ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ހިތުގެ ޔާރާ – ދެވަނަ ބައި

ޖަނާން އޭނާގެ ބާލީސް ދަށަށް އަތް ކޮއްޕާލާފައި ނެގީ އޭނާގެ ޑައިރީއެވެ. ފޮތް ހުޅުވާލާފައި އޭގެ ތެރެއިން އޭނާ ނެގީ ފޮޓޯގަނޑެކެވެ. އެ ފޮޓޮއަށް ބަލައިލުމާއެކު ކަރުނައިގެ ތެރެއިންވެސް އޭނާއަށް ހިނިތުންވެވިއްޖެއެވެ. އޭނާގެ ހިތުގެ ޔާރާގެ ސޫރަ މިނިވަންކަމާއެކު ބަލައިލާނެ ފުރުސަތު ލިބުމުންވެސް ހިތަށް ހަމަޖެހުމެއް ލިބުނު ކަހަލައެވެ. އޭނާ އެ އިންތިޒާރު ކުރަނީ އޭނާގެ ޔާރާއަށެވެ.

ޖެހިގެން އައި ދުވަހެވެ. ހެނދުނު ހެނދުނާ އަރުޝީ ނާފިލްގެ ގެއަށް އައެވެ. އަދި ސުލްތާނާގެ ގާތުގައި ޝަކުވާތައް އޮއްސާލިއެވެ.

“މަންމާ. އަހަންނަށް ހީވަނީ ނާފިލްއާ ޖަނާންގެ ކޮންމެވެސް ގުޅުމެއް އޮންނަހެން. ނާފިލް ޖަނާންއަށް ބަލާ ގޮތާއި އޭނަ ދިފާއުކުރާ ގޮތް ވަރަށް ތަފާތު. ރޭގައިވެސް ޕާޓީ ތެރޭގައި އެނގެއެއްނު ނާފިލް ކަންތައްކުރި ގޮތް. އެ އެންމެންގެ ތެރޭގައި އެ ޖަނާންގެ ދިފާއުގައި ނުކުތީ. އަހަރެން ހާދަ ލަދެއް ގަތޭ. ހިތަށްއެރި ބިން ފަޅާފައި އަޑިއަށް ދާނެނަމައޭ.” އަރުޝީ ސުލްތާނާގެ ހިތުގައި ޝައްކު އުފެއްދުމަށްޓަކައި ފޮނިތޮށި ކާފޫރުތޮޅި އަޅާލަމުން ބުންޏެވެ.

“ނޫނޭ ދަރިފުޅާ. ނާފިލްއަކީ އެކަހަލަ ކުއްޖެއް ނޫން. އެއީ ކޮންމެހެން މަންމަގެ ދަރިއަކަށް ވާތީ ބުނާ އެއްޗެއް ނޫން. އޭނަ ހުންނަ ތަނެއްގައި އެއްވެސް މީހަކު އެކަހަލަ ކަމެއް ކޮށްފިއްޔާ އޭނަ މަޑަކުން ނުހުންނާނެ. އެކަން ކުރީ މަންމަ ވިޔަސް އޭނަ ބަސް ބުނާނެ. ކުރިން އެބަހުރި ބައެއް ފަހަރު އެހެން ވެފައިވެސް.” ސުލްތާނާ އަރުޝީގެ އެވާހަކަ ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.

“އެކަމަކުވެސް ނާފިލް ވަރަށް ބަދަލުވެއްޖެ މިހާރު. އެ ބަދަލުތައް ފާހަގަވާން ފެށީ ޖަނާން އައި ފަހުން. އެހެންވެގެން އަހަންނަށް އެހެން ހީވަނީ މަންމާ. އަޅެ މަންމަ އެކަން ރަނގަޅަށް އޮޅުންފިލުވާބަލަ.” އަރުޝީ އެހާ ފަސޭހައިން ދޫދޭކަށް ބޭނުމެއް ނުވިއެވެ. އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުންވެސް އޭނާ ޖަނާން ނާފިލްގެ ދިރިއުޅުމުން ފައްސާލާނެއެވެ.

“މަންމައަށް ހަމަ ޔަޤީން ނާފިލް އެކަހަލަ ކަމެއް ނުކުރާނެކަން. އެކަމަކު ދަރިފުޅުގެ ހިތްހަމަޖެހުމަށް މަންމަ ތި ކަންތައް ކުރާނަން. ދަރިފުޅު އެކަމާ އެހާ ކަންބޮޑުނުވޭ. އެންމެ ރަނގަޅެއްނު.” އަރުޝީގެ ބޮލުގައި ފިރުމާލަމުން ސުލްތާނާ ބުނެލިއެވެ.

އަރުޝީ ދިޔުމުން ސުލްތާން ޖަނާން އޭނާގެ ކޮޓަރިއަށް ގެނައެވެ.

“ޖަނާން. އަހަރެން ޖަނާން މި ގެނައީ ވަރަށް ބޮޑު ވާހަކައެއް ދައްކާލަންވެގެން.” ސުލްތާނާ މަޑުމައިތިރިކަމާއެކު ބުނި ނަމަވެސް ޖަނާންގެ ހިތް ނުބައި ގޮތަކަށް ތެޅިގަތެވެ.

“ކޮން ވާހަކައެއްތޯ؟” ޖަނާން ޖެހިލުންވެފައި މަޑުމަޑުން އަހާލިއެވެ.

“ޖަނާން. އަހަންނަށް އެނގޭ ޖަނާންއަކީ ވަރަށް ރަނގަޅު، ވިސްނޭ ކުއްޖެއްކަން. އެހެންވީމަ ނާފިލްއާ ވީހާވެސް ދުރުގައި އުޅޭ. އަރުޝީ އެހާ ހިތްހަމައެއް ނުޖެހޭ ޖަނާން ނާފިލްއާ އެހާ ގާތްކޮށް އޭނަގެ ކަންތައްތައް ކޮށްދީ ހަދާކަށް. އޭނަ އެއީ ނާފިލް ކައިވެނިކުރަން އުޅޭ ކުއްޖާ. އަހަރެން ބޭނުމެއްނޫން އެ ދެކުދިންގެ ދޭތެރޭ އެއްވެސް މައްސަލައެއް ޖެހޭކަށް. އަދި އޭގެ ސަބަބަކަށް ޖަނާން ވާކަށްވެސް. އެހެންވީމަ އެކަމާ ވިސްނާލައިގެން އުޅެއްޗޭ އިނގޭ.” ސުލްތާނާ ވަރަށް މަޑުމައިތިރިކަމާއެކު ވިސްނައިދިނެވެ. ޖަނާންގެ ހިތަށް ތަދުވިއެވެ. ނަމަވެސް އެ ގޭގައި އޭނާގެ މަޤާމް ހަނދާންވުމުން އޭނާ ބޯޖަހާލިއެވެ.

އެދުވަހަށްފަހު ޖަނާން އުޅެނީ ނާފިލްއާ ދުރުންނެވެ. ނާފިލްއަށްވެސް އެކަން މަޑުމަޑުން ފާހަގަވާން ފެށިއެވެ. އޭނާއަށް ޝައްކުވީ އަރުޝީ ޖަނާންއަށް އެއްޗެހިކީ ކަމަށެވެ. ޖަނާން އަމިއްލައަށް ނިންމި ނިންމުމަކަށް ވެދާނެއެކޭ ހިތަކަށް ނާރައެވެ. އަދި އެގޭގައި އެވަރު ކަމެއް ކުރާނެ އިތުރު މީހަކުވެސް އުޅެފާނެ ކަމަކަށް އޭނާ ނުދެކެއެވެ. އޭނާ ޖަނާން ގާތު އަހަން ބޭނުންވިއެވެ. ނަމަވެސް ޖަނާން ހުންނަނީ އެއްވެސް ހާލެއްގައި ނާފިލްއަށް އެކަނި އޭނައާ ބައްދަލު ވެވޭނެ ފުރުސަތެއް ނުދޭން ކަހަލައެވެ. އުޅެއުޅެ ނާފިލްއަށް ރަނގަޅު ދަނޑިވަޅެއް ނުލިބުނެވެ. ނަމަވެސް އެންމެންގެ ތެރޭގައި ޖަނާން ގާތު ސުވާލެއް ކުރާނެހާ ހިތްވަރެއްވެސް ނުލިބުނެވެ.

އަރުޝީ ގިނަ ވަގުތު އެގޭގައި ހޭދަކުރުން ވެގެންދިޔައީ ނާފިލްގެ މަސައްކަތަށް އެޅުނު ބޮޑު ހުރަހަކަށެވެ. ކުއްލިއަކަށް ޖަނާންއަށް މި އައި ބަދަލުން އޭނާއަށް އުނދަގޫތަކެއް ވެއްޖެއެވެ.

“ޖަނާން. ކުރީ ރޭ ޕާޓީގެ ފަހުން ހާދަ ފިލައިގެން ތި އުޅެނީ. މީހަކު އެއްޗެކޭ ބުނީތަ؟” ލިބުނު ހަނި ފުރުސަތެއްގައި ނާފިލް ޖަނާން ގާތު އެހިއެވެ.

“ނޫން. އެކަމަކު އެރޭ ކަންތައް ވީގޮތުން އަޅުގަނޑަށް ވިސްނުނީ އެންމެ ރަނގަޅު ގޮތަކީ ސަރއާ ދުރުން އުޅުންކަން. އަރުޝީ މެޑަމް ހިތްހަމައެއް ނުޖެހޭ. އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑުގެ ސަބަބުން ތި ދެމީހުން ދޭތެރޭ އެއްވެސް މައްސަލައެއް ޖެހޭކަށް.” ޖަނާން މޮޅިވެރި އަޑަކުން ބުނެލިއެވެ.

“އެކަމަކު..”

“އަޅުގަނޑު ދިޔަދީ. މިހެން ތިއްބާ މީހަކަށް ފެނިއްޖެއްޔާ ކަމަކު ނުދާނެ.” ނާފިލްގެ ވާހަކަ މެދުކަނޑާލަމުން ޖަނާން އެހެން ބުނެފައި އަވަސްއަވަހަށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ކައިވެނީގެ ދުވަސް ކައިރިވަމުން ދިޔައެވެ. ވިސްނާ ވިސްނާ ނާފިލްގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. އަރުޝީއާ ކައިވެނި ކުރުމަކީ އަރުޝީއަށް ލިބޭ ހިތްހަމަޖެހުމަކަށް ވެދާނެއެވެ. ނަމަވެސް ހަޤީޤަތަކީ އެ ކައިވެނިން އަރުޝީއަށް ލިބޭނީ ހިތްދަތިކަން ކަމެވެ. އަނެއްކޮޅުން އޭނާއަށްވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. އެ ކައިވެންޏަކީ އޭނާގެ އަމިއްލަ ނަފްސަށްވެސް ހެދޭ ބޮޑު މަކަރެކެވެ.

އެއްދުވަހުގެ ހަވީރުގެ ވަގުތެވެ. ސުލްތާނާ ބޭރުގައި އުޅެފައި ގެއަށް އައި އިރު ގޭތެރެ ވަރަށް އަމާނެވެ. މީހެއްގެ އަޑެއް ބަޑެއްވެސް ނީވެއެވެ. ޖަނާންވެސް ފެންނާކަށް ނެތެވެ. އޭނާ ކޮޓަރިއަށް ދާން ދިޔަ ވަގުތު ފެނުނު މަންޒަރަކުން ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ލޮލަށް ފެނުނު މަންޒަރު ޤަބޫލުކުރަން ދަތިވިއެވެ. ޖަނާންގެ ކޮޓަރިއަށް ސިއްރުސިއްރުން ވަތްތަން އެ ފެނުނީ ނާފިލްކަން އަދިވެސް ޤަބޫލުކުރަން ދައްޗެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން އަރުޝީ ބުނި ވާހަކައެވެ.

ކުއްލިއަކަށް އޭނާގެ ހަށިގަނޑަށް ހަރަކާތް އަތުވެއްޖެއެވެ. ބާރުބާރަށް ގޮސް ޖަނާންގެ ކޮޓަރިއާ ހަމަވިއިރު ދެން އިވުނީ އަދި އެއަށްވުރެ ސިހުން ލިބުނު ވާހަކައެކެވެ.

“އަހަރެން ދުވަހަކުވެސް ޖަނާން ދޫކޮށެއް ނުލާނަން.” ނާފިލް ބުނި އަޑު އިވުނެވެ.

ސުލްތާނާ ޖަނާންގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާގެ ހެޔަށްވެސް ގޮތް ވީހެން ހީވިއެވެ. ނާފިލް އާއި ޖަނާން އެކަކު އަނެކަކުގެ ގައިގައި ބައްދާލައިގެން ތިބިއިރު އިތުރު އެއްވެސް ޚިޔާލެއް ހުރިހެނެއް ހިއެއްނުވެއެވެ.

“ނާފިލް!” ސުލްތާނާ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. ދެމީހުންނަށް ސިހިފައި ދުރަށް ޖެހިލަމުން ދޮރާއި ދިމާލަށް ބަލައިލެވުނެވެ.

“މަންމާ.” ދޮރުމަތީގައި ރުޅިއައިސް ރަތްވެފައި ހުރި ސުލްތާނާ ފެނުމުން ނާފިލްއަށް ބުނެވުނެވެ.

“ނާފިލް. މީ ދޯ ކަލެއަށް ތި އަންނަ ބަދަލަކީ. ދުވަހަކުވެސް ދޫކޮށެއް ނުލާނަމޭ. ބަލަ އެބަ އެނގޭތަ ތި ކިޔޭ އެއްޗެއް؟” ސުލްތާނާގެ އަޑު ބާރެވެ.

ސުލްތާނާގެ އަޑަށް އެ ގޭގެ އެންމެންހެން އެތަނަށް ޖަމާވިއެވެ. ޖަނާން ލަދުން މަރުނުވީ ކިރިޔާއެވެ. ލަދުންނާއި ވީ ދެރައިން ޖަނާންގެ ލޮލުން ކަރުނަ ހިލުނެވެ. އެންމެންގެ މޫނުމަތިން ފެންނަނީ ވާނުވާ ނޭނގިގެން އުޅޭފަދަ އަސަރުތަކެކެވެ.

“ކިހިނެއް ވެގެން މި އުޅެނީ؟” ނާފިލްގެ ބައްޕަ ރައްޒާގު އެހިއެވެ.

“ކަމެއްވާ ނުވޭ. މިހިރަ ނާފިލްއަކާ ހެދި ލަދުން ބޯ ފަޅައިގެން ދާވަރުވޭ.” ސުލްތާނާގެ ބާރު އަޑުން ބުނެލިއެވެ.

“ބަލަ ސުލްތާނާ. ތި ހަޅޭއްލެވިޔަކަސް ވެގެން އުޅޭގޮތެއް ނޭނގޭނެ. އަހަރެމެން ލަދުގަންނަން ޖެހޭވަރުގެ ކޮންކަމެއްތަ ނާފިލް ކޮށްގެން އުޅެނީ؟” ރައްޒާގު ސުލްތާނާ ގާތު އެހިއެވެ.

“ނާފިލް މިހިރަ ޖަނާންއަކާ ހެދި ތަތްތެޅެނީ.” ސުލްތާނާ ބުނެލި ވާހަކައިން އެންމެންގެ ލޯތައް ބޮޑުވިއިރު ނާފިލްއަށް ދެލޯ މަރާލެވުނީ ހިތަށް ވީ ތަދެއްގެ ބޮޑުކަމުންނެވެ. އޭނާ ބަނޑުއަޅައި ވިހެއި މައިމީހާ އެ ދިން ނަމުގެ ހުތުރުކަމުންނެވެ.

“މަންމާ.” ނާފިލްއަށް މަޑުމަޑުން ބުނެލެވުނެވެ.

“ސުލްތާނާ.” ރައްޒާގުވެސް ހިތްހަމަނުޖެހުމާއެކު ބުނެލިއެވެ.

“އަހަރެން މި ހަދަނީކީ ދޮގެއް ނޫނޭ. މިކަމެއް ހިނގާތާ ދުވަސްތަކެއް ވެއްޖޭ. މި ނާފިލްގެ ރަންކީ ރޭގެ ޕާޓީ ރޭގައިވެސް އަރުޝީ ޖަނާންއަށް އެއްޗެކޭ ބުނެގެން އޭނައަށް މާ އަސަރުތަކެއް އެކުރީ އެހެންވެގެންނޭ. އަރުޝީ އަހަރެން ގާތު އެވާހަކަ ބުނީމައިވެސް އަހަރެން އެވާހަކަ ޤަބޫލެއް ނުކުރަން. އަދި މިހިރަ ޖަނާން ގާތުވެސް ނާފިލްއާ ދުރުގައި އުޅޭށޭ ބުނީމައިވެސް އެކަމެއް ނުހުއްޓި. ދުވަހެއް ދުވަހަކަށް ގާތް. މިއަދު މި ފެނުނީ ކޮޓަރި ތެރޭން. ދެން ފެންނާނީ ކޮންތާކުން ކޮން ގޮތަކަށް ކަމެއްވެސް ނޭނގެ. ލަދުކުޑަ ވާންވާނީވެސް މިހާ ވަރަކަށް.” ސުލްތާނާ ފައްޗަކަށް ހުރިހާ ވާހަކައެއް އަމުނާލިއެވެ.

“އެހެންވީމަ މަންމަ ދޯ ޖަނާން ގާތު އެއްޗެކޭ ކީ.” ނާފިލްއަށް ބުނެވުނެވެ.

“އާނ. އެކަމަކު ކަލޭމެން ތިކަމެއް ނުހުއްޓީމެއްނު. އަދި ލަދުކުޑަވެގެން އެވާހަކަވެސް އަހައިފިއޭ. ބަލަ ކަލޭމެން ނުބައި މަގުން ދަންޏާ ރަނގަޅު މަގަށް ކަލޭމެން ގެނައުމަކީ އަހަރެމެންގެ ޒިންމާއެކޭ.” ސުލްތާނާ އަނެއްކާވެސް ނާފިލްއާ ދިމާލަށް ހަޅޭއްލަވައިގަތެވެ.

“ސުލްތާނާ. ހަމަޖެހިބަލަ.” ރައްޒާގު ބެލީ މަޑުމައިތިރިކަމާއެކު މައްސަލަ ހައްލުކުރާށެވެ.

“ހަމަޖެހޭށޭ!؟ އަދިވެސް މަތަ ހަމަޖެހެންވީ؟ ކައިވެނި މިހާ ގާތްވެފައި އޮއްވައި ނާފިލްއަށް މިހެންތަ ކަންތައް ކުރަން އެނގުނީ؟ އަހަރެން އަރުޝީއާ ހާރޫންމެންނަށް ދައްކާނީ ކޮން މޫނެއް؟” ސުލްތާނާ ރުޅިއާއި އެއްވަރަށް ދެރަވެސް ވިއެވެ. ނާފިލްގެ މި ޢަމަލުތަކުން އޭނާގެ ތަރުބިއްޔަތާމެދު ސުވާލު އުފެދިއްޖެއެވެ.

“ނާފިލް. ކީއްވެގެންތަ އަނގައިން ނުބުނެ ތި ހުންނަނީ؟” ރައްޒާގު ނުރުހިފައި އެހިއެވެ.

“އޭނަ ވަކި ކީކޭ ބުނާނީ؟ އަހަރެންގެ މި ދެލޮލުންނޭ ދުށީ އޭނަ ޖަނާން ގައިގައި ބައްދައިގަނެގެން ހުއްޓާ.” ސުލްތާނާ އިތުރުކޮށްލިއެވެ.

“ބޮޑުދައިތާ. ތިކަމުގައި އެއްޗެހި ކިޔަންވީ ނާފިލްއަކަށް ނޫން. ޖަނާންއަށް. އޭނަ މިގެއަށް ގެނައި ފުރަތަމަ ދުވަހުވެސް އަހަންނަށް ހީވިއޭ އޭނަ ނުބައެއް ހަދާނެޔޭ. ހަމަ އެންމެ ފަހުން އެހެންނެއްނު މިވީ. އޭނަ ނާފިލްގެ ބޮލަށް އެރެގެން އެ އުޅެނީ.” ނާއިފާ ބުނެލިއެވެ. ނާފިލް ނާއިފާއަށް ރުޅިވެރިކަމާއެކު ބަލައިލިއެވެ.

“އަހަންނާ ދިމާލަށް ކޮން ލޮލެއް އަޅާކަށް. މިހިރަ އަންހެނާ އައިފަހުން ނާފިލްއަށް އަންނަ ބަދަލުތައް އަހަރެމެން އެންމެނަށް ފެނިއްޖޭ. އަހަންނަށްވެސް ލައްކަ ތަންތަން ފެނުނޭ. އެކަމަކު މަޑުން ހުރީ މަސްލަހަތަށް ބަލާފައި. އެކަމު މިހިސާބަށް ދާނެކަމަކަށް ހިއެއްނުކުރަން. އެންމެ ފަހުން ބޮޑުދައިތަ ރެޑްހޭންޑްކޮށް ކަލޭމެން އެ އަތުލީ. ޗީޗީ.” ނާއިފާ އަލިފާނަށް ދަރު އެޅިއެވެ.

“ނާފިލްއަށް މިއަދު ޖެހޭނީ ގޮތެއް ނިންމަން. މިހާރުން މިހާރަށް ޖަނާން ޖެހޭނީ މިގެއިން ފޮނުވާލަން.” ސުލްތާނާ އޭނާގެ ހުކުމް އިއްވިއެވެ.

“މަންމާ. އަހަންނަކަށް ތިކަމެއް ނުކުރެވޭނެ.” ނާފިލް ބުންޏެވެ.

“ކީކޭ!؟ ޖަނާން މިގެއަކުން ނުނެރެވޭނެޔޭ!؟ ކަލެއަށް މިހާރު އަހަރެމެންނަށްވުރެ އޭނަ މުހިންމުވީ؟” ސުލްތާނާގެ އަޑުގައި ހައިރާންކަމާއެކު ރުޅިވެރިކަން ވިއެވެ.

“މަންމާ. އަހަންނަށް މަންމަމެން ވަރަށް މުހިންމު. އެކަމަކު އަހަންނަކަށް ޖަނާން މިގެއަކުން ފޮނުވައެއް ނުލެވޭނެ.” ނާފިލް ބުނެލިއެވެ.

“އެހެން ކިހިނެއް ފޮނުވާލެވޭނީ ދޯ؟ ނޫނީ ކިހިނެއް ބޭނުންވާ ކަންކަން ކުރެވޭނީ. ބޮޑު ކޫޑި.” ނާއިފާ ބުނި ހުތުރު ވާހަކަތަކުން ނާފިލް ކޮންޓްރޯލުން ނެއްޓިއެވެ.

“ހުއްޓާލާ. ޖަނާންއާ އަބުރަށް ހުތުރުވާނެ އެއްވެސް އެއްޗެއް އެކަކުވެސް ބުނެގެން ނުވާނެ.”

“ކިޔާނަން. ކީއްކުރެވޭނީ؟ އެހެންނޫނަސް އެއީ ނާފިލްގެ ކާކު؟ އެއީ ހަމަ ތަނެއްގަ ހުރި ބޮޑު ކޫޑިއެއް.” ނާއިފާ އަނެއްކާވެސް ބުނެލިއެވެ.

“ނާއިފާ!” ނާފިލްގެ އަތް އިސްވާން އުޅުނެވެ. އޭނާގެ އަތުގައި ޖަނާން ހިފެހެއްޓިކަން ނަސީބެވެ. ނޫންނަމަ މިއަދު އޭނާގެ އަތުން ގޯހެއް ހެދުނީހެވެ.

“އެ ކޫޑި އަންހެނާއަށްޓަކައި ކަލޭ ތި އުޅުނީ އަހަރެން ގައިގައި ޖަހަންތަ؟” ލިބުނު ސިހުމާއެކު އައި ރުޅީގައި ނާއިފާ ހަޅޭއްލަވައިގަތެވެ.

“އެއީ ކާކުކަން އެނގޭކަށްނު ދޯ ބޭނުމީ. އޭނައަކީ ތިބުނާ ކަހަލަ ވިޔާނުދާ ކުއްޖެއް ނޫން. އެއީ މަގޭ އަނބިމީހާ.” ނާފިލްގެ ޖުމްލައިން ހީވީ މުޅި ތަނުގައި ބޮމެއް ގޮއްވާލިހެންނެވެ.

“ކީކޭ؟” އެންމެނަށް އެއްފަހަރާ ދޮރާއި ދިމާލަށް ބަލައިލެވުނެވެ.

(ނުނިމޭ)

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top