ދިވެހިންގެ ކެއުމުގެ ސަގާފަތުގައި ކަނޑުމަހާއި ފަރުމަހުގެ ބާވަތްތަކަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އޭގެ ތެރެއިންވެސް “ފަރުމަހު ދޮންރިހަ” އަކީ އޭގެ މީރު ރަހައާއި މީރު ވަހުގެ ސަބަބުން ގިނަބައެއްގެ މެދުގައި މަގުބޫލު ކެއުމެކެވެ. ބަތް، ރޮށި ނުވަތަ ފަރާޓާއާއެކު ކެއުމަށް މި ރިހަ ވަރަށް ފުރިހަމައެވެ.
ބޭނުންވާ ތަކެތި:
1 ފިޔާ
1 ލޮނުމެދު
ކުޑަ އިނގުރު ކޮޅެއް
400 ގްރާމު ފަރުމަސް / ކަނޑުމަސް ކޮށާފައި
1 ސައިސަމުސާ މުގުރި ދަވިއްގަނދު
½ ޖޯޑު ހުނި
¼ ސައިސަމުސާ ރީނދޫ
1 ސައިސަމުސާ މުގުރި ދިރި
4 ހިކަނދިފަތް
ރަހަލާވަރަށް ލޮނު
2 ކާފޫރުތޮޅި
2 ފުއް އޯބަތް
1 އިންޗީގެ ފޮނިތޮށި ކޮޅެއް
1 ޖޯޑު ފެން
3 އިންޗީގެ ރާނބާފަތްކޮޅެއް
ކުޅި ހެޔޮވަރުކުރަން ބޭނުންވާވަރަށް ގިތެމިރުސް
¼ ޖޯޑު ބޯކިރު

ތައްޔާރުކުރާނެގޮތް:
1- ފިޔާ ތުނިކޮށް ކޮށުމަށްފަހު، އިނގުރާއި ލޮނުމެދު ރަނގަޅަށް ޗަސްކޮށްލާށެވެ.
2- ބޯތަށްޓަކަށް އިނގުރު، ލޮނުމެދު، ހުނި، ރީނދޫ، ދަވިއްގަނދު އަދި ދިރީގެ އިތުރުން ކޮށާފައިވާ ފިޔާގެ ދެބައިކުޅަ އެއްބައި އަޅައި، އަތުން ރަނގަޅަށް މޮޑެލާށެވެ.
3- މޮޑުނު ސާމާނު މިކްސަރަށް އެޅުމަށްފަހު، އޭގެ ތެރެއަށް ހިކަނދިފަތް، ލޮނު، ކާފޫރުތޮޅީގެ އޮށް، އޯބަތް އަދި ފޮނިތޮށި އިތުރުކުރާށެވެ. ދެން ފަސް ސައިސަމުސާ ފެން އަޅައިގެން އޮމާން ޕޭސްޓްގަނޑެއް ތައްޔާރުކޮށްލާށެވެ.
4- ތައްޔާރުކުރި ޕޭސްޓްގަނޑު ތެއްޔަކަށް އެޅުމަށްފަހު، އޭގެ ތެރެއަށް ފެން، ރާނބާފަތް އަދި ގިތެޔޮ މިރުސް އެއްކުރާށެވެ. މެދު ގިނީގައި ބަހައްޓައިގެން، ބޮކިޖަހާ ކެކެންދެން ކައްކާށެވެ.
5- ރިހަގަނޑު ކެކިގަތުމުން، ކޮށާފައި ހުރި މަސްކޮޅު ތެއްޔަށް އަޅާށެވެ. ދެން ގިނި މަޑުކޮށްލުމަށްފަހު، މަސްކޮޅު ރަނގަޅަށް ރޯފިލަންދެން ބަހައްޓާށެވެ.
6- މަސްކޮޅު ރޯފިލުމުން، ބޯކިރާއި ބާކީ ހުރި ފިޔާކޮޅު އެއްކޮށްލާށެވެ. މަޑު ގިނީގައި ބަހައްޓައިގެން ފިޔާކޮޅު މަޑުވަންދެން ކައްކާލުމުން ރިހަ ތައްޔާރުކޮށް ނިމުނީއެވެ. އުނދުން ނިވާލުމުގެ ކުރިން ލޮނާއި ކުޅިމިން ރަހަބަލައި، ބޭނުންވާ މިންވަރަށް ހެޔޮވަރުކޮށްލާށެވެ.
މި ރިހައަކީ ދިވެހިވަންތަ، ކުދި ބޮޑު އެންމެންނަށްވެސް ކަމުދާނެ ވަރަށް ފުރިހަމަ ރެސިޕީއެކެވެ. އުނދުން މަތިން ބޭލުމަށްފަހު ހޫނުކޮށް ހުއްޓާ ކެއުމަށް ބޭނުންކުރުމުން މީގެ އަސްލު ރަހަ އިހުސާސްކުރެވޭނެއެވެ.
