އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ރީޖަނަލް ލީގު ފުޓްބޯޅަ މުބާރާތުގެ ސައުތު ރީޖަން ލީގުގައި މިއަދު ބައްދަލުކުރީ ގއ. ގައްދޫ އާއި ލ. ކުނަހަންދޫއެވެ. މިއީ މި ރީޖަންގެ 4 ވަނަ މެޗެވެ.
މާބޮޑު ވާދަވެރިކަމެއް ނެތް މި މެޗުން ގައްދޫ މޮޅުވީ ފަސޭހަކަމާއިއެކުއެވެ. މުޅި މެޗް ޑޮމިނޭޓްކޮށްގެން ކުޅެމުންދިޔަ ގައްދޫން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ހޯދައިފައެވެ. އެޓޭކަށްވުރެ ބޮޑަށް ޑިފެންސަށް އިސްކަންދީގެން ކުޅެމުންދިޔަ ކުނަހަންދޫން ވަނީ ގައްދޫން އުފައްދަމުންދިޔަ އެޓޭކްތައް ހުއްޓުމުގައި ބޮޑު ކާމިޔާބެއް ހޯދައިފައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ގައްދޫން ޖެހީ 21 ވަނަ މިނިޓްގައެވެ.
މި ލަނޑަށްފަހު ވެސް ގައްދޫއަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވެފައެވެ.
ގައްދޫން މި މެޗުގައި ޖެހި ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. މި ލަނޑު ގައްދޫ ޓީމުން ޖެހީ އެ ޓީމަށް ލިބުނު ކޯނަރެއް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ވަގުތު އެ ޓީމުގެ ކުޅުންތެރިއަކު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ގައްދޫ ޓީމުން ތިންވަނަ ލަނޑު ޖެހީ 57 ވަނަ މިނިޓްގައެވެ. އެޓޭކަށް އެރި ގައްދޫ ކުޅުންތެރިޔާއަށް ކުނަހަންދޫގެ އޭރިޔާ ބޭރުން ބޯޅަ ލިބުނުއިރު، ކުނަހަންދޫ ކީޕަރު ހުރީ ގޯލް ލައިން ދޫކޮށް މާބޮޑަށް ވެސް ކުރިއަށް ނުކުމެއެވެ. ވަގުތުގެ ބޭނުން ހިފައި ގައްދޫ ކުޅުންތެރިޔާ ވަނީ ކީޕަރުގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފައެވެ.
ގާތްގާތުގައި ފުރުސަތުތައް ތަނަވަސްކުރަމުންދިޔަ ގައްދޫން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ 63 ވަނަ މިނިޓްގައެވެ.
މި މެޗުގައި ކުނަހަންދޫން ޖެހި ލަނޑު، ޖަހާފައިވަނީ 72 ވަނަ މިނިޓްގައެވެ.
މި ރީޖަންގެ މެޗެއް ދެން އޮންނާނީ މި މަހުގެ 9 ވަނަ ދުވަހު އެވެ. ލ. ގަމުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުގައި ބައްދަލުކުރާނީ ގަމާއި ކުނަހަންދޫ އެވެ.
