.

އެރޭ އެންމެން އެކުގައި ރޭގަނޑުގެ ކެއުމުގައި ބައިވެރިވިއެވެ. މިއީ މީގެ އެތައް އަހަރެއް ކުރިން ބައިބައިވި އާއިލާއެއް އަލުން ގުޅުނު އުފާވެރި ވަގުތެކެވެ.

ޒައިދުގެ ވިޔަފާރީގައި ބޮޑު ގެއްލުމެއް ލިބުނެވެ. އޭނާގެ ބައެއް މުދާތައް ވިއްކާލަން ޖެހުނެވެ. ކުރީގެ ޒައިދުނަމަ މިކަމާ މޮޔަވެގެން ގޭގެ އެންމެނަށް އަނިޔާ ކުރީހެވެ. ނަމަވެސް މިފަހަރު އޭނާ ހުރީ ހަމަޖެހިލައިގެންނެވެ.

“މާހީ. އަހަރެންގެ އަތުން މުދާތައް ބީވެގެން ގޮސްފި. އެކަމަކު މިހާރު އަހަރެންގެ ހިތުގައި ބިރުވެރިކަމެއް ނެތް. އެނގޭތަ އެއީ ކީއްވެކަން؟” މާހީ ބޯ ހޫރާލިއެވެ.

“އެއީ އަހަރެންގެ ހަޤީޤީ މުއްސަނދިކަން އަހަންނަށް އިހުސާސްކުރެވުނީމަ. އެއީ ތި ދެމައިން. މާހީ ނެތް ދުވަސްތަކުގައި އަހަރެން އެކަން ފާޅުނުކުރިޔަސް އަހަންނަށް އިހުސާސްކުރެވުނު އަހަރެން ކިހާ އެކަނިވެރިކަން. އެކަމަކު އަހަރެންގެ އީގޯގެ ސަބަބުން އަހަރެން ގޮތް ދޫނުކުރަން ހުރީ.” ޒައިދު މާހީގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“އަހަރެމެން އާދައިގެ ދިރިއުޅުމަކަށް ދާން ޖެހުނަސް އަހަރެމެން ތިބޭނީ އެކުގައި. އެއީ ހަޤީޤީ ކާމިޔާބީއަކީ.” މާހީ ޒައިދަށް ހިތްވަރު ދިނެވެ.

ޒަލަފް ބޮޑުވަމުން ދިޔައީ މި އުފާވެރި އޯގާތެރި މާހައުލުގައެވެ. އޭނާގެ ހިތުގައި އޮތް ބިރުވެރިކަން ފިލައި އޭނާއަކީ މިހާރު ސްކޫލުގެ އެންމެ މޮޅު އަދި އެންމެ އަދަބުވެރި އެއް ދަރިވަރެވެ.

އަހަރުތަކެއް ފާއިތުވެގެން ދިޔައެވެ. ޒަލަފް ބޮޑުވެ ޔުނިވަރސިޓީ ނިންމައިފިއެވެ. އޭނާގެ ގްރެޖުއޭޝަން ހަފުލާގައި ޒައިދާއި މާހީ ތިބީ ފަޚުރުވެރިކަމާއެކު ބަލަހައްޓައިގެންނެވެ.

“މިއަދު އަޅުގަނޑު މި މަޤާމުގައި މިހުރީ އަޅުގަނޑުގެ ބައްޕަ ދަސްކޮށްދިން ފިލާވަޅެއްގެ ސަބަބުން. ބައްޕަ އަޅުގަނޑަށް ދަސްކޮށްދިނީ އިންސާނާގެ އަގު ވަޒަންކުރެވެނީ އޭނާގެ އަތުގައި ހުރި ފައިސާއަކުން ނޫންކަމާއި އެހެން މީހުންނަށް ބަހައްޓާ އޯގާތެރިކަމާއި ލޯބިންކަން.” ޒަލަފް އޭނާގެ ސްޕީޗުގައި ބުންޏެވެ.

ޒައިދު މާހީގެ އަތުގައި ބާރަށް ހިފާލިއެވެ. އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާޅުވިއެވެ. އޭނާއަށް މިއަދު އިހުސާސްވީ އޭނާގެ ޙަޔާތުގެ އެންމެ ބޮޑު “އިންވެސްޓްމަންޓް” އަކީ އޭނާގެ އާއިލާ ކަމެވެ.

އުދަރެހުން އިރުއޮއްސި ތަރިތައް ފާޅުވަމުން ދިޔައިރު އެ އާއިލާ ތިބީ އެކުގައި ހިނިތުންވެލައިގެންނެވެ. ޒަލަފްގެ ޙަޔާތުގެ ވާހަކައަކީ ހަމައެކަނި ކުޑަކުއްޖެއްގެ ވާހަކައެއް ނޫނެވެ. އެއީ ވިސްނައިފި ކޮންމެ އިންސާނަކަށްވެސް ލިބިގެންދާނެ ވަރުގަދަ ފިލާވަޅެކެވެ. ބޮޑާކަމާއި ކިބުރުވެރިކަމަކީ އާއިލާ ރޫޅާލާ އެއްޗެކެވެ. ނަމަވެސް ލޯތްބާއި މަޢާފުކުރުމަކީ ކޮންމެ ރިހުމަކަށް އޮތް ޝިފާއެކެވެ.

(ނިމުނީ)

ނޯޓް
މިއީ ހަޤީޤީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top