ޕާކިސްތާނުގެ މަޝްހޫރު އޮންސްކްރީން ޖޯޑު ދާނިޝް ތައިމޫރް އަދި ހިބާ ބުޚާރީ ލީޑް ރޯލުން ފެނިގެންދާ “ހަމްރާހީ” 27 މާރިޗު (މާދަމާ ރޭ) ގައި ދައްކަން ފަށާގޮތަށް ނިންމައިފިއެވެ.
މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ޝައުޤުވެރި ޓީޒާތަކެއް އާންމުކުރަމުން އަންނަ “ހަމްރާހީ” އަކީ ބެލުންތެރިންގެ ލޯބި އިންތިހާއަށް ހޯދާފައިވާ އޮންސްކްރީން ޖޯޑު ދާނިޝް ތައިމޫރްއާ ހިބާ ބުޚާރީ އެކުގައި ފެނިގެންދާ ހަތަރުވަނަ ޑްރާމާއެވެ. ކުރިން މި ދެ ތަރިން ވަނީ “ހާރާ ދިލް”، “ދީވާންގީ” އަދި “ޖާން ނިސާރް” ގައި އެއްކޮށް މަސައްކަތް ކޮށްފައެވެ. އަދި އެ ޑްރާމާތަކުގައި މި ދެ ތަރިންގެ ކެމިސްޓްރީ ފުރިހަމަކަމުން ބެލުންތެރިން ދިޔައީ މި ދެތަރިން އެކުގައި ފެނުމަށް ވަރަށް އިންތިޒާރު ކުރަމުންނެވެ. އެ އިންތިޒާރަށް މާދަމާ ރޭ ނިމުމެއް އަންނާނެއެވެ.
ދާނިޝް އާއި ހިބާގެ އިތުރުން އަޒްފަރް ރަޙްމާން، ހަޖްރާ ޔަމީން، އާރިޒް އަޙްމަދު، ޓިޕޫ ޝަރީފް، ޝެހެޒާދު ނަވާޒް އަދި އަޔޫބް ޚޯސާ ފަދަ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާ “ހަމްރާހީ” އަކީ ބައްބަރު ޖަވައިދުގެ ޖޭޕީ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށް ގެނެސްދޭ އަސަރުގަދަ ލޯބީގެ ޑްރާމާއެކެވެ.
“ޔޭ މެރާ ދީވާނާޕަން ހޭ”، “ބަލާ” އަދި “ޗީކް” ފަދަ ކާމިޔާބު ޑްރާމާތަކެއްގެ ސްކްރީންޕްލޭ ލިޔެފައިވާ ޒަންޖަބީލް އާސިމް ޝާހްގެ ސްކްރީންޕްލޭއަކަށް އުފައްދާފައިވާ “ހަމްރާހީ” ޑައިރެކްޓްކުރީ ބައްބަރު ޖަވައިދުއެވެ. މިއީ 11 އަހަރަށްފަހު ބައްބަރް ޑައިރެކްޓަރުގެ ގޮނޑިއަށް އެނބުރި އަންނަ ޑްރާމާއެވެ. ކުރިން އޭނާ ވަނީ “މޭ އަބްދުލް ޤާދިރް ހޫން”، “މޭ ޗާންދު ސީ” އަދި “އިޤްރާރް” ފަދަ ކާމިޔާބު ޑްރާމާތަކެއް ގެނެސްދީފައެވެ.
ޓީޒާތަކުން ފެންނަ ގޮތުގައި މީގައި ދާނިޝް ފެނިގެންދާނީ އޭނާ އެންމެ މަޝްހޫރުވި “އެންގްރީ ޔަންގް މޭން” އެއްގެ ގޮތުގައެވެ. މިއީވެސް ބެލުންތެރިން މި ޑްރާމާއަށް އެހާ އިންތިޒާރު ކުރުވި އެއް ސަބަބެވެ. އަދި މީގެ ލަވައަކީވެސް ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ ލަވައެކެވެ. މުޙައްމަދު ޢަލީގެ ހިތްގައިމު އަޑުން އިވިގެންދިޔަ ލަވައިގެ ޅެން ހަދާފައިވަނީ ޖަމީލް އަޙްމަދެވެ. މިއުޒިކް ތައްޔާރުކުރީ ފާރޫކް އަބީދު އާއި ޝުއައިބް ފާރޫކްއެވެ.
މާދަމާ ރޭ ޖީއޯ ޓީވީއިން “ހަމްރާހީ” ދައްކަން ފަށާއިރު މި ޑްރާމާގެ އެޕިސޯޑްތައް ދައްކަން ނިންމާފައިވަނީ ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގެ ރޭ 8:00 ގައެވެ. އަދި ޖީއޯ ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލް ހަރްޕަލްޖީއޯ އިންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
