މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓެރަންސް ކަޕް 2026 ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ، ޕޮލިސް ކުލަބު ބަލިކޮށް ވިލިމާލެ ޔުނައިޓެޑުން ހޯދައިފިއެވެ.
މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗު ވިލިމާލެ ޔުނައިޓެޑުން ކާމިޔާބުކުރީ 2-1 އިންނެވެ. ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ލަނޑު ވިލިމާލެ ޔުނައިޓެޑުން ކާމިޔާބުކުރީ މެޗުގެ 7 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ޖުނައިދުއެވެ.
ފުރަތަމަ ހާފުގެ 23 ވަނަ މިނެޓްގައި ޕޮލިސް ކުލަބުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއެވެ. ކީޕަރުގެ ބޯމަތިން ގޯލްތެރެއަށް ވައްދާލަން ނަސްރުﷲ ފޮނުވާލި ބޯޅަ ކީޕަރ ސަލާމަތްކުރީ ވަރަށް މަސައްކަތުންނެވެ. ބޯޅަ ދިފާއުކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ކީޕަރަށް އަނިޔާވެ ފަރުވާދޭން ވެސް ޖެހުނެވެ.

ފޮޓޯ: ނައުޝަމް ވަޙީދު / އިމޭޖަސް.އެމްވީ
ނަތީޖާ ހަމަހަމަކުރާނެ ފުރުސަތުތައް ޕޮލިސް ކުލަބަށް ލިބި ބޭނުން ނުކުރެވި ދިޔައިރު، ނަތީޖާގެ ފަރަގު ބޮޑުކޮށްލަން ވިލިމާލެ ޔުނައިޓެޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ވެސް ނުހިފުނެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ވިލިމާލޭ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ވެސް ފެނުނީ ޕޮލިސް ކުލަބަށްވުރެ ވިލިމާލެ ޔުނައިޓެޑް ވަރުގަދަކޮށެވެ. ލަނޑެއް ޖެހޭތޯ ދެ ޓީމުން ކުރަމުންދިޔަ މަސައްކަތް މި ހާފުގައި ވެސް ކާމިޔާބު ކުރީ ވިލިމާލޭ ޔުނައިޓެޑެވެ. މެޗުގެ 54 ވަނަ މިނެޓްގައި ވިލިމާލޭ ޔުނައިޓެޑަށް އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ހަސަން ސަލާހްއެވެ.
ވިލިމާލޭ ޔުނައިޓެޑް ދެވަނަ ލަނޑު ޖެހިތާ މާގިނައިރެއް ނުވެ، 56 ވަނަ މިނެޓްގައި ޕޮލިސް ކުލަބުން ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިފައެވެ. ޕޮލިސް ކުލަބު ކުޅުންތެރިން އުފެއްދި ހަމަލާގައި ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އާޔަތުﷲ އިބްރާހިމް ގޯލްތެރެއަށް ފޮނުވާލީ ބޮލުންނެވެ.
މެޗްގެ ފަހު ވަގުތުކޮޅު ވިލިމާލޭ ޔުނައިޓެޑްގެ މުޙައްމަދު ޖުނައިދުއަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. ހުސްކޮށް ގޯލް ކުރިމަތީ ހުރެ މުޙައްމަދު ޖުނައިދު ފޮނުވާލި ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސްވެގެން ބޭރަށެވެ.
މާދަމާ އޮންނާނީ މި މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗެވެ. މި މެޗްގައި ބައްދަލުކުރާނީ ހުޅުމާލޭ ވެޓަރަންސް އާއި ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބެވެ. މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ 16 މާރިޗު 2026 ދުވަހު ހަވީރުއެވެ.
