އެމެރިކާގެ ޔޭލް ނިއު ހެވެން ހޮސްޕިޓަލުގައި ސާފުކުރާ މީހެއްގެ ގޮތުގައި ގާތްގަނޑަކަށް 10 އަހަރު މަސައްކަތް ކުރި ޝޭ ޓޭލާ، އެނެސްތީސިއޮލޮޖީ ރެސިޑެންޓެއްގެ ގޮތުގައި އެ ހޮސްޕިޓަލަށް އެނބުރި ދާން ތައްޔާރުވެއްޖެއެވެ.
ޝޭ ޓޭލާ، 32، އަކީ ކޮނެޓިކަޓްގެ ނިއު ހެވެންގެ ވިލްބާ ކްރޮސް ހައި ސްކޫލުން ކްލާހުގެ އެންމެ މޮޅު 10 ޕަސެންޓުގެ ތެރޭގައި ހިމެނިގެން ދަސްވެނިވި ދަރިވަރެކެވެ. ނަމަވެސް މަތީ ތައުލީމާ ބެހޭ މައުލޫމާތު ނެތުމާއި، އެކަނިވެރި މައެއްގެ ދަރިއެއް ކަމުން ފައިނޭންޝަލް އެއިޑް ނުވަތަ އެޕްލިކޭޝަން ޕްރޮސެސް ނޭނގި، 2010 ވަނަ އަހަރު ސްކޫލް ނިންމުމަށް ފަހު ސީދާ ވަޒީފާއަށް ނުކުތީއެވެ.
“ކުރަންވީ ކީއްކަމެއް ނޭނގުނު. މަންމައަކީ އެކަނިވެރި މައެއް. ފައިނޭންޝަލް އެއިޑާ ބެހޭ ގޮތުންނާއި އެޕްލިކޭޝަންތަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގެ. ވަރަށް ގެއްލިފައި ތިބީ!”
ޓުޑޭ ޑޮޓް ކޮމް އަށް ދިން އިންޓަވިއުގައި ޓޭލާ ބުންޏެވެ.
ގައިޑެންސް ކައުންސެލަރަކު ކޮމިއުނިޓީ ކޮލެޖަކަށް ދާން ލަފާ ދިން ނަމަވެސް، އާމްދަނީ ބޭނުންވެފައި ހުރުމުން 18 އަހަރުގައި ޔޭލް ނިއު ހެވެން ހޮސްޕިޓަލުގެ ސާފުކުރާ މީހެއްގެ ވަޒީފާ ޓޭލާ އިޚުތިޔާރު ކުރީއެވެ. ބަލި މީހުންގެ ކޮޓަރިތަކާއި ސައިކިއެޓްރިކް ޔުނިޓްތަކާއި އެޑްމިނިސްޓްރޭޓިވް އޮފީސްތައް ސާފުކުރުމުގައި ގާތްގަނޑަކަށް 10 އަހަރު ހޭދަކުރިއެވެ.
ޓޭލާގެ ދިރިއުޅުން ބަދަލުވީ މަންމަ ބަލިވި ހިސާބުންނެވެ. ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކުން ފުއްޕާމެއަށް ބޮޑެތި ގެއްލުންތަކެއް ލިބި، ނޭވާލާން ދަތިވެ، މަސްތަކެއް ވަންދެން ހޮސްޕިޓަލަށް ވަދެ ނުކުމެ ހެދިއެވެ. ނަމަވެސް ޑޮކްޓަރުން ތަކުރާރުކޮށް އެ އަލާމާތްތައް ނަފްސާނީ ކަމެއް ކަމަށް ނިންމައި، ޖަވާބެއް ނުދީ ގެއަށް ފޮނުވާލީ ކަމަށް ޓޭލާ ބުންޏެވެ. މާޔޫސްވެ، ގޮތް ހުސްވެފައި ހުރެ، ޓޭލާ އެ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވާ ގުޅިއެވެ. އެއީ ބައެއް ފަހަރު އޭނާގެ އޮފީސް ސާފުކުރަން ދާ ފަރާތެކެވެ. ޓޭލާ ހާލަތު ކިޔައިދީ އެހީއަށް އެދުމުން، މަދު ދުވަސްކޮޅެއްގެ ތެރޭގައި މަންމައަށް އާ މެޑިކަލް ޓީމެއް ހަމަޖެހި، ވޯކަލް ކޯޑް ޑިސްފަންކްޝަން ކިޔާ މަދުން ފެންނަ ބައްޔެއް ކަމަށް ދެނެގަނެވުނެވެ.
ޓޭލާގެ މެޗް ޑޭ ވީޑިއޯ މިހާރު ވައިރަލް ވެފައިވެއެވެ.
View this post on Instagram
މި ތަޖުރިބާއާއެކު އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. ޓޭލަރ ހަނދާންވާ ގޮތުގައި އޭނާގެ މަންމަގެ ހައްގުގައި އަޑުއުފުލައިދެވޭނަމަ، “މަސައްކަތްކޮށްފިނަމަ އެހެން ބަލިމީހުންނަށްޓަކައި ވެސް އެކަން ކޮށްދެވިދާނެ” ކަމަށް އޭނާއަށް އޭރު ވިސްނުނެވެ.
ފުރަތަމަ އޭނާ ބަލަން ފެށީ ސިއްހީ ދާއިރާގެ އެހެނިހެން ދާއިރާތަކުން، މިސާލަކަށް ނާސިންގ ފަދަ ކަންކަމުން ކުރިއަށް ދެވޭނެ ގޮތްތަކެވެ. ނަމަވެސް، މި ދާއިރާއާ ގުޅޭގޮތުން އިތުރު މައުލޫމާތު ލިބެމުންދިޔަ ވަރަކަށް، އޭނާގެ އަޒުމަކަށްވީ ޑޮކްޓަރަކަށް ވުމެވެ. އެއީ އޭނާގެ މަންމައާ މެދު ކަންތައް ކުރެވުނު ފަދައިން، އަޅާނުލައި ދޫކޮށްލެވޭ ބަލިމީހުންގެ ހައްގުގައި ވަކާލާތުކުރުމުގެ ބޭނުމުގައެވެ.
މި އުންމީދުތައް ހަގީގަތަކަށް ހެދުމަކީ އެއްގޮތަކަށްވެސް ފަސޭހަ ކަމަކަށް ނުވިއެވެ. ޓޭލަރަށް ޖެހުނީ އަމިއްލައަށް މަގު ހޯދައި، ކަންކަން ރާވާށެވެ. އޭނާ ކިޔެވުން އަލުން ފަށައި، ސަަދަން ކަނެކްޓިކަޓް ސްޓޭޓް ޔުނިވަރސިޓީގައި ކޯސްތަކެއް ފުރިހަމަކުރިއެވެ. އޭގެ ފަހުން ކުއިނިޕިއެކް ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލުކުރިއެވެ. އެތަނުން އޭނާ ފުރިހަމަކުރީ މެޑިކަލް ސްކޫލަށް ވަނުމަށް ބޭނުންވާ ސައިންސްގެ މާއްދާތަކެވެ.
މި ހުރިހާ ދުވަހަކުވެސް އޭނާ ދިޔައީ ވަޒީފާ އަދާކުރަމުންނެވެ.
ދުވާލު ގަޑީގައި ކްލާސްތަކަށް ދާއިރު، ރޭގަނޑު އޭނާ މަސައްކަތް ކުރީ ޔޭލް ނިއު ހޭވަން ހޮސްޕިޓަލުގެ ކުނިކަހާ މީހެއްގެ ގޮތުގައެވެ. އޭނާ ފައިސާ އެއްކުރީ މެޑިކަލް ސްކޫލަށް ވަނުމަށް ބޭނުންވާ އިމްތިހާނު ކަމަށްވާ އެމް.ސީ.އޭ.ޓީ ފީ ދެއްކުމަށާއި، އެޕްލިކޭޝަން ފީތައް ދެއްކުމަށެވެ.
ނަތީޖާއެއްގެ ގޮތުން، ހޮވާޑް ޔުނިވަރސިޓީ ކޮލެޖް އޮފް މެޑިސިންއިން އޭނާއަށް ޖާގަ ލިބުނެވެ.
މިއަދު، އޭނާގެ އެ ދަތުރު ވަނީ ވަރަށް ފުރިހަމަ ނިމުމަކާ ހަމައަށް އައިސްފައެވެ.
މި މަހުގެ ކުރީކޮޅު ޓޭލަރަށް އެނގުނު ގޮތުގައި، އޭނާގެ ރެސިޑެންސީ ފުރިހަމަކުރުމަށް ހޮވުނީ ހަމަ އެ ޔޭލް ނިއު ހޭވަން ހޮސްޕިޓަލުންނެވެ. އެއީ އެއްދުވަސްވަރެއްގައި އޭނާ ސާފުކުރުމުގެ ސާމާނު ހިފައިގެން ހިނގި ހޮސްޕިޓަލެވެ. މިހާރު އޭނާ އެނބުރި އެދަނީ ހޭނައްތާ ބަލިތަކާބެހޭ (އެނެސްތީސިއޮލޮޖީ) ރެސިޑެންޓް ޑޮކްޓަރެއްގެ ގޮތުގައެވެ.
އޭނާއަށް އެކަން އެނގުނު ވަގުތު ފެންނަ ވީޑިއޯއެއް މިހާރު ވަނީ މުޅި ދުނިޔެއަށް މަޝްހޫރުވެފައެވެ.
އެ ވީޑިއޯއިން ފެންނަނީ، އުފަލުން ގޮސް ހަޅޭއްލަވައި، ފުމެ، އަދި އަސަރުން ފުރިގެންވާ ހާލުގައި އޭނާގެ ގާތް މީހުންގެ ގައިގައި ބައްދާލާ މަންޒަރެވެ. ސޯޝަލް މީޑިއާގައި މި ވީޑިއޯ ބެލި ގިނަ ބަޔަކު ވަނީ އެ މަންޒަރު ފެނިފައި ލޮލުން ކަރުނަ ފޭދުނު ކަމަށް ބުނެފައެވެ.
ޓޭލަރަށް މިއީ ހަމައެކަނި ވަޒީފާގެ ކުރިއެރުމެއް ނޫނެވެ.
“މިއީ ދުވަހަކުވެސް އުންމީދު ކުރި ކަމެއް ނޫން،” އޭނާ ބުންޏެވެ. “ކުރިން މަސައްކަތް ކުރި ތަނަށް އަލުން އެނބުރި ދިއުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.”
މާލަަސްތަކެއް ނުވެ، އޭނާ އެ ހޮސްޕިޓަލުގެ ކޮރިޑޯތަކުގައި އަނެއްކާވެސް ހިނގާނެއެވެ. ނަމަވެސް ކުނިކަހާ މީހެއްގެ ގޮތުގައެއް ނޫނެވެ. އޭނާގެ މަންމަ ފަދައިން އެހީތެރިކަމަށް ބޭނުންވެފައިވާ ބަލިމީހުންގެ އަޑުއަހައި، އެމީހުންނަށް ފަރުވާ ދޭނެ ޑޮކްޓަރެއްގެ ގޮތުގައެވެ.
އޭނާ އުންމީދު ކުރަނީ އޭނާގެ މި ވާހަކައަކީ ކުރިއަށްދާނެ ސީދާ މަގެއް ނުފެނިފައި ތިބި މީހުންނަށް ލިބޭނެ ހިތްވަރަކަށް ވުމެވެ.
“އަހަރެން ބޭނުންވަނީ އެމީހުން ހުއްޓާނުލައި ކުރިއަށް ދިއުމަށް،” އޭނާ ‘ޓުޑޭ’ އަށް ބުންޏެވެ. “މީހަކު ‘ނޫނެކޭ’ ބުނުމަކީ އެއީ އެންމެ ފަހުގެ ނިންމުން ކަމަށް ގަބޫލުނުކުރުމަށް އަހަރެން އެދެން.”
