އެދުވަހު މެހެކް ވަރަށް ވިސްނިއެވެ. އޭނާގެ ހިތަށް އެރިއެވެ. އޭނާ މި ކެތްކުރަނީ ކޮން ކަމަކަށް ހެއްޔެވެ؟ އޭނާގެ ދަރިފުޅަށް އޭނާ މި ދައްކައިދެނީ ކޮންކަހަލަ މިސާލެއް ހެއްޔެވެ؟ އަޔާލް ބޮޑުވެގެން ފާޒިލް ފަދަ އަނިޔާވެރިއަކަށް ވާން އޭނާ ބޭނުން ހެއްޔެވެ؟ ނޫނެކެވެ. އޭނާ ޖެހޭނީ މި އަޅުވެތިކަމުން ނުކުންނާށެވެ.
ރޭގަނޑު 11 ޖަހައިފިއެވެ. މެހެކް އިނީ ސިޓިންރޫމް ސޯފާގައެވެ. އޭނާ އިންތިޒާރުކުރަމުން ދިޔައީ ފާޒިލް ގެއަށް އަންނާނެ އިރަކަށެވެ. އާދައިގެ މަތިން ފާޒިލް ގެއަށް އައީ ބާރަ ޖެހިފަހުންނެވެ.
“ކާން ހަދަން؟” މެހެކް އެހިއެވެ.
“ކޮންމެ ރެޔަކު ހަމަ ގެއަށް އައިސް ވަންނައިރަށް ކާނަންހޭ ތި އަހަނީ ކީކޭ ހިތަށް އަރައިގެންތަ؟ ކަލޭ ހީކުރީ ކަލޭ އަތުން ކައްކާ އެއްޗެއް ނުކެއިއްޔާ އަހަރެން ހުންނާނީ ނުކައި ބަނޑަށް ކަމަށްތަ؟” ފާޒިލްގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. މެހެކް ފެނުނަސް އޭނައަށް އުނދަގޫވާ ކަހަލައެވެ.
“ނޫން. އެހެނެއް ނޫން. ތިހާ ބުރަކޮށް އުޅެފައި އަންނައިރު ފަހަރެއްގައި ހަމަ ކާން ބޭނުންވެދާނެ ކަމަށް. އަނބިމީހާ ވީމަ އެހުނީ.” އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް އަނތްބެއްގެ ވާޖިބު އަދާކުރަން ތައްޔާރަށް ހުރިފަދައެވެ.
“މިރޭ ކިހިނެއް ވެގެން ތިއުޅެނީ މާ ލޯބި އުތުރި އަރައިގެން؟ ކޮންކަމެއް ބޭނުންވެގެން؟” ފާޒިލްގެ އަޑު މަޑުވިއެވެ. ލޯބީގެ ކުލަވެސް ޖެހުނެވެ.
“ތިހާ އަނތްބެއްގެ ވާޖިބު އަދާކުރަން ބޭނުމިއްޔާ އާދޭ!” ކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުން ފާޒިލް ބުންޏެވެ.
ފާޒިލް އެ ބޭނުންވާ ކަންތައް މެހެކްއަށް އެނގެއެވެ. އޭނާގެ ރާގު ބަދަލުވާ ހަމައެކަނި ވަގުތުކޮޅަކީ އެއީއެވެ. ނަމަވެސް މެހެކް ހުރީ އެކަމަށްވެސް ތައްޔާރުވެގެންނެވެ. ފާޒިލް ކިތަންމެ ބޭނުންވިޔަސް މިރޭ އެކަމެއް ކާމިޔާބެއް ނުވާނެއެވެ. ފާޒިލް ބޭނުންވާހާ ގޮތަކަށް ބޭނުން އިރަކު ބޭނުން ކަމެއް ކޮށްފިއެވެ. އޭނަގެ އިހުސާސްތަކަށް ފަރުވާލެއް ނުބަހައްޓައެވެ. އެކަމަށް ލައްކަ ދުވަހު އޭނަ ކެތްކޮށްފިއެވެ. އެކަމަކު ދެނެއް ނުވާނެއެވެ. ފާޒިލް ބޭނުންހާ ގޮތެއް ދެނެއް ނުހެދޭނެއެވެ.
މެހެކް ކޮޓަރިއަށް ވަނެވެ. ދޮރު ތަޅުލިއެވެ. އަދި ފާޚާނާއަށް ވަދެ ނިދާ ހެދުމަށް ބަދަލުކުރިއެވެ. އަބަދުވެސް ކޮޓަރީގައި ހެދުން ބަދަލުކުރާ މެހެކް މިރޭ ހެދުން ބަދަލުކުރަން ފާޚާނާއަށް ވަނީވެސް ވަކި މަޤުސަދެއްގައެވެ. ފާޒިލްއަށް ހަނިވެސް ފުރުސަތު ނުދިނުމަށްޓަކައެވެ. ފިރިމީހާއަށް ނުކިޔަމަންތެރިވެގެން ފާފަވެރިވިޔަސް ހެޔޮކަމަށް އޭނާ ހުރީ މިރޭ އެ އަޒުމުގައެވެ. އެއްޗެހި ބަދަލުކޮށްލައިގެން ނުކުމެ އެނދުގައި އޮށޯތުމާއެކު ފާޒިލް ގާތަށް ޖެހުނެވެ. އަދި މަޑުމަޑުން މެހެކްގެ އަތުގައި ބީހެން ފެށިއެވެ.
“ފާޒިލް. މިރެޔަކު ނޫން. އަހަރެން ޗުއްޓީގައި.” މެހެކް ބުނެލިއެވެ. ފާޒިލް އަނގައިން އަޑެއް ލައްވާލާފައި ދުރަށް ޖެހުނެވެ.
“ތީ ތި ވާވަރަކީ. މާ އަނބިމީހާ ވެގެން އުޅޭނެ. އެކަމަކު ފިރިމީހާ ކަމަކު ބުނީމަ އިޖާބަދޭން ނުކެރޭ. އެހެންވެގެންނޭ އެހެން އަންހެނުން ކައިރިއަށް ދާން ޖެހެނީ.” ފޫހިވެފައިވާ ރާގަކަށް ފާޒިލް އެހެން ބުނުމަށްފަހު ދުރަށް އެނބުރުނެވެ.
މެހެކްއަށް ފުން ނޭވައެއް ލެވުނެވެ. ފާޒިލް އެހާ ފަސޭހައިން ދޫކޮށްލީތީއެވެ. އެކަމުންވެސް އެ ދެމީހުންގެ ގުޅުން ކިހާ ހީނަރުކަން އެނގެއެވެ. ނޫންނަމަ އަނބިމީހާގެ އެކަހަލަ މުހިންމު ކަންކަން ފާޒިލްއަށް އެނގުނީހެވެ.
މެހެކް އިންތިޒާރު ކުރަމުން ދިޔައީ ފާޒިލްގެ ނިދި ހަރުވާނެ އިރަކަށެވެ. ފާޒިލްއަށް ފަސޭހައިން ނުހޭލެވޭނެހާ ގަދައަށް ނިދުމުން މެހެކް ތެދުވިއެވެ. އޭނާގެ ފޮށްޓަށް އޭނައާ އަޔާލްގެ ބައެއް އަންނައުނު އަޅާ ބަންދުކޮށްލިއެވެ. އަދި މަޑުމަޑުން ފޮށި ހިފައިގެން ގޮސް ޖެހިގެން ހުރި ކޮޓަރިއަށް ވަނެވެ. އޭރު އަޔާލް އޮތީ އަރާމުކޮށް ނިދާލާފައެވެ. މެހެކްއަށް އިރުކޮޅަކު އެ މައުސޫމު މޫނަށް ބަލަން އިނދެވުނެވެ. އޭނާގެ ލޮލުން ކަރުނަތައް އޮހިގަތީ އެ ދަރިފުޅުގެ މުސްތަޤުބަލާ ދޭތެރޭ ވިސްނާލާފައެވެ. ނަމަވެސް އޭނާގެ އިހުސާސްތަކުގެ މައްޗަށް ބާރު ފޮރުވައި އަޔާލް ހޭލެއްވިއެވެ.
“މަންމާ. ކިހިނެއްވީ؟” އަޔާލް ނިދި އަޑަކުން އެހިއެވެ.
“ދަރިފުޅާ. މާ ބާރަށް ވާހަކަ ނުދައްކާތި. މަންމަ މިއުޅެނީ ބައްޕަ ހޭލުމުގެ ކުރިން ދަރިފުޅު ގޮވައިގެން މިގެއިން ދާން.” މެހެކް ބުންޏެވެ.
އަޔާލް މެހެކްގެ ބަސް އަހައިގެން މަޑުމަޑުން މެހެކް ބުނި ގޮތަށް ކަންތައް ކުރިއެވެ. އަދި މެހެކްގެ އަތުގައި ހިފައިގެން މަޑުމަޑުން ނުކުތެވެ. އަޔާލް ނުކުތުމުގެ ކުރިން ފަހު ފަހަރަށް ފާޒިލްއަށް ބަލައިލިއެވެ. ބައްޕަގެ ސަބަބުން މަންމައަށް އޭނާ ގޮވައިގެން ގެއިން ނުކުންނަން ޖެހުނީތީ އަޔާލް ހުރީ ހިތުގައި ޖެހިފައެވެ. ނަމަވެސް އެ ކުޑަކުޑަ ހިތްވެސް އެގޮތް ބޭނުންވާ ކަހަލައެވެ. ބައްޕަގެ ފަރާތުން މަންމައަށް ލިބޭ އަނިޔާތަކުން އެކުއްޖާގެ ހިތަށް މާ އަސަރުކުރެއެވެ. ބައްޕަގެ ރުޅިދެކެ ޖެހިލުންވެއެވެ.
ދަންވަރުގެ ވަގުތުގައި މަގުމަތިން ކާރެއް ލިބުން ވަރަށް ދަތިވިއެވެ. ނަމަވެސް ވަރަށް ގިނައިރުވީ ފަހުން ކާރެއް ލިބުނެވެ. އޭނާ ދިޔައީ އޭނާގެ މައިންބަފައިންގެ ގެއަށެވެ. އެމީހުން ތިބޭނީ އަރާމު ނިންޖެއްގައިކަންވެސް އެނގިހުރެއެވެ. އޭނާ ދޮރުގެ ރަނގަބީލު ޖަހާލިއެވެ. ދެތިން ފަހަރަކު ރަނގަބީލު ޖެހިފަހުން ދޮރު ހުޅުވާލީ އަމީނެވެ. އޭރުވެސް އޭނާ ލޯ އުނގުޅަމުން ދިޔައެވެ.
“މެހެކް. ދަރިފުޅާ. މީ ކޮންކަމެއް؟” އަމީން އެހިއެވެ. މެހެކް ފެނުމާއެކު އޭނާގެ ނިދިވެސް ފިލައިގެން ދިޔަ ކަހަލައެވެ.
“ތިތާ ބޭރުގައި ނުހުރެ އެތެރެއަށް ވަދޭ.” އަމީން މެހެކް އެތެރެއަށް ވެއްދިއެވެ.
“ދަރިފުޅާ މެހެކް. މިއޮއް ދަންވަރު. ކިހިނެއްވީ؟” އަމީން ހާސްވެފައި އެހިއެވެ.
“ބައްޕާ.” އަމީންގެ ގައިގައި ބައްދައިގަންނަމުން މެހެކް ރޯން ފެށިއެވެ. އަމީންގެ ހާސްކަން އިތުރުވިއެވެ.
“ދަރިފުޅާ. ކިހިނެއް ވެގެންތަ ތި އުޅެނީ؟ ވެގެން އުޅޭގޮތެއް ބުނީމައެއްނު ބައްޕައަށްވެސް އެނގޭނީ.” އަމީން އޭނާގެ ހަމައެކަނި ދަރިފުޅުގެ ބުރަކަށީގައި ފިރުމަމުން އެހިއެވެ. ނަމަވެސް މެހެކްއަށް އެކައްޗެކޭވެސް ނުބުނެވުނެވެ. އޭނާ ހުއްޓުމެއް ނެތި ރޮމުން ދިޔައެވެ.
އަމީންގެ ޚަބަރެއް ނުވެ ގިނައިރު ވެގެން އައި ރަމީޒާ ބޭރަށް ނުކުތެވެ. މެހެކް ފެނުމާއެކު އޭނާއަށްވެސް ވީ އަމީނަށް ވީފަދަ ގޮތެކެވެ.
“ދަރިފުޅާ މެހެކް. ކިހިނެއްވީ؟ މިއޮއް ދަންވަރު އަޔާލް ގޮވައިގެން މިގޭގަ. މީ ކޮން ފޮށްޓެއް؟” ރަމީޒާވެސް ހާސްވެފައި ފައްޗަކަށް ސުވާލުތައް އަމުނާލިއެވެ.
“އަހަންނަކަށްވެސް ނޭނގުނު ވެގެން މި އުޅޭ ގޮތެއް. އަހާއަހާ ނުއެއް ބުނި. ހަމަ ރޮނީ. ފޮށިވެސް ހިފައިގެން.. އަނެއްކާ ފާޒިލް މެހެކް ވަރިކުރީތަ؟” އަމީނަށް ބުނެވުނެވެ.
“އެކަމަކު މިއޮއް ދަންވަރު ގެއިން ނެރެލާކަށް ނުވާނެއެއްނު. ފޮނުވާލަންޏާވެސް ހެނދުނު ފޮނުވާލިނަމަ.” ރަމީޒާ ހިތްހަމަނުޖެހުމާއެކު ބުންޏެވެ.
“ދަރިފުޅާ. ދެން ހުއްޓާލާ. ދަރިފުޅު ރޯތީ އަޔާލްއަށްވެސް އެ ރޮވެނީ.” އަމީން ބުންޏެވެ.
“ފާޒިލްއަށް ގުޅާ!” ރަމީޒާ އަމީނަށް އެންގިއެވެ.
“ނޫން ބައްޕާ. އޭނައަށް ނުގުޅާތި.” މެހެކް އާދޭސްކުރިއެވެ.
މެހެކް ވަރަށް މަސައްކަތުން ހުއްޓާލިއެވެ. އަދި ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ހިތެއް ހަމައެއް ނުޖެހެއެވެ. ހެނދުނު ފާޒިލް ހޭލާއިރު އޭނާ ނެތްކަން އެނގޭއިރަށް ކަންތަކާ ލައިގަންނާނެއެވެ. އޭނާގެ އެ ކުއްލި ރުޅިގަނޑާއެކު މިގެއަށް އަންނާނެއެވެ. އޭރުން އޭނާ މި ހުރިހާ ދުވަހުވެސް ކެތްކުރި އެއް ސަބަބަށް ނިމުމެއް އަންނާނެއެވެ. އޭނާގެ އާއިލާގެ އަބުރު ވެއްޔާ މޮޑެވޭނެއެވެ. ފާޒިލްއަކީ މުއްސަނދި، ނުފޫޒުގަދަ މީހާއެވެ. އޭނާގެ ބަސް މީހުން ޤަބޫލުކުރާނެއެވެ.
“ދަރިފުޅާ. ކިހިނެއްވީ؟ ފާޒިލް ދަރިފުޅު ވަރިކުރީތަ؟” އަމީން އެހިއެވެ.
“ނޫން ބައްޕާ. ފާޒިލް އަހަރެން ވަރިއެއް ނުކުރޭ. އަދި އަހަރެން ގެޔަކުންވެސް ނުނެރޭ. އަހަރެން އަމިއްލައަށް މި އައީ.” މެހެކް ބުންޏެވެ.
“ކީކޭ؟ ދެން ކީއްކުރަން މިއޮއް ދަންވަރު ގެއިން ނުކުމެގެން ތިއައީ؟” ރަމީޒާ ހައިރާންވެ، ކުޑަކޮށް ހިތްހަމަވެސް ނުޖެހިފައި އެހިއެވެ.
“މަންމާ. އަހަންނަކަށް ފާޒިލްއާ އެކުގައެއް ނޫޅެވޭނެ. އޭނަ އަހަންނަކަށް އިޙުތިރާމެއް ނުކުރޭ.” މެހެކް ބުންޏެވެ.
“މެހެކް. ތީ ދެން ކޮންކަމެއް؟ ހަމަ ދެމީހުން ކުޑަކުޑަ މައްސަލައެއް ޖެހޭއިރަށް ގެއިން ނުކުމެގެން އައުމަކީ ރަނގަޅު ކަމެއް ނޫން. މީހުން ކިޔާނެ އެއްޗިއްސަށްވެސް ވިސްނާލަބަލަ.” ރަމީޒާއަށް އަދިވެސް ކަމުގެ އަސްލެއް އިހުސާސެއް ނުކުރެވެއެވެ.
“މަންމާ. އޭނައަކީ ރަނގަޅު މީހެއް ނޫނޭ. މީހުން ކިޔާނެ އެއްޗަކަށް ނުވިސްނަބަލަ. އެންމެ ފަހަރަކުވެސް އަހަންނާ ދޭތެރޭ ވިސްނާލަބަލަ. އަހަރެންގެ މި ދަރިފުޅާ ދޭތެރޭ ވިސްނަބަލަ.” މެހެކް އާދޭހުގެ ރާގެއްގައި ބުންޏެވެ.
“ތި ދެމައިންނާ ދޭތެރޭގައި ވިސްނާތީއޭ މި ބުނަނީ. އެނބުރި ގެއަށް ދޭ. އޭނަ ކަހަލަ ރަނގަޅު މީހެއް ދެން ދަރިފުޅަކަށް ނުލިބޭނެ. އެގެއިން އުނިވަނީ ކޯއްޗެއް؟” ރާމިޒާ ހުރީ އަދިވެސް މެހެކް ފާޒިލް ގާތަށް ފޮނުވާށެވެ.
“ލޯބި. އިޙުތިރާމް. އެގެއިން ނުލިބެނީ މި. އެގެއިން ނުލިބެނީ ކޯއްޗެއްހޭ ނާހާ މަންމަ އަހާބަލަ އަހަންނަށް އެގެއިން ލިބުނީ ކޯއްޗެއްހޭ؟” މެހެކްއަށް އަނެއްކާވެސް ރޮވުނެވެ.
“މެހެކްވެސް މިހާރު ދެން މާ ގޮތްދޫނުކުރަނީ. ކައިވެނިކުރީމަ ފިރިމީހާ ބުނާގޮތް ހަދަން ޖެހޭނެ. ތިހެން ގެއިން ފިލައިގެން އައުމަކީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން.” އަމީންވެސް ހުރީ މެހެކް ފާޒިލް ގާތަށް ފޮނުވަން ފައި ވިއްދާލާފައެވެ. އެމީހުންނަކަށް އެމީހުންގެ ދަރިފުޅުގެ ރިހުންތަކެއް ނުފެނެއެވެ.
“މެހެކް. ދަރިފުޅަށް ރަނގަޅަކަށް މި ހުރިހާ އެއްޗެއްވެސް މި ކިޔަނީ. އަންހެނުންނަކީ ވަރަށް ކެތްތެރިވާން ޖެހޭ ބައެއް. އެކަހަލަ ރަނގަޅު މީހަކު މިޒަމާނަކު ނުލިބޭނެ.” ރަމީޒާ ބުނެލިއެވެ.
“މަންމަމެންނަށް ކޯއްޗެއްތަ އެނގެނީ؟ މިހާރު އަހަރެންގެ ކެތްތެރިކަން ކޮޅުންލީއޭ. އެގޭގައި ހަމަނޭވައެއް ލާނެހާ ފުރުސަތެއްވެސް އެމީހުން ނުދޭ. ފާޒިލްގެ ބައްޕަ ނޫނީ ހިތްހެޔޮކޮށް އަނގައިން ބުނެލާ މީހަކުވެސް ނޫޅޭ. އަހަރެންގެ ގަޔަކު ނެތޭ މިހާރު އިތުރަށް އެ އަނިޔާތަކަށް ކެތްކުރާނެހާ ހިތްވަރެއް.” މެހެކްގެ އަޑު ތަންކޮޅެއް ބާރުވިއެވެ. ތަނަށް ވެރިވީ ހިމޭންކަމެކެވެ.
“މަންމަމެންނަށް ފާޒިލް އެހާ ރަނގަޅު މީހަކަށް ވެގެން ތި އުޅެނީ އޭނަގެ އަތުގައި ލާރި ހުރީމަ. މަންމަމެންނަށް މިހާރު އަހަންނާހެދި އުނދަގޫވަނީ ދޯ.” ހިތުގައި ޖެހިފައި ހުރުމުގެ ސަބަބުން މެހެކްއަށް ނުބުނަންވާ އެއްޗެއް ބުނެވުނެވެ.
މެހެކްގެ ވާހަކައިން އަމީންއާ ރަމީޒާއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އެމީހުންނާ ދޭތެރޭ ދަރިފުޅުގެ ވިސްނުން ހުރިގޮތުންނެވެ.
“މެހެކް..”
“ނޫން ބައްޕާ. ދެން އަޅާނުލާ.” އަމީންގެ ވާހަކަ މެދުކަނޑާލަމުން މެހެކް ބުންޏެވެ.
“އަހަންނަށް އެނގިއްޖެ މިހާރު މިގޭގައި އަހަންނަކަށް ޖާގައެއް ނެތްކަން. އެހެންވީމަ އަހަރެން މި ދަނީ.” މެހެކް އަޔާލްގެ އަތުގައި ހިފާލަމުން ފޮށި ހިފައިގެން ހިނގައިގަތެވެ.
“ދަރިފުޅާ. މިއޮއް ދަންވަރު ނުގޮސް މަޑުކުރޭ ހެނދުނު ދާން.” ރަމީޒާ މެހެކްއަށް ގޮވިއެވެ.
“ނޫން މަންމާ. އަހަރެންނަށް ޖާގަ ނެތް ތަނެއްގައި އެންމެ އިރުކޮޅަކުވެސް ހުންނާކަށް ބޭނުމެއް ނޫން. އަހަރެން މިދަނީ. އަދި މީގެފަހުން ދުވަހަކުވެސް އެނބުރި މިގެއަކަށް ނާންނާނަން.” ކަރުނަ ފޮހެލަމުން މެހެކް ބުނެލިއެވެ. އޭނާ އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ އަޔާލް ގޮވައިގެން އެގެއިން ނުކުތެވެ.
(ނުނިމޭ)
