ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
މެހެކް – ހަވަނަ ބައި

އެރޭ މެހެކްއަށް އެންމެ ލޮލުފިޔައެއްވެސް ނުޖެހުނެވެ. ތަން ބަދަލުވީމައެވެ. ފިކުރުތައް ގިނަކަމުންނެވެ. އޭނާގެ ހުރިހާވެސް ފިކުރެއް ގުޅިފައިވަނީ އޭނާގެ ދަރިފުޅާއެވެ. އެ ދަރިފުޅުގެ މުސްތަޤުބަލާއެވެ. ފާޒިލްގެ އަނިޔާވެރިކަމުން ސަލާމަތްވާން އޭނާއަށް މި އެޅުނު ފިޔަވަޅަކީ ވަރަށް ހިތްވަރުން އޭނާ އެޅި ފިޔަވަޅެކެވެ. ދަތި އުނދަގޫ ދުވަސްތަކެއް އޮތީ ބޯމަތީގައިކަން އޭނާއަށް ވިސްނެއެވެ. މިގޭގައި ހުއްޓަސް ނުވަތަ އެހެން ތަނަކުންވެސް ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅޭނަމަ ފައިސާ ބޭނުންވާނެއެވެ. އޭނާ އަތަކު ދިގު މުއްދަތަކަށް ބޭނުންކުރާނެހާ ފައިސާއެއް ނެތެވެ. ހުރީ އޭނާއަށް ރައްކާކުރެވިފައި ހުރި މަދު ފައިސާކޮޅެކެވެ. ނަމަވެސް އޭނާ ފާޒިލްގެ އަތުން އެއްވެސް ފައިސާއެއް ބޭނުމެއް ނޫނެވެ. ފައިސާ އެކަންޏެއް ނޫނެވެ. އޭނާ ފާޒިލްގެ އަތުން ހަމަ އެކައްޗެއްވެސް ބޭނުމެއް ނޫނެވެ. އެންމެ އެއްޗެއް ފިޔަވައެވެ. އެއީ މިނިވަންކަމެވެ.

މެހެކް ފިކުރުތަކުގައި އޮއްވައި ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ. ހޭލެވުނީ ދިހައެއް ޖަހަނިކޮށެވެ. އޭނާ ފޯނު ބަލައިލިއެވެ. ފާޒިލްގެ އެންމެ ކޯލެއްވެސް ނެތެވެ. ނަމަވެސް މަންމަގެ ބާރަ ވަރަކަށް ކޯލް މިސްވެފައި އޮތެވެ. މެހެކް އަޅައެއް ނުލައެވެ. އޭނަގެ އިހުސާސްތައް ނޭނގުނު ބަޔަކު މިހާރު ކަން ދައްކާނެ ކަމެއް ނެތެވެ.

މެހެކް ތާޒާވެލައިގެން ނުކުތްއިރު އަޔާލްވެސް ހޭލައިފިއެވެ. އަޔާލްގެ މޫނުމަތިން ފުރަތަމަ ފަހަރަށް ހިތްހަމަޖެހުމާއެކު ހަމަނިދި ލިބުނު ކަހަލަ އުފާވެރި ހިނިތުންވުމެއް ފެނުނެވެ. މެހެކްއަށް ހީނލެވުމާއެކު އެ ހިނިތުންވުން ފަނޑުވިއެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ދަތިކަން ހިތަށް އަރާފައެވެ.

އިރުކޮޅެއް ފަހުން ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. ދޮރު ހުޅުވާލިއިރު ހުރީ އަމީނާއެވެ. އޭނާ ހުރީ ހިނިތުންވެފައެވެ. އޭނާ އެންމެންނާ ދޭތެރޭވެސް ކަންތައް ކުރަނީ ހަމަ މިހާ ރަނގަޅަށްބާއޭ މެހެކް ހިތަށް އެރިއެވެ.

“ކޮބާ ރޭގަ ރަނގަޅަށް ނިދުނުތަ؟ ދައްތަ ހިތަށް އެރީ ތަން ބަދަލުވީމަ ނުނިދިދާނެޔޭ. އެހެންވެ ކުރިން ޚަބަރެއް ބަލައިލަން ނުގޮވީ.” އަމީނާ ބުނެލިއެވެ.

“އާނ ފަތިސްވެސް ވީފަހުން ނިދުނީ.” މެހެކް ބުނެލިއެވެ.

“އަންނަންވީނު ސައިބޯން.” އަމީނާ އޯގާތެރިކަމާއެކު ބުނެލިއެވެ. މެހެކް ބޯޖަހާލިއެވެ.

ސައިގެ ވަގުތުގައި އަމީނާ އެތައް ވާހަކައެއް އެހިއެވެ. މެހެކްގެ ދިރިއުޅުމާ ބެހޭގޮތުންނެވެ. އޭނަގެ އާއިލާއާ ބެހޭގޮތުންނެވެ. މުސްތަޤުބަލާ ދޭތެރޭ ވިސްނާފައިވާ ގޮތާ ބެހޭގޮތުންނެވެ. މެހެކްވެސް މިފަހަރު ކޮންމެވެސް ވަރަކަށް ކިޔައިދިނެވެ. އަމީނާގެ ހިތްހެޔޮކަމާއި ގާތްކަމުގެ ސަބަބުން އޭނައަށް ކޮންމެވެސް ވަރަކަށް އިތުބާރު ކުރެވޭތީއެވެ. އެމީހުންގެ ވާހަކަތައް އިވޭ ހިސާބުގައި އިތުރު މީހަކު ނެތީމައެވެ. ޚާއްސަކޮށް އިޝާންއެވެ.

“މެހެކް ވަރަށް ކެތްތެރި. އެކަމު އަހަރެން ހިތަށްއަރާ މެހެކް ކަހަލަ ކިޔަވައިގެން ހުރި ދުނިޔެއަށް ލޯ ހުޅުވިފައިވާ ކުއްޖެއް މިހާ ދުވަހު އެ އަނިޔާތަކަށް ކެތްކުރީ ކީއްވެބާއޭ. އެއްވެސް ހާލަތެއްގައި އަނިޔާއަކީ ކެތްކުރަން ޖެހޭ އެއްޗެއް ނޫން. އެއީ އެންމެ ފުރަތަމަ ފަހަރުން ފެށިގެންވެސް ދެކޮޅަށް އަޑު އުފުލަން ޖެހޭ އެއްޗެއް. ފިޔަވަޅު އަޅަންޖެހޭ އެއްޗެއް.” އަމީނާ ބުންޏެވެ.

“އާއިލާގެ އިއްޒަތާ އަބުރަށްޓަކައި. އަހަރެމެން އަންހެނުންނަކީ ވަރިއަށްފަހު ވަރަށް ގިނަ ކަންތައްތަކާ ކުރިމަތިލާންޖެހޭ ބައެއް. ކޮންމެ ފަދަ ގޮތަކަށް ކަންތައް ވިޔަސް މީހުން އިނގިލި ދިއްކުރާނީ އަންހެނުންނަށް. ހުރިހާ ލަދަކާ ބަދުނާމެއްވެސް ލިބޭނީ އަންހެނުންނަށް. ދެން ހިތަށްއެރީ ދަރިފުޅު ލިބުނީމަ އޭނަ ބަދަލުވެދާނޭ. އެކަމަކު..” މެހެކް ވާހަކަ ހުއްޓާލިއެވެ.

“ތީ ވަރަށް ބޮޑު ތެދެއް. މުޖުތަމަޢުން އަބަދުވެސް ކުށްވެރިކުރާނީ އަނބިމީހާ. އަދިވެސް ގިނަ މީހުން ދެކޭގޮތުގައި އަނބިމީހާގެ އުނިކަމެއް ހުރީމަ ފިރިން އެހެން އުޅެނީ. އެކަމަކު ހަޤީޤަތް މުޅިން ތަފާތު. ދެން އަނެއް ކަމަކީ އަނިޔާ ކުރާ މީހަކު ދުވަހަކުވެސް ބަދަލެއް ނުވާނެ. އެއީ ދުނިޔެ ދައްކާ ހަޤީޤަތް. އެކަން އަހަރެމެން ޖެހޭނީ ޤަބޫލުކުރަން.” އަމީނާ ބުނެލިއެވެ. މެހެކް ބޯޖަހާލީ އޭނާވެސް އެ ވާހަކައާ އެއްބަސްކަން އަންގާލުމަށެވެ.

“މެހެކް. އަހަރެން ކުރިންވެސް ބުނިހެން މެހެކް ބޭނުން ދުވަހަކު މިގޭގައި ހުރެވިދާނެ. މެހެކްގެ ތި ވާހަކަތަކުން އަހަންނަށް އެނގެނީ މެހެކްގެ ފިރިމީހާ މެހެކް ހޯދަން ނާންނާނެކަން. ދެން ދަރިފުޅުގެ ކަންތައްތަކަށް ލާރި ބޭނުންވާނެ. މެހެކް ތި ބުނީ އޭނަ އަތުން އެއްވެސް އެއްޗެއް ހޯދަން ބޭނުން ނޫންކަމަށް. ވީއިރު މެހެކް އެކަން ކުރާނީ ކިހިނެއް؟ ވަޒީފާއެއް ހޯދަންވީނު.” އަމީނާ ލަފާ ދިނެވެ.

“އާނ. އަހަރެން ވަޒީފާއެއް ހޯދަން ޖެހޭނީ. ނޫނީ ހަމަ މިހެން އުޅެފައި އަނެއްކާވެސް ފާޒިލް ގާތަށް ދާން ޖެހޭނީ. އަހަރެން ބޭނުމެއް ނޫން އަލުން އެގެއަށް ދާކަށެއް.” މެހެކް ބުންޏެވެ.

“މެހެކް ބޭނުންވަނީ ކޮންކަހަލަ ވަޒީފާއެއް؟ އޭރުން ވަޒީފާއެއް ހޯދުމުގައި އަހަންނަށްވެސް އެހީއެއް ވެވިދާނެ.” އަމީނާ ބުންޏެވެ.

“ކޮންމެ ކަހަލަ ވަޒީފާއެއްވެސް ރަނގަޅުވާނެ. މިވަގުތު އަހަންނަށް މުހިންމު ކުރާހިތްވާ ކަމެއް ނޫން. ރަނގަޅު އާމްދަނީއެއް ލިބޭނެ ވަޒީފާއެއް.” މެހެކް ބުންޏެވެ.

އަމީނާގެ އެދުމުގެ މަތިން މެހެކް އެގޭގައި މަޑުކުރިއެވެ. ނަމަވެސް އޭނާ އެގޭގައި ހުންނަން އެއްބަސްވީ ކުލި ދައްކާ ގޮތަށެވެ. އަމީނާވެސް އެއްބަސްވިއެވެ. އެގޭގައި އޭނައަށް ދަތިވާ އެއްވެސް ކަމެއް ނޯވެއެވެ. އަމީނާ ހުންނަނީ މެހެކްއަށް އެހީވާނެ ކަމެއް ނުފެނިފައި ކަހަލައެވެ. ބައެއްފަހަރު މެހެކްއަށް އުނދަގޫވެސް ވެއެވެ. އަމީނާ އެހާވަރުން އުޅޭތީއެވެ.

“މެހެކް. މާދަމާ އޮފީހަށް ނުކުންނަން ތައްޔާރުވާންވީ. މިއޮތީ މެހެކްގެ ތައުލީމީ ފެންވަރާ އެކަށީގެންވާވަރުގެ ރަނގަޅު ވަޒީފާއެއް.” ހަފްތާއެއްހާ ދުވަސް ފަހުން އަމީނާ މެހެކް އަތަށް ދިނީ ވަޒީފާގެ ލިޔުމެކެވެ.

“މީ..”

“މީ އަހަރެންގެ އޮފީސް. އެތާނގައި އަހަރެންގެ ދަރިފުޅުގެ ޕީއޭގެ މަޤާމް ހުސްކޮށް އޮންނަތާ ވެއްޖެ ދުވަސްކޮޅެއް. ވަރަށް ގިނަ ފަހަރަށް އިއުލާންވެސް ކުރެވިއްޖެ. އެކަމަކު އެ މަޤާމަށް ފިޓްވާވަރުގެ މަސައްކަތަށް ރަނގަޅު ކުއްޖަކު ނުލިބިގެން އަދިވެސް މި އުޅެނީ. އަހަރެން ހިތަށް އަރަނީ މެހެކްއަށް ވަރަށް ރަނގަޅަށް އެކަން ކުރެވޭނޭ.” އަމީނާ ބުނެލިއެވެ.

“އަހަންނަކަށް ނޭނގެ ދައްތައަށް ޝުކުރު އަދާކުރާނެ ގޮތެއްވެސް. އެކަމަކު އަހަރެން ހިތަށްއަރާ ކީއްވެބާއޭ ދައްތަ އަހަންނަށް ތިހާ އެހީވަނީ. އަހަރެމެން ކުރިން ދުވަހަކުވެސް ބައްދަލުވެފައެއް ނުވޭ. އަދި އެއްވެސް ގުޅުމެއްވެސް ނެތް.” މެހެކްގެ ހިތުގައި އުފެދޭ އެންމެ ބޮޑު ސުވާލު ކުރިއެވެ.

“ހަޤީޤަތަށް ބުނާނަމަ އަހަންނަކަށްވެސް ނޭނގެ ކީއްވެކަމެއް. އެކަމަކު މެހެކް އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް ވަރަށް ގާތް އިހުސާސެއް ކުރެވުނީ. ދެން އަނެއްކޮޅުން ތީ ހާލުގައި ޖެހިފައިވާ ޒުވާން އަންހެން ކުއްޖެއް. އަންހެނުންގެ ޙައްޤުގައި މަސައްކަތް ކުރުމަކީ އަހަރެން އަބަދުވެސް ކުރާ ކަމެއް. އެގޮތަށް އަހަރެން ބޭނުންވަނީ މެހެކްވެސް އަމިއްލަ ފައިމައްޗަށް ތެދުވަން. މީހަކަށް ބަރޯސާ ނުވެ ދިރިއުޅުން ކުރިއަށް ގެންދެވޭވަރު މީހަކަށް ވާން. އަހަންނަށް ޔަޤީން މެހެކްގެ ކިބައިގައި އެ ހިތްވަރު އެބަހުރިކަން.” އަމީނާ ކިޔައިދިނެވެ.

މެހެކް އޮފީހަށް ދިޔަ ފުރަތަމަ ދުވަހު އެތަނުގެ މުވައްޒަފުން އޭނައަށް ކީ ވަރަށް ހޫނު މަރުޙަބާއެކެވެ. މުޅިން އަލަށް ވަޒީފާއަކަށް ދިޔަ މެހެކްއަށް އެތަން އާ ނަމަވެސް އެތާގެ މުވައްޒަފުން އޭނައަކީ އާ މީހެއް ކަމުގެ އިހުސާސް ވިޔަކަ ނުދެއެވެ. އަނެއްކޮޅުން އިޝާންވެސް އޭނައަށް ވަރަށް އެހީތެރިވެދީ ކިޔައިދީ ހެދިއެވެ. ވުމާއެކު ފުރަތަމަ ދުވަހުގެ ތަޖުރިބާ ވަރަށް ފޮންޏެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައިރު ފާޒިލް އެންމެ ފަހަރަކުވެސް މެހެކްއަކަށް ނުގުޅައެވެ. ދަރިފުޅު ނެތުމަކުން ފާޒިލްއަށް އެއްވެސް އަސަރެއް ކުރިހެނެއް ހިއެއްނުވެއެވެ. މެހެކްގެ ހިތަށް އެރިއެވެ. ހިތްހިލަ ފިރިހެނުންވެސް އުޅެއެވެ. ނަމަވެސް ފާޒިލް ކަހަލަ މީހެއް އޭނާ އަދި ދުވަހަކުވެސް ނުދެކެއެވެ. އޭނައާ ދޭތެރޭ ނުވިސްނި ނަމަވެސް ދަރިފުޅާ ދޭތެރޭ ވިސްނާނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟

ހަޤީޤަތަކީ ފާޒިލް ހުރީ މެހެކް ދެދުވަހެއް ތެރޭ އެނބުރި އަންނާނެ ކަމަށެވެ. ނަމަވެސް މެހެކް އެނބުރި ނައިސް ވަޒީފާއަކަށް ދާން ފަށައި އަމިއްލަ ފައިމައްޗަށް ތެދުވިކަން އެނގުމުން އޭނާގެ ފިރިހެންވަންތަކަމަށް ތަދުވީއެވެ. ވުމާއެކު އޭނާ ދަނީ މެހެކް އެނބުރި ގެނެވޭނެ ގޮތްތައް ބަލައި ރާވަމުންނެވެ.

ފާޒިލް މެހެކް މަސައްކަތް ކުރާ އޮފީހުގެ ވެރިޔާ އިޝާންއަށް ގުޅިއެވެ. މެހެކްގެ ވަޒީފާ ގެއްލުވާލުމަށްޓަކައި މެހެކްއާ ބެހޭގޮތުން ދޮގު ވާހަކަތައް ދެއްކިއެވެ. ނަމަވެސް އިޝާންއަކީ އިންސާފުވެރި މީހެކެވެ. އޭނާ މެހެކްގެ މަސައްކަތާ ތެދުވެރިކަމަށް ފުރިހަމައަށް އިތުބާރު ކުރިއެވެ.

އިޝާންއަށް އެވާހަކަ މެހެކް ގާތު ބުނުން މުހިންމު ކަމަށް ފެނުނެވެ. އެހެންކަމުން އޭނާ މެހެކް އޭނާގެ ކެބިންއަށް ގެނައެވެ.

“މެހެކް. މިއަދު ފާޒިލް އަހަންނަށް ގުޅި. ވަރަށް ފާޑުފާޑުގެ ވާހަކަ ދެއްކި.” އިޝާން ބުންޏެވެ. މެހެކްއަށް އިސްޖަހާލެވުނެވެ.

“އެކަމަކު މެހެކް ހާސްނުވޭ. އަހަރެން މީހުން ދައްކާ ވާހަކައަކަށް ނުބަލަން. އަހަރެން ބަލަނީ މީހާގެ މަސައްކަތަށް. މެހެކްގެ މަސައްކަތާ ދޭތެރޭ އަހަރެން ވަރަށް ހިތްހަމަޖެހޭ. އެއީ މެހެކްގެ މަސައްކަތުން އިޚުލާސްތެރިކަމާއި ތެދުވެރިކަން އަދި މަސައްކަތަށް އޮންނަ ލޯބި ފެނޭ. އެހެންވީމަ މެހެކް ހަމަ އެއްވެސް ފިކުރެއް ނެތި މިހާރުވެސް މަސައްކަތް ކުރަމުން ތި ދާހެން ކުރަމުން ދާންވީ.” އިޝާން މެހެކްއަށް ހިތްވަރުދީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދިނެވެ.

ފާޒިލްގެ ފުރަތަމަ ރޭވުން ނާކާމިޔާބު ވިއެވެ. މެހެކްއާ ބެހޭގޮތުން ދޮގު ވާހަކަތައް ދައްކައިގެންވެސް އަދި ފަހުން އެތަނަށް ގޮސް މައްސަލަގަނޑެއް އުފައްދައިގެންވެސް އޭނާއަށް މެހެކް ވަޒީފާއިން ވަކިކޮށްލެވޭ ގޮތެއް ނުވިއެވެ. ފާޒިލްގެ ހަޤީޤީ ސޫރަ އެ އޮފީހުގެ ގިނަ ބަޔަކަށް ފެނިގެން ދިއުމުގެ އިތުރަށް އިޝާން ވަނީ ފާޒިލްއަށް އިންޒާރުވެސް ދީފައެވެ. އޭނާގެ އޮފީހުން ދެން ފާޒިލް ފެނިގެން ނުވާނެ ކަމަށާއި ފެނިއްޖެނަމަ ފާޒިލް ކިތަންމެ މުއްސަނދިވެފައި ނުފޫޒު ގަދަވި ނަމަވެސް ފާޒިލް ޖަލުގޮޅިއަށް ނުދާނެ ގޮތެއް ނެތްކަމަށް ބުނެއެވެ.

ފާޒިލް އެ އިންޒާރުދެކެ ބިރެއް ނުގަނެއެވެ. ނަމަވެސް އޭނާ މަޑުން ހުރީ އޭނާ ޖަލަށް ގޮސްފިނަމަ މެހެކް އޭނާ ގާތަށް ގެނެވޭނެ މަގު ބަންދުވާނެތީއެވެ. މެހެކްއަށް ރަނގަޅު ފިލާވަޅެއް ދެވޭނީ އޭނަ ގާތަށް ގެނެވިގެންނެވެ.

ފާޒިލްގެ ދެވަނަ ޓާގެޓަކީ ދަރިފުޅެވެ. އެ ދަރިފުޅަށް ލޯބި ނުދެވޭ ތާނގައި އޭނާ ދަރިފުޅުގެ މައްޗަށް ހައްޤު ހޯދަން ކޯޓަށް ހުށަހެޅީ ހަމައެކަނި މެހެކް ދަށްކޮށްލުމަށެވެ. މެހެކްގެ ހިތްވަރު ފުނޑުފުނޑުކޮށްލުމަށެވެ. އޭނާގެ ބާރުގެ ދަށަށް މެހެކް ގެނައުމަށެވެ. އޭނައަށް ވަރަށް ޔަޤީނެވެ. ފައިސާގެ ބާރުގައި އޭނައަށް ދަރިފުޅު ލިބޭނެއެވެ. ދަރިފުޅު ލިބުމުން މެހެކްއަށް އޭނަ ގާތަށް އަންނަން މަޖުބޫރުވާނެއެވެ.

މެހެކްއަށް ކޯޓަށް ހާޟިރުވުމުގެ އަމުރު ލިބުނެވެ. އޭނާ ހާސްވިއެވެ. އޭނާ އެންމެ ހީނުކުރާ ކަންތައްވެސް ވީއެވެ. ފާޒިލްގެ ދަރިފުޅު ހޯދަން ކޯޓަށް ހުށަހެޅީއެވެ.

މެހެކް އަމީނާއާ މަޝްވަރާކުރިއެވެ. އަމީނާ މެހެކްއަށް ވަރަށް ހިތްވަރުދިނެވެ. މެހެކް ހިތްވަރު އެލުވާނުލައިފިނަމަ ފާޒިލްއަށް ދަރިފުޅު ލިބޭނެ އެއްވެސް ގޮތެއް ނޯންނާނެކަން އަމީނާ ވިސްނައިދިނެވެ. މައިމީހާ ދަރިފުޅުގެ މައްޗަށް އޮންނަ ލޯބީގެ ކުރިމަތީގައި ބައްޕަގެ ލޯބި އަބަދުވެސް ބަލިވާނެކަން އަމީނާ މެހެކްއަށް ހަނދާން ކޮށްދިނެވެ.

މެހެކްގެ އެދުމަށް އަމީނާ އޭނައާއެކު ކޯޓަށް ދިޔައެވެ. އަމީނާ ފެންނަން ހުރުމަކީވެސް މެހެކްއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. ކޯޓަށް ވަދެގެން ދިޔަ ވަގުތު ފާޒިލްއާ ބައްދަލުވިއެވެ. ފާޒިލްގެ މޫނުމަތިން ފެންނަނީ ކާމިޔާބުވާނެ ކަމުގެ ޔަޤީންކަމެވެ. ފާޒިލް މެހެކްއަށް ބަލައިލި ގޮތުން މެހެކްގެ ހިތްވަރަށް ގުޑުމެއް އެރިއެވެ. ނަމަވެސް އަމީނާ މެހެކްގެ އަތަށް ބާރުކޮށްލަމުން އޭނައަށް ހިތްވަރު ދިނެވެ.

“އިއްޒަތްތެރި ގާޒީ. މެހެކްއަކީ ވަޒީފާ އަދާކުރާ މީހެއް. އޭނައަށް ދަރިފުޅަކަށް ވަގުތެއް ނުދެވޭނެ. އަދި އޭނަ އަތުގައި ފައިސާއެއްވެސް ނެތް. ދަރިފުޅުގެ ބޭނުންތައް އޭނަ ކިހިނެއް ފުއްދައިދޭނީ؟ ދަރިފުޅު ބޭނުންވާ ތަކެތި އޭނަ ކިހިނެއް ހޯދައިދޭނީ؟ އަދި ދަރިފުޅަށް އެންމެ ބޭނުންވާ ބައްޕަގެ ލޯބި ކިހިނެއް ހޯދައިދޭނީ؟” ފާޒިލް ކުރިމަތިކުރީ މުހިންމު ސުވާލުތަކެކެވެ.

“އިއްޒަތްތެރި ގާޒީ. ހުރިހާވެސް އެއްޗަކީ ފައިސާތޯ؟ ފައިސާއިން ހުރިހާ ކަމެއް ކުރެވޭނެތޯ؟ ކޮބައިތޯ އެކުއްޖާއަށް ބޭނުންވާ ރައްކާތެރިކަމާއި އަމާންކަން. ރަނގަޅު. ފާޒިލްއަކީ މަހުޖަނެއް. އެކަމަކު އަޅުގަނޑުގެ ދަރިފުޅަށް ބޭނުންވާ ހުރިހާ އެއްޗެއް އަޅުގަނޑު އެބަ ހޯދައިދެން. ދެން ބައްޕަގެ ލޯބީގެ ވާހަކަ. އަޅުގަނޑު ހިތަށްއަރާ އެ ގޭގައި އުޅުނުއިރު ދަރިފުޅަށް ނުދެވުނު ލޯތްބެއް މިހާރު ދެވޭނެބާއޭ. އެގޭގައި އަޔާލް އުޅުނީ ބިރުވެރިކަމެއްގެ ތެރޭގައި. އަޅުގަނޑު މި ހުރިހާ މަސައްކަތެއްވެސް މި ކުރަނީ ދަރިފުޅުގެ މުސްތަޤުބަލަށްޓަކައި. އަޅުގަނޑަށް ފާޒިލްގެ ގެއިން ނުކުންނަށް މަޖުބޫރުވީވެސް އެ ދަރިފުޅަށް އަމާން ދިރިއުޅުމެއް ހޯދައިދެވޭތޯ.” މެހެކް ބުންޏެވެ.

އެދުވަހަށް ކޯޓުން ނުކުތްއިރު މެހެކް ފާޒިލްއާ ބައްދަލުކުރިއެވެ.

“މެހެކް. ކަލޭ އަދިވެސް ގޮތްދޫކުރާކަށް ނުވޭ ދޯ. ދަރިފުޅު ގޮވައިގެން ގެއަށް އާދޭ. ނޫނީ ކަލެއަށް ދަރިފުޅު ނުވެސް ފެންނާނެ.” ފާޒިލް އިންޒާރު ދިނެވެ.

“ފާޒިލް. އަހަރެން ކޮންމެ ފަހަރަކުވެސް ހިތަށްއަރާ ކަލޭ ދެން މިއަށްވުރެ ދަށު ދަރަޖައަކަށް ނުވެއްޓޭނެޔޭ. އެކަމަކު ކަލޭ ކޮންމެ ފަހަރަކުވެސް އަހަރެންގެ ވިސްނުން ގޯސްކަން އެބަ ސާބިތުކޮށްދެމު. މިހާރު ހުރިހާ ގޮތެއް ހުސްވީމަ ކަލޭ ތި ހަތިޔާރަކަށް ހެދީ ދަރިފުޅޭ. ދެން އަދި އެއްވާހަކަ. އެއްވެސް ހާލަތެއްގައި މަންމައަށް ދަރިފުޅު ނުދެއްކޭ ގޮތަކަށް އެއްވެސް ޤަވާއިދެއްގައިވެސް ނޯވޭ. އަދި ކަލޭގެ ފައިސާއާ ނުފޫޒަކުން ކޯޓަކުން އެގޮތަށް އަމުރެއްވެސް ނުކުރާނެ. އަދި އެންމެ މުހިންމު ވާހަކަ. ކަލޭއަކަށް އަޔާލްއެއް ނުލިބޭނެ.” މެހެކްގެ ހިތްވަރު ފެނިފައި ފާޒިލް ހައިރާންވިއެވެ.

“މާ ފިޔަ ދިގުވެގެން ނޫޅެއްޗޭ. ކޮށާލަން ޖެހިދާނެ.” ފާޒިލް އަނެއްކާވެސް އިންޒާރެއް ދިނެވެ.

“ކަލޭގެ އިންޒާރުތައް ކަލޭ އަތުގައި ބަހައްޓާ. މިހާރު މީ ކަލޭ ހެދިހާގޮތެއް ހެދިގެން ކުރިހާ އަނިޔާއަކަށް ކެތްކުރި މެހެކްއެއް ނޫން. ކަލޭދެކެ އަހަރެން ކުޑަކޮށްވެސް ބިރެއް ނުގަނޭ.” މެހެކް ބުނެލިއެވެ.

“ކަލޭ ބަލަން ހުރޭ އަހަރެން ކަލޭ އަތުން އަޔާލް ޖަހައިގަންނަ ގޮތް.” ފާޒިލް އަތުގެ މުށުން އޭނާގެ ބާރު ދައްކާލަމުން މެހެކްއަށް ބުނެލިއެވެ.

“ކަލޭވެސް ބަލަން ހުރޭ ކަލޭގެ ކުރިމަތިން އަހަރެން އަޔާލް ގޮވައިގެން ނުކުމެގެން ދާތަން.” މެހެކްވެސް ހަމަ އެ ރާގުގައި ބުންޏެވެ.

(ނުނިމޭ)

3
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top