މަޝްހޫރު ފަންނާނު އަލީ ސީޒަންގެ “ސީޒަން އަލީ ޕްރޮޑަކްޝަން” އިން އުފައްދާ ބިރުވެރި ފިލްމު “ޕަރީ – ޗެޕްޓަރ 2″ގެ ޓްރެއިލާ މިއަދު ރިލީޒްކޮށްފިއެވެ. މި ޓްރެއިލާ ނެރުނީ ރާއްޖެ ޓީވީން މިއަދު ހަވީރު ކުރިއަށް ގެންދިޔަ ޝޯއެއްގެ ތެރެއިން، ސީޒަން އަދި އާމިރު ސަލީމެވެ.
ދިވެހި ފިލްމަށް ލޯބިކުރާ ފަރާތްތަކުގެ ބޮޑު ތަރުހީބެއް ލިބިފައިވާ “ޕަރީ”ގެ މިފަހަރުގެ ޗެޕްޓަރގައި ބޮލީވުޑްގެ މަޝްހޫރު ފަންނާނު ސުރްޖަސިކާ ދާސްގެ މުހިންމު އަދި ބޮޑު ރޯލެއް ފެނިގެންދާނެ ކަމަށް ސީޒަން ބުންޏެވެ. މިއަދު އާއްމުކުރި ޓްރެއިލާއިންވެސް ސުރްޖަސިކާ ދާސްގެ ދެތިން މަންޒަރެއް ފެނިގެންދެއެވެ.
“ޕަރީ – ޗެޕްޓަރ 2″ގެ ޓްރެއިލާއިން ފިލްމުގެ މުހިންމު ބައެއް މަންޒަރުތައް ފެނިގެންދެއެވެ. މިގޮތުން ސުރްޖަސިކާ ދާސް ފެނިގެންދިޔަ މަންޒަރުތަކުން އޭނާ ވާހަކަދައްކާފައިވަނީ ހިންދީބަހުން ނެވެ. ސީޒަންގެ މަންޒަރުތަކުން ފާހަގަވީ ކުރީ ޗެޕްޓަރަށްވުރެން ތަންކޮޅެއް ހަރުކަށި ގޮތެއްގައެވެ.
View this post on Instagram
މި ފިލްމުގެ ފުރަތަމަ ފިލްމު “ޕަރީ – ޗެޕްޓަރ 1” އަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދި ފިލްމެކެވެ. އަހުމަދު އަހުސަން އާއި އަލީ ސީޒަން ޕްރޮޑިއުސްކުރި އެ ފިލްމުގެ 99 އިންސައްތަ މަންޒަރުތައް ޝޫޓްކޮށްފައިވަނީ އަވަށްޓެރި ސްރީލަންކާގައެވެ.
“ޕަރީ”ގެ ފުރަތަމަ ބައިގައި ދިވެހި ސިނަމާގެ ފުންނާބު އުސް ތަރިން ކަމަށްވާ އަލީ ސީޒަން، ރިޝްމީ ރަމީޒް، ޝީލާ ނަޖީބް، ޖުމައްޔިލް ނިމާލް، އަދި މުހައްމަދު ނައުޝާދު އަލީ ފަދަ ދިވެހި ސިނަމާގެ ތަރިން ހިމެނެއެވެ.
މީގެ އިތުރުން ލަންކާގެ ބައެއް މަޝްހޫރު ފިލްމީ ތަރިންވެސް އެ ފިލްމުން ފެނިގެން ގޮސްފައިވާއިރު، ކޮންމެ އެކްޓަރަކުވެސް ވަނީ ފާހަގަކޮށްލެވޭ ފަދަ ތަފާތު މޮޅު ހުނަރެއް ދައްކުވައިދީފައެވެ.
