ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އަމާން – 8
މުނިއަވަސް ގްރެފިކްސް

ފުވައްމުލަކަށް ވެހެމުންދިޔަ ވާރޭ ހުއްޓިފައި ވީނަމަވެސް، މުޅި އުޑުމަތި ބައްދާލާފައިވަނީ ކަޅުވިލާތަކުންނެވެ. ރުއްރުކުގެ ފަންތަކުން ވާރޭގެ ތިކިތައް ތަޅަމުންދާއިރު، ބިމުގައި ހެދިފައިވާ ފެންގަނޑުތަކުން ފެންނަމުންދަނީ ހެނދުނުގެ ފަނޑު އަލިކަމެވެ.

ޒައިނާ އިނީ އޭނާގެ ކޮޓަރީގެ ކުޑަދޮރު ކައިރީގައި، ބައްޕަގެ ދުވަސްވީ ރިހި ކެވެލިކޮޅު އަތަށް ލައިގެންނެވެ. މުޅި ރޭ އޭނާއަށް އެންމެ ލޮލުފިޔައެއްވެސް ޖަހައެއް ނުލެވުނެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު ސިފަވަނީ އަމާންގެ ހިނިތުންވުމާއި، އޭނާގެ އަޑާއި، އެ ބޮޑު ގަސްދޮށުގައި އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ލޯބިވެތި ގޮތެވެ. އުފަލަކީ މިހާ ވޭންދެނިވި އެއްޗަކަށް ވެދާނެ ކަމަކަށް އޭނާ ދުވަހަކުވެސް ހިއެއް ނުކުރެއެވެ.

ކުޑަދޮރު ކައިރީގައި ހުރި ޒައިނާގެ ޚިޔާލުތައް މެދުކެނޑުނީ ދޮރުގައި މަޑުމަޑުން ޓަކިދިން އަޑަށެވެ.

“ޒައިނާ؟” އެއީ މަރިޔަމްގެ އަޑެވެ.

“ވަދޭ، މަންމާ.” ޒައިނާ މަޑުމަޑުން ބުނެލިއެވެ.

މަރިޔަމް ކޮޓަރިއަށް ވަދެ، ޒައިނާގެ ގާތުގައި އިށީނެވެ. “މަންމަ އެދުނު ކަންތަކާމެދު ވިސްނައިފިންތަ؟” މަރިޔަމް އަހާލިއެވެ.

ޒައިނާ އިސްދަށަށް ޖަހާލިއެވެ. “އާނ.”

މަރިޔަމް އޭނާގެ އަތުގައި ހިފާލިއެވެ. “މަންމައަށް އެނގޭ މިއީ ވަރަށް އުނދަގޫ ކަމެއްކަން.”

ޒައިނާ މަރިޔަމްގެ މޫނަށް ބަލައިލިއެވެ. “މަންމަ ހަމަ ހަޤީޤަތުގައިވެސް ޤަބޫލުކުރަންތަ އަމާން ޝައިނާއާއެކު އުފަލުގައި އުޅޭނެ ކަމަށް؟”

މަރިޔަމް ކުޑަކޮށް ޖެހިލުންވިއެވެ. “އޭނާއަކީ ރަނގަޅު އާއިލާއެއްގެ ކުއްޖެއް. އޭނާއަށް ޝައިނާއަށާއި ދަރިފުޅަށް ރައްކާތެރި މުސްތަޤުބަލެއް ހޯދައިދެވޭނެ.”

“އެކަމަކު އޭނާ ޝައިނާދެކެ ލޯބިވޭތަ؟” ޒައިނާ އެހިއެވެ.

މަރިޔަމް މޫނު އަނބުރާލިއެވެ. “ކައިވެންޏަށްފަހުވެސް ލޯބި އުފެދިދާނެ.”

ޒައިނާގެ މޭގައި ތޫނު ރިހުމެއް އުފެދުނެވެ. “މަންމަ ޤަބޫލުކުރާ ގޮތަކީ ހަމަ އެއީތަ؟”

މަރިޔަމްގެ ލޮލުން ކަރުނަ އޮހިގަތެވެ. “ދެން ހަދާނެ އެހެން ގޮތެއް މަންމައަކަށް ނޭނގެ.”

ޒައިނާ މަޑުމަޑުން އޭނާގެ ދޮންމަންމަގެ ކަރުނަތައް ފޮހެލަދިނެވެ. “މަންމާ، ނުރޮއިބަލަ.”

މަރިޔަމް އޭނާގެ ގައިގައި ބައްދާލިއެވެ. “ދަރިފުޅަކީ ވަރަށް ރަނގަޅު ކުއްޖެއް. މަންމަގެ ހާލަތު ދަރިފުޅަށް ވިސްނޭނެކަން މަންމައަށް އެނގޭ.”

ޒައިނާ ލޯ މަރާލިއެވެ. އޭނާ ލޯބިވާ އިންސާނާ ދޫކޮށްލާހާ ހިތްވަރެއް އޭނާގެ ކިބައިގައި ނެތް ވާހަކަ މަރިޔަމް ގާތު ބުނަން އޭނާ ބޭނުންވިއެވެ. އެކަމަކު އެ ބަސްތައް ދުލާ ހަމައަށް ގެންނަން އޭނާއަކަށް ނުކުޅެދުނެވެ.

*****

އެވަގުތު، އަމާން ހުރީ އަތިރިމަތީގައި ޒައިނާގެ އިންތިޒާރުގައެވެ. އޭނާ އިޚްތިޔާރުކުރީ މީގެ ކުރިން ދެމީހުން އެކުގައި އެތައް ހަވީރެއް ހޭދަކުރި ހަމަހިމޭން މާހައުލެވެ. އަތިރިމަތީގައި ހުރި ރުކެއްގެ ހިޔަލުގައިވާ ކުޑަ ލަކުޑި ބެންޗުގައި އިނދެ، އޭނާ ކަނޑުގެ ރާޅުތަކަށް ބަލަހައްޓައިގެން އިނެވެ.

އޭނާ ފޯނު ބަލައިލިއެވެ. އެއްވެސް މެސެޖެއް ނެތެވެ. އޭނާ އަނެއްކާވެސް ގުޅައިލިއެވެ. މިފަހަރު ޒައިނާ ފޯނު ނެގިއެވެ. “ހަލޯ؟”

“ކޮންތާކު ތިހުރީ؟” އަމާން އެހިއެވެ.

“ގޭގަ.”

“އަހަންނާ ބައްދަލުކޮށްލެވިދާނެތަ؟”

ވަގުތުކޮޅަކަށް ހިމޭންވިއެވެ. “އެންމެ ރަނގަޅު.” ޒަރްނާބް ބުންޏެވެ.

އަމާން ހިނިތުންވެލިއެވެ. “އިންތިޒާރުކުރާނަން.”

ޒައިނާ އައިސް މަޑުކޮށްލުމާއެކު، ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އަމާނަށް ވަގުތުން ފާހަގަކުރެވުނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ލޯ ވަނީ ދުޅަވެފައެވެ.

“ޒައިނާ، ކީއްވެފަ؟”

“ކަމެއް ނުވޭ.”

އަމާން ފިޔަވަޅެއް ކުރިއަށް އަޅާލިއެވެ. “ކަމެއް ނުވެޔޭ ނުބުނޭ. އަހަންނަށް އެނގޭ ކަމެއް ވެއްޖެކަން.”

ޒައިނާ ކަނޑާ ދިމާއަށް ބަލައިލިއެވެ. “އަމާން، އަހަރެމެން ވާހަކަދައްކަން ވެއްޖެ.”

އަމާން ސީރިއަސްވިއެވެ. “ބުނެބަލަ.”

ޒައިނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “އަހަރެން ހިތަށްއަރަނީ ދެން އަހަރެމެން ބައްދަލުކުރުން ހުއްޓާލަންވީއޭ.”

އަމާން ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ. “ކީކޭ؟”

“އަހަރެން މި ބުނި އެއްޗެއް ސާފުވާނެ.”

“ކީއްވެ؟”

“މިގޮތަށް މިކަން ކުރިއަކަށް ނުގެންދެވޭނެ.”

އަމާން ވިސްނަން މަސައްކަތްކުރިއެވެ. “މިއީ ޒައިނާގެ މަންމަގެ ކަމެއްތަ؟ އޭނާ އެއްޗެއް ބުނީތަ؟”

“ނޫން.”

“ދެން ކީއްވެ؟”

ޒައިނާ އޭނާއާ ދިމާއަށް ބަލައިލިއެވެ. “ތި ކައިވެނި ކުރަން ހަމަޖެހިފައިވަނީ ޝައިނާއާ.”

އަމާން ފުން ނޭވާއެއް ދޫކޮށްލިއެވެ. “އަހަރެން ކުރިންވެސް ބުނީމެއްނު އަހަރެން އޭނާއާ ކައިވެނިކުރަން ބޭނުން ނުވާ ވާހަކަ.”

“އެކަމަކު އަމާންގެ އާއިލާ މިރަށަށް އައީ އެ ބޭނުމުގަ.”

“އަހަރެން އައީ ކަލެއާ ބައްދަލުކުރަން.”

“އެއިން އެއްވެސް ކަމެއް ބަދަލެއް ނުވޭ.”

އަމާން އޭނާއާ ގާތަށް ޖެހިލިއެވެ. “ޒައިނާ، އަހަންނާ ދިމާއަށް ބަލާބަލަ.”

ޒައިނާ މަޑުމަޑުން އިސްއުފުލައި ބަލައިލިއެވެ.

“އަހަރެން ޒައިނާދެކެ ލޯބިވޭ.”

ޒައިނާގެ ތުންފަތް ތުރުތުރުއަޅައިގަތެވެ. އަމާން ކުރިއަށް ގެންދިޔައެވެ.

މިވެސް ކިޔާލަން:  ވަންހަނާ ލޯބި - ހަވަނަ ބައި

“އަހަރެންގެ މުޅި ޙަޔާތުގައިވެސް މިވަރުގެ ޔަޤީންކަމެއް އެއްވެސް ކަމަކާމެދު އިޙުސާސެއް ނުކުރެވޭ. އަހަރެން ބޭނުމީ ޒައިނާއާ ކައިވެނިކުރަން. މާލެ ގެންގޮސް އާއިލާއަށް ތަޢާރަފްކޮށްދީ، ދެމީހުން އެކުގައި މުސްތަޤުބަލެއް ބިނާކުރަން.”

ޒައިނާގެ ކޯތާފަތްމަތިން ކަރުނަތައް ފައިބައިގަތެވެ. “ތިހެން ނުބުނޭ، ޕްލީޒް.”

“ކީއްވެ؟”

“އަހަންނަށް އަމާން ބޭނުންވާ އެއްވެސް އެއްޗެއް ނުދެވޭނެތީ.”

އަމާން ހައިރާންވިއެވެ. “ތި ބުނަނީ އަހަރެންދެކެ ލޯބިނުވެޔޭތަ؟”

ޒައިނާއަކަށް ޖަވާބެއް ނުދެވުނެވެ.

“ޒައިނާ؟”

ޒައިނާ މޫނު އަނބުރާލިއެވެ. “އަހަރެން އެކަނި ދޫކޮށްލާފަ ދޭ.”

އަމާން އޭނާގެ އަތުގައި ހިފަން އުޅުނެވެ. “ވެގެން އުޅޭ ގޮތެއް ބުނެބަލަ.”

ޒައިނާ އަތް ދަމައިގަތެވެ. “އަހަރެން ދެން މި ގުޅުން ކުރިއަށް ގެންދާކަށް ބޭނުމެއް ނޫން.”

އަމާން ބަސްހުއްޓިފައި ބަލަހައްޓައިގެން ހުއްޓެވެ. އިވެމުންދާ ވާހަކަތައް ޤަބޫލުކުރަން އޭނާއަށް ދަތިވިއެވެ. “އެހެން މީހަކު ހުރީތަ؟”

“ނޫން.”

“ދެން ކީއްވެ މިހެން ތި ހަދަނީ؟”

ޒައިނާ ލޯ މަރާލިއެވެ. “އަހަރެން އިޚްތިޔާރުކުރީ އަހަރެންގެ އާއިލާ.”

އަމާން ފަހަތަށް ޖެހިލިއެވެ. އޭނާގެ ދިރިއުޅުމުގެ މައްޗަށް އޮތް ބާރު މުޅިން ކެނޑިގެން ދިޔަކަމުގެ އިޙުސާސް ފުރަތަމަ ފަހަރަށް އޭނާއަށް ކުރެވުނެވެ.

*****

އެދުވަހުގެ މެންދުރުފަހު، ގެއަށް އައިސް ޒައިނާ ވަގުތުން ވަނީ އޭނާގެ ކޮޓަރިއަށެވެ. ދޮރު ތަޅުލުމަށްފަހު އެނދު ކައިރީގައި އިށީނެވެ. ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ އަމާނެވެ. ކޯލު ކެނޑެންދެން އޭނާ ފޯނަށް ބަލަހައްޓައިގެން އިނެވެ. އެއަށްފަހު މެސެޖެއް އައެވެ.

“އަހަންނަށް ކުރެވުނީ ކޮން ކުށެއް ކަމެއް ނޭނގެ. އެކަމަކު ސަބަބު ބުނެދިންނަމަ ކިހާ ރަނގަޅު.”

އަނެއްކާވެސް އިތުރު މެސެޖެއް އައެވެ. “ޒައިނާ އަހަރެންދެކެ ލޯބިނުވާނަމަ، އަހަރެން އެކަން ޤަބޫލުކޮށްފާނަން. އެކަމަކު އަހަރެމެން ދެމެދުގައި ހިނގައިދިޔަ ހުރިހާ ކަމަކީ އެއްވެސް އަގެއް ނެތް ކަންތައްތަކެއް ކަމަށް ދެކެން އަހަންނަށް މަޖުބޫރު ނުކުރޭ.”

ޒައިނާ ފޯނު ގެނެސް މޭގައި ޖައްސައި ބާރުކޮށްލިއެވެ. “އަހަންނަށް މަޢާފްކުރޭ، އަމާން.” އޭނާ މަޑުމަޑުން ބުނެލިއެވެ.

*****

އެރޭ، އަމާން ރާހިލްއާ ވާހަކަދެއްކިއެވެ. “އޭނާ ދެން އަހަންނާ ބައްދަލުކުރާކަށް ބޭނުމެއް ނުވޭ.”

ރާހިލް ކަންބޮޑުވެފައި ބަލައިލިއެވެ. “ކީއްވެގެންތަ؟”

“އަހަންނަކަށް ނޭނގެ.”

“ދެމީހުން ދެބަސްވީތަ؟”

“ނޫން. އޭނާ ހަމައެކަނި ބުނީ ދެން ބައްދަލުކުރުން ހުއްޓާލަންވީއޭ.”

ރާހިލް އޭނާގެ ގާތުގައި އިށީނެވެ. “ފަހަރުގައި އޭނާ ސިއްރުކުރާ ކަމެއް އޮތީ ކަމަށް ވެދާނެ.”

އަމާން ބޯ ހޫރާލިއެވެ. “އޭނާ ސީދާ އަހަރެންގެ ލޮލަށް ބަލާފައި ބުނީ މި ގުޅުން ކުރިއަށް ގެންދަން ބޭނުން ނުވާ ވާހަކަ.”

ރާހިލް އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން އިނެވެ.

އަމާން ތެދުވެ ކުޑަދޮރާ ދިމާއަށް ހިނގައިގަތެވެ. “އަހަރެން ހީކުރީ އޭނާ އަހަރެންދެކެ ލޯބިވާކަމަށް.”

ރާހިލް އޭނާއާ ދިމާއަށް ބަލައިލިއެވެ. “ފަހަރުގައި ލޯބިވަނީ ކަމަށްވެސް ވެދާނެ.”

“ދެން ކީއްވެ ދުރަށް ދާންވީ؟”

ރާހިލްގެ އަތުގައި އެ ސުވާލުގެ ޖަވާބެއް ނެތެވެ.

*****

ޖެހިގެން އައި ދުވަހުގެ ހެނދުނު، މަރިޔަމް ކުޑަ ކޮތަޅެއް ހިފައިގެން ޒައިނާގެ ގާތަށް އައެވެ. އޭގެ އެތެރޭގައި ހުރީ އަލްޓްރާސައުންޑް ސްކޭންގެ ފޮޓޯތަކެކެވެ. ޒައިނާ އެ ފޮޓޯތަކަށް ބަލައިލިއެވެ.

“މިއީ ޝައިނާގެ އެއްޗެހިތަ؟”

މަރިޔަމް ބޯޖަހައިލިއެވެ. “އާނ.”

ކަރުދާހުގައިވާ ކުޑަކުޑަ ތަސްވީރަށް ޒައިނާ ބަލަހައްޓައިގެން އިނެވެ. އޭނާގެ ހިތުގައި ހިތާމައާއި ކުލުނު އެކުވެގެން ދިޔައެވެ. “އޭނާ ވަރަށް ބިރުގަންނާނެ.”

“އާނ، އޭނާ ވަރަށް ބިރުގަނޭ.”

މަރިޔަމް ޒައިނާގެ ގާތުގައި އިށީނެވެ. “މާދަމާ އަހަންނާ ބައްދަލުކުރަން އަމާން އެއްބަސްވެއްޖެ. އޭނާއަށް ވިސްނައިދޭން ދަރިފުޅުގެ އެހީ މަންމަ ބޭނުންވޭ.”

ޒައިނާ މަރިޔަމްގެ މޫނަށް ބަލައިލިއެވެ. “މަންމަ ބޭނުމީ އަހަރެން ކީކޭ ބުނަން؟”

މަރިޔަމް އެ ފޮޓޯތަކަށް ބަލައިލިއެވެ. “އެއީ ދަރިފުޅުގެ ބަނޑުގައިވާ ދަރިއެއް ކަމަށް އޭނާ ގާތު ބުނޭ.”

ޒައިނާ ސިހިފައި ބަލައިލިއެވެ. “މަންމާ!”

“ދަރިފުޅާ، މަންމަ ދައްކާ ވާހަކަ އަޑުއަހާބަލަ.”

“އަހަރެން މިކަހަލަ ވާހަކައެއް އޭނާ ގާތު ބުނާނީ ކިހިނެއް؟”

މަރިޔަމް އޭނާގެ ދެއަތުގައި ހިފާލިއެވެ. “ޒައިނާ އުޅެނީ އެހެން ފިރިހެނެއްގެ ދަރިއަކަށް ބަލިވެކަމަށް އޭނާއަށް ހީވެއްޖެއްޔާ، އޭނާ ޒައިނާ ދޫކޮށްލާނެ. އޭރުން އޭނާ ޝައިނާއާ ކައިވެނިކުރާނީ، ޒައިނާ އަތުން އޭނާ ފޭރިގަތްކަމުގެ އިޙުސާސެއް ނެތި.”

ޒައިނާ ބޯ ހޫރާލިއެވެ. “މިއީ ވަރަށް ބޮޑު ގޯހެއް.”

“މަންމައަށް އެނގޭ.”

“ދެން ކީއްވެ މިހެން ހަދަން ތި އެދެނީ؟”

މިވެސް ކިޔާލަން:  ވަންހަނާ ލޯބި - ފަސްވަނަ ބައި

މަރިޔަމް ރޯން ފެށިއެވެ. “އަހަރެން ހަދާނެ އެހެން ގޮތެއް ނެތިގެން.”

ޒައިނާ އަނެއްކާވެސް އެ ފޮޓޯތަކަށް ބަލައިލިއެވެ. އެ ދޮގު އަޑުއިވުމުން އަމާންގެ މޫނުމަތިން ފެންނާނެ އަސަރުތައް އޭނާއަށް ސިފަވިއެވެ. އޭނާގެ ހިތް މުޅިން ކުދިކުދިވާނެކަން ކަށަވަރެވެ. ނަމަވެސް، ޝައިނާގެ ބަނޑުގައިވާ ކުޑަކުޑަ ފުރާނައިގެ މުސްތަޤުބަލު ބިނާވެފައިވަނީ މިވަގުތު ނިންމާ ނިންމުމެއްގެ މައްޗަށްކަންވެސް އޭނާއަށް އެނގެއެވެ. ދިގު ހިމޭންކަމަކަށްފަހު، ޒައިނާ މަޑުމަޑުން ބޯޖަހައިލިއެވެ.

*****

ޖެހިގެން އައި ދުވަހު، އަމާން މަރިޔަމްގެ ގެއަށް އައެވެ. މުޅި ރޭ އޭނާ ހޭދަކުރީ ޒައިނާގެ މިޒާޖަށް އެހާ ބޮޑު ބަދަލެއް އައި ސަބަބެއް ވިސްނޭތޯއެވެ. އޭނާ އަދިވެސް ޤަބޫލުކުރަނީ ޒައިނާ އޭނާދެކެ ލޯބިވާކަމަށެވެ. ފަހަރުގައި އާއިލާގެ މަޖުބޫރުކަމެއް އޮތީކަމަށް ވެދާނެއެވެ. ނުވަތަ ބުނެދޭން ނޭނގޭ ފަދަ ކަމެއް ދިމާވީ ކަމަށްވެސް ވެދާނެއެވެ. އެކަން ހޯދަން އޭނާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ.

މަރިޔަމް އޭނާއަށް ސިޓިންގރޫމުން މަރުޙަބާ ކިޔެވެ. “އިށީނދޭ، އަމާން.”

“ޝުކުރިއްޔާ.”

“ޒައިނާވެސް މިހާރު އަންނާނެ.”

އަމާން ވަގުތުން ސިޑިއާ ދިމާއަށް ބަލައިލިއެވެ. އިރުކޮޅަކުން ޒައިނާ ތިރިއަށް ފޭބިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ފަނޑުކަމެވެ.

އަމާން ތެދުވިއެވެ. “ޒައިނާ..”

ޒައިނާ އޭނާގެ ލޮލާ ލޯ އަމާޒުކުރުމުން އެއްކިބާވިއެވެ. މަރިޔަމް އެ ދެމީހުންގެ ދެމެދުގައި އިށީނެވެ.

“އަމާން، އަމާނަށް އެނގެންޖެހޭ ވަރަށް މުހިންމު ކަމެއް އެބައޮތް.”

އަމާން މަރިޔަމަށް ބަލައިލިއެވެ. “ކޮން ކަމެއް؟”

މަރިޔަމް ޒައިނާއާ ދިމާއަށް ބަލައި އިޝާރާތްކޮށްލިއެވެ.

ޒައިނާ ފުން ނޭވާއެއް އެތެރެއަށް ދަމާލިއެވެ. “އަހަރެން މިއިނީ ބަލިވެ.”

އަމާން ގަނޑުވި ކަހަލައެވެ. “ކީކޭ؟”

ޒައިނާ އަލްޓްރާސައުންޑް ފޮޓޯތައް މޭޒުމަތީގައި ބޭއްވިއެވެ. އަމާން މަޑުމަޑުން އެ ފޮޓޯތައް ނަގައި ބަލައިލިއެވެ. އެ ފޮޓޯތައް ބަލަމުން ދިޔަ ވަރަކަށް އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ. “ކާކުގެ ދަރިއެއް؟”

ޒައިނާ ކަރުއެލުވާލިއެވެ. “ކުރީގެ ލޯބިވެރިޔާގެ.”

އަމާން ޤަބޫލުކުރަން ދަތިވެފައި ބަލަހައްޓައިގެން އިނެވެ. “ލޯބިވެރިޔާގެޔޭ؟”

ޒައިނާ ބޯޖަހައިލިއެވެ. “ކީއްވެ ކުރިން ނުބުނީ؟”

“އަމާން ދުރަށް ހިނގައިދާނެތީ.”

އޭނާ ޒައިނާއަށް ބަލަހައްޓައިގެން ހުއްޓެވެ. “މިކަން އެނގޭތާ ކިހާ ދުވަހެއް ވެއްޖެ؟”

“ދުވަސްކޮޅެއް ވެއްޖެ.”

އަމާން ފޮޓޯތައް ތިރިކޮށްލިއެވެ. “އަދި އެ ހުރިހާ ކަމެއް އެނގިހުރެ، އަހަރެން ޒައިނާދެކެ ލޯބިވާ ވާހަކަ ބުނަން ފުރުސަތު ދިނީ؟”

ޒައިނާ ރޯން ފެށިއެވެ. “އަހަންނަށް މަޢާފުކުރޭ.”

އޭނާ ބޯ ހޫރާލިއެވެ. “އަދިވެސް އޭނާދެކެ ލޯބިވޭތަ؟”

ޒައިނާއަށް ވާހަކަދެއްކުން ދަތިވިއެވެ. “ދެން އިތުރު އެއްވެސް ސުވާލެއް ނުކުރޭ، ޕްލީޒް.”

އަމާން އެ ފޮޓޯތަކަށް އަނެއްކާވެސް ބަލައިލިއެވެ. އޭނާއަށް ކުރެވުނީ އަމިއްލަ ނަފްސު ދަށުވެ، ހިތް ކުދިކުދިވެ، މަގު ގެއްލިފައިވާކަމުގެ އިޙުސާސެވެ. އޭނާ އެކުގައި ދެކުނު މުސްތަޤުބަލުގެ ހުރިހާ ހުވަފެންތަކެއް އެއްފަހަރާ ވިއްސިވިހާލިވެގެން ދިޔައެވެ.

އޭނާ އެ ފޮޓޯތައް މޭޒުމަތީގައި ބޭއްވިއެވެ. “ވިސްނިއްޖެ.”

ޒައިނާ ކަރުނައިގެ ތެރެއިން އޭނާއަށް ބަލައިލިއެވެ. “އަމާން..”

އަމާން ފަހަތަށް ޖެހިލިއެވެ. “ޒައިނާއަށް އުފާވެރި ދިރިއުޅުމަކަށް އެދެން.”

ދެން އޭނާ މަރިޔަމާ ދިމާއަށް އެނބުރުނެވެ. “އަހަރެން ކާފައާ ވާހަކަދައްކާނަން.”

އެއަށްފަހު، ފަހަތަށް އެނބުރި ބަލައިވެސްނުލައި އޭނާ ނުކުމެގެން ހިނގައްޖެއެވެ.

ދޮރު ލެއްޕުނު ވަގުތު، ޒައިނާ ސޯފާ މައްޗަށް ވެއްޓިގަތެވެ. މަރިޔަމް ވަގުތުން އޭނާގެ ގާތަށް ދުވެފައި ދިޔައެވެ.

“ޒައިނާ!”

ޒައިނާ އޭނާގެ މޫނުގައި ދެއަތް އަޅައި، އަޑުންއަޑުނަގައި ރޯން ފެށިއެވެ. “އަހަންނަށް އޭނާ ގެއްލިއްޖެ، މަންމާ.”

މަރިޔަމް އޭނާގެ ގައިގައި ބައްދާލިއެވެ. “މަންމައަށް މަޢާފުކުރޭ، ދަރިފުޅާ.”

ޒައިނާ ބޯ ހޫރާލިއެވެ. “ތިހެން ނުބުނޭ. މިއީ އަހަރެން އަމިއްލައަށް ނިންމި ނިންމުމެއް.”

*****

އެދުވަހުގެ ހަވީރު، އަމާން އެނބުރި ގެސްޓްހައުސްއަށް އައެވެ. އޭނާގެ މޫނުމަތީގައިވާ އަސަރުތައް ފެނިފައި ރާހިލްއަށް ވަގުތުން ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. “ސަރ؟”

އަމާން އަތުގައި އޮތް ތަޅުދަނޑިފަތި މޭޒުމަތީގައި ބޭއްވިއެވެ. “އަހަރެމެން މިރަށުން ފުރަނީ.”

ރާހިލް ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ. “ކީއްވެ؟”

އަމާން އެއްވެސް ދިރުމެއް ނެތް ފަދަ ލޮލަކުން އޭނާއަށް ބަލައިލިއެވެ. “އޭނާ އިނީ ބަލިވެ.”

ރާހިލް މުޅިން ހައިރާންވިއެވެ. “ކާކު؟”

“ޒައިނާ.”

ރާހިލްގެ ދޫ ބަންދުވިއެވެ. އަމާން ކުރިއަށް ގެންދިޔައެވެ.

“އަހަންނާ ބައްދަލުވުމުގެ ކުރިންވެސް އޭނާ މީހަކާ ރައްޓެހިވެގެން އުޅުނު. އޭނާ އެ ވާހަކައެއް އަހަރެން ގާތަކު ނުބުނޭ.”

މިވެސް ކިޔާލަން:  ވޭނުގާ - ހަތަރުވަނަ ބައި

ރާހިލް މަޑުމަޑުން ގޮނޑީގައި އިށީނެވެ. “ސަރ، ތިއީ ހަމަ ޔަޤީން ވާހަކައެއްތަ؟”

އަމާން އޭނާއަށް ބަލައިލިއެވެ. “އޭނާ އަހަންނަށް އަލްޓްރާސައުންޑް ސްކޭންވެސް ދެއްކި.”

ރާހިލް އިތުރު ސުވާލުތަކެއް ކުރަން ބޭނުންވި ނަމަވެސް، އަމާންގެ ހިތްވަރު އެލި، ކެތްތެރިކަން ކޮޅުންލާފައިވާ މަންޒަރު ފެނުމުން އޭނާ ހިމޭންވިއެވެ. އަމާން އިށީނދެ ދެއަތުން މޫނު ފޮރުވާލިއެވެ.

“އަހަރެން ހީކުރީ އޭނާ އަހަރެންދެކެ ލޯބިވާކަމަށް.”

ރާހިލް އޭނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “ސަރ، ފަހަރުގައި އަހަރެމެންނަށް ނޭނގޭ ކަމެއް މީގެ ފަހަތުގައި އޮވެދާނެ.”

އަމާން ބޯ ހޫރާލިއެވެ. “އަހަރެން ދެން އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫން.”

*****

އެވަގުތު، ޝައިނާ އިނީ އޭނާގެ ކޮޓަރީގައި އެކަނިމާއެކަންޏެވެ. މަރިޔަމާއި ޒައިނާ ދެއްކި ވާހަކައިގެ ބައެއް އަޑުތައް އޭނާއަށް ވަނީ އިވިފައެވެ. އޭނާގެ ދައްތަ އެވީ ޤުރުބާނީގެ ހަޤީޤަތް އެނގުމުން، އޭނާއަށް ރޮވިއްޖެއެވެ.

އޭނާ ޒައިނާގެ ކޮޓަރިއަށް ވަނެވެ. “ދައްތަ ކީއްވެ އެހެން ހެދީ؟”

ޒައިނާ އިސްއުފުލައި ބަލައިލިއެވެ. “ކީކޭ؟”

“އެއީ ދައްތަގެ ބަނޑުގައިވާ ދަރިއެއް ކަމަށް އަމާން ގާތު ބުނީ ކީއްވެ؟”

ޒައިނާ އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އިނެވެ. ޝައިނާ އޭނާއާ ގާތަށް ޖެހިލިއެވެ.

“އަހަންނަށްޓަކައި ދައްތަގެ އަމިއްލަ އުފާތައް ދޫކޮށްލީތަ؟”

ޒައިނާ ގަދަކަމުން ހިނިތުންވެލެވޭތޯ ބެލިއެވެ. “ތީ އަހަރެންގެ ކޮއްކޮއެއްނު.”

“އެކަމަކު ދައްތަ އޭނާދެކެ ލޯބިވެއެއްނު!”

ޒައިނާ ދުރަށް ބަލައިލިއެވެ. “ދެން އެޔަކުން ކުރާނެ ފައިދާއެއް ނެތް.”

ޝައިނާ ގިސްލަމުން ރޯން ފެށިއެވެ. “އަހަރެން ދުވަހަކުވެސް ނޭދެން ދައްތަ ތިވަރުގެ ކަމެއް ކޮށްދޭކަށް.”

ޒައިނާ ތެދުވެ ޝައިނާގެ ގައިގައި ބައްދާލިއެވެ. “އަހަންނަށް އެނގޭ.”

“އަހަންނަކީ ދައްތަ ތިވާ ޤުރުބާނީ ޙައްޤުވާވަރުގެ މީހެއް ނޫން.”

ޒައިނާ އޭނާގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. “އެހެންވިއްޔާ މި ޤުރުބާނީ ބޭކާރުވެގެން ދިޔަނުދީ. އަމިއްލަ ނަފްސަށާއި، ތި ބަނޑުގައިވާ ދަރިފުޅަށް ރަނގަޅަށް ބަލާ.”

ޝައިނާ އޭނާގެ ދައްތަގެ ކޮނޑުގައި ބޯއަޅައިގެން އިނދެ ރުޔެވެ. އޭނާގެ ދައްތަ އޭނާދެކެ ވާ ލޯބީގެ ބޮޑުކަން ފުރަތަމަ ފަހަރަށް އޭނާއަށް އިޙުސާސް ކުރެވުނެވެ. އަދި އެ ލޯތްބަށްޓަކައި ދައްތަ ދިން އަގު ބޮޑުކަންވެސްމެއެވެ.

*****

ޖެހިގެން އައި ދުވަހުގެ ހެނދުނު، އިބްރާހީމް އަމާނަށް ގޮވައި ސިޓިންގރޫމަށް ގެނައެވެ. “ޒައިނާއާމެދު ކަލޭ ދެކޭގޮތް ބަދަލުވެއްޖެކަމަށް އަޑުއެހިން.”

އަމާން އިސްދަށަށް ޖަހާލިއެވެ. “އާނ، ކާފާ.”

“ކީއްވެގެން؟”

އަމާން ޖެހިލުންވިއެވެ. “އޭނާ އިނީ އެހެން މީހެއްގެ ދަރިއަކަށް ބަލިވެ.”

އިބްރާހީމް ވަރަށް ބޮޑަށް ހައިރާންވިއެވެ. “ހަމަ ޔަޤީންތަ؟”

“އޭނާ އަމިއްލައަށް އަހަރެން ގާތު ބުނީ.”

އިބްރާހީމް ފުން ނޭވާއެއް ދޫކޮށްލިއެވެ. “ދެން ކިހިނެއް ހަދަން ތި ގަސްދުކުރަނީ؟”

އަމާން ތަޅުންގަނޑަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ. “އަޅުގަނޑުމެންގެ ދެ އާއިލާއިން ކުރިންވެސް ނިންމާފައި އޮތް ގޮތަށް، އަހަރެން ޝައިނާއާ ކައިވެނިކުރާނަން.”

އިބްރާހީމް އޭނާގެ މޫނަށް ފުންކޮށް ބަލައިލިއެވެ. “ތިއީ ހަމަ ކަލޭ ބޭނުންވާ ގޮތްތަ؟”

އަމާން ގަދަކަމުން ބޯޖަހައިލިއެވެ. “ދެން މިރަށުގައި އަޅުގަނޑު މަޑުކުރާނެ އެއްވެސް ސަބަބެއް ނެތް.”

އިބްރާހީމް އޭނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “ކައިވެންޏަކީ ދުވަހަކުވެސް އަދަބަކަށް ވެގެން ނުވާނެ، އަމާން.”

އަމާން މޫނު އަނބުރާލިއެވެ. “ބައެއް ފަހަރު އަޅުގަނޑުމެން އެދޭ ގޮތްތައް އިޚްތިޔާރުކުރުމުގެ ފުރުސަތެއް މި ދިރިއުޅުމަކުން ނުދޭ.”

*****

އެރޭ، އަމާންގެ އާއިލާއިން ކައިވެނީގެ ކަންތައްތަކައިގެން ކުރިއަށްދާން އެއްބަސްވިކަން މަރިޔަމް ކަށަވަރުކޮށްދިނެވެ. ވަގުތުން ކައިވެނީގެ ތައްޔާރީތައް ފެށިގެން ދިޔައެވެ. ތިމާގެ މީހުންނަށް ޚަބަރުދީ، އަންނައުނު ހޮވައި، ހަފުލާގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސަން ފެށުނެވެ.

އެހެން ނަމަވެސް، ވަށައިގެންވާ އެންމެން ކައިވެނީގެ އުފާވެރި ވާހަކަތައް ދައްކަމުން ދިޔައިރު، ޒައިނާ އިނީ އޭނާގެ ކޮޓަރީގައި އެކަނިމާއެކަންޏެވެ. އޭނާ ފޯނު ހުޅުވާލައި، އަމާންގެ ފޮޓޯއަށް ބަލައިލިއެވެ. ތުރުތުރުއަޅަމުންދިޔަ އިނގިލިތަކުން ސްކްރީނުގައި ބީހިލަމުން އޭނާ މަޑުމަޑުން ބުނެލިއެވެ. “އަހަންނަށް މަޢާފުކުރޭ.”

ބޭރުގައި، ހަވީރުގެ ފިނި ވައިރޯޅިތައް ރުއްތަކުގެ ތެރެއިން ދަތުރުކުރަމުން ދިޔައެވެ. ދުރުގައި، މާސިންގާ ކަނޑަށް އޮބިފައިވާ އެ ދުވަސްވީ ބޮޑު ގަހުގެ ގޮފީގައި ބަނދެފައިވާ ރަތް ފޮތިކޮޅު، ވައިގެ ތެރޭގައި ވިހުރެމުން ދިޔައެވެ. އެއީ އެއްއިރެއްގައި އޭނާގެ ފޮނި އުއްމީދުތަކުގެ ރަމްޒެކެވެ. ނަމަވެސް މިއަދު އެ ފޮތިކޮޅު ރަމްޒުކޮށްދެނީ، އޭނާގެ އަމިއްލަ އަތުން ބީވެގެންދިޔަ ހުރިހާ އުފާތަކެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top