ޕީ.ޓީ.އޭ އިން ނެރޭ ފާރުނޫސް ފައިނަލް ކުރުމުގެ މަސައްކަތުގައިސްކޫލުގެ އޮފީސްތެރޭގައި އުޅެނިކޮށް ފާޑެއްގެ ވަހެއް އައިސް ނޯށުގެ ހިނދުރީތެރެއަށް ވަންނަން ފެށިއެވެ. ޖެހުނު ވަހުގެ ގަދަ ކަމާއި ޒަވިކަމުން މުޅި ހަށިގަނޑަށް އެނގުން ވެގެން ދިޔައެވެ. ބޮލަށް އެނބުރުން އަރާކަހަލަ ގޮތްތަކެއްވެސް ވިއެވެ. އިރުކޮޅެއްފަހުން މުދައްރިސަކު އޮފީހަށް ދުރުވެ މައްސަލަ ހުށަހަޅުއްވައިފި އެވެ. އެ މުދައްރިސު ހުންނެވި ކުލާހަށް ކަރުބޮލަކު އެޅީއެވެ. މިކަމެއް ކުރީ ކޮން ކުއްޖެއް ނުވަތަ ކުދިންތަކެއްކަން ނޭނގުނު ނަމަވެސް މުޅި އެ ހިސާބުގަނޑު އެއްވަސްވެފައިވަނީ ކަރުބޮލަކުގެ ވަހުންނެވެ.

ދަންނަވާލެވުނު ޙާދިޘާ ނުވަތަ ކަމަކީ ވަރަށް ގިނައިން ސްކޫލު މަދަރުސާ ތަކުގައި ކުރިމަތިވާ ކަމެކެވެ. ސަކަރާތްޖަހާ، ފިލާވަޅު އަޑުއަހަން ބޭނުންނުވާ، ކިޔެވުމުގެ މުހިންމުކަން ނުއެނގޭ ނުވަތަ އެނގިތިބެ އެހެން ކުދިންނާއި މުދައްރިސުންނަށް ދަތި ކުރުމުގެ ނިޔަތުގައި މަދު ކުދިންތަކެއް ނަމަވެސް މިފަދަ ޢަމަލުތައް ކުރަމުން ދެއެވެ. ކަމުގެ ހުރި ނުރައްކާތެރިކަމާއި ގެއްލުމާއި މެދު ކުޑަކޮށްވެސް ވިސްނާލުމެއް ނެތިއެވެ.

ކަރުބޮލަކަކީ ނެފްތަލީން ނަމަކަށްކިޔާ ކެމިކަލްއަކުން ތައްޔާރުކޮށްފައި ހުންނަ ގުޅައެކެވެ. މިއީ ގިނަދުވަހަށް ބަހައްޓާފައި ހުންނަ ފޭރާމާއި ފޮތް ފޮތުގައި ފަނި އެޅިޔަ ނުދިނުމަށްލާ އެއްޗެކެވެ. ކަރުބޮލަކު މިފަދަ ކަންކަމަށް ބޭނުންކޮށް އުޅުނަސް މިއީކީ އެހާ އެދެވޭ ކަމެއް ނޫނެވެ. އެހެނީ ކަރުބޮލަކުން ދިރޭ ތަކެއްޗަށް ގެއްލުންދޭ ވިހަ ކެމިކަލް އެއް ބޭރުކުރެއެވެ. ކަރުބޮލަކުގެ ގިނަވައްތަރު ތަކަކީ ފަނިފަކުސަ ނައްތާލާ ނުވަތަ މަރާލާ އެއްޗެކެވެ. އަދި މިއީ އިންސާނާގެ ޞިއްޙަތަށް ގެއްލުންދޭ އެއްޗެއްވެސް މެއެވެ. ތަޖުރިބާކާރުމުގެ ދިރާސާތަކުން ދައްކާގޮތުން ކަރުބޮލަކުގެ ވަސް ނޭވާލާނިޒާމަށް ދިޔުން، ކެއުން އަދި ހަންގަނޑުގައި ޖެހުން ފަދަ ކަންކަން މާގިނައިން ތަކުރާރުވުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިކަމުގެ ސަބަބުން ލޭ މަދުވުމާއި ފުރަމެޔަށް ގެއްލުން ލިބުމާއި ކިޑްނީ ނުވަތަ ގުރުދާއަށް ގެއްލުން ލިބެއެވެ. މީގެ އިތުރުން ދަރިން ނުލިބޭގޮތް ވުން ފަދަ ކަންކަންވެސް މަދުންނަމަވެސް ކުރިމަތިވެއެވެ. ތުއްތު ކުދިންނަށް މީގެ އަސަރުކުރުމުން ނާރުތަކާއި ނާރުތަކާބެހޭ ނިޒާމަށް ގެއްލުން ލިބެއެވެ.

ކަރުބޮކަލުގެ ވަސް ހަށިގަނޑުގެ އެތެރެއަށް ދިއުމުން ބޮލުގައި ރިއްސުން، ހޮޑުލަވާގޮތްވުން، ހޮޑުލުން، ބޭރަށް ހިންގުން، ކަންކަން އޮޅުންބޮޅުން ވުން، ލޭ މަދުވުން، ފުރަމެއަށް ގެއްލުންވެ ގައިގެ ހަން ރީނދޫވުން، ގައިގެ އެކި ހިސާބުން މަސް ތޮޅޭގޮތްވުން (މިސާލަކަށް: ލޯތޮޅުން) ހިމެނެއެވެ.

އިޝާރާތް ކުރެވުން ކަންކަމުން އެނގިގެންދަނީ ކަރުބޮލަކަކީ އެއިން ގެއްލުންތަކެއް ދޭ އެއްޗެއް ކަމެވެ. އަންނައުނުގައި މީރުވަސް ދުއްވުމަށް ނުވަތަ ފަނިފަކުސައިން ސަލާމަތްކުރުމަށް ކަރުބޮލަކު ބޭނުން ކުރިކަމުގައިވިޔަސް ހަނދުމަފުޅު ބަހައްޓަވަން ޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. އެގޮތުން އަންނައުނަށް ކަރުބޮލަކު ލައްވާއިރު އަންނައުނުތައް ބެހެއްޓިފައި ހުންނަން ޖެހޭނީ ބަންދު ކުރެވިފައިވާ ތަނެއްގައެވެ. އަދި އަންނައުނުތައް ނެންގެވުމުގައި އަލަމާރި ނުވަތަ ބޮކުސާއިން ނަންގަވާއިރު ކޮޓަރި ތެރެއަށް ކަރުބޮލަކުގެ ވަސް ވީހާވެސް ނުނިކުންނާނެ ގޮތަކަށް ޢަމަލު ކުރައްވަން ޖެހެއެވެ. އަދި މިގޮތަށް ރައްކާ ކޮށްފައި ހުންނަ އަންނައުނު ލައި އުޅުމުގައި އެހާ އަވަހަށް ފޭރާން ނުލުމަށްވެސް ވިސްނަވަން ޖެހެއެވެ. އެހެނީ މިކަންކަމަކީ ޚާއްޞަގޮތެއްގައި ތުއްތުކުދިންނަށް ވަރަށް ގެއްލުން ހުރި ކަންކަމެވެ. މިކަމުގެ ހައްލަކީ ވައިލިބޭ މާހައުލެއްގައި އަންނައުނުތައް ނެންގެވުމެވެ. އަދި އަންނައުނު ލުމުގެ ކުރިން އަވީގައި ބެހެއްޓުން ހިމެނެއެވެ.

ކަރުބޮަލަކާއި މެދު މިހާވަރަށް ސަމާލުކަން ދޭންޖެހޭ އިރު، ސްކޫލު މަދަރުސާ ތަކުގައި ދަރިވަރުން މަޖާކުރުމާއި ޖެއްސުންކުރުމުގެ ގޮތުން ކަރުބޮލަކާއި ހުދު ކާފޫރު ފަދަ ތަކެތި ބޭނުން ކުރަމުން ގެންދާކަމީ ހިތާމަ ހުރި ކަންކަމެވެ. ކުލާހެއްގެ ތެރެއަށް ކަރުބޮލަކު އެޅުމުން ކުދިންނަށް އޭގެ ސަބަބުން ލިބޭނެ ގެއްލުންތަކާއި އުނދަގޫތައް ގިނަގުނަކަން މިފަދަ ޢަމަލުތައް ކުރާ ދަރިވަރުންނަށް ނުއެނގެނީ ބާވައެވެ؟ ނުވަތަ މިކަން އެނގިތިބެމެ ނުވަތަ އެނގިހުރެމެ އެކަން ކުރާ ކުއްޖާގެ އަމިއްލަ ނަފުސާއި ކުލާހުގައި ހުންނަވާ މުދައްރިސާއި ކުދިންނަށް ޤަޞްދުގައި ގެއްލުން ދެނީ ބާވައެވެ؟

މަޢުލޫމާތު ނެގީ: www.lifescript.com

www.howstuffswork.com

           ދިވެހި ބަސްފޮތް 2006

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.