ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ޝަމްހޫރިޝް އެނބުރި އައުން – ތިންވަނަ ބައި

ރާޔާގެ ކޮޓަރިން ނުކުމެގެން އަކްމަލް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ހަމަ ވަދެވުމާއެކު އެނދުމައްޗަށް ވެއްޓިގަތެވެ. ބޯއަޅާ ބާލީސް ދޮށަށް އޮތްކޮށްޕައިލަމުން އެއްޗެއް ނެގިއެވެ. ބާލީސް ދަށުން އޭނާ ނެގީ ރާޔާގެ ފޮޓޯގަނޑެކެވެ. ބާލީހުގައި ރަނގަޅަށް ބޯއަޅާލައި ހަމަޖެހިލަމުން ރާޔާގެ ފޮޓޯއަށް ބަލަން ފެށިއެވެ.

♫⋆。♪ ތުމްހޭ ޕަތާ ތޯ ހޯގާ، ކެ މޭރެ ދިމް މެއިނ ކިޔާ ހޭ

ޗަލޯ ކެހް ހި ދޭތާ ހޫން، ކަބީ ނަހީ ޖޯ ކަހާ ހޭ

ތުމް ހޭ މެރޭ ހަރް ޕަލް މެއިން، ތުމް އާޖް މެއިނ ތުމް ކަލް މެއިނ

ހޭ ޝޯނާ، ހޭ ޝޯނާ.. ♫⋆。♪

ފޮޓޯއަށް ބަލަން އޮވެ އަކްމަލްގެ ހިތްގައިމު އަޑުން މި ލަވަ ކިޔަމުން އަރިއަކަށް ޖެހިލައި ފާރުގައި ފޮޓޯ ލައްކޮށްލުމަށްފަހު އެނދުގައި އުޅަނބޮށި ޖައްސާލައި ދަތްދޮޅީގައި އަތްވިދެލަމުން ފޮޓޯއަށް އަނެއްކާވެސް ބަލަން ފެށިއެވެ.

ރާޔާގެ ފޮޓޯއަށް ބަލަހައްޓައިގެން އޮވެ އޭނާގެ އަމިއްލަ ނަފްސާ މުޚާތަބުކޮށް ލައްކަ ފޮނި ލޯބީގެ ވާހަކަތައް ދެއްކިއެވެ.

***~~~***

ދެގަޑިއިރު ފަހުން ރާޔާއަށް ހޭލެވުނުއިރު، އޭނާ އޮތީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. މުޅި ހަށިގަނޑުގައި ރިހުމެއް ހުއްޓެވެ. ހީވަނީ އޭނާ ނިދާފައި އޮތްއިރު ގައިމަތީގައި ބަރު އެއްޗެއް އޮތްހެންނެވެ.

“މިއީ ކޮންކަހަލަ އިހުސާސެއްބާ؟” އޭނާ އަމިއްލަ ނަފްސާ ސުވާލުކުރިއެވެ. އެނދުން ތެދުވެ ބޮކި ދިއްލާލި ވަގުތު އޭނާ ސިހިގެން ދިޔައެވެ. އެނދުގެ އަނެއްފަރާތް އޮތީ މީހަކު ނިދާފައި އޮތް ފަދަ ގޮތަކަށް ހޭވިފައެވެ. ބިރުން ގޮސް އޭނާގެ ބޯ ހާސްވެ، ފަހަތަށް ޖެހެމުން ގޮސް ތަޅުލާފައިވާ ދޮރުގައި ލެނގިލިއެވެ.

ކުއްލިއަކަށް ދޮރުގައި ޓަކިޖެހި އަޑަށް އޭނާ ސިހި، ދޮރުމަތިން ދުރަށް ޖެހުނެވެ. ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ އަކްމަލްއެވެ. އަކްމަލް އެތެރެއަށް ވަނުމަށް ފުރުސަތުދެމުން ރާޔާ ފަހަތަށް ޖެހިލިއެވެ. އަކްމަލްގެ ނަޒަރު ރާޔާއަށް ހުއްޓިފައި ހުރިއިރު، އޭނާ ފަހަތުން ދޮރު ލެއްޕިއެވެ.

“އަކްމަލް؟” ރާޔާ ހައިރާންވެފައި ގޮވާލިއެވެ. އަކްމަލް އޭނާގެ އިނގިލި ރާޔާގެ ތުންފަތުގައި ޖައްސާލުމުން، ދެމީހުންގެ ނަޒަރު ސީދާކޮށްލިއެވެ. ރާޔާއަށް އެއްޗެއް ބުނެވުމުގެ ކުރިން، އަކްމަލް އޭނާގެ އަތުގައި ހިފާ ދޮރާލާ ފިއްތާލިއެވެ.

“އަކްމަލް؟ ތިޔަ ކުރަނީ ކީއް؟” ރާޔާ އެހިއެވެ. “އަހަރެން ރާޔާ ދެކެ ލޯބިވޭ. އެއީ ފެނުނު ފުރަތަމަ ނަޒަރުން ފެށިގެން އުފެދުނު ލޯތްބެއް. ތިޔައީ މަގޭ ފުރަތަމަ އަދި އެންމެ ފަހުގެ ލޯބި،” އަކްމަލް މަޑުމައިތިރި އަޑަކުން ބުންޏެވެ.

ރާޔާ އިސްޖަހާލުމުން، އަކްމަލް އޭނާގެ ދަތްދޮޅީގައި ހިފާ އުފުލާލިއެވެ. “ހާސިލުނުވި ލޯބީގެ ހޫނުގައި އަހަރެން އަނދަމުންދަނީ، އިރުއޮއްސޭ ވަގުތު ދިއްލާ ބައްތިތަކެއް ފަދައިން. އުއްބައްތި ދިއްލެނީ ދެއްކުންތެރިކަމަށްޓަކައި ކަމަށްވިޔަސް، އަހަރެން އަނދަމުންދަނީ އެއްވެސް މީހަކަށް ނޭނގި އެ އަލިފާނުގެ ތެރޭގަ. މަގޭ ނަމާއެކު ރާޔާގެ ނަން ކިޔޭ ކޮންމެ ފަހަރަކު، މީހުން ހަސަދަވެރިވަނީ ކީއްވެގެން ކަމެއް ނޭނގޭ،” އަކްމަލް މިހެން ބުނުމުން ރާޔާ އޭނާގެ އަތްދަށުން ދެމިގަންނަން އުޅުނެވެ. ނަމަވެސް އަކްމަލް ރާޔާގެ މޫނުގައި ފިރުމާލަމުން ހިނިތުންވެލިއެވެ.

“އަބަދުވެސް ލޯބިވީ ހަމައެކަނި އަހަރެން އެކަންޏެއް ނޫން. ރާޔާވެސް އަހަރެންދެކެ ލޯބިވީމެއްނު؟”

މިހެން ބުނުމަށްފަހު އަކްމަލް ދުރަށް ޖެހިލާ، އެނދުމަތީގައި އޮތް ބާލީސް ދަށުން އޭނާގެ އަމިއްލަ ފޮޓޯއެއް ނަގާ ރާޔާއަށް ދައްކާލިއެވެ. ރާޔާގެ ދެލޯ ބޮޑުވެ، ހާސްވެގެން އިނގިލިތަކާ ކުޅެން ފެށިއެވެ.

“އަހަރެން… އަހަރެން…” އޭނާއަށް ވާހަކަދައްކަން އުނދަގޫވިއެވެ.

“މީގެ އިތުރު ތަފްސީލެއް ދެވިދާނެތަ؟ ނޫނީ މިއީ އަހަރުމެން ކުޅޭ ކުޑަކުދިންގެ ކުޅިވަރެއް ނުވަތަ ރޭވުމެއް ކަމަށް ބުނަންވީތަ؟” އަކްމަލް ސަމާސާ ރާގަކަށް ބުންޏެވެ. ރާޔާ ބޯ ހޫރާލިއެވެ.

“އެ ފޮޓޯ އެތަނުގައި ބޭއްވީ ހަމަ އަހަރެން،” އޭނާ އެއްބަސްވިއެވެ.

“އެކަމަކު ކީއްވެ؟” އަކްމަލް އެހިއެވެ.

“މާކުރިން ފެށިގެންވެސް އަހަރެންގެ ހިތުގައި އަކޫއަށްޓަކައި ޝައުޤުވެރިކަމެއް އުފެދިފައިވޭ. ފަހަރުގައި އެއީ ކްރަޝްއެއް ކަމަށް ވެދާނެ. ހިތުގައި ތަފާތު އިހުސާސްތަކެއް ހިނގާ ކަހަލަ،” ރާޔާ ބުންޏެވެ.

“އެއީ ހަމައެކަނި ޝައުޤުވެރިކަމެއް ނޫން، އަދި ކްރަޝްއެއްވެސް ނޫން. އެއީ ލޯބި،” އަކްމަލް ބުންޏެވެ.

“ވެދާނެ، ނުވަތަ ނުވެވެސް ދާނެ،” އަކްމަލް ކައިރިވަމުން ދިޔަ ވަގުތު ރާޔާ ލޯ މަރާލަމުން ބުންޏެވެ.

“ރާޔާގެ ތިޔަ ޖާދުވީ ދެލޮލަށް ބަލަން އަހަރެން މުޅި އުމުރުވެސް ހޭދަކޮށްލަން ބޭނުން،” އަކްމަލް ބުންޏެވެ. އަކްމަލް މާ ބޮޑަށް ކައިރިވުމުން ރާޔާ ލޯ ހުޅުވާލާފައި ދުރަށް ޖެހެން މަސައްކަތް ކުރިއެވެ. ނަމަވެސް، ނޭނގި ތިއްބާ ދެމީހުންގެ ތުންފަތް ބައްދަލުވެ، ދިގު ބޮސްދިނުމަކަށް ބަދަލުވިއެވެ. ދެމީހުން އެނދުމަތީގައި އޮށޯތްއިރު އަކްމަލް އޮތީ ރާޔާގެ ގައި މަތީގައެވެ. ދެމީހުން ވަކިނުވެ ތިއްބާ، ރާޔާ އަކްމަލްގެ މޭމަތީގައި ބޯއަޅާލިއެވެ. އެވަގުތު އަކްމަލްގެ ދެލޮލަށް ބަދަލުތަކެއް އައެވެ. އޭނާގެ ލޮލުގެ ހުދުކަން ކެނޑި، މުޅި ދެލޯ ކަޅުކުލައަށް ބަދަލުވިއެވެ.

“ތި ލޮލުގެ މަސްތީކަމާއި… ތި ހިނިތުންވުމުގެ ސަމާސާކަމާއި… ތި އިސްތަށިގަނޑުގެ ރީތިކަން… އަހަރެން ދިރިހުރިހާ ހިނދަކު ހަނދާނެއް ނައްތައެއް ނުލާނަން… ،” އަކްމަލް އޭނާގެ ބަރު އަޑުން ބުންޏެވެ.

އޭނާއާ ދިމާލަށް ބަލަހައްޓައިގެން އޮވެ ރާޔާ ހިނިތުންވެލިއެވެ. އެވަގުތު އަކްމަލްގެ ދެލޯ އަލުން އާދައިގެ ގޮތަށް ބަދަލުވިއެވެ.

“މާތައް ފޮޅި، ބަހާރު މޫސުމުގެ ރީތިކަން ފެތުރޭ ހިނދު… މިފަދަ މޫސުމެއްގައި ލޯބި އާލާވޭ… ހިތުގެ ވާހަކަތައް ތުންފަތުން ބަޔާންކުރާކަށް ނުޖެހޭ… އެއީ ދެލޮލުން ކިޔައިދޭ ފަސާނާއެއް،” ރާޔާވެސް އޭނާގެ މަސްތީ އަޑުން ބުންޏެވެ. އަކްމަލް ހިނިތުންވެލުމުން ރާޔާވެސް ހިނިތުންވެލިއެވެ.

***~~~***

ޖެހިގެން އައި ދުވަހުގެ ހެނދުނު، ކަންފަތަށް ހެޑްސެޓް ޖަހައިގެން ރާޔާ ކަސްރަތަށް ދުވަން އުޅެނިކޮށް އަކްމަލް އައިސް އޭނާއާއެކު ދުވަން ފެށިއެވެ. ވަރުބަލިވުމުން އެމީހުން ވިނަގަނޑު މަތީގައި އިށީނދެލިއެވެ. ވައިރޯޅިތަކާއެކު ރާޔާގެ އިސްތަށިގަނޑު ވިހުރެމުންދިޔަ މަންޒަރަށް އަކްމަލް ބަލަހައްޓައިގެން އިނީ ހިތްކަތިލެވިފައިވާ ހާލުގައެވެ. ރާޔާވެސް އިނީ އަކްމަލްގެ ފުރިހަމަކަމަށް ގެއްލިފައެވެ.

“އަހަރެން ވަރަށް ވަރުބަލިވެއްޖެ، ފެންވަރާލައިގެން ކުޑަކޮށް އަރާމުކޮށްލާފައި ބްރެކްފާސްޓް ނަގަން ބޭނުން،” ރާޔާ ހެދުން ރީތިކޮށްލަމުން ކޮޅަށް ތެދުވެ ބުންޏެވެ. އަދި އެތެރެއަށް ދާން ނުތެދުވެ އިން އަމާނަށް ބަލާލިއެވެ.

“އާދޭ އަވަހަށް،” އަތް ދިއްކޮށްލަމުން ރާޔާ ބުންޏެވެ. އަކްމަލް އޭނާގެ އަތުގައި ހިފައި، އޭނާގެ އުނގުމައްޗަށް ދަމައިގަތެވެ. “އަކޫ، މީހަކަށް ފެނިދާނެ،” ރާޔާ ބުންޏެވެ.

“ގޭގައި އެކަކުވެސް ނެތް، އެންމެން ހިނގައްޖެ. ރާގެ ދައްތައާއި ދައްތަގެ ފިރިމީހާވެސް ދިޔައީ ބޭރަށް،” އަކްމަލް ބުންޏެވެ. ރާޔާ ގެއަށް ބަލާލުމަށްފަހު އަލުން އަމާނަށް ބަލާލިއެވެ.

“އެހެންވީމާ އޭގެ މާނައަކީ އަހަރެން އެތެރެއަށް ދިޔަނުދޭނަމޭތަ؟ އަކޫ، އަހަރެން ވަރުބަލިވެއްޖެ. ފެންވަރަން ބޭނުން، ނާސްތާ ކުރަން ބޭނުން. އަހަރެން ދޫކޮށްލާ، ދިޔަދީ،” އަކްމަލްގެ އަތުގެ ތެރެއިން ސަލާމަތްވާން މަސައްކަތް ކުރަމުން ރާޔާ ބުންޏެވެ.

“ރަނގަޅު، އެކަމަކު ޝަރުތަކާއެކު. މިއަދު ހެނދުނުގެ ނާސްތާ ތައްޔާރުކުރާނީ އަހަރެން،” އަކްމަލް ބުންޏެވެ. ރާޔާ އެއްބަސްވުމުން އަކްމަލް އޭނާ ދޫކޮށްލިއެވެ. ރާޔާ އެތެރެއަށް ވަދެގެން ދިޔަ މަންޒަރު ބަލަން އަކްމަލް އިނެވެ.

***~~~***

އެރޭގެ ވަގުތެއްގައި ރާޔާ ނިދާފައި އޮއްވާ، އޭނާގެ ހަށިގަނޑަށް ބަރުދަނެއް އިހުސާސްވިއެވެ. މީހަކު އޭނާއާ ނުހަނު ގާތްވާ ކަމުގެ ފުން ހުވަފެނެއް ފެނުނެވެ. އެނދުގައި މީހަކު އޭނާ ގުޑުވަމުންދާ ފަދަ އިހުސާސެއް ކުރެވިގެން އޭނާ ސިއްސައިގެން ގޮސް ހޭލެވުނެވެ.

ކޮޓަރިތެރެއަށް ނަޒަރު ހިންގާލި ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

“މިދިޔަ ދެދުވަހުވެސް މިކަހަލަ އާދަޔާޚިލާފު ހުވަފެންތަކެއް މި ފެންނަނީ. ދެން ދަމެއް ހާއިރު ހޭލެވޭއިރު ހީވަނީ ހަމަ ހަގީގަތުގައިވެސް މީހަކު އައިސް އުޅުނުހެން،” ކަންބޮޑުވެފައި ރާޔާ އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. އެވަގުތު ދޮރުގައި ޓަކިޖަހާލި އަޑަށް އޭނާގެ ޚިޔާލުތައް މެދުކެނޑުނެވެ. ތެދުވެގެން ގޮސް ދޮރު ހުޅުވާލިއިރު އަކްމަލް ފެނުމުން ވަގުތުން އޭނާގެ ގައިގައި ބައްދާލިއެވެ. އަކްމަލްވެސް އޭނާގެ ގައިގައި ބައްދާލިއެވެ.

“ކިހިނެއްވީ ރާޔާ؟ ބިރުވެރި ހުވަފެނެއް ފެނީތަ؟” އަކްމަލް އެހިއެވެ. އެމީހުން އެތެރެއަށް ވަދެ، ލައިޓް ޖައްސައިލުމަށްފަހު އިށީނދެލިއެވެ.

“އަކޫ، މިދިޔަ ދެދުވަހު އަހަންނަށް ވަރަށް ނުބައި ހުވަފެންތަކެއް އެބަފެނޭ. މީހަކު އަހަންނާ ގާތްވާހެން ހީވަނީ، އަދި ހޭލެވޭއިރު އެއީ ހަގީގަތެއްހެން އިހުސާސްވަނީ،” ރާޔާ ކިޔައިދިނެވެ. އަކްމަލް، ރާޔާގެ ދެއަތުގައި ހިފާލިއެވެ.

“ބަލަ ރާޔާ، ކޮންމެ ހުވަފެނެއްވެސް ފެންނައިރު ހީވާނީ ހަގީގަތެއްހެން. އެކަމަކު ހޭލުމާއެކު ހުރިހާ ކަމެއް ފިލައިގެންދާނެ. ތިހާ ކަންބޮޑުނުވެ ނިދާލަން އުޅޭ،” ރާޔާ ބާއްވައި އޭނާގެ ގައިގައި ރަޖާ އަޅައިދެމުން އަކްމަލް ބުންޏެވެ.

“އެކަމަކު އާކޫ، އަހަރެން މި ބުނަނީ ތެދެއް،” ރާޔާ ބުންޏެވެ. އަކްމަލް އޭނާގެ އަތް ރާޔާގެ ނިތްކުރީގައި ބާއްވާލައި، ދެލޯ މަރާލުމަށް ބުނެލުމާއެކު އަކްމަލްގެ ޖާދޫގެ އެހީގައި ރާޔާއަށް ވަގުތުން ނިދުނެވެ.

އަކްމަލް މަކަރުވެރި ގޮތަކަށް ހިނިތުންވެލިއެވެ. އަދި ނުބައި ގޮތަކަށް ހޭންފެށިއެވެ.

“ކަލޭގެ ފުރާނަ ވަނީ މަސްތުވެފައި، އަހަރެންގެ އަތުތެރެއަށް އާދޭ. މި ހަލަބޮލިކަމުގެ ތެރޭގައި ކަލޭގެ ނޭވާތައް ހިމޭންވެފައިވަނީ ކީއްވެ؟ އަހަރެން މިއީ ކަލޭގެ ހިޔަނި، އަހަރެން ކަލެއާ ވަކިވާނީ ކިހިނެއް؟ ކަލެއަށް ހީވަނީ އަހަރެން ގެއްލިފައިވާ ކަމަށް، އެކަމަކު އަހަރެން މިއީ ރޫހެއް… އޫޕްސް، ސޮރީ، އަހަރެން މިއީ ޖިއްނިއެއް. އެއީވެސް އާދައިގެ ޖިއްނިއެއް ނޫން. ބަދަލުހިފުމުގެ އަލިފާނުގައި ކެތްމަދުވެފައިވާ ޖިއްނިއެއް. އެންމެންވެސް މަރުވާނެ!” މިހެން ބުނެ އޭނާ ބާރަށް ހޭންފެށިއެވެ.

އެވަގުތު އޭނާގެ ކުރިމައްޗަށް އަންހެން ސޫރައެއް ފާޅުވިއެވެ. ހަމައެއާއެކު އަކްމަލްގެ ހަށިގަނޑު ހޭނެތިގެން އެނދުމައްޗަށް ވެއްޓުނެވެ. އަދި އޭނާގެ ހަށިގަނޑުން ޖިއްނި ނުކުތެވެ.

“އޭ އަހަރެންގެ ލޯބިވާ ޖިއްނި، ކަލޭ ތި އައީ ދޯ،” އަކްމަލްގެ ހަށިގަނޑުން ނުކުތް ޖިންނި ބުންޏެވެ.

“އާނ، ކަލޭގެ ސިލާ މިހިރީ ކަލޭގެ ގާތަށް އައިސް. އެކަމަކު… ޝަމްހޫރިޝް، ކަލޭ އަކްމަލްގެ ހަށިގަނޑުން ތި ނުކުތީ ކުޑަވަގުތުކޮޅަކަށް ދޯ؟ އަލުން އޭނާގެ ހަށިގަނޑަށް ވަންނާނަން ދޯ؟ ކަލޭ ތިކުރާ ކަންތަކުން އަހަރެމެންގެ ބަދަލުހިފުން ފުރިހަމަވާނެތަ؟” ސިލާ އެހިއެވެ.

“ވާނެ، ހަމަޔަގީނުންވެސް ވާނެ. ނިކަމެތި ރާޔާއަށް ހީވަނީ އަކްމަލް މިތަނަށް އައީ އަމިއްލަ އިޚްތިޔާރުގައި ކަމަށް. އެކަމަކު އޭނާ މިތަނަށް އެއައީ އަހަރެންގެ ބާރުގައި. އަކްމަލަށް މިކަމެއް ނޭނގޭ. އޭނާ އަހަންނަށް ގޮންޖެހީމާ އަހަރެން މިއައީ. ހުރިހާ ކަމެއްވެސް ދަނީ ރޭވުމާ އެއްގޮތަށް،” ޝަމްހޫރިޝް ބުންޏެވެ. އަދި އެ ދެ ޖިންނި އޭގެ ބަރު އަޑުން ބާރަށް ހޭންފެށިއެވެ.

ނުނިމޭ

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top