ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ފުރަތަމަ މުސާރަ

ވޭތުވެދިޔަ 27 އަހަރު ދުވަހު، އަޅުގަނޑުގެ މުޅި ދުނިޔެއަކީ އަޅުގަނޑުގެ ގެއެވެ. ގޭގެ ހަތަރު ފާރުން އެތެރޭގައި ހޭދަވި ކޮންމެ ސިކުންތަކީ އަޅުގަނޑުގެ އާއިލާއަށްޓަކައި ހުސްކުރި ވަގުތުތަކެކެވެ. އަޅުގަނޑު ކައިވެނިކުރީ ވަރަށް ޅައުމުރުގައެވެ. އޭރު ދިރިއުޅުމުގެ އުންމީދުތައް ހުރީ ވަރަށް އާދައިގެ ގޮތަކަށެވެ. ދިރިއުޅުމުގެ ދުވަސްތައް ފާއިތުވަމުން ދިޔައީ ހީވެސް ނުކުރާހާ ހަލުވިކޮށްނެވެ. މަތީ ތަޢުލީމެއް ނުވަތަ ވަކި ފާހެއް ހާސިލުކުރާކަށް އެއިރަކު ފުރުސަތެއް ނުލިބުނެވެ. އަދި ވަޒީފާއަކަށް ދިއުމުގެ ބޮޑެތި ހުވަފެންތަކެއްވެސް އަޅުގަނޑުގެ ހިތަކު ނެތެވެ. އަޅުގަނޑަކީ އެންމެ ފުރަތަމަ އަނތްބެކެވެ. އޭގެ ފަހުން މަންމައެކެވެ. އަޅުގަނޑުގެ މުޅި ހިތާއި ދިރިއުޅުން އެ މަތިވެރި މަސްއޫލިއްޔަތަށްޓަކައި ހުސްކޮށްލީމެވެ.

އަހަރުތައް ފާއިތުވަމުން ދިޔައެވެ. ބައެއް ފަހަރު، ހިތުގެ ކަނެއްގައި “އަޅުގަނޑަކީ އެހެން މީހަކަށް ވީނަމަ ވާނީ ކޮންކަހަލަ މީހަކަށްބާވައޭ؟” މި ސުވާލު އުފެދެއެވެ. ނަމަވެސް، ދަރިންގެ ތައުލީމާއި، ކެއްކުމާއި، ގޭތެރޭގެ އެކި މަސައްކަތްތަކާއި، ނުނިދާ ހޭލާ ހުންނަންޖެހޭ ރޭތަކުގެ ބުރަ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެ ޚިޔާލުތައް އޮންނަނީ ވަޅުޖެހިފައެވެ. އަޅުގަނޑު ހީކުރީ އަޅުގަނޑުގެ ދައުރަކީ ހަމައެކަނި މިއީ ކަމަށެވެ.

ނަމަވެސް، ކަންދިމާކުރި ގޮތުން ނުވަތަ މާތްﷲގެ އިރާދަފުޅާއެކު ނަސީބު އެހީތެރިވެގެން، އަޅުގަނޑަށް ބައެއްގެ އެހީތެރިކަން ލިބުނެވެ. އެ މީހުންނަށް އަޅުގަނޑުގެ ކިބައިގައި ހުރި، އަޅުގަނޑަށްވެސް އޮޅުންފިލާފައި ނެތް ހުނަރުތަކެއް ފެނުނެވެ. އަޅުގަނޑަށް އަޅުގަނޑުގެ އަމިއްލަ ނަފުސަށް އިތުބާރު ކުރެވުމުގެ މާ ކުރިން، އެ މީހުން އަޅުގަނޑަށް އިތުބާރު ކުރިއެވެ. އެ މީހުން އަޅުގަނޑަށް މަޑުމަޑުން ހިތްވަރުދީ، ކުރިއަށް ދިއުމަށް ބާރުއެޅިއެވެ.

“ވާހަކަދައްކާށެވެ،” އެ މީހުން ބުންޏެވެ. “ޕްރޮގްރާމްތައް ހުށަހަޅާށެވެ. މަސައްކަތް ކުރާށެވެ.”

ފުރަތަމަ ފަހަރަށް ވާހަކަ ދައްކަން ކްލަބްހައުސް ގުރޫޕެއްގައި ފޯނެއްގައި ހިފިއިރު އަޅުގަނޑުގެ އަތް ތުރުތުރުލައެވެ. ޕްރޮގްރާމްތައް ހުށަހަޅަން ފެށުމުން އަޑު ތުރުތުރުލައެވެ. ޚަބަރު ކިޔުމަކީ އަޅުގަނޑު ކަހަލަ މީހަކަށް ކުރެވޭނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވުނެވެ. ލިޔުންތައް ލިޔުމަކީ ހަމައެކަނި މަތީ ތަޢުލީމީ ގާބިލު މީހުން ކުރާ ކަމެއް ކަމުގައި އަޅުގަނޑު ހީކުރީމެވެ. ނަމަވެސް، ބިރުގަނެފައި ހުރެ ފަހަތަށް ޖެހުމުގެ ފުރުސަތެއް އެ މީހުން އަޅުގަނޑަކަށް ނުދިނެވެ.

އަޅުގަނޑުގެ ހުނަރުތައް ތަރައްގީކުރުމަށް އެ މީހުން އަތުގައި ހިފައިގެން އެހީތެރިވެދިނެވެ. އަޑު ގެންގުޅޭނެ ގޮތް، އެޑިޓް ކުރާނެގޮތް އަދި އަޅުގަނޑަށް ހެދޭ ގޯސްތައް ކެތްތެރިކަމާއެކު އިސްލާހުކޮށްދީ، ހިތްވަރު ދިނެވެ. އެ މީހުން، އަޅުގަނޑަކީ ހަމައެކަނި “ގޭގައި އިންނަ މަންމައެއް” ނޫނީ ޓިކްޓޮކް ހަދާ މީހެއް ކަމުގައި ނުދެކި، މުޖުތަމައަށް ފައިދާހުރި، ކުރިއަށް ދެވޭނެ ފަދަ ގާބިލު އަންހެނެއްގެ ގޮތުގައި ބަލައިގަތެވެ.

އަދި މިއަދު، އަޅުގަނޑަށް ފެނުނީ ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނެ ކަމެކެވެ. ފޯނަށް އައި ކުރު މެސެޖެކެވެ. އެއީ ބޭންކް ޓްރާންސެކްޝަނެކެވެ. އެ މެސެޖުގައި އޮތީ: “ފުރަތަމަ މުސާރަ” އެވެ.

ވަރަށް ގިނައިރު ވަންދެން އެ މެސެޖަށް ބަލަން އިނދެވުނެވެ. ލޮލުން ކަރުނަ ހިލުނެވެ. އެއީ ވަރަށް ބޮޑު އަދަދެއް ނޫނެވެ. އަދި އެއީ ދިރިއުޅުން މުޅިން ބަދަލުކޮށްލާނެ ފަދަ މުއްސަނދިކަމެއް ގެނެސްދޭނެ ފައިސާގެ މިންވަރެއްވެސް ނޫނެވެ. ނަމަވެސް، އެއަށްވުރެ މާ ބޮޑު މާނައެއް އެ ފައިސާގައި އެކުލެވިގެންވެއެވެ.

އެއީ ހެއްކެކެވެ. ކޮންމެ ވަގުތަކުވެސް، ކޮންމެ އުމުރެއްގައިވެސް އާ ކަމެއް ފެށިދާނެ ކަމުގެ ހެއްކެކެވެ. 27 އަހަރު ގޭގައި ހޭދަކުރުމަކީ ތިމާގެ ގާބިލުކަން ކުޑަވާ ކަމެއް ނޫން ކަމުގެ ހެއްކެކެވެ. އުމުރަކީ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އޮތް ހުރަހެއް ނޫން ކަމުގެ ހެއްކެކެވެ. މަންމައަކަށް ވުމަކީ ކުރިއަށް ދިއުމަށް އޮތް ހުރަހެއް ނޫން ކަމުގެ ހެއްކެކެވެ.

އެ މުސާރައަކީ ހަމައެކަނި ފައިސާއެއް ނޫނެވެ. އެއީ އަޅުގަނޑުގެ އަމިއްލަ ވަންތަކަމާއި، ހޯދުނު ކުރިއެރުމެވެ. އެއީ އަޅުގަނޑަށް ކުރިން ނުފެނި އޮތް، އަޅުގަނޑުގެ އަމިއްލަ ނަފްސުގެ އާ ސިފައެކެވެ.

އަޅުގަނޑަށް އިތުބާރު ކުރި މީހުންނަށް ޝުކުރު އަދާކޮށް ކޮޅުން ނުލާނެއެވެ. އެ މީހުން އަޅުގަނޑަށް ހަމައެކަނި ފުރުސަތުތަކެއް ދިނީއެއް ނޫނެވެ؛ އެ މީހުން އަޅުގަނޑަށް އަމިއްލަ ނަފުސަށް އޮތް އިތުބާރު ހޯދައިދިނީއެވެ.

އަޅުގަނޑަށް މިކަން ކުރެވުނު އިރު، ހަގީގަތުގައިވެސް ކޮންމެ މީހަކަށްވެސް މިކަން ކުރެވޭނެއެވެ. އަންހެނަކަށް ވީތީ އޮތް ހުރަހެއް ނެތެވެ. މަންމައަކަށް ވީތީ އޮތް ހުރަހެއް ނެތެވެ. ވަކި އުމުރަކުން ކަމެއް ފަށަން އޮތް ހުރަހެއްވެސް ނެތެވެ. ބައެއް ފަހަރު ބޭނުންވަނީ ހަމައެކަނި އެންމެ ފުރުސަތެކެވެ. ތިބާއަށް އިތުބާރު ކުރާނެ ބައެކެވެ. އަދި “އަހަންނަށް ކުރެވިދާނެއޭ” ބުނާނެ ހިތްވަރެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top