ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރާޅުތައް – ޗެޕްޓަރ 3

ހުވަފެނާއި ހަގީގަތުގެ ދެމެދުގައި

ދުނިޔެއާމެދު އޭނާ ދެކޭގޮތް ބަދަލުވާން ފެށިއެވެ.

ކުރިން ބުރަ އަދި ފޫހި ކަންތައްތަކެއްގެ ގޮތުގައި އިހުސާސްވި ކުދިކުދި ދުވަހީ މަސައްކަތްތަކަކީ މިހާރު އެހާ ބުރަ ކަންތައްތަކެއް ނޫނެވެ. އެ މަސައްކަތްތަކުގައި މިހާރު އަމާން އޮމާންކަމެއް ވެއެވެ. އޭގައި ވަނީ ބުނެދޭން ނޭނގޭ ފަދަ އުފާވެރިކަމެކެވެ. އާދައިގެ ކަންކަމުން ވެސް މިހާރު އާ މާނައެއް ފެންނަ ކަހަލައެވެ.

މި އަންނަ ބަދަލު އޭނާއަށް ފަހުމެއް ނުވެއެވެ. ނަމަވެސް އެ ބަދަލު އޭނާއަށް އިހުސާސް ކުރެވެއެވެ.

ފެންވަރައިގެން ނިކުމެ އަނދިރި ކޮޓަރީގެ ކަނެއްގައި ހުރި، ދުވަސްވީ، ރެނދުލާފައިވާ ލޯގަނޑުގެ ކުރިމަތީގައި ހުއްޓި ހުރިއިރު އޭނާއަށް އެ އިހުސާސްތައް ކުރެވެމުން ދިޔައެވެ. އެ ލޯގަނޑަކީ އޭނާގެ މާމަ ރަށު ކުނިގޮނޑު ކައިރިން ހޮވައިގެން ގެނައި ލޯގަނޑެކެވެ. އާސާރީ އެއްޗެކެވެ. އާދަޔާހިލާފު ރީތި ލަކުޑީގެ މަސައްކަތް ކޮށްފައިވާ އެއްޗެކެވެ. އެ ލޯގަނޑު އަދި ބޭނުންކުރެވޭނެ ކަމަށް މާމަ އޭރުވެސް ބުނަމުން ދިޔައެވެ.

މިއަދު އެ ލޯގަނޑުން ފެންނަނީ މުޅިން ތަފާތު ސޫރައެކެވެ. އަންހެނެކެވެ. ކުރިން އުޅުނު ކުޑަކުއްޖާއެއް ނޫނެވެ. ބޮޑުވަމުން އަންނަ، ފުރިހަމަވަމުންދާ ރީތި އަންހެނެކެވެ. އޭނާގެ ދިގު ފަން އިސްތަށިގަނޑު ކޮނޑުމަތިން ފައިބާފައިވަނީ މަޑު ފަށުވިކޮޅެއް ފަދައިންނެވެ. އޭނާގެ ހަށިގަނޑަށް އަންނަމުންދާ ބަދަލުތައް އޭނާއަށް ފާހަގަވާން ފެށީ އަދި ކިރިޔާއެވެ.

ނޭވާ މަޑުޖެހުނެވެ. އިޚްތިޔާރުން ބޭރުގައި އޭނާގެ އިނގިލިތަކުން ކަރުގައި މަޑު މަޑުން ފިރުމާލެވުނެވެ. އެއީ އަމިއްލަ ނަފުސު އަލުން ދެނެގަންނަ ކަހަލަ ގޮތަކަށެވެ. އެ ފިރުމުމާއެކު ހަށިގަނޑަށް ތަފާތު ހޫނުކަމެއް އިހުސާސްވިއެވެ.

ލޯ މެރުނެވެ. ހިތަށް ކޮންމެވެސް އެއްޗެއް ފެންނަ ކަހަލައެވެ. ބުނެދޭން ނޭނގޭ، ނުފެންނަ ކަމެއް ނަމަވެސް އެއީ ހަގީގަތެއް ކަމަށް ގަބޫލުކުރެވެއެވެ. އެ ޚިޔާލާއެކު މުޅި ހަށިގަނޑަށް މަޑު ތުރުތުރެއް އަރައިގެން ދިޔައެވެ.

ހުވަފެނީ ދުނިޔެއެއްގައި ހުއްޓައި ކުއްލިއަކަށް މާމަ ގޮވާލި އަޑަށް ސިހުނެވެ. “ޔަސްމީން! ޔަސްމީން!” ދޮރު ހުޅުވާލާފައި މާމަ އެތެރެއަށް ވަނެވެ.

ޔަސްމީން ސިހި، އޭނާ އުޅުނު ހިޔާލީ ދުނިޔެއިން ބޭރުވިއެވެ. ލަދުން މޫނުގައި އަތް އެޅިއެވެ. އަވަސް އަވަހަށް ތިރީގައި އޮތް ތުވާލި ނަގައި ހަށިގަނޑު ނިވާކޮށްލިއެވެ.

މާމަ ދޮރުމަތީގައި މަޑުކޮށްލައިގެން ހުރީ ޔަސްމީނަށް ބަލާށެވެ. އިރުކޮޅަކު ހުރެފައި މަޑުމައިތިރިކަމާއެކު، ނަމަވެސް ސާބިތުކަމާއެކު ބުންޏެވެ. “ދަރިފުޅާ… ތިއީ މިހާރު ކުޑަކުއްޖެއް ނޫނޭ.”

މާމަގެ އަޑުގައި މިފަހަރު ހުރީ އިންޒާރެއްގެ ރާގެކެވެ. “ކޮންމެ ކޮންމެ ހިޔާލެއްގެ ތެރެއަށް ނުވަންނާތި. މި ރަށަކީ ހީކުރާ ކަހަލަ އާދައިގެ ތަނެއް ނޫން.”

މާމަ އޭނާއާ ކައިރިއަށް ޖެހިލާފައި މަޑުމަޑުން ބުންޏެވެ. “ތަވީދު އަޅައިގެން އުޅޭތި. ނިވާވެގެން ހުންނާތި. އަދި އިރުއޮއްސި އަނދިރިވާ ގަޑިތަކުގައި ތިގޮތަށް މަޑުނުކުރާތި.”

ޔަސްމީން އެއްވެސް އެއްޗެކޭ ނުބުނެއެވެ. ނަމަވެސް އޭނާގެ ހިތުގެ ފުންމިނުގައި، އެ ލަދުވެތިކަމާއި އޮޅުންބޮޅުންގަނޑުގެ ތެރޭގައި ވެސް އެ އާދަޔާ ހިލާފު އިހުސާސްތައް ދެމިއޮތެވެ.

ހުވަފެނާއި ހަގީގަތުގެ ދެމެދުގައިވާ ފަރަގު ކުޑަވަމުން ދިޔައެވެ.

މާމަގެ އެ ބަސްތަކާ މެދު ވިސްނުން ހުއްޓައެއް ނުލެވުނެވެ. ރަށުތެރޭގެ ތެތްފިނިކަން ފަދައިން، އެ ވާހަކަތައް ޔަސްމީންގެ ހިތުގައި ވަނީ ބިންވަޅުނެގި، ބިރުވެރިކަން އުފައްދާފައެވެ.

“ރައްކާތެރިކަމުގެ ތަވީދު އަޅައިގެން އުޅޭތި!.”
“އަނދިރީގައި މަޑުނުކުރާތި!”
“މި ރަށް… އެބަ ބަލާ!”

ކީއްވެބާއެވެ؟ މި ސުވާލު އޭނާގެ ބޮލުގައި އެނބުރެމުންދިޔައީ ނިމުމެއް ނެތް ގޮތަކަށެވެ. އޭނާ ރައްކާތެރިވާންޖެހެނީ ކޮން އެއްޗަކުން ހެއްޔެވެ؟ އަދި އަބަދުވެސް އޭނާގެ މާމަ އޭނާއަށް އެހާ ބޮޑަށް ސަމާލުކަން ދެނީ ކީއްވެ ހެއްޔެވެ؟

ހަނދާން ހުންނަން ފެށީއްސުރެ، މާމަ އުޅެނީ އާދަޔާ ހިލާފަށް ސަމާލުވެގެންނެވެ. އަބަދުވެސް އޭނާގެ ހެދުން އެޅުމަށް ސަމާލުކަން ދިނުމަށާއި، ހަށިގަނޑު ނިވާކުރުމަށް ނަސޭހަތްތެރިވެއެވެ. އަދި އެ ބާވެފައިވާ ތަސްބީހަ އޭނާގެ އަތަށް ދެނީ، އެއީ ހަމައެކަނި އަޅުކަން ކުރާ އެއްޗަކަށްވުރެ ބޮޑަށް، ދިފާއީ އައްޑަނައެއްގެ ގޮތުގައެވެ.

ޔަސްމީން އޭނާގެ އަތުގައި އޮތް ތަސްބީހައަށް ބަލައިލިއެވެ. ފެންނަ ފެނުމަށް އެއީ ހަމަ އާދައިގެ އެއްޗެކެވެ. އެކަމަކު، އެ އެތި އޭނާއާ ވަކިވުމެއް ނެތެވެ. އޭނާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ބައެއް ފަހަރު، މާމަ ބިރުގަންނަނީ ހަމައެކަނި މި ރަށާ މެދުގައި ނޫންކަމަށް އޭނާއަށް ހީވެއެވެ. ބައެއް ފަހަރު، މާމަ ބިރުގަންނަނީ އޭނާއާ މެދުގައި ހެއްޔޭ ހިތަށް އަރައެވެ.

މީހުން އޭނާއަށް ބަލާ ގޮތް އޭނާއަށް އިހުސާސް ކުރެވެއެވެ. ފިރިހެނުންގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުންނަނީ އާދަޔާ ހިލާފު ގޮތަކަށެވެ. އަދި އަންހެނުންގެ ލޮލުން ފެންނަނީ އެހެން ކަމެކެވެ. އެއީ ހަމައެކަނި އޮޅުންފިލުވަން ބޭނުންވާ ބެލުމެއް ނޫނެވެ. އެއީ ޝައްކާއި ބިރުވެރިކަމެވެ.

އެއްދުވަހަކު ބަޔަކު ސިއްރުން ދެއްކި ވާހަކައެއް އޭނާގެ ކަންފަތުގައި ޖެހުނެވެ. “ޖިންނި ކުއްޖާ،” އެ ބަސްތައް އޭނާގެ ހިތުގައި ބަދަލުނުވާނޭހެން ހަރުލާފައި ހުއްޓެވެ.

އޭނާއަކީ އެހެން ކުދިންނާ ތަފާތު ކުއްޖެއްކަން އޭނާއަށް އަބަދުވެސް އެނގެއެވެ. ކުޑައިރުވެސް، އެހެން ކުދިންގެ ތެރޭގައި އޭނާއަށް އުޅެވޭ ގޮތެއް ނުވެއެވެ. އެކުދިންގެ ހުނުމާއި ކުޅިވަރުތައް އޭނާއަށް ވަނީ ބީރައްޓެހި ކަމަކަށެވެ. މީހުން ގިނަވުމާއި ހަލަބޮލިކަމަކީ އޭނާއަށް ބަޔާންކުރަން ނޭނގޭ އުނދަގޫތަކެއް ކުރިމަތިކުރުވާ ކަމެކެވެ.

އެހެންކަމުން އޭނާ އިޚްތިޔާރުކުރީ އެކަނިވެރިކަމެވެ. މަޑުމައިތިރި ކަންކަމުގައި އުޅުމަށެވެ. އަދި ރޭގަނޑަކީ އޭނާގެ އަމިއްލަ ނަފްސަށް އެންމެ ބޮޑަށް އިހުސާސްކުރެވޭ ވަގުތެވެ. އެހެން މީހުން ރޭގަނޑަށް ބިރުގަނެ، ދޮރުތައް ލައްޕައިގެން ތިބޭއިރު، ޔަސްމީންގެ ހިތް އެދެނީ އެ އަނދިރިކަމަށެވެ. އެ އަނދިރިކަމުގައި އާދަޔާ ހިލާފު ހޫނުކަމެއް، ހިތްހަމަޖެހުމެއް ހުރެއެވެ. އެއީ ފެންނަން ނެތް އޯގާތެރި ބެލުމެއް ފަދައެވެ. އެ ހަމޭހިމޭންކަމަކީ ހަމައެކަނި ހުސްކަމެއް ނޫނެވެ. އެއީ ދިރިހުރި، ނޭވާލާ، އަދި އޭނާއަށް މަރުހަބާ ކިޔާ ފަދަ ކަމެކެވެ.

އެރޭ އޭނާ ބޭރަށް ނިކުތެވެ. އުޑުމަތި ވަނީ ގަދަ ނޫކުލައަކަށް ބަދަލުވެފައެވެ. އަދި ތަރިތައް އުޑުމަތިން ބަބުޅަމުންދެއެވެ. ވަޔަށް އައި ބަދަލާއެކު ފިނިކަން އިހުސާސް ކުރެވުނެވެ. އެއީ އޭނާއަށް އާ އިހުސާސެއް ނޫނެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވީ ބިރުންނެއް ނޫނެވެ. އެއީ އޭނާ ދަންނަ، އަދި އޭނާއަށް ލިބެންޖެހޭ ފަދަ ތަނަކަށް ދެވުމުން ވާ ގޮތެވެ.

އޭނާގެ އަތުގައި އޮތް ތަސްބީހައަށް ބާރުކޮށްލިއެވެ. އިރުކޮޅަކު ފަސްޖެހުމަށްފަހު، މަޑުމަޑުން އެ ދޫކޮށްލިއެވެ. އެ ތަސްބީހަ ވެލިގަނޑު މައްޗަށް ވެއްޓުނު ނަމަވެސް އެއްވެސް އަޑެއްނީވެއެވެ.

އެއްވެސް ކަމެއް ނުވިއެވެ. ގުގުރިއެއް ނުޖަހައެވެ. އަޑެއްނީވެއެވެ. ހަމައެކަނި ވައިރޯޅިއެއް އޭނާގެ ހަންގަނޑުގައި ބީހިލީއެވެ. ނަމަވެސް، އެ ތަސްބީހަ ދޫކޮށްލި ވަގުތު، އޭނާއަށް ކުރިން ކުރެވުނު އިހުސާސް މާ ބޮޑަށް ކުރެވުނެވެ. މިފަހަރު މާ ކައިރިންނެވެ. ފެންނަން ނެތް އެ ހިޔަނި މިހާރު ވަނީ ވަރަށް ކައިރީގައެވެ. އެއީ ކޮންމެވެސް އެއްޗެއް އޭނާއަށް ބަލަން ހުރި ފަދަ އިހުސާސެކެވެ.

އޭނާގެ އަތުގައި ކޮންމެވެސް އެއްޗެއް ބީހިލިހެން ހީވިއެވެ. ޔަސްމީން ހުއްޓުން އެރިއެވެ. ނޭވާ ހިފަހައްޓާލެވުނެވެ. ހަށިގަނޑަށް ކުރެވުނު އިހުސާސަކުން ދުރަށް ދާކަށް ބޭނުމެއް ނުވިއެވެ.

ގޭތެރެއިން މާމަ ގޮވާލި އަޑު އިވުނެވެ. އެކަމަކު އެ އަޑު އިވެނީ ވަރަށް ދުރުންނެވެ. އެއީ މުހިންމު ކަމަކަށް އޭނާއަކަށް ނުވިއެވެ. ސަބަބަކީ، މި ހަމަހިމޭން އަނދިރިގަނޑުގެ ތެރޭގައި ޔަސްމީން މިހާރު އެކަންޏެއް ނޫނެވެ.

އެ ސޫރަ ހަނދުވަރުގެ އަލީގައި ބަބުޅަމުންދާއިރު، އެއީ އިންސާނަކަށް ވިޔަސް، އާދަޔާ ހިލާފު މަހުލޫގަކާ ވައްތަރެވެ. ބޭއިޚްތިޔާރުގައި ޔަސްމީން އަތް އުފުލާލިއެވެ. އެ ސޫރަ ވެސް އަތް އުފުލާލިއެވެ. ދެމީހުންގެ އިނގިލިތަކުގެ ކުރި މަޑުމަޑުން ޖައްސާލިއެެވެ. ދެމެދުގައި ވަނީ ހަމައެކަނި ފެންނަން ނެތް އަލިކަމުގެ ރޮދިފަށެކެވެ. އޭނާގެ މުޅި ހަށިގަނޑު ތުރުތުރުލައިގަތެވެ. ބިރާއި، ހައިރާންކަމާއި، އަދި އެދުންވެރިކަން އެކުވެގެން ދިޔައެވެ.

(ނުނިމޭ)

3
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top