ރަޖިނީކާންތު ލީޑް ރޯލުން ފެނިގެންދާ ފިލްމު ޖެއިލާ 2 ގައި ޝާހްރުކް ޚާން ކެމިއޯ ނުވަތަ ކުޑަކުޑަ ރޯލަކުން ފެނިދާނެ ކަމުގެ އިޝާރާތެއް މޯހަންލާލްގެ ސްޓައިލިސްޓް ދީފިއެވެ.
މޯހަންލާލްގެ ސްޓައިލިސްޓް ޖިޝާދް ޝަމްސުއްދީން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އޭއައި އިން ހަދާފައިވާ ފޮޓޯއެއް ހިމެނެއެވެ. އެ ފޮޓޯގައި ރަޖިނީކާންތު، ޝާހްރުކް ޚާން، މޯހަންލާލް އަދި ޝިވާ ރާޖްކުމާރު އެކުގައި ފެނެއެވެ. އެ ޕޯސްޓާ އެކު ސްޓައިލިސްޓް ލިޔެފައިވަނީ “ކަންޑިއްޕާ އިރުކުމް” މިހެންނެވެ. އޭގެ މާނައަކީ “ޔަގީނުންވެސް އެކަން އޮންނާނެ” މިއެވެ.
ނެލްސަން ދިލީޕްކުމާރު ޑައިރެކްޓްކުރާ ޖެއިލާ 2 ގައި ރަޖިނީކާންތު “ޓައިގާ” މުތުވެލް ޕަންޑިއަންގެ ރޯލު އަލުން ކުޅޭއިރު، މޯހަންލާލް އަދި ޝިވާ ރާޖްކުމާރުވެސް ކުރީގެ ފިލްމުގެ ކެރެކްޓާތަކުގައި އެނބުރި އާދެއެވެ. މީގެ އިތުރުން މިތުން ޗަކްރަބޮތީ އާއި ވިދްޔާ ބާލަން މުހިންމު ރޯލުތަކުން ފެނިގެންދާއިރު، އެސްޖޭ ސުރިޔާ ނެގެޓިވް ރޯލަކުން ފެންނާނެ ކަމަށް ބެލެވެއެވެ. ނޯރާ ފަތެހީ ޚާއްޞަ ނެށުމެއްގައި ފެނުން އެކަށީގެންވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޝާހްރުކް ޚާން ޖެއިލާ 2 ގެ ޝުޓިންގައި ހޭދަކުރާނީ ހަތެއް ނުވަތަ އަށެއްކަ ދުވަހެވެ. އަދި 2026 ވަނަ އަހަރުގެ މާޗުގައި ސެޓާ ގުޅިދާނެ ކަމަށް ބެލެވެއެވެ. މި ބައި ވާނީ ފިލްމުގެ ފައިނަލް ޝެޑިއުލް ކަމަށް ބުނެވެއެވެ. ނަމަވެސް މިއީ ރަސްމީކޮށް ކަށަވަރުވެފައިވާ ކަމެއް ނޫނެވެ. ފިލްމުގެ ޕްރޮޑިއުސަރުން ރަސްމީ އެއްވެސް އިޢުލާނެއް ނެރެފައެއް ނުވެއެވެ. މި ފިލްމު ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫން މެދުތެރޭގައެވެ.
