ޔޫތު ޗެމްޕިއަންޝިޕް 19 އަހަރުން ދަށު މުބާރާތުގައި މާޒިޔާއިން ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައި ދެ ފަހަރަށް އެއްވަރުކޮށް މާޒިޔާ މޮޅުވިޔަނުދީ ނިއުރޭޑިއަންޓުން ހިފަހައްޓައިފިއެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅެވުނު މި މެޗަކީ މުބާރާތުގެ ފަސްވަނަ މެޗެވެ. އަދި މި ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. މާޒިޔާއިން ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ކާމިޔާބު ކުރިއިރު، ނިއުރޭޑިއަންޓް ކުޅުނު މެޗު ވީ އެއްވަރެވެ.
މެޗު ފަށައިގެން ރަނގަޅަށް ކުޅުނު މާޒިޔާއިން ވަނީ މެޗުގެ ތިންވަނަ މިނިޓްގައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނައްސާހް އިބްރާހިމް ނާސިރެވެ. ނިއުރޭޑިއަންޓްގެ އޭރިޔާ ބޭރުން ލިބުނު ފްރީކިކް މާޒިޔާ ކުޅުންތެރިއަކު މަތިމަތިން ގޯލް ކުރިމައްޗަށް ހުރަސްކޮށްލުމާއިއެކު އެ ޓީމުގެ އެހެން ކުޅުންތެރިއަކު ބޮލުން ގޯލާއި ދިމާއަށް ފޮނުވާލިއެވެ. އެ ބޯޅަ ނިއުރޭޑިއަންޓްގެ ކީޕަރު ދިފާއުކުރި ނަމަވެސް ދެވަނަ ފަހަރަށް ވެސް ލިބުނީ މާޒިޔާ ކުޅުންތެރިއަކަށެވެ. ގޯލް ދަނޑިކައިރީ ހުސްކޮށް ހުރި ނައްސާހު ވަނީ އެއްފަހަރުން އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލާފައެވެ.
މާޒިޔާއިން ލީޑު ކުރަމުންދިޔަ މި މެޗުގެ 18 ވަނަ މިނެޓުގައި މާޒިޔާއިން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ. ކޯނަރުން ގޯލް ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ ނިއުރޭޑިއަންޓް ކުޅުންތެރިން ދިފާއުކުރި ނަމަވެސް ދެވަނަ ފަހަރަށް އެ ބޯޅަ ހޯދައި މާޒިޔާ ކުޅުންތެރިއަކު ވަނީ ގޯލް ކުރިމައްޗަށް ހުރަސް ކޮށްލާފައެވެ. މަތިމަތިން އައި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އައިދު މުހައްމަދު ޖަވީޒްއެވެ.
ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ނިއުރޭޑިއަންޓުން އުންމީދު އާކުރީ 20 ވަނަ މިނިޓްގައި އާކިފް ބިން މުޙައްމަދު ޖަހައިދިން ލަނޑުންނެވެ. މާޒިޔާގެ އޭރިޔާ ތެރެއިން ކީޕަރު ދިފާއުކުރަން މަސައްކަތްކުރި ބޯޅަ ކީޕަރު އަތުން ދޫވުމާއިއެކު ނިއުރޭޑިއަންޓްގެ ކުޅުންތެރިއަކު ހޯދައި އާކިފްއަށް ޖައްސާލި ބޯޅަ، އޭނާ ގޯލްގެ ތެރެއަށް ފޮނުވާލީ ތިރިތިރިންނެވެ.
މަޑުމަޑުން ކުޅުން ރަނގަޅުކޮށް މެޗުތެރެއަށް ވަތް ނިއުރޭޑިއަންޓުން ނަތީޖާ ހަމަހަމަކުރީ 36 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިބްރާހީމް އަރުޝާން ނާޝިދެވެ. މާޒިޔާގެ އޭރިޔާތެރެއަށް ވަދެ ނިއުރޭޑިއަންޓްގެ ކުޅުންތެރިއަކު ގޯލާއި ދިމާއަށް ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އަރުޝާން ވަނީ އެއްފަހަރުން އެ ބޯޅަ ގޯލަށް ވައްދާލާފައެވެ.
ދެވަނަ ފަހަރަށް މާޒިޔާއިން ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުއެވެ. ނިއުރޭޑިއަންޓްގެ އޭރިޔާ ތެރެއިން މުޙައްމަދު އިލާން އިމްރާން ގޯލާއި ދިމާއަށް ފޮނުވާލި ބާރު ބޯޅަ ނިއުރޭޑިއަންޓްގެ ކީޕަރު ދިފާއުކުރި ނަމަވެސް ދެވަނަ ފަހަރަށް ވެސް ލިބުނީ މާޒިޔާގެ ކުޅުންތެރިއަކަށެވެ. ބޯޅަ ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަނޫފް ޢަބްދުﷲ އެވެ.
ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މިހާފު ނިމުނީ އިތުރު ލަނޑެއް ނުޖެހިއެވެ.
ނިއުރޭޑިއަންޓުން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރީ 77 ވަނަ މިނެޓުގައެވެ. އީތަން އިބްރާހީމް ޒަކީ މަތިމަތިން މާޒިޔާގެ ގޯލު ކުރިމައްޗަށް ނަގައިދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރާޒީ މުޖުތަބާ ޒާހިރުއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނިއުރޭޑިއަންޓްގެ މުޙައްމަދު އިޒާން ޢަލީއެވެ.
މި މުބާރާތުގެ މެޗެއް މިރޭ ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ކެޔޮދޫ އާއި އޮޑި ސްޕޯރޓްސް ކުލަބެވެ.
