ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވޭނުގާ – ސޯޅަވަނަ ބައި
މުނިއަވަސް ގްރެފިކްސް

“އޯކޭ. މަ ބޭނުން ގޮތް މަ ބުނެފިން. މަ ދައްކާ ވާހަކަ އަޑުނާހަންޏާ ދޭ. މަންމަމެން ކައިރީ މަށެއް އެއްވެސް އެއްޗެއް ނުބުނާނަން. މަ މި ދަނީ ނިދަން. ހައިފާ ބޭނުން ގޮތަކަށް ކަންތައް ކުރޭ.” ނިފާރުގެ ކިބައިން ފެނުނު ހިތްހަމަނުޖެހުން ހައިފާގެ ހިތަށް ތަދު ކުރުވި އެވެ.

“އޯކޭ. ނިފާރު އެދުނީތީ ބައްދަލުވުން ކެންސަލްކޮށްފިން. ވަރަށް ބޮޑަށް ސޮރީ.” ސައިކަލް ޕާކުކުރަމުން ހައިފާ ވާހަކަ ދެއްކި އެވެ.

ހައިފާ އަންނަންދެން ނިފާރު މަޑުކުރާނެ ކަމަށް އޭނާއަށް ހީވި ނަމަވެސް ކަންތައް ވީ އެހެނެއް ނޫނެވެ. އޭނާއަށް މާބޮޑު ސަމާލުކަމެއް ނުދީ ނިފާރު ދިޔަގޮތަށް ގޮސް ގޯތިތެރެއަށް ވަދެއްޖެ އެވެ.

އަވަސްއަވަހަށް ގޯތިތެރެއަށް ވަދެގެން އައި ހައިފާ މަސައްކަތްކުރީ ނިފާރާއި ވާހަކަ ދައްކަން ނަމަވެސް ނިފާރު ދިޔަގޮތަށް ގޮސް ކޮޓަރިއަށް ވަނެވެ. ހައިފާ ގޮވާލުމުން ޖަވާބެއް ނުދިންތާނގައި ބަލާވެސް ނުލި އެވެ.

ގޭތެރެއަށް ވަތްއިރު ގޭތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

ނިފާރަށް ގޮވައި އޭނާއާ ވާހަކަ ދައްކާލަން ބޭނުންވި ނަމަވެސް އެގޮތަށް ކަންތައް ކުރާކަށް ހައިފާއަކަށް ނުކެރުނެވެ. ކަންތައް ދިމާވާގޮތަކުން މަންމަމެނަށް ހޭލެވިދާނެތީ އޭނާ ކަންބޮޑުވި އެވެ. އެކަމާއިމެދު އެތައް ފަހަރަކު ވިސްނި އެވެ. ކަމެއް ހިނގައިގެން އުޅޭކަން އެމީހުނަށް އަންގާކަށް ހައިފާ ބޭނުމެއް ނުވެ އެވެ.

ކޮޓަރިއަށް ދަމުން ނިފާރަށް ހައިފާ ފޯނުކުރި އެވެ. ދެތިން ފަހަރަށް ގުޅައިގެން ވެސް ޖަވާބު ނުދިނުމުން މެސެޖް ވެސް ކުރި އެވެ. ތަކުރާރުކޮށް އެތައް ފަހަރަކު މަޢާފަށް އެދުމުގެ އިތުރުން ވާހަކަ ދައްކާލަން ބޭނުން ކަމަށް ވެސް ބުންޏެވެ.

ހައިފާގެ އެއްވެސް ޢަމަލަކަށް ނިފާރު އިޖާބައެއް ނުދިނެވެ.

ދީފައިވާ ނަލަ ހަނދުވަރުގެ އަލިން މުޅި ބިން އަލިވެ އުޖާލާވެފައިވެ އެވެ. ތަރިތަކުގެ އެތުރުމާއި ވިދުންތަކުގެ ސަބަބުން އުޑުމަތިން ފެންނަ މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނުވަ އެވެ. ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅި އާއި ސަރަހައްދުގައި ރަސްކަން ކުރަމުންދިޔަ ހަމަހިމޭންކަން ހިތްތަކަށް ހަމަޖެހުން ގެނުވާ ފަދަ އެވެ.

ރަށުތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމާއި މަޑުމައިތިރިކަމެވެ.

އަނބުގަސް ކައިރީ ހުރި ޖޯލިފަތިން ޖޯއްޔެއްގައި އޮށޯވެލައިގެން އޮތް ނިފާރު އޮތީ ޚިޔާލެއްގެ ތެރެއަށް ގެއްލިފައިވާ ފަދައަކުން ނެވެ. ދުނިޔެމަތީގައި ހިނގަމުންދިޔަ އެހެން އެއްވެސް ކަމެއްގެ ހިލަމެއް އޭނާއަށް ނުވާ ކަހަލަ އެވެ.

ނިދޭތޯ ކުރަމުންދިޔަ ހުރިހާ މަސައްކަތެއް ބޭކާރުވުމުން ހައިފާ ތެދުވި އެވެ. ގަޑި ބަލާލިއިރު މެންދަމުން އަލިވެ އެކެއް ޖަހަނީ އެވެ. މަޑުމަޑުން އައިސް ކުޑަދޮރުގެ ފޮތިގަނޑު ކަހާލަމުން ބޭރު ބަލާލި ވަގުތު ފެނުނު މަންޒަރުން ހައިފާ ދިޔައީ ސިއްސައިގެން ނެވެ. ޤަބޫލު ނުކުރެވިގެން ކަހަލަ ގޮތަކަށް ލޯ ފޮހެލަމުން އަނެއްކާ ވެސް ބަލާލި އެވެ.

މިވެސް ކިޔާލަން:  ރިހި ލޯބި - ޗެޕްޓަރ 12

ފޯނަށް ގެއްލިފައި އޮތް ނިފާރު ފެނުމުން ހައިފާގެ ވިސްނުން ބަދަލުވި އެވެ. މަޑުމަޑުން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލި އެވެ. ފިޔަވަޅުގެ އަޑު ވެސް ނީވޭހާ މަޑުމަޑުން ކޮޓަރިން ނުކުތް ހައިފާ ގެއިން ބޭރަށް ނުކުތީ ވެސް އެހާމެ މަޑުމަޑުން ނެވެ.

ނިފާރު އޮތީ ފޯނުން އިނގިރޭސި ފިލްމެއް ބަލަންކަން އިވެމުންދިޔަ އަޑުތަކުން އެނގުނެވެ.

ފޯނު ތިރިކޮށްލަމުން ނިފާރު ބަލާލީ މީހެއްގެ ހިލަމެއް ވީހެން ހީވެގެން ނެވެ.

މާބޮޑު ނިވާކަމެއްނެތް ޓީޝާޓަކާއި ކުރު ސޯޓެއް ލައިގެން ހުރި ހައިފާގެ ހަށިގަނޑަށް ނިފާރުގެ ނަޒަރު ހުއްޓުނެވެ. އަންހެންވަންތަ ފުރިހަމަ ރީތިރީތި އެ ހަށިގަނޑު ފެނިފައި ނިފާރުގެ ކަޅި ހުއްޓުނުވެ. ހިތުގެ އެންމެ ހިމަނާރާއި ހަމައަށް އަސަރު ކުރި އެވެ. ކަޅި ޖަހާލަން ހަނދާން ވެސް ނެތް ކަހަލަ އެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއްނެތި ހުއްޓުން އަރާފައި އޮވެވުނީ ކިހާއިރަކު ކަމެއް ވެސް ނޭނގުނެވެ.

ހައިފާއަށް އޭނާގެ އަންނައުނާއިމެދު ވިސްނާލެވުނީ ނިފާރުގެ ބެލުންތަކުން ސަލާމަތްވާން ތެޅިގެން ވަގުތު އެވެ. ހޭވެރިކަން ވުމާއިއެކު ދުވެފައި ކަހަލަ ގޮތަކަށް ގޮސް ގޭތެރެއަށް ވަނެވެ.

އެ ހިތްގައިމު، ހަމަހިމޭން އަމާންއޮމާން މަންޒިލުގައި އޮވެ ނިފާރާއި ވާހަކަ ދައްކާލަން ހިތް އެދުނު ނަމަވެސް ނުކުންނާކަށް ހައިފާއަކަށް ނުކެރުނެވެ. ނިފާރުގެ ކުރިމައްޗަށް ދެވުނު ގޮތާއިމެދު ވިސްނާލެވުމުން ލަދުގަތެވެ. ސިއްރުސިއްރުން ގޮސް ކުޑަދޮރުން ބޭރު ބަލާލި ނަމަވެސް ނުކުންނާނެ ހިތްވަރެއް ނުލިބުނެވެ.

ސުނޭހާއާ ގުޅޭތޯ ނިފާރު ދެތިން ފަހަރަކު މަސައްކަތްކުރި އެވެ. ގުޅޭގޮތެއް ނުވި އެވެ. ފޯނު އޮންނަނީ ނިވާލާފައި ނުވަތަ ގުޅޭ ސަރަހައްދުން ބޭރުގަ އެވެ. ސުނޭހާ އަދިވެސް ރާއްޖެ ނާންނަކަމަށް ނިފާރު ނިންމީ ފޯނުން ލިބެމުންދިޔަ ޖަވާބަށް ބަލައިގެން ނެވެ. އަދި އޮންލައިން މުއާމަލާތްތަކަށް ބަލާއިރު، މިއިން ދުވަހަކު ވެސް އޮންލައިން ވެފައި ނުވާތީ އެވެ.

އަރައިގެން އައި އިރާއިއެކު ރަށުތެރެއަށް ފެތުރިގެންދިޔަ ޚަބަރު ވެގެން ދިޔައީ އެތައް ބަޔަކަށް ސިހުން ގެނުވި ޚަބަރަކަށެވެ. އެއް ބަޔަކަށް އެވާހަކަތައް ޤަބޫލު ނުކުރެވުނުއިރު އަނެއް ބަޔަކު ދިޔައީ އެކަމާއިމެދު ސުވާލު އުފައްދަމުން ނެވެ. ހައިރާންވި ބަޔަކު ވެސް ތިއްބެވެ.

އެތައް އަނިޔާއެއްކޮށް ގޮނޑުދޮށަށް އެއްލާލާފައި އޮތް ވިޖުދާނު ފެނުނީ ކަސްރަތަށް ނުކުމެ އުޅުނު މެދުއުމުރުގެ އަންހެނުންތަކަކަށެވެ.

މިވެސް ކިޔާލަން:  ރިހި ރޭ - ޗެޕްޓަރ 11

ހިކި ފަތްތަކެއްގައި ހުޅުފަޅައިގެން ދިޔަހެން ފެތުރިގެންދިޔަ ޚަބަރާއިއެކު އެތައް ބަޔަކު މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެތަނަށް ޖަމާވި އެވެ. އުނަގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ވިޖުދާނަކަށް ކޮޅަކަށް ނުހުރެވެ އެވެ. ފަޔަށް ލިބިފައިވާ އަނިޔާގެ ސަބަބުން ހިނގޭވަރެއް ނުވެ އެވެ. ބޯ ފަޅައިގެން ގޮސް ފޭބި ލޭގެ އަސަރު ނިތްކުރިމަތިން މިހާރު ވެސް ފެންނަން އެބަހުއްޓެވެ. ރަނގަޅަށް ވާހަކަ ވެސް ނުދެއްކެ އެވެ.

ލިބުނު ޚަބަރާއިއެކު އެނބުރުން އަރައިގެން ވެއްޓުނު އައިމިނާދީއަށް ފަރުވާކުރުމުގެ ކަންތައް ސިއްޙީ މަރުކަޒުގައި ކުރިޔަށް ދިޔަ އެވެ.

އެހެން ދުވަސްތަކުގެ ވެސް އާދައިގެމަތިން މިއަދު ވެސް ގެސްޓްހައުސްއަށް ދާން ނުކުންނަމުން ނިފާރަށް ހައިފާ ފޯނުކުރި އެވެ. ޖަވާބެއް ނުލިބުމުން ދެވަނަ ފަހަރަށް ވެސް ގުޅި އެވެ. މި ފަހަރު ވެސް ޖަވާބެއް ނުލިބުނެވެ.

ނިފާރުގެ ޚަބަރެއް ވޭތޯ ބަލަން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ހައިފާ ދިޔައީ އެވެ. ނިފާރަށް އައި ބަދަލެއް އައީ ރޭގެ ފަހުން ކަމަށް ވާތީ އެކަމާއި ވާހަކަ ދައްކަން ހައިފާ ބޭނުންވި އެވެ. ހައިފާއާމެދު އެގޮތަށް ނިފާރު ކަންތައް ކުރުމަކީ ހައިފާގެ ހިތަށް ކެތްވާވަރުގެ ކަމަކަށް ނުވެ އެވެ.

ވިޖުދާން އޮތް ހާލު ފެނުމާއިއެކު ބައެއް މީހުނަށް ރޮވުނުއިރު އޭނާއަށް އެހީވުމުގެ މަސައްކަތް ސިއްޙީ މަރުކަޒުގެ މުވައްޒަފުންނާއި ހެޔޮއެދޭ ފަރާތްތައް ގުޅިގެން ކުރަމުން ދިޔަ އެވެ. ރަށު ކައުންސިލުން މަޢުލޫމާތު ފޯރުކޮށްދިންތާ މާގިނައިރެއް ނުވަނީސް ޕޮލިހުން އައިސް އެބޭކަލުންގެ މަސައްކަތް ފެށި އެވެ.

ރަށުގައި ޕޮލިހުން ތިބުމުގެ ފަސޭހަކަން އެ ދުވަހު އެތައް ބަޔަކަށް ޤަބޫލު ކުރެވުނެވެ. ކުރިން އެކަމާއި ދެކޮޅު ބައެއް މީހުން އެއީ ރަނގަޅު ކަމެކޭ ވެސް އެދުވަހު ބުންޏެވެ.

އެ އަނިޔާވެރި ޢަމަލު ހިންގި ބަޔަކު މިހާރުން މިހާރަށް ހައްޔަރުކޮށް އެމީހުނަށް ޙައްޤު އަދަބު ދިނުމަށް އެއްބަޔަކު ބުނަމުން ދިޔައިރު، އެކަމާއި ދެކޮޅަށް ވާހަކަ ދައްކާ ބަޔަކު ވެސް ތިއްބެވެ.

“ތިޔޭ ކަލޭމެންގެ މައްސަލައަކީ. އޭނާއަށް އަނިޔާއެއް ވާއިރަށް އެބަޔަކު ހޯދާ ބުރިން ހަން ނަގަން ބުނާއިރު އޭނާގެ ސަބަބުން މިރަށު ކިތައް މީހުނަށް ކިތައް އަނިޔާ ލިބިއްޖެ. އެމީހުނަށް ލިބުނު އިންސާފެއް ގެއްލުމުގެ ބަދަލެއް ކޮބާ؟ ޖަލުން ނުކުމެގެން އައިސް މިވީ އަދި ދިހަވަރަކަށް ދުވަސް. ކަމެއް ނުކޮށް ހުއްޓާ ބަޔަކު އޭނާއަށް އެވަރުގެ އަނިޔާއެއް ނުކުރާނެއޭ މަގޭ ހިތް ބުނަނީ. އެންމެފަހުން ވެސް އޭނާގެ ސަބަބުން މިތަނުގަ މީހުނަށް ނޫޅޭވޭވަރު ވެގެން މާލެ ފޮނުވާލީ. އެތަނުން ވެސް ހައްޔަރު ކުރީ މާރާމާރީއެއް ހިންގައިގެން.” ހިތްހަމަނުޖެހިފައި ހުރި އަގީލް ދެއްކީ ކަން ހިނގައިދިޔަ ގޮތުގެ ވާހަކަ އެވެ. އަދި ކުރިން ކަންކަން ވެފައިވާ ގޮތުގެ ވާހަކަ އެވެ.

މިވެސް ކިޔާލަން:  އޭނާ - ތިރީސްވަނަ ބައި (ފަހު ބައި)

“ރަނގަޅަށް ވިއްޔާ ކޮންމެ ވެސް މީހަކަށް އަނިޔާއެއް ދޭން އުޅެނިކޮށް ފައިން އެރިފަ އެ އޮތީ. މީހަކާއި ޖެހުނީމަ ވާގޮތް ފެނިފަ އޮންނާނީ. ދަގަނޑު ކެނޑޭނީ ދަގަނޑުން.” އަގީލްގެ ވާހަކައަށް ތާއީދުކުރާ ފަދައަކުން ވާހަކަ ދެއްކި މުސާޢިދު އިތުރުކޮށްލި އެވެ. ހިނގައިގެން އުޅޭ ކަންތަކާއި މާބޮޑު ކަންބޮޑުވުމެއް އޭނާގެ ވެސް ނެތެވެ.

ވިޖުދާންގެ ހަށިގަނޑު ބެލުމަށްފަހު މިހާރުން މިހާރަށް މާލެ ގެންދިއުމަށް ޑޮކްޓަރު ލަފާދިނެވެ.

ވިޖުދާނާއިއެކު އިއްޔެ އާއި ރޭ އުޅުނު އޭނާގެ ރައްޓެހިން ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ބަޔާން ނެގުމުގެ މަސައްކަތް ކުރިޔަށް ދިޔަ އެވެ. އެމީހުންގެ ފަރާތުން ހޯދަން ޖެހޭ މަޢުލޫމާތު ހޯދައި ރައްކާކުރަމުން، ކުޑަވެސް ޝައްކެއް ވާ މީހަކު ހުރިނަމަ އެމީހަކު ހާޒިރުކޮށް ސުވާލުކުރަމުން ދިޔައެވެ.

ވިޖުދާންގެ ޚަބަރު ހައިފާއަށް ލިބުނީ ނިފާރުގެ ޚަބަރެއް ނުވެގެން ގެއަށް އައި މަގުމަތީ އެވެ.

ހައިފާއަށް ގެއަށް އާދެވުނުއިރު، ގޭތެރޭގައި ވެސް އޮތީ އެވާހަކަ އެވެ. މަންމަ އާއި ބައްޕަގެ އިތުރުން ނިފާރު ވެސް އެ ވާހަކައިގަ ބައިވެރިވި އެވެ. ހައިފާ އައުމުން އޭނާ ގާތު ވެސް ނާސިތާ އެވާހަކަ ދެއްކި އެވެ.

ކުއްލިއަކަށް މާލެ ދާން ޖެހިއްޖެ ވާހަކަ ނިފާރު ބުނީ ހައިފާ ވެސް އެ ވާހަކައިގަ ބައިވެރިވި ފަހުން ނެވެ.

ނިފާރު މާލެ ދާ ވާހަކަ ބުނުމުން ހައިފާއަށް ވީގޮތް ކިތަންމެ ރަނގަޅަކަށް ވެސް ނާސިތާއަށް ފެނުނެވެ. ދަރިފުޅުގެ ކިބައިން ފެނުނު މާޔޫސްކަމާއި ހިތްދަތިކަމުގެ އަސަރު ނާސިތާގެ ހިތަށް ތަދުކުރި އެވެ. ހައިފާއަށް އެވާހަކަ ބުނަން ނުކެރިގެން އުޅޭނަމަ އޭނާ އަމިއްލައަށް ނިފާރު ގާތު އެވާހަކަ ދައްކަންވީއޭ ވެސް ހިތަށް އެރި އެވެ.

ކުއްލިއަކަށް ނިފާރު ނިންމި އެ ނިންމުމާއިއެކު ހައިފާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. މައްސަލައަކަށްވީ އެ ސުވާލުތަކުގެ ޖަވާބު ހޯދާނެ ވަގުތެއް އޭނާއަށް ނުލިބުމެވެ. ނިފާރާއި ވާހަކަ ދައްކަން ހައިފާ ކުރި މަސައްކަތަށް ނިފާރު އެއްބާރުލުން ނުދިނުމެވެ.

ވަގުތުތައް ފާއިތުވަމުން ދިޔައިރު ރަށުތެރޭން ފެންނަމުން ދިޔައީ ހަމަހިމޭންކަމާއި މަޑުމައިތިރިކަމެވެ. ސުވާލުތަކުން ފުރިފައިވާ ރައްޔިތުން ކެތްތެރިކަމާއިއެކު އިންތިޒާރުކުރަމުން ދިޔައީ އެކަމުގެ ހަޤީޤަތް ހާމަވާނެ ވަގުތަކަށެވެ.

މެންދުރުފަހު ލާންޗުން ފުރަން ތައްޔާރުވަމުންދިޔަ ނިފާރު ބަލައި ޕޮލިހުން އައީ ފުރަން ގެއިން ނުކުންނަނިކޮށެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top