ޖަރުމަނުވިލާތުގެ ހައިޑެލްބާގް ޔުނިވާސިޓީ އާއި ކޮލޯން ޔުނިވާސިޓީ ގުޅިގެން ކުރި އާ ދިރާސާއަކުން ދައްކާގޮތުގައި، ސްމާޓްފޯނާ ދުރުގައި 72 ގަޑިއިރު ހޭދަކުރުމަކީ ސިކުނޑީގެ މަސައްކަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމެކެވެ. މި ބަދަލުތަކަކީ އެއްޗަކަށް ދެވިހިފުމުން ސިކުނޑިއަށް އަންނަ ބަދަލުތަކާ އެއްގޮތް ބަދަލުތަކެއް ކަމަށް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.
މި ދިރާސާގައި ބައިވެރިވި 25 ޒުވާނުން، ހަމައެކަނި ކޮންމެހެން ކުރަންޖެހޭ މުހިންމު ކަންކަމަށް ފިޔަވައި ފޯނު ބޭނުންކުރުން ހުއްޓާލިއެވެ. އެމް.އާރް.އައި ސްކޭންތަކުން ދެއްކި ގޮތުގައި، މި ބައިވެރިންނަށް ސްމާޓްފޯނުގެ ފޮޓޯތައް ދެއްކުމުން، ސިކުނޑީގެ އުފާވެރިކަމާއި އާދަވެގެން ކުރާ ކަންކަމާ ގުޅުންހުރި ‘ޑޯޕަމީން’ އަދި ‘ސެރޮޓޮނިން’ ފަދަ ނިއުރޯޓްރާންސްމިޓާތަކުގެ މަސައްކަތަށް ބަދަލުތަކެއް އާދެއެވެ. މިއީ އާންމުކޮށް ނޭދެވޭ ކަންކަމަށް ދެވިހިފުމުން ސިކުނޑިން ފެންނަ ފަދަ ނިޝާންތަކެކެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ނަފްސާނީ ގޮތުން ކުރި ޓެސްޓުތަކުން މީހާގެ މިޒާޖަށް ނުވަތަ ފޯނު ބޭނުންކުރުމުގެ ޝައުގުވެރިކަމަށް މާ ބޮޑު ބަދަލެއް އައިކަން ނުފެނުނު ނަމަވެސް، ބައެއް ބައިވެރިންނަށް ނަފްސާނީ ގޮތުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނުކަމެވެ.
މި ހޯދުންތަކުން އެނގެނީ ސްމާޓްފޯނަކީ އަޅުގަނޑުމެންގެ ނަފްސާނީ ދުޅަހެޔޮކަމާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެއް ކަމެވެ. ދިރާސާވެރިން ބަޔާންކުރާ ގޮތުގައި، ކުރު މުއްދަތަކަށް “ޑިޖިޓަލް ޑިޓޮކްސް” އެއް ނުވަތަ ފޯނާ ދުރުގައި ހޭދަކުރުމަކީ ސިކުނޑީގެ މަސައްކަތްތައް އަލުން ތަރުތީބުކޮށްލުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން، މާގިނައިން ފޯނު ބޭނުންކުރުމުގެ ސަބަބުން ދިގު މުއްދަތުގައި ސިކުނޑިއަށް ކޮށްފާނެ އަސަރުތަކާ މެދު މި ދިރާސާގައި ވަނީ ސުވާލު އުފައްދާފައެވެ.
