މެންދަމުން އަލިވެ އެކެއް ޖަހަނީއެވެ.
ސިއްސައިގެން ގޮސް ހޭލެވުނީ ފޯނުގެ ރިންގުގެ އަޑަށެވެ. އަވަސް އަވަހަށް ފޯނަށް ބަލައިލެވުނެވެ. ނަންބަރު ފެނުމާއިއެކު ލިބުނީ ހައިރާންކަމެވެ. ނުތަނަވަސްކަމާއި ކަންބޮޑުވުން އަހްޒަމް ވަށާލިއެވެ.
ނައިހާއަކީ އަހްޒަމްގެ މައިންބަފައިން ފިޔަވާ އެމީހަކު ދެކެ އަހްޒަމް އެންމެ ލޯބިވާ އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮއެވެ. ވަރަށްބޮޑު ކަމެއް ދިމާވެގެން ނޫނީ މިފަދަ ވަގުތެއްގައި ނައިހާ ނުގުޅާނެކަން އަހްޒަމަށް ޔަގީނެވެ.
ކަންފަތާއި ފޯނު ކައިރިކޮށްލަމުން ސަލާން ގޮވާލުމާއިއެކު އިވުނީ ނައިހާގެ ރުއިމުގެ އަޑެވެ.
“ދޮންބޭ! …. ރުހުދައްތަ …” ނައިހާއަކަށް އޭނާ ބުނަން އުޅުނު ވާހަކައެއް ނުބުނެވެ. ރޮމުން ރޮމުން ވެސް އޭނާ އުޅުނީ އެވާހަކަ ބުނެވޭތޯއެވެ. އަހްޒަމްގެ ހާސްކަމާއި ކަންބޮޑުވުން އިތުރުވިއެވެ. ސުވާލުތައް ގުނަވިއެވެ.
“ކީކޭ … ކީކޭ ކޮއްކޯ؟ … ދައްތައަށް ކިހިނެތްވީ؟” އަވަސް އަވަހަށް އަހްޒަމަށް އަހާލެވުނެވެ. ކޮންމެ ވެސް ބޮޑު ހިތާމައެއް ކުރިމަތިވެއްޖެކަމުގެ ސިގުނަލް އޭނާއަށް ލިބުނެވެ.
“ރުހުދައްތަ … ރުހުދައްތަ ވަރިކުރޭ … އެއީ ރަނގަޅު މީހެއް ނޫން … އޭނަ … ” ނައިހާ ދައްކަން އުޅުނު ވާހަކަ އޭނާއަކަށް ފުރިހަމައެއް ނުކުރެވުނެވެ. ލިބިފައިވާ ހިތާމާއާއިހިތްދަތިކަމުގެ ސަބަބުން ވާހަކަދައްކާކަށް އޭނާއަކަށް ފަސޭހައެއް ނުވިއެވެ.
“ކީކޭ؟ …. ކީކޭ ކޮއްކޯ؟ … ހަމަޖެހިލަބަލަ …. ހަމަޖެހިލައިގެން ދޮންބެއަށް ކިޔައިދީބަލަ … ކިހިނެތްތަވީ؟” އަހްޒަމް މަސައްކަތްކުރީ ނައިހާ ހަމައަކަށް އަޅުވާށެވެ. ވީގޮތް އޮޅުން ފިލުވާށެވެ. ވަރަށްބޮޑު ކަމެއް ދިމާވެގެން ނޫނީ ނައިހާ އެފަދަ ވާހަކައެއް ނުބުނާނެއެވެ. ރުހުސާއާ ބެހޭގޮތުން އެފަދަ ނިންމުމެއް ނުނިންމާނެއެވެ. އަހްޒަމަށް ހިތާމައެއް ހިތްދަތިކަމެއް ލިބޭފަދަ ކަމެއް އޭނާ ނުކުރާނެއެވެ.
“ދައްތައާ …. ދައްތައާ … ޝަހުމް އުޅެނީ ހިތާވެގެ ….. ” ނައިހާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކުރާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ފޯނު ކެނޑިއްޖެއެވެ. ދެން ގުޅައިގެން ފޯނެއް ނުނެގިއެވެ.
ޝަހުމްއަކީ ނައިހާގެ ލޯބިވެރިޔާއެވެ. ނައިހާއާ ކައިވެނިކުރަން ޝަހުމްބޭނުންވާވަރަށްވުރެ ބޮޑަށް، ނައިހާއަކީ އެމީހުން ދަރިއަކަށް ހަދަން ޝަހުމްގެމައިންބަފައިން ބޭނުންވެއޭ ވެސް ބައެއް ފަހަރު ހިތަށްއަރާހާ ބޮޑަށް އެކައިވެންޏަށް އޭނާގެމައިންބަފައިން އެދެއެވެ. ނައިހާއާ ޝަހުމްގެ މެދުގައިވާ ލޯބީގެ ގުޅުމަށް އަހްޒަމްގެ ހިތުގައި އޮތް އެންމެބޮޑު ހަމަޖެހުމަކީ ވެސް އެއީ އެވެ. ޝަހުމްގެ މައިންބަފައިންގެ ރިވެތި އަހުލާގާއި ހަރުދަނާކަމެވެ.
ނައިހާ ބުނަން އުޅުނީ ކީކޭކަން އަހްޒަމަށް ނަގައި ގަނެވުނެވެ. އެކަމާއި ވިސްނާލެވުނެވެ.
ރުހުސާއަކީ އަހްޒަމްގެ އަލަތު އަނބިމީހާ އެވެ. އަހްޒަމް އާއި ރުހުސާކައިވެނިކުރީ ރައްޓެހިވެގެން އަހަރަކަށްވުރެ ގިނަދުވަހު އުޅުމަށްފަހުއެވެ. އެކައިވެންޏަކީ ދެފަރާތުގެ ޢާއިލާއިން ނުހަނު އުފަލާއި ހިތްހަމަ ޖެހުމާއިއެކު ބަލައިގަތް ކައިވެންޏެކެވެ.
އަހްޒަމް އާއި ރުހުސާގެ ކައިވެންޏަށް އަށެއްކަ މަސް ވެގެން ދިޔައިރު އެއްވެސް މައްސަލައެއް ދިމާވެފައެއް ނެތެވެ.
ނައިހާ ދެއްކި ވާހަކަތަކާއިމެދު ވިސްނަން އަހްޒަމަށް މަޖުބޫރުވިއެވެ.
ފަހުން ނައިހާގެ ހަބަރެއް ނުވިއެވެ. އަހްޒަމް ތަކުރާރުކޮށް ގުޅައިގެން ވެސް ފޯނެއް ނުނެގިއެވެ. ކޮންމެ ގޮތަކުން ނަމަވެސް ނައިހާ ހަމައަކަށް އަޅުވަން އޭނާ ބޭނުންވެއެވެ. ނައިހާގެ ހަބަރެއް ނުވިޔަސް އޭނާ ގޯހެއް ނުހަދާނެކަމުގެ ޔަގީންކަން އަހްޒަމަށް އޮތެވެ.
އަހްޒަމް ގުޅާކަން ނައިހާއަށް އެނގެއެވެ. ފޯނަށް ޖަވާބު ދީފިނަމަ ދެން ވާނެގޮތް ވެސް އޭނާއަށް އެނގެއެވެ. ފޯނަށް ޖަވާބުދޭން ވިސްނާއިރު ވާހަކަ ދައްކާނެ ހިތްވަރެއް، އަހްޒަމްގެ ސުވާލުތަކާއި ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ނެތެވެ.
ނައިހާގެ ވިސްނުން މަޑުމަޑުން މާޒީއާ ދިމާއަށް ދަތުރުކުރިއެވެ. އެއީ މީގެ ތިން އަހަރެއްހާ ދުވަސްކުރިއެވެ. ތަޢުލީމީ ހަޔާތް ނިންމާލުމަށްފަހު ވަޒީފާގެ މާހަޢުލަށް އަހްޒަމްނުކުތީ އެއަހަރުއެވެ. އެއީ ނައިހާ ގުރޭޑް 10 އަކަށް ދިޔަ އަހަރެވެ.
ޝަހުމް އާއި ނައިހާ ރައްޓެހިވީ ޝަހުމްގެ ފެންވަރަކަށް ތަނަވަސްކަމަކަށް ބަލައިގެނެއް ނޫނެވެ. އޭނާގެ ފިރިހެންވަންތަ ކަމާއި ތަޢުލީމަށް ވެސް ބަލައިގެނެއް ނޫނެވެ. އަދި ހިތާވާނެ މީހަކު ނުވެގެނެއް ވެސް ނޫނެވެ.
ލޯތްބަކީ ވެވޭ އެއްޗެކެވެ. ޝަޢުޤަކީ އުފެދޭ އެއްޗެކެވެ. ނައިހާއަށް ވެސް ވީ އެކަހަލަ ގޮތެކެވެ.
ނައިހާ އާއި ޝަހުމް ދިމާވީ ގުރޭޑް ދިހައަކުންނެވެ. ފުރަތަމަ ފެނިލުމާއިއެކު ވެސް ޝަހުމްގެ ހިތުގައި ނައިހާގެ ސޫރަ ފަވާލެވުނެވެ. އެފުރިހަމަކާއި ޗާލާކީކަން އޭނާގެ ހިތުގެ ހިނގުމާއި ކުޅެލިއެވެ.
ދިމާވި ހިސާބުން ފެށިގެން ޝަހުމްގެ ފަރާތުން ލިބެމުންދިޔަ މެސެޖްތަކާއި ކުރަމުންދިޔަ އާދޭހުގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. ނައިހާގެ ހިތުގައި ވެސް ޝަހުމަށް ޝަޢުޤުވެރިކަން އުފެދުނެވެ. އެޝަޢުޤުވެރިކަން މަޑުމަޑުން ނަމަވެސް ލޯތްބަށް ބަދަލުވިއެވެ.
އެފަދަ ކަމަކަމަށް އަހަރަކީ ކުރުމުއްދަތެއް ނޫނެވެ. ޝަހުމް ބަދަލެއް ނުވިއެވެ. ޝަހުމްގެ ހުށަހެޅުމަށް ނައިހާ އާން ބަސް ބުނީ ގުރޭޑް 11 އިން ފުރަތަމަ ދިމާވި ދުވަހުއެވެ. ޝަހުމްގެ ހިތް އުފަލުން ފުރުނު ކަހަލައެވެ.
ނައިހާ އާއި ޝަހުމްގެ ގުޅުމަށް ދެފަރާތުގެ ޢާއިލާއިން ފުރިހަމަ ރުހުން ލިބުނެވެ. ޝަހުމްއާމެދު އޭނާގެ މައިންބަފައިންގެ އޮތް ކަންބޮޑުވުމާއި ނުތަނަވަސްކަން ފިލައިދިޔައެވެ. ނައިހާއަށް އެމީހުން މަރުހަބީ ނުހަނު އުފަލާއި ހިތްހަމަ ޖެހުމާއިއެކުއެވެ. ޝަހުމްގެ ހޮވުމަށް އޭނާގެ މަންމަ ތަޢުރީފުކުރިއެވެ.
ނައިހާ އާއި ޝަހުމް އެކުގައި ހޭދަކުރަމުން ދިޔައީ އުފާވެރި ދުވަސްތަކެކެވެ. އެދެމެދުގައިވާ ގުޅުމުގެ ސަބަބުން ތަޢުލީމަށް އަސަރު ކުރާނެފަދަ ކަމެއް އެކަކު ވެސް ނުކުރާނެއެވެ. އެންމެ ފުރަތަމަ ކަމަކީ ރަނގަޅު ނަތީޖާއަކާއިއެކު ތަޢުލީމީ ހަޔާތް ނިންމާލުމެވެ. އެމީހުނާއިމެދު އެމީހުންގެ މައިންބަފައިން ފަހުރުވެރިވާ ފަހުރުވެރިވުން ތަކުރާރުކުރަން ދެމީހުން ވެސް ބޭނުމެވެ. އެކެއްގެ ފަރާތުން އަނެކަކަށް ދޭންވާ އެހީތެރިކަމާއި އެއްބާރުލުން އިމެއް މިނެއްނެތި ދެމުންދިޔައެވެ.
ޝަހުމް އާއި ނައިހާ ތަޢުލީމީ ހަޔާތް ނިންމާލީ ބޭނުންވިފަދަ ރަނގަޅު ނަތީޖާއާއެކުއެވެ.
ދެމީހުންގެ ހިތުގައި ވެސް ތަޢުލީމަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކޯހެއް ހެދުމަށް އިސްކަންދިނެވެ. ކޯހުގެ ކަންކަން ހަމައަކަށް އެޅުމުން، ޕާޓްޓައިމް ވަޒީފާއަކަށް ދިއުމަކީ ދެމީހުންގެ ވެސް ޕްލޭނެވެ. ކައިވެންޏާއިމެދު ގޮތެއް ނިންމާނީ އެހާހިސާބުންނެވެ. ކޯހުގެ ހަރަދުތައް ޢާއިލާއިން ހަމަޖައްސައިދިން ނަމަވެސް، ދިރިއުޅުމުގެ ހަރަދުތައް އަމިއްލައަށް ހަމަޖެއްސުމަކީ ދެމީހުން ވެސް ބޭނުންވާ ގޮތެވެ.
އަހްޒަމްގެ ލޮލަކަށް ނިންޖެއް ނައެވެ. ނައިހާގެ ހަބަރެއް ނުވެއެވެ.
ވަގުތާއި ހާލަތާ އެއްވަރަށް ވިސްނަން ވެސް ޖެހެއެވެ.
އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. ފަތިސްވާން ކައިރިވެފައިވަނިކޮށް ނައިހާ ފޮނުވި ވީޑިއޯކޮޅާއިއެކު ވަރަށްވާހަކަ އެނގުނެވެ.
ކެތްތެރިކަމާއި ވިސްނުންތެރި ކަމަކީ އެންމެ އިސްކަންތަކެވެ. ގޮތެއް ނިންމަން ވާނީ ވަރަށް ރަނގަޅަށް ބަލައި ޔަގީން ކުރުމަށްފަހުއެވެ. ހިތްވަރާއި ނަސޭހަތްދެމުން ނައިހާއަށް އަހްޒަމް މެސެޖެއް ކޮށްލިއެވެ. ފޯނު ނުނެގިޔަސް މެސެޖް ބަލާނެކަމުގެ ޔަގީންކަން އޭނާއަށް ބޮޑެވެ.
އެހެން ދުވަސްތައް ފަދައިން މިއަދު ވެސް ފަތިސް ނަމާދުގެ ޖަމާއަތަށް އަހްޒަމް ދިޔައެވެ. ނަމާދުކޮށް ނިންމާލައިގެން ޤުރްއާން ކިޔަވަން އިރުކޮޅަކު މަޑުވެސް ކޮށްލިއެވެ.
ފަތިސް ނަމާދުކޮށްގެން މަންމައާއެކު ޤުރްއާން ކިޔަވާން އިން ވީޑިއޯކޮޅެއް ނައިހާ ވައިބަރ ކޮށްލިއެވެ. އެމޫނުމަތިން ފެންނަމުންދިޔަ އުފަލާއި ހިތްހަމަ ޖެހުމުގެ ފަހަތުގައިވި ވޭނާއި ކެކުޅުން ސިއްރުކުރަން ނައިހާ ކިތަންމެ މަސައްކަތެއް ކުރިޔަސް އަހްޒަމް އަކަށް އެކަން ސިއްރެއް ނުވިއެވެ.
ރަށަށް ދިއުމަކީ ފަސޭހަކަމެއް ނޫނެވެ. ކުރަންޖެހޭ ހަރަދުބޮޑުވެފައި އުފުލަންޖެހޭ ތަކުލީފު ވެސް ބޮޑުވީމައެވެ.
އެކަނިމާއެކަނި ކޮޓަރީގައި އޮވެ ވިސްނަމުންދިޔަ ނައިހާގެ ލޮލުން ކަރުނަ ނުހިކެއެވެ. ސިއްރުކުރަން ބޭނުންވި މީހުންނަށް ސިއްރު ކުރެވުނު ނަމަވެސް، އެހިތަމާ އާއި ހިތްދަތިކަމާއި ކުރިމަތިލާން ކިތަންމެ ހިތްވަރެއް ކުރިޔަސް ކެތްވާނީ ވަކިވަރަކަށެވެ. އެކަން ނައިހާއަށް އެނގެއެވެ.
ރުހުސާއާ ބެހޭގޮތުން ޝަހުމް ވާހަކަދެއްކީ މީގެ މަހެއްހާ ދުވަސްކުރިންނެވެ. ރުހުސާއާމެދު އޭނާ ހިތްހަމައެއް ނުޖެހެއެވެ. އެވަރަށް އޭނާ އެގެއަށް އައިސް އުޅޭއިރު، މަންމަ އާއި ބައްޕަމެން ވާހަކަ ދައްކާ އުޅޭއިރު، ރުހުސާ އޭނާއާ ވާހަކަ ނުދައްކާ ވާހަކަ ބުންޏެވެ. އޭނާއަކީ ބޮޑާ ކިބުރުވެރި އަންހެނެއް ކަމަށް ބުންޏެވެ. އޭނާއަކީ އަހްޒަމްދެކެ ލޯބިން އުޅޭ މީހަކަށްވުރެ ބޮޑަށް މިޢާއިލާގެ ފޯރުންތެރިކަމަށް ބަލައިގެން އައި މީހެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ބުންޏެވެ.
ޝަހުމްގެ އެވާހަކަތަކަށް ނައިހާ މާބޮޑު ސަމާލުކަމެއް ނުދެއެވެ. އެކަމާއި ނުވެސް ވިސްނައެވެ. އެފަދަ ކަމަކާއި އޭނާ ކުރިމަތިލާނީ އެފަދަކަމެއް ސާބިތުވުމުންނެވެ. އެއީ އެންމެ ރަނގަޅު ހައްލެވެ.
މެންދުރެއްކަން ހާއިރު ނައިހާގެ ފޯނެއް އައެވެ. އޭނާއަށްވުރެ ގިނަ ވާހަކަ ދެއްކީ އަހްޒަމް އެވެ. ބޭނުން ނުވިޔަސް އަހްޒަމް ބުނާގޮތް ނައިހާ ހަދާނެކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ. އަހްޒަމް ދެއްކި ވާހަކަތައް އޭނާ އަޑުއެހިއެވެ. އަދި އެފަދައިން ކަންތައް ކުރުމަށް އެއްބަސް ވެސް ވިއެވެ.
މެންދަމުގެ ހަމަހިމޭންކަމާއި ދިމާއަށް ވަގުތުގެ ދައުރުވުން ދިޔައެވެ.
އަހްޒަމް ރަށަށް އައިކަމެއް ލާންޗު މީހުނާއި ނައިހާ ފިޔާވާ އެހެން އެއްވެސް މީހަކަށް ނޭންގޭނެއެވެ.
އަހްޒަމް ހުރީ ނައިހާގެ އިޝާރާތެއްގެ އިންތިޒާރުގައެވެ.
މެންދަމުން އަލިވެ އެކެއް ޖެހިފަހުން ވައިބަރ މެސެޖެއް އައެވެ. އެއީ ވީޑިއޯކޮޅެކެވެ. ވަށައިގެން ހޯދަމުން ހޯދަމުން ވަރަށް ސިއްރުން ޝަހުމް ގޮސް އަހްޒަމްގެކޮޓަރީ ތަޅުގައި ހިފާލިއެވެ. ރުހުސާ ހުރީ އިންތިޒާރުގައެވެ. އެހެން ނޫންނަމަ ޝަހުމް ތަޅުގައި ހިފި ވަގުތާއި ރުހުސާ ދޮރު ހުޅުވާލިވަގުތު އެއްވަގުތަކަށް ނުވާނެއެވެ.
ވާފިއުއަކީ އަހްޒަމްގެ އެންމެގާތް އެކުވެރިޔާއެވެ. އަހްޒަމް ފޯނުކުރިއިރު އޭނާ އުޅެނީ ހޭލައެވެ. ރުހުސާގެ ދޮންބެ އަދުލީއާއެކު އޭނާގެ ސްޓޫޑިއޯގައެވެ. މާދަމާއަށް ނިންމަންޖެހޭ މަސައްކަތްތަކެއް ހުރުމުން އެކަމުގައެވެ.
އަހްޒަމް ގުޅާފައި ގޭދޮށަށް ޖައްސާލަން ބުނުމުން އޭނާއަށް ލިބުނީ ހައިރާންކަމެވެ. ގަބޫލުކުރަން އޭނާއަށް ފަސޭހައެއް ނުވިއެވެ. ނައިހާއަށް ގުޅާފައި ބުނުމުންއޭނާއާއެކު މަންމަ އާއި ބައްޕަ ވެސް ކޮޓަރިން ނުކުތެވެ. އަހްޒަމް ގޯތިތެރެއަށް ވަނީ ވާފިއު އަދި އަދުލީއާއެކުއެވެ. މިފަދަ ވަގުތެއްގައި އަދުލީއާ ދިމާވުން އެއީ އިއްތިފާގެކެވެ.
މަޑުމަޑުން އަހްޒަމް ގޮސް ކޮޓަރީ ދޮރު ހުޅުވާލިއެވެ. ދޮރުހުޅުވާލާ ލައިޓް ޖައްސާލި ވަގުތު ފެނުނު މަންޒަރާއިއެކު ހުރިހާކަމެއް ފަޅާއެރިއެވެ. އިތުރަށް ދައްކާނެ ވާހަކައެއް ބުނެދޭނެ އެއްޗެއް ނެތެވެ. އެމަންޒަރުން އެތައް ވާހަކައެއް ބުނެދިނެވެ.
ވަގުތާއި ހާލަތަށް ވިސްނައި ރުހުސާ އާއި ޝަހުމަށް އަހްޒަމް ވަގުތު ދިނެވެ. މަންމަގެ ފުރިހަމަ އެހީތެރިކަން ނައިހާއަށް ލިބުނެވެ. ވާފިއުހުރީ އަހްޒަމް ކައިރީގައެވެ. އަހްޒަމް އޭނާ ގެނައި އެންމެބޮޑު ބޭނުމަކީ ވެސް އެއީއެވެ.
ރުހުސާއާ ވާހަކަ ދައްކާކަށް ނަސޭހަތް ދޭކަށް އަހްޒަމް ނޫޅެއެވެ. ބުނިހާ ވެސް އެއްޗަކީ ވަރިކުރި ވާހަކައެވެ. ގެންދަންޖެހޭ އެއްޗެއް ހުރިނަމަ ހިފައިގެން ދާށެވެ.
ފެނުނު މަންޒަރުބަލާކަށް އެކަކަށް ވެސް ފަސޭހައެއް ނުވިއެވެ. ގަބޫލުކުރަން ބޭނުން ނޫނަސް ގަބޫލުނުކޮށް ވާކަށް ވެސް ނެތެވެ.
ނައިހާއާ ވާހަކަދައްކަން ޝަހުމް މަސައްކަތްކުރިއެވެ. އެވާހަކަތައް އަޑުއަހާކަށް ނައިހާ ބޭނުމެއް ނުވިއެވެ. ގެއިން ނުކުމެގެން ދިއުމަށާއި ދެން ދުވަހަކު ވެސް އެގެއަށް ވަދެގެން ނުވާނެ ވާހަކަ ޝަހުމްގާތު ބުނީ ނައިހާގެ ބައްޕައެވެ.
ނައިހާ ގޮވައިގެން ކޮޓަރިއަށް މަންމަ ދިއުމުން ވާފިއުއާއެކު އަހްޒަމް ނުކުތީ ބޭރަށެވެ. ވާފިއުމެން ދެމީހުނާއިއެކު އަހްޒަމް ދިޔައީ ވާފިއުގެ ސްޓޫޑިއޯ އަށެވެ.
ވާފިއުއަކީ އަހްޒަމްގެ މަންމަގެ ފުރިހަމަ އިތުބާރު ލިބިފައިވާ ރައްޓެއްސެކެވެ.
ދިމާވިކަންތަކުގެ ސަބަބުން އަހްޒަމަށް ކުރާނެ އަސަރު ވާފިއުއަށް އެނގެއެވެ. އޭނާގެ މަޤްޟަދަކަށްވީ އެހިޔާލުތަކާއި އަހްޒަމް ދުރައްޖައްސާލުމެވެ. ވަގުތީގޮތުން ނަމަވެސް އޭނާ ހަމައަކަށް އަޅުވާލުމެވެ.
އަންހެނުން ގުޅާފައި ބުނުމުން އަދުލީ ދިޔައީ ގެއަށެވެ.
ކުރެހުމާއި ކުލަޖެއްސުމަކީ އަހްޒަމް ކުރާހިތްވާ ކަމެކެވެ. ޗުއްޓީއަށް ރަށަށް އައިސް އުޅޭއިރު ވަރަށް ގިނައިން އަހްޒަމް އެތަނަށް ދެއެވެ. ވާފިއުއާއެކު އެތަނުގެ މަސައްކަތްތަކުގައި އެތައް ވަގުތެއް ހޭދަކުރެއެވެ.
އަރައިގެން އައި އިރާއިއެކު ބޮމެއް ގޮވިހެން މުޅިރަށަށް އެވާހަކަ ފެތުރުނެވެ. އެތައް ބައެއްގެ މަލާމާތާއި ފުރައްސާރަ އެދެމީހުނަށް އަމާޒުވިއެވެ. ރުހުސާއަކީ ކައިވެންޏެއްކޮށްގެން ހުރި މީހަކަށް ވާތީ އޭނާއަށް ރައްދުވި މަލާމަތް އިތުރެވެ.
ކަންތައްތައް ހަމައަކަށް އެޅެމުންދިޔައީ މަޑުމަޑުންނެވެ. ކޮންމެވެސް ދުވަހަކުން ރުހުސާ އައިސް އަހްޒަމް ކައިރިން މަޢާފަށް އެދިދާނެ ހީވިނަމަވެސް އެކަމާއި ވިސްނުން އަހްޒަމް ދޫކޮށްލިއެވެ. އެބާބު އޮތީ އެރެއިން އެރެއަށް ނިމިފައެވެ. އަލުން ނުހުޅުވާ ގޮތަށް ހީރަސްވެސް ޖަހައިފައެވެ.
ނައިހާއާ ވަކިން އުޅުމަކީ ޝަހުމަށް ފަސޭހަކަމަކަށް ނުވިޔަސް، ދެވަނަ ފުރުސަތެއް ދޭކަށް ނައިހާ ބޭނުމެއް ނުވިއެވެ. ޝަހުމްގެ އެއަމަލު ބަލައިގަތުމަކީ ދުވަހަކު ވެސް އޭނާއަށް ވާނެ ކަމެއް ނޫނެވެ. ނައިހާގެ އެނިންމުމަށް މައިންބަފައިންގެ ފުރިހަމަ ތާއިދުލިބުނެވެ. އެހީތެރިކަމާއި ހިތްވަރު ދިނުމުގައި ސާބިތުވެ ތިއްބެވެ. އަހްޒަމް ވެސް ގަބޫލުކުރީ އެގޮތެވެ.
ރުހުސާ ބޭނުންވީ އަހްޒަމް ކައިރިން ވަރިވެގެން ޝަހުމްއާ ކައިވެނިކުރާށެވެ. ޝަހުމްގެ މައިންބަފައިންނަށް ލިބިފައިވާ ތަނަވަސްކަމާއި އިއްޒަތާއި ގަދަރުގައި ދިރިއުޅޭށެވެ. މާބޮޑު ބުރަޔަކާއި ނުލައި އަތުން ފައިން ބުރަމަސައްކަތެއް ނުކޮށް އެޢާއިލާ ތެރޭގައި އުޅެވިދާނެއެވެ. އޭނާ ބޭނުންވަރަކަށް ފައިސާލިބި ހިހޫތަނުން ކާލައިގެން ދިރިއުޅުމަކީ އޭނާގެ ހުވަފެނެވެ. އެކަން ވެއްޖެނަމަ އެހުރިހާކަމެއް ފުރިހަމަ ވާނެއެވެ.
ޝަހުމްގެ ފަރާތުން ލިބޭނެކަމަށް ރުހުސާ ހީކުރި ފުރުސަތު އޭނާއަކަށް ނުލިބުނެވެ. އެރެއިން އެރެއަށް ޝަހުމް ވެސް އެފޮތް ލައްޕާލިއެވެ.
ނިމުނީ
