މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓެރަންސް ކަޕް 2026 ފުޓްބޯޅަ މުބާރާތުގައި ހުޅުމާލޭ ވެޓަރަންސް ކުޅުނު ދެވަނަ މެޗުން ވެސް ފަސޭހަކަމާއިއެކު މޮޅުވެއްޖެއެވެ.
މިއަދު ހަވީރު ހުޅުމާލޭ ވެޓަރަންސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކުޅުނު މެޗުން ހުޅުމާލޭ ވެޓަރަންސް މޮޅުވީ 3-0 އިންނެވެ.
މިއަދުގެ މެޗަކީ ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. ޔޫވީ ކުޅުނު ފުރަތަމަ މެޗުގައި ދަ ގްރާންޑޭ އާއި ބައްދަލުކޮށް އެއްވަރު ވެގެން ނިމުނުއިރު ހުޅުމާލޭ ވެޓަރަންސް ކުޅުނު ފުރަތަމަ މެޗުގައި ހުއްރިއްޔާއާ ވާދަކޮށް އެޓީމު މޮޅުވީ 5-1 އިންނެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ވަނީ ދެޓީމަށް ވެސް ލިބިފައެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ލަނޑު ހުޅުމާލޭ ވެޓަރަންސްއަށް ޖަހައި ދިނީ ފުރަތަމަ ޑިވިޝަންގައި ގިނަ ދުވަސްތަކެއްވަންދެން ކުޅުނު ހުސެއިން ސިމާޒް އެވެ. ސިމާޒް މި ލަނޑު ޖެހީ 43 ވަނަ މިނެޓުގައެވެ.
ހުޅުމާލޭ ވެޓަރަންސްގެ ދެވަނަ ލަނޑު ޖަހައިދިނީ މުއާޒް އެވެ. 51 ވަނަ މިނެޓުގައި ޔޫވީގެ ގޯލް އޭރިޔާ ކުރިމަތިން އޭރިޔާ ބޭރުން ހުޅުމާލޭ ވެޓަރަންސްއަށް ލިބުނު ހިލޭ ޖެހުން މުއާޒް ފޮނުވާލި ކުރިމަތީގައި އެތުރިގެން ތިބި ޔޫވީ ކުޅުންތެރިން ބޯމަތިން ގޯލުގެ ތެރެއަށެވެ. އެ ބޯޅަ ދިފާއުކުރަން މަސައްކަތް ކުރި ޔޫވީ ކީޕަރުގެ އަތުގައި ބޯޅަ ޖެހޭގޮތެއް ނުވިއެވެ.
ދެވަނަ ލަނޑު ޖެހިތާ މާގިނައިރެއްނުވެ ހުޅުމާލޭ ވެޓަރަންސްއިން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ޖަހައިފައެވެ. 54 ވަނަ މިނެޓުގައި ހުޅުމާލޭ ވެޓަރަންސްއަށް މިލަނޑު ޖަހައިދިނީ ސާއިރު އެވެ. ޔޫވީގެ އޭރިޔާ ބޭރުން އަރިމަތިން ހުޅުމާލޭ ވެޓަރަންސްއަށް ލިބުނު ހިލޭ ޖެހުން ސާއިރު ފޮނުވާލި ކުރިމަތީގައި އެތުރިގެން ތިބި ޔޫވީ ކުޅުންތެރިންގެ ބޯމަތިން ގޯލުގެ ދުރު ކަނަށެވެ. އެ ބޯޅަ ދިފާއުކުރަން ޔޫވީގެ ކީޕަރު މަސައްކަތްކުރި ނަމަވެސް ބޯޅާގައި އަތް ލެވޭގޮތެއް ނުވިއެވެ.
މިމުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. އެމެޗުގައި ބައްދަލުކުރާނީ ޕޮލިސް ކުލަބާއި ބުރު ސްޕޯޓްސް އެވެ.
