“ނޫން ބައްޕާ. ދެން އަޅާނުލާ.” އަމީންގެ ވާހަކަ މެދުކަނޑާލަމުން މެހެކް ބުންޏެވެ.
“އަހަންނަށް އެނގިއްޖެ މިހާރު މިގޭގައި އަހަންނަކަށް ޖާގައެއް ނެތްކަން. އެހެންވީމަ އަހަރެން މި ދަނީ.” މެހެކް އަޔާލްގެ އަތުގައި ހިފާލަމުން ފޮށި ހިފައިގެން ހިނގައިގަތެވެ.
“ދަރިފުޅާ. މިއޮއް ދަންވަރު ނުގޮސް މަޑުކުރޭ ހެނދުނު ދާން.” ރަމީޒާ މެހެކްއަށް ގޮވިއެވެ.
“ނޫން މަންމާ. އަހަރެންނަށް ޖާގަ ނެތް ތަނެއްގައި އެންމެ އިރުކޮޅަކުވެސް ހުންނާކަށް ބޭނުމެއް ނޫން. އަހަރެން މިދަނީ. އަދި މީގެފަހުން ދުވަހަކުވެސް އެނބުރި މިގެއަކަށް ނާންނާނަން.” ކަރުނަ ފޮހެލަމުން މެހެކް ބުނެލިއެވެ. އޭނާ އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ އަޔާލް ގޮވައިގެން އެގެއިން ނުކުތެވެ.
“ބަހައްޓާ. މިހާރު އޭނައަށް އަހަރުން ދައްކާ ވާހަކަ އަޑެއް ނީވޭނެ. ދާން ދޫކޮށްލާ. އަލުން ފާޒިލްގެ ގާތަށް ދިޔައިމަ އޭނައަށް އެ ހެދުނު ގޯސް އިހުސާސް ކުރެވޭނީ.” މެހެކް ހުއްޓުވަން ރަމީޒާ ދާން އުޅުމުން އަމީން އޭނާ ހުއްޓުވިއެވެ.
އަމީނަށް ހީކުރެވުނީ މެހެކް ދާނީ ފާޒިލްގެ ގެއަށް ކަމަށެވެ. އެނޫނީ މެހެކް ދާން އޮންނާނެ އެއްވެސް ތަނެއް އޭނާގެ ވިސްނުމަކަށްވެސް ނާދެއެވެ. ނަމަވެސް މެހެކް އެގެއަށް އެނބުރި ނުދާނެހެން ރަމީޒާއަށް ހީވިއެވެ. މެހެކް ހުއްޓުވަން އޭނާ މަސައްކަތް ކުރީވެސް އެހެންވެއެވެ. މެހެކްގެ ހުންނަ ގޮތް ދޫނުކުރުމަކީ އަމީނަށްވުރެ ބޮޑަށް އޭނާއަށް އެނގޭ ކަމެކެވެ.
ދަންވަރުގެ އެ ވަގުތުގައި މެހެކް އޭނާ ދާނެ ތަނެއް ނެތެވެ. ގެއަށް އައީ މިފަދަ ގޮތަކަށް ކަންތައް ވެދާނެކަމަށް ވިސްނައިގެނެއް ނޫނެވެ. އޭނާގެ މައިންބަފައިން އެގޮތަށް އޭނާ ބާކީކޮށްލާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އޭނާ ހީކުރީ އޭނާގެ މައިންބަފައިންނަށް އޭނާގެ ހިތުގެ އުދާސްތަކާއި އިހުސާސްތައް އެނގޭނެ ކަމަށެވެ. ނަމަވެސް އަމިއްލަ ގެއިން ލިބުނު ހިތްދަތި ޖަވާބާއެކު އޭނާ ގޮތެއް ނިންމިއެވެ. ކޮންމެ ގޮތެއް ވިޔަސް، މަގުމަތި ވިޔަސް އެނބުރި ފާޒިލްގެ ގާތަށް އެގެއަކަށް އޭނާ ނުދާނެއެވެ.
މެހެކް އޭނާގެ ފޯނު ނެގީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ރާޔާއަށް ގުޅުމަށެވެ. ނަމަވެސް އޭނާ އެ ޚިޔާލު ދޫކޮށްލީ ދަންވަރުގެ އެ ގަޑީގައި ރާޔާގެ އަރާމު ނިދިކޮޅު ނަގައިނުލުމަށެވެ. ގެ ކައިރިން ކުލީ ކޮޓަރި ދޫކުރާ ގެސްޓްހައުސްއެއް ފެނޭތޯ ބަލަމުން ދަނިކޮށް ކުއްލިއަކަށް ކައިރިއަށް ރަތްކުލައިގެ ޕްރައިވެޓް ކާރެއް މަޑުކޮށްލިއެވެ. މެހެކްއަށް ސިހިފައި ދަރިފުޅު ގަޔާ ކައިރިކޮށްލެވުނެވެ. ކާރުގެ ކުލަޔާއި ވައްތަރަށް ބަލައިލުމާއެކު އޭނައަށް އިތުރު ސިހުމެއް ލިބުނީ ފާޒިލްގެ ކާރާއި އެއްގޮތް ކާރެއް ވީމައެވެ.
“މިއޮއް ދަންވަރު ކޮންތާކަށް ތި ދަނީ؟ މި މާލޭގައި ތިހެން އެކަނިމާއެކަނި ދަންވަރު ދާކަށް ނުވާނެ. އަރާ ކާރަށް. ބުނި ތާކަށް ގެންގޮސްދީފާނަން.” ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލަމުން ޒުވާނަކު ބުންޏެވެ. މެހެކް އަނގައަކުން ނުބުނެއެވެ.
“ދަރިފުޅުތަ؟ ވަރަށް ވަރުބަލިވެފައި ހުރިހެން ހީވަނީ. އަރާ. މިއޮއް ދަންވަރު ތިހެން މާލޭ މަގުމައްޗަށް ދެމައިން އެކަނި ދޫކޮށްލާފައި ދާކަށް އަހަންނަކަށް ނުކެރޭނެ.” އަނެއްކާވެސް އެ ޒުވާނާ ބުނެލިއެވެ.
މެހެކް އަޔާލްއަށް ބަލައިލިއެވެ. ތެދެކެވެ. އެ ކުޑަ ދަރިފުޅު ވަނީ ވަރުބަލިވެފައެވެ. ނިދި އައިސްފައެވެ. އެ ދަރިފުޅާ ދޭތެރޭ އޭނާ ވިސްނަން ޖެހެއެވެ. ގެއިން ނުކުންނަން ޖެހުނީވެސް އެ ސަބަބަށްޓަކައެވެ.
“ހާސްނުވޭ. ކާރަށް އަރާ. އަހަރެން ތި ދެމައިން ރައްކާތެރިކަމާއެކު ބުނި ތާކަށް ގެންގޮސްދޭނަން.” ކާރުން ފައިބަމުން އެ ޒުވާނާ ބުނެލިއެވެ. މެހެކް ބޯ ޖަހާލިއެވެ.
އެ ނަން ނޭނގޭ ޒުވާނާ މެހެކްގެ ފޮށި ކާރުގެ ޑިކީއަށް އެރުވިއެވެ. އަދި މެހެކްއަށް ކާރަށް އެރުމަށް އިޝާރާތް ކުރިއެވެ. މެހެކް ދެކޮޅު ހެދުމެއްނެތި ކާރަށް އެރިއެވެ. ކާރަށް އެރުމާއެކު އަޔާލް އޭނާގެ ގައިގައި ލައްކޮށްލަމުން ބައްދާލިއެވެ.
“ކޮންތާކަށް ދާންވީ؟” އެ ޒުވާނާ އެހިއެވެ.
“ދާނެ ތަނެއް ނެތް. ކުލީ ކޮޓަރި ދޫކުރާ ގެސްޓްހައުސްއެއް އެނގެންޏާ އެތަނަކަށް ގެންގޮސްދީ.” މެހެކް ބުނެލިއެވެ.
“ރަށުންތަ ތި އައީ؟” އެ ޒުވާނާ ކާރު ދުއްވާލަމުން އެހިއެވެ.
“ސޮރީ އިނގޭ މިހާ ގިނަ ސުވާލު ކުރެވޭތީ. އެކަމަކު މިއޮއް ދަންވަރު އަސްލު އަންހެނަކު ކުޑަ ކުއްޖަކު ގޮވައިގެން ފޮށި ހިފައިގެން މަގުމަތީ އުޅޭތީ ހަމަ އެހުނީ.” އެ ޒުވާނާގެ އަޑުގައިވާ ހިތްހެޔޮކަން މެހެކްއަށް ފާހަގަކުރެވުނެވެ. އެ އަޑުގައި ވަނީ ހަޤީޤީ ކަންބޮޑުވުމެވެ.
“ނޫން.” މެހެކްގެ ޖަވާބު ވަރަށް ކުރެވެ.
“މާލެތަ؟ އަނެއްކާ ގޭތެރޭ މައްސަލައެއް ޖެހުނީތަ؟” އެ ޒުވާނާ އެހިއެވެ.
“ހޫމް.” މެހެކް މާގިނަ ވާހަކައެއް ދައްކާކަށް ގަސްތެއް ނުކުރެއެވެ. އެ ސުވާލުތައް ކުރަނީ ނުދަންނަ މީހަކަށް ވާތީއެވެ. ނުދަންނަ މީހުންނާ ޒާތީ ދިރިއުޅުން ހިއްސާކުރުމަކީ އޭނާ ކުރާހިތްވާ ކަމެއް ނޫނެވެ. އަދި އަމުދުން ކަންތައް ވެފައިވާގޮތުން އޭނާއަށް މީހުންނަށް އިތުބާރުކުރަން ފަސޭހަ ވެސް ނޫނީއެވެ.
“އެއްޗެކޭ ހީނުކުރައްޗޭ. މިއޮއް ދަންވަރު ކުލީ ކޮޓަރިއެއް ނުލިބޭނެ. އަނެއްކާ އެހާ ސޭފެއްވެސް ނުވާނެ ގެސްޓްހައުސްގައި އެކަނި އަންހެނަކު ހުންނާކަށް. އެކަމަކު އަހަރެންގެ ގެއިން މިރޭ ހުރެލަން ކޮޓަރިއެއް ލިބިދާނެ. ހުންނާނެ ގެސްޓް ރޫމްތައް. އަހަރެންވެސް ވަރަށް ހެއްވާ ދޯ. ނުވެސް ދަންނަ މީހަކު ނަންވެސް ނުބުނެ ގެއަށް ދައުވަތުވެސް ދިނީވިއްޔަ. އަހަންނަށް ކިޔަނީ އިޝާން. އަހަރެންގެ ގޭގައި މާގިނަ މީހުންނެއް ނޫޅޭނެ. އަހަންނާ މަންމައާ އުޅޭނީ. ދެން ތީނައަށް ކިޔަނީ ކޮން ނަމެއް؟” އިޝާން ވަރަށް ހިތްހެޔޮކަމާއެކު އެހިއެވެ.
“މެހެކް.”
“ކިހިނެއް ހަދަންވީ؟ އަހަރެންގެ ގެއަށް ދާންވީތަ؟ ތިކޮޅުން ބޭނުމިއްޔާ ކުލި ދިނަސް އޯކޭއޭ ހަމަ. މާދަމާ ހެނދުނު ދާން ބޭނުމިއްޔާ ދާންވީ.” އިޝާން ބުނެލިއެވެ.
“އެންމެ ރަނގަޅު.” މެހެކް އެއްބަސްވިއެވެ. އޭނާ މިރޭ މަޑުކޮށްލާނެ ހިޔާވައްސެއް ބޭނުމެވެ. ދަރިފުޅަށްޓަކައެވެ.
އިޝާން ހިނިތުންވެލިއެވެ. ހާލުގައި ޖެހިފައިވާ މީހަކަށް އެހީއެއް ވެވުނީތީއެވެ. ނަމަވެސް ހިތުގައި ކުޑަ ނުތަނަވަސްކަމެއްވީ މެހެކްއަކީ މީހެއްގެ އަނތްބެއް ވީމައެވެ. ހިލޭ ފިރިހެނެއްގެ ގޭގައި ހުރުމަކީ މީހުން ފާޑުފާޑު ވާހަކަ ދައްކާނެ ކަމެކެވެ. އޭނާގެ ސަބަބުން އެހެން މީހަކަށް ހުތުރު ނަމެއް ލިބުމަކީ އޭނާ އެދޭކަމެއް ނޫނެވެ.
އިޝާން ގޭގެ ގަރާޖު ކައިރިއަށް ކާރު މަޑުކޮށްލުމަށްފަހު މެހެކް ގާތު ކާރުން ފޭބުމަށް ބުނެލިއެވެ. މެހެކް އަޔާލް ގޮވައިގެން ކާރުން ފޭބުމުން އިޝާން ކާރު ގަރާޖަށް ވައްދާލިއެވެ. އަދި މެހެކްގެ ފޮށި ހިފައިގެން އައިސް ގަރާޖު ބަންދުކޮށްލިއެވެ.
“ހިނގާ.” މެހެކްގެ ފޮށި ހިފައިގެން އެތެރެއަށް ހިނގައިގަންނަމުން އިޝާން ބުނެލިއެވެ.
މެހެކް އަޔާލްގެ އަތުގައި ހިފައިގެން ކުރިއަށް ދިޔައިރު އޭނާގެ ހިތުގައި އެތަކެއް ސުވާލެއް ވިއެވެ. އޭނައަށް މި ކުރެވެނީ ރަނގަޅު ކަމެއްބާވައެވެ. ދަންވަރުގެ ވަގުތުގައި ހިލޭ ފިރިހެނެއްގެ ގޭގައި ހުންނަން އައުމަކީ ރަނގަޅު ކަމެއްބާވައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ހިތް އެޔާ އަރާރުންވެއެވެ. އޭނަ އެގެއަށް އައީ ނުބައިކަމެއް ކުރާކަށް ނޫނެވެ. ދަރިފުޅުގެ މުސްތަޤުބަލަށްޓަކައި އަޅަން މަޖުބޫރުވި ފިޔަވަޅެކެވެ. އެހެންނޫނަސް އޭނާ އެ އައީ އެގޭގައި ދާއިމަށް ހުންނާކަށް ނޫނެވެ. ހެނދުނު ހެނދުނާ އޭނާ ހުންނާނެ ތަނެއް ހޯދައިގެން ބަދަލުވާނެއެވެ.
ގޭގެ ދޮރު ހުޅުވާލި އަޑަށް ސިޓިންރޫމް ސޯފާގައި ނިދި ޖެހިފައި އިން އަމީނާއަށް ހޭލެވުނެވެ. ގެއަށް ވަތް އިޝާން ފެނުމުން އޭނާ ގަޑި ބަލައިލިއެވެ. މެންދަމުން އަލިވެ ތިނެއް ޖެހީއެވެ. އޭނާގެ ފަހަތުން ވަތް ޒުވާން އަންހެންކުއްޖާއާއި ކުޑަ ފިރިހެންކުއްޖާ ފެނިފައި އޭނާއަށް ކޮޅަށް ތެދުވެވުނެވެ.
“މަންމާ. މިރޭވެސް ނިދަން ނުވަދެ އިނީ ދޯ ތި. މަންމަ ގާތު ބުނަމެއްނު އަހަރެން އަންނަންދެން ތިހެން ހޭލާ ނީންނާށޭ.” އިޝާންއަށް އަމީނާ ފެނުމުން ބުނެލިއެވެ.
“ކިހިނެއްތަ ނިދާނީ؟ މިހާރު އެއޮއް ތިނެއް ޖަހާ ބޮޑުވީ. ދަރިފުޅު ގެއަށް ނައިސް މިހާ ލަސްވީމަ މަންމަގެ ލޮލަށް ނިދި އަންނާނެތަ؟” އަމީނާ ބުނެލިއެވެ.
“ހޫމް ދެން އެންމެ ރަނގަޅޭ. މިރޭ މަންމަ ހޭލާ ހުރިކަންވެސް ނަސީބޭ. މަންމާ. މީ މެހެކް. ގޭގައި ދިމާވި މައްސަލައަކާ ގުޅިގެން ގެއިން ބޭރުގައި ހުއްޓާ ފެނިގެން މި ގެނައީ. ކުޑަ ކުއްޖަކު ގޮވައިގެން ހުއްޓާ ނުވާނެއެއްނު ދޯ ދޫކޮށްލާކަށް. އެހެންވެ ގޮވައިގެން މި އައީ. ގެސްޓް ރޫމެއް ދައްކަންވީނު މެހެކް މިރޭ ހުރެލަން. މާދަމާ ތަނެއް ކުއްޔަށް ހިފައިގެން ދާގޮތަށް އެ އައީ.” އިޝާން އަމީނާއަށް މެހެކް ތައާރަފުކޮށްދިނެވެ.
“ދަރިފުޅު ތި ހެދީ ހަމަ ރަނގަޅަށް. އެކަމަކު ކީއްކުރަން ތަނެއް ކުއްޔަށް ހިފަންވީ؟ މިގޭގައި އެބަހުރި ތަން. މިގޭގައި ހުންނަންވީނު. މެހެކް ބޭނުމިއްޔާ ކުއްޔަށް ވެސް ހުރެވޭނޭ. ގެސްޓްހައުސްއަކަށްވުރެ ރައްކާތެރިވާނެ.” އަމީނާ ބުންޏެވެ.
“ނޫން. ނުވެސް ދަންނަ ބައެއްގެ ގޭގައި އައިސް އެހެން ހުންނާކަށް އަޅުގަނޑަކަށް ނުކެރޭނެ. އެހެންނޫނަސް އަޅުގަނޑުގެ ފިރިމީހާ..” މެހެކްއަށް ބުނެވެން އުޅުނު ވާހަކަ ކުއްލިއަކަށް ހުއްޓާލިއެވެ.
“ފިރިމީހާ!؟ ފިރިމީހާ ކިހިނެއްވީ؟” އިޝާން އަހާލިއެވެ.
“އިޝާން.” އަމީނާ ކުޑަކޮށް ރާގުލާފައި އިޝާންއަށް ގޮވައިލީ އޭނާ އެކުރީ ރަނގަޅު ކަމެއް ނޫނޭ އަންގާލުމުގެ ގޮތުންނެވެ.
“މެހެކް އަޅާނުލާ. މި އިޝާން އަނގަ ގަދަކަމުން ނޯންނާނެ ނާހާކަށް އެއްޗެއްވެސް. މީ ދަރިފުޅުތަ؟” އަމީނާ އެހިއެވެ. މެހެކް ބޯ ޖަހާލިއެވެ.
“ކޮން ނަމެއް ކިޔަނީ؟” އަމީނާ ވަރަށް ލޯބިން އަހާލިއެވެ. އަޔާލް ހުރީ ބީރައްޓެހިވެފައި މަންމަގެ ފަހަތަށް ވަދެ ފިލައެވެ.
“އަޔާލް.” ޖަވާބު ދިނީ މެހެކްއެވެ.
“ހިނގާ ކޮޓަރި ދައްކާނަން. އެސޮރު ވެސް އެހެރީ ވަރަށް ވަރުބަލިވެފައި. ނިދިވެސް އައިސްފައި އެހެރީ. އިޝާން މެހެކްގެ ފޮށި ކޮޓަރިއަށް ގެނެސްދީ.” އަމީނާ ކުރީގައި ހުރެގެން ހިނގައިގަތެވެ. ކޮޓަރިއަށް ފޮށި ވެއްދުމަށްފަހު އަމީނާގެ އިޝާރާތަށް އިޝާން އެތަނުން ދިޔައެވެ.
“މިތާ މެހެކް ހަމަ އެއްވެސް ފިކުރެއްނެތި ނިދާލަންވީ. މިތާކަށް ނާންނާނެ މެހެކްއަށް އުނދަގޫ ކުރާނެ މީހަކު. ކަމެއް ބޭނުން ވެއްޖެއްޔާ އަހަންނަށް އަންގާލާ އިނގޭ. ނޫނީ އިޝާން ގާތު ބުންޏަސް ރަނގަޅުވާނެ.” އަމީނާ ވަރަށް ހިތްހެޔޮކަމާއެކު މެހެކްއަށް ބުނެލިއެވެ.
“އެއްޗެއް ކައިގެންތަ ތި އުޅެނީ؟ އެސޮރު ބަނޑުހައިވެސް ވެފައި ހުންނާނީ. ކިރު ތަށްޓެއް ގެނެސްދެންތަ؟” އަމީނާ އެހިއެވެ.
މެހެކް ބޭނުންވީ އެއްޗެއް ބޭނުން ނޫންކަމަށް ބުނާށެވެ. ނަމަވެސް އަޔާލް ހުންނާނީ ވަރަށް ބަނޑުހައިވެފައިކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އޭނާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.
ކުޑަ އިރުކޮޅެއްގެ ތެރޭގައި އަމީނާ ދެ ކިރުތަށި ހިފައިގެން އައެވެ. އަދި އެމީހުން އެ ކިރުތަށި ހުސްކޮށްލަންދެން އެތާ މަޑުކުރިއެވެ.
“މެހެކް. ކަމެއް ބޭނުންވެއްޖެއްޔާ ކޮންމެވެސް ނުބުނެ ނުހުންނާތި އިނގޭ. އަދި މެހެކް ބޭނުމިއްޔާ ފިރިމީހާ ބަލައި އަންނަންދެން މިގޭގައި ހުރެވިދާނެ. ގެސްޓްހައުސްއަކުން ކޮޓަރިއެއް ކުއްޔަށް ހިފުމަށްވުރެ އެގޮތް މާ ރަނގަޅުވާނެ. ދެން ނިދާލާ އިނގޭ.” އަމީނާ ދާން ހިނގައިގަތީ މެހެކްއާ ކޮޓަރީގެ ތަޅުދަނޑި ހަވާލުކޮށްފައެވެ.
އެރޭ މެހެކްއަށް އެންމެ ލޮލުފިޔައެއްވެސް ނުޖެހުނެވެ. ތަން ބަދަލުވީމައެވެ. ފިކުރުތައް ގިނަކަމުންނެވެ. އޭނާގެ ހުރިހާވެސް ފިކުރެއް ގުޅިފައިވަނީ އޭނާގެ ދަރިފުޅާއެވެ. އެ ދަރިފުޅުގެ މުސްތަޤުބަލާއެވެ. ފާޒިލްގެ އަނިޔާވެރިކަމުން ސަލާމަތްވާން އޭނާއަށް މި އެޅުނު ފިޔަވަޅަކީ ވަރަށް ހިތްވަރުން އޭނާ އެޅި ފިޔަވަޅެކެވެ. ދަތި އުނދަގޫ ދުވަސްތަކެއް އޮތީ ބޯމަތީގައިކަން އޭނާއަށް ވިސްނެއެވެ. މިގޭގައި ހުއްޓަސް ނުވަތަ އެހެން ތަނަކުންވެސް ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅޭނަމަ ފައިސާ ބޭނުންވާނެއެވެ. އޭނާ އަތަކު ދިގު މުއްދަތަކަށް ބޭނުންކުރާނެހާ ފައިސާއެއް ނެތެވެ. ހުރީ އޭނާއަށް ރައްކާކުރެވިފައި ހުރި މަދު ފައިސާކޮޅެކެވެ. ނަމަވެސް އޭނާ ފާޒިލްގެ އަތުން އެއްވެސް ފައިސާއެއް ބޭނުމެއް ނޫނެވެ. ފައިސާ އެކަންޏެއް ނޫނެވެ. އޭނާ ފާޒިލްގެ އަތުން ހަމަ އެކައްޗެއްވެސް ބޭނުމެއް ނޫނެވެ. އެންމެ އެއްޗެއް ފިޔަވައެވެ. އެއީ މިނިވަންކަމެވެ.
(ނުނިމޭ)
