ކޭ-ޕޮޕްގެ މަޝްހޫރު ބޭންޑް ބީޓީއެސް އެނބުރި އައިސް ބޭއްވި ފުރަތަމަ ލައިވް ޝޯ ދުނިޔޭގެ އެކި ކަންކޮޅުތަކުން 18.4 މިލިއަން މީހުން ބެލި ކަމަށް ނެޓްފްލިކްސް އިން ބުނެފިއެވެ.
ދެކުނު ކޮރެއާގެ އަސްކަރީ ޚިދުމަތް ފުރިހަމަކުރުމަށް ފަހު އެ ބޭންޑުގެ ހަތް މެމްބަރުން އެކުގައި ފެނުނު މި ޝޯ ބާއްވާފައި ވަނީ ސޯލްގެ ތާރީޚީ ގުޔޮންބޮކްގުންގް ޕެލަސް އާއި ގުވަންގްވަމުން މައިދާނުގައެވެ. އެ ބޭންޑުގެ އާ އަލްބަމް އަރީރަންގް ނެރުނުތާ އެއް ދުވަސް ފަހުން ބޭއްވި މި ޝޯ ވަނީ 80 ޤައުމެއްގެ ނެޓްފްލިކްސް “ޓޮޕް 10” ގައި ހިމެނި، 24 ޤައުމެއްގެ އެއްވަނަ ހޯދައިފައެވެ.
އޭއެފްޕީން ރިޕޯޓުކުރި ގޮތުގައި އެ ޝޯ ބަލަން ސޯލްގެ މަގުތަކަށް 100،000 އަށް ވުރެ ގިނަ ސަޕޯޓަރުން ޖަމާވިއެވެ. ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި 15،000 އަށް ވުރެ ގިނަ ފުލުހުން ހަރަކާތްތެރިވިއެވެ. ނެޓްފްލިކްސް އިން ބުނި ގޮތުގައި މިއީ އެ ކުންފުނިން ދެކުނު ކޮރެއާގައި ބޭއްވި ފުރަތަމަ ލައިވް އިވެންޓެވެ.
ބީޓީއެސްގެ އާ އަލްބަމް ނެރުނު ފުރަތަމަ ދުވަހު ހަތަރު މިލިއަން ކޮޕީ ވިކިފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ ސްވިމް އަދި ބޮޑީ ޓު ބޮޑީ ފަދަ ލަވަތައް ވަނީ ސްޕޮޓިފައިގެ ޗާޓުތަކުގެ ކުރި ހޯދައިފައެވެ.
ބީޓީއެސް އިން މިހާރު ތައްޔާރުވަމުން އަންނަނީ އެ ބޭންޑުގެ އަރީރަންގް ވޯލްޑް ޓުއާ އަށެވެ. އަންނަ މަހު 9 ގައި ކޮރެއާގެ ގޮޔަންގް އިން ފަށާ އެ ޓުއާގައި ދުނިޔޭގެ 34 ސިޓީއެއްގައި 82 ޝޯ ދިނުމަށް ވަނީ ތާވަލުކޮށްފައެވެ. އުތުރު އެމެރިކާ އަދި ޔޫރަޕްގެ ޝޯތަކުގެ ޓިކެޓް މިހާރު ވެސް ވަނީ ވިކި ހުސްވެފައެވެ.
