ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވަރުގަދަ މާޒިޔާ ބަލިކޮށް އޮޑި ޤައުމީ ތަށި ހޯދައިފި!
ފޮޓޯ: ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ޕްރެޒިޑެންޓްސްކަޕް 2026 ފުޓްބޯޅަ މުބާރާތުގެ ފައިނަލްގަ ވަރުގަދަ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް އޮޑި ސްޕޯރޓްސް ތަށި ހޯދައިފިއެވެ. މިރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އޮޑިން ކުރިހޯދީ 5-6 އިންނެވެ.

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ސަރަފުވެރިމުބާރާތުގެ ފައިނަލް މެޗުން 6-7 އިން މޮޅުވެ އޮޑިން ތަށި ހޯދިއިރު، އޮޑިއަކީ ޕްރެޒިޑެންޓްސް ކަޕްގައި އަލަށް ވާދަކުރި ޓީމެކެވެ.

މެޗުގެ ފުރަތަމަ ލަނޑު މެޗް ފަށައިގެން މާގިނައިރެއް ނުވެ މާޒިޔާއިން ވަނީ ކާމިޔާބުކޮށްފައެވެ.

3 ވަނަ މިނިޓްގައި މާޒިޔާއަށް މިލަނޑު ޖަހައިދިނީ ނާއިޒް ހަސަން (ދާދު) އެވެ. މާޒިޔާގެ ހާފުތެރެއިން މަތިމަތިން ސިފާއި ފޮނުވާލި ބޯޅަ ނާއިޒް ހަސަނަށް ލިބުނީ އޮޑީގެ ޑިފެންޑަރުންގެ ބޯމަތިން ގޮހެވެ. ބޯޅަ ކޮންޓްރޯލްކޮށްލުމަށްފަހު ނާއިޒް ފޮނުވާލީ ކީޕަރު މުޙައްމަދު ޝަފީއުގެ ދުރު ކަނަށެވެ. އެބޯޅަ ހޯދަން ޝަފީއު މަސައްކަތްކުރި ނަމަވެސް އަތުގައި ނުޖެހި ތިރިތިރިން ގޮސް ބޯޅަ ވަނީ ގޯލްގެ ތެރެއަށެވެ.

މާޒިޔާއަށް ދުލެއް ނުދީ ލަނޑު ޖެހުމަށް މަސައްކަތްކުރަމުންދިޔަ އޮޑިން ނަތީޖާ ހަމަހަމަކުރީ 13 ވަނަ މިނިޓްގައެވެ. މާޒިޔާގެ އޭރިޔާ ބޭރު އަރިމަތިން އައިހަމް ނަގައިދިން ހުރަސް ބޮލުން ޖަހަން މަސައްކަތްކުރި އޮޑީގެ މުޒްދާންގެ ބޮލުގައި ލައްވައި ނުލައި ލިބުނީ އަހްޒަމްއަށެވެ. އަހްޒަމް ފޮނުވާލި ބޯޅަ މާޒިޔާގެ ޑިފެންޑަރުން ދިފާއުކުރި ނަމަވެސް ބޯޅަ ސާފުކޮށްލެވޭ ވަރެއް ނުވިއެވެ. ކިޔާނޫއަށް ބޯޅަ ލިބުމާއިއެކު އެއްފަހަރުން ވަނީ ގޯލްގެތެރެއަށް ފޮނުވާލާފައެވެ. ތިރިތިރިން ކިއާނޫ ފޮނުވާލި ބޯޅަ ސަލަމާތްކުރަން މަސައްކަތްކުރި މާޒިޔާގެ ޑިފެންޑަރުންނަށް ނުލިބި ވަނީ ގޯލްގެތެރެއަށެވެ.

ދެވަނަ ފަހަރަށް މާޒިޔާކޮޅަށް މެޗްގެ ނަތީޖާ އަނބުރާލުމަށް ރަނގަޅު ފުރުސަތެއް 34 ވަނަ މިނިޓްގައި ނާއިޒް ހަސަންއަށް ލިބުނު ނަމަވެސް ބޭނުން ކުރެވޭގޮތެއް ނުވިއެވެ. އޮޑީގެ ހާފުގެ މެދުތެރެއިން މާޒިޔާ ކުޅުންތެރިން ފޮނުވާލި އެ ބޯޅަ ނާއިޒަށް ލިބުނީ އޮޑީގެ ޑިފެންޑަރުންގެ ބޯމަތިން ގޮހެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުން މޮޅުވާނެ ރަނގަޅު ފުރުސަތެއް އޮޑިއަށް ވެސް ވަނީ ލިބިފައެވެ. 41 ވަނަ މިނިޓްގައި ކިޔާނޫއަށް ލިބުނު ބޯޅަ ހިފައިގެން ހުސްކޮށް އޭރިޔާތެރެއަށް ވަތްއިރު މާޒިޔާ ކުޅުންތެރިން ތިބީ އޮފްސައިޑް ހަދައިގެންނެވެ. ހުސްކޮށް ހުރެ ކިޔާނޫ ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް ވަނީ ދިފާއުކޮށްފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުމާއިއެކު އޮޑިން ވަނީ ގާތްގާތުގައި ދެހަމަލާއެއް ފޮނުވާލާފައެވެ. އެއްހަމަލާ ގޯލާއި އަމާޒު ނުވެދިޔައިރު އަނެއް ހަމަލާ ދިފާއުކުރީ މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފްއެވެ.

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދެޓީމުން ތަނަވަސްކުރި މިހާފުގައި ދެޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ.

ފައިނަލްމެޗްގެ މޮޅު ކުޅުންތެރިއަކަށް އޮޑި ސްޕޯރޓްސްގެ ކީޕަރު މުޙައްމަދު ޝަފީއު ހޮވިފައިވާއިރު، މުބާރާތުގެ އެންމެގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި، މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޮޑި ސްޕޯރޓްސްގެ ޒުވާން ކުޅުންތެރިޔާ އަހްޒަމް ރަޝީދުއެވެ

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top