ދެ ދުނިޔޭގެ ދެމެދުގައި
މަޑުމައިތިރި އަޑުތަކެއް އެކަކު އަނެކަކުގެ އަޑުގެ މައްޗަށް އަރަމުން، ބޮޑު ބިޔަ ރާޅެއްގެ ސިފައިގައި އުފުލެމުންނާއި ތިރިވަމުން ދިޔައެވެ. އެ ހުރިހާ އަޑުތަކެއްގެ ތެރެއިން އެ މުސްކުޅި އަންހެންމީހާގެ އަޑު އިވެމުންދިޔައީ ވަރަށް ސާފުކޮށް، ވަރުގަދަކޮށް އަދި އެއްވެސް ފަސްޖެހުމެއް ނެތް ގޮތެއްގައެވެ. އޭނާ ކިޔަމުންދިޔަ ކޮންމެ ބަހަކީވެސް ކަނޑައެޅިގެން ބުނެވޭ، ފުން މާނައެއް އެކުލެވިގެންވާ ބަސްތަކެކެވެ.
ޔަސްމީން އޮތީ އެ ހުރިހާ ކަމެއްގެ މެދުގައެވެ. އޭނާ އޮތީ ހޭލައެވެ. ނަމަވެސް، ހަމަ ކިރިޔާއެވެ.
އޭނާގެ ދެލޯ ހުޅުވިފައި މެދުނުކެނޑި މެރެމުންދިޔައީ، އެތެރެއިން ކޮންމެވެސް އެއްޗެއް އޭނާގެ ލޮލަށް ބާރުކުރަމުންދާ ފަދަ ބަރު ގޮތަކަށެވެ. އޭނާގެ ހަށިގަނޑު އޭނާއާ ދުރުވަމުންދާ ކަހަލައެވެ. ހީވަނީ އެ ހަށިގަނޑަކީ މިހާރު އޭނާގެ އަމިއްލަ އެއްޗެއް ނޫން ހެންނެވެ.
ބަޔަކު އޭނާގެ ގައިގައި ހިފަހައްޓައިގެން ތިއްބެވެ. އަޑުތަކުން އޭނާއަށް ގޮވައި، އަނބުރާ ގެންނަން މަސައްކަތް ކުރެއެވެ.
އެކަމަކު އޭނާގެ އެތެރެހަށިން… އެހެން ކަމަކަށް ދެމެމުންދިޔައެވެ.
ފުން އޮއިވަރެކެވެ. ފިނި… ނަމަވެސް ބީރައްޓެހި ނޫން އިހުސާސެކެވެ.
އެކަން ހުއްޓުމަކަށް އަންނަން އޭނާ ބޭނުންވިއެވެ. އެ އަޑުތަކެވެ. އެ ބާރުކުރުމެވެ. އޭނާގެ ގަޔަށް ކިޔަވަމުންދިޔަ ކޮންމެ ބަހަކާއެކު އޭނާގެ މޭ ފިތެމުންދާ ގޮތެވެ.
އެހެނަސް އެއްވަގުތެއްގައި އޭނާ އެކަން ހުއްޓޭކަށްވެސް ބޭނުމެއް ނުވެއެވެ.
ސަބަބަކީ ބިރުވެރިކަމާއި އޮޅުންބޮޅުންގަނޑުގެ ތެރެއިން، އެހެން ކަމެއް އިހުސާސްވަމުންދާތީއެވެ.
އޯގާތެރިކަމެވެ. އޭނާއަށް ފާހަގަކުރެވެން ފަށާފައިވާ ފަރާތެއްގެ ހާޒިރީއެވެ. އެއީ ގެއްލުމެއްދޭނެ ކަމެއް ކަމަކަށް އޭނާއަކަށް އިހުސާސެއް ނުކުރެވެއެވެ. އެއީ އޭނާގެ ހާލަތު މީހަކަށް ފެނި، އޭނާއަށް ސަމާލުކަން ލިބޭ ކަހަލަ އިހުސާސެކެވެ. މީގެ ކުރިން ދުވަހަކުވެސް އިހުސާސް ނުކުރެވޭ ފަދަ ގާތްކަމަކާއެކު މީހަކު އޭނާ ގެންގުޅޭ ކަހަލަ އިހުސާސެކެވެ.
އޭނާގެ ނޭވާ ތުރުތުރުލައިގަތެވެ.
“ނޫން…” އޭނާ މަޑުމަޑުން ބުނެލިއެވެ.
ނަމަވެސް އޭނާ އެ މުހާތަބު ކުރަނީ އޭނާގެ އަމިއްލަ ނަފްސުގެ ކޮން ބަޔަކާ ކަމެއް އޭނާއަކަށް ނޭނގެއެވެ.
އޭނާގެ ވަށައިގެން އިވޭ އަޑުތައް އިތުރަށް ގަދަވަމުން ދިޔައެވެ.
އެ މުސްކުޅި އަންހެންމީހާގެ ރާގު ބަދަލުވެ، ހަރުކަށިވިއެވެ.
“އޭނާ ދޫކޮށްލާ! ކަލޭ މިތަނުން ދޭ!”
އެ އަމުރުވެރި އަޑު އެތަނުގެ ތެރޭގައި ގުގުމާލީ، ވަރަށް ކުރީގެ ކަމަކަށް އެއަށްވުރެ މާ ކުރީގެ ފަރާތަކުން ޖަވާބުދޭ ފަދަ ގޮތަކަށެވެ.
ކުއްލިއަކަށް ޔަސްމީންގެ ހަށިގަނޑު ދެމިގަތެވެ. އޭނާގެ ފުއްޕާމޭ ފޫއަޅުވާލާފައި ބާރު ނޭވާއެއް ބޭރުވިއެވެ.
އޭނާގެ އެތެރެހަށިން—އޭނާ އެކަމާ ދެކޮޅުވެރިވިއެވެ. ހަމައެއާއެކު، އޭނާ އެކަމާ ގާތްވާން މަސައްކަތް ކުރިއެވެ.
ނުދާށެވެ…..
އެއީ ދުލުން ބޭރުވި ބަހެއް ނޫނެވެ. ނަމަވެސް އެއީ އިހުސާސް ކުރެވުނު ކަމެކެވެ. ވަރަށް ފުންކޮށް، ވަރަށް އާދޭހާއެކުގައެވެ.
އޭނާއަށް ޔަގީންވާތީއެވެ. އޭނާގެ ކަށީގެ ފުންމިނަށް އެ ޔަގީންކަން ލިބިފައިވާތީއެވެ. މި ހާޒިރީއަކީ… އޭނާ ދޫކޮށްލާނެ އެއްޗެއް ނޫންކަމެވެ. ދުވަހަކުވެސްމެއެވެ.
އޭނާގެ ހިތުގެ ވިންދު މަޑުޖެހެން ފެށިއެވެ. ވަށައިގެންވާ ދުނިޔެ ފުސްވާން ފެށިއެވެ. އަޑުތައް ދެމިގެންގޮސް، ފަނޑުވެ، ފެނުގެ އަޑީގައި އޮންނައިރު އަޑު އިވޭ ފަދައިން ދުރަށްދާން ފެށިއެވެ.
އޭނާގެ ހަށިގަނޑު ލުއިވާން ފެށިއެވެ. އޭނާގެ އިނގިލިތައް ހަރަކާތެއް ނުކުރެއެވެ. އޭނާގެ ނޭވާއަކީ އޭނާގެ އަމިއްލަ އެއްޗެއް ކަމަކަށް މިހާރު އިހުސާސެއް ނުވެއެވެ.
ދެން ބަދަލެއް އައެވެ.
ކުއްލި ބަދަލެކެވެ.
މުޅި ހާލަތު ބަދަލުވިއެވެ.
އޭނާގެ އެތެރެއިން ކޮންމެވެސް އެއްޗެއް ދޫވެ، ކަހާލައި، ވަކިވެގެންދިޔަ ކަހަލަ އިހުސާސެއް ކުރެވުނެވެ. އޭނާގެ ހަށިގަނޑު އޮތް ގޮތަށް އޮތެވެ. އެކަމަކު އޭނާ މިހާރު އެ ހަށިގަނޑުގެ ތެރޭގައި ފުރިހަމައަކަށް ނެތެވެ.
އޭނާގެ ދެލޯ ބަރުވިއެވެ.
މަތީގައިވާ ސީލިންގް ހިޔަނިތަކުގެ ތެރެއަށް ގެއްލިގެން ދިޔައެވެ. އިވެމުންދިޔަ އަޑުތައް ދުރުގައި އިވޭ ގުގުމުމަކަށް ބަދަލުވިއެވެ.
އޭނާ އޮޔާދިޔައެވެ. ހަގީގަތާއި… އެހެން ކަމަކާ ދެމެދުގައެވެ.
އޭނާ އެކަމާ ދެކޮޅެއް ނުހަދައެވެ. ދެކޮޅު ހެދޭކަށްވެސް ނެތެވެ.
ސަބަބަކީ އޭނާގެ ނަފުސުގެ އެއްބައި ދާން ބޭނުންވާތީއެވެ.
އޭނާގެ ދެލޯ މެރުނެވެ.
އަދި މުޅި ދުނިޔެ އޭނާއާ ވަކިވެގެން ދިޔައެވެ.
ހުވަފެނީ މަންޒިލަކަށެވެ……
އެންމެ ފުރަތަމަ އޭނާގެ ކަންފަތުގައި ޖެހުނީ ބާނިތަކުގެ އަޑެވެ. ލަސްލަހުން، ތަރުތީބަކުން، ނިމުމެއް ނެތް ގޮތަކަށެވެ.
މަތީގައިވަނީ ނިމުމެއް ނެތް ފަދަ އަމާން، ފަނޑު އުޑެކެވެ.
ރޭގަނޑުގެ ފަހު ނިޝާންތަކުން އުޑުމަތި ވަނީ ކުރަހާލެވިފައެވެ.
ރިހިކުލައިގެ އަލިކަން ފެތުރި، ކަނޑުގެ އަނދިރިކަމުގެ ތެރެއަށް ގިރިގެން ދަނީ ދެ ދުނިޔެއެއްގެ ދެމެދުގައި ތާށިވެފައިވާ އެއްޗެއް ފަދައިންނެވެ. އޭނާ އޮތީ ގޮނޑުދޮށުގެ ވެލިގަނޑު މަތީގައެވެ.
އެކަނިމާއެކަނިވެފައެވެ.
ނުވަތަ ހީވާގޮތުންނެވެ.
ތެދުވަން މަސައްކަތް ކުރިއިރު އޭނާގެ ނޭވާ ދިޔައީ މަޑުމަޑުން ލެވެމުންނެވެ.
ހަށިގަނޑަށް ބަރުކަމެއް އިހުސާސް ކުރެވުނުއިރު، ސިކުނޑީގައި ވަނީ ހިނގާދިޔަ ކަންތައްތަކުގެ ފުސް ހަނދާންތަކެކެވެ…
އެ ކޮޓަރި…
އަމްޝަދު…
އެ ހިޔަނި ނުވަތަ ސިފަ
ދެން ކުއްލިއަކަށް
އޭނާއަށް އެކަން އިހުސާސްވިއެވެ. އެ ދަމާބާރު، ކުރިއަށްވުރެ މާ ވަރުގަދައަށް އިހުސާސްވިއެވެ. ސީދާ އޭނާގެ ކުރިމަތީގައެވެ. އޭނާގެ ނަޒަރު މައްޗަށް އުފުލާލިއެވެ. ރާޅުފަށާ ކައިރީގައިވާ ވައިރޯޅިތައް ދިޔައީ ބަބުޅަމުންނެވެ. ބީރައްޓެހި ނޫން، ފަރިތަ ސިފައެކެވެ.
އަނދިރި…
ނަމަވެސް އުޖާލާވެފައިވާ ކަހަލައެވެ. އެއީ ހަމަ ކުރިންވެސް ފެނުނު، ބަދަލުވަމުންދާ ދުންގަނޑެވެ. ކަޅު ކުލައިގެ ތެރެއިން ރިހިކުލައިގެ އަލިކަން ފާޅުވާން ހުއްޓެވެ.
ހީވަނީ އެއަށް ނޭވާލެވޭ ހެންނެވެ…
ހީވަނީ އެ ބަލަން ހުރި ހެންނެވެ.
އޭނާ ދަންނަ ފަދަ ގޮތަކަށެވެ. އޭނާ ފަހަތަކަށް ނުޖެހުނެވެ. އޭނާ ފިލާކަށް ނުދުވެއެވެ. އޭގެ ބަދަލުގައި އޭނާ އެއާ ދިމާލަށް ހިނގައިގަތެވެ. ފިނި ވެލިގަނޑު މަތީގައި ހުސްފަޔާ ހުރެ، އެއްވެސް ޖެހިލުމެއް ނެތި އޭނާ ކުރިއަށް ދިޔައެވެ. ހީވަނީ އެ ވަގުތަކީ އޭނާއަށް އެކަން ވިސްނުމުގެ މާ ކުރިންވެސް އޭނާގެ އިންތިޒާރުގައި އޮތް ވަގުތެއް ހެންނެވެ.
“ތީ…” ޔަސްމީންގެ އަޑު ތުރުތުރުލައިގެން ދިޔަ ނަމަވެސް، ހިތްވަރުކޮށްފައި ބުންޏެވެ. ” ތިއީ މި ދުނިޔޭގެ މީހެއް ނޫން.” އެ ދުންގަނޑަށް ލޮޅުމެއް އަޔެވެ. މަޑުމައިތިރި، ހަމަހިމޭން އިޖާބައެކެވެ. އޭނާގެ ހިތް ތަޅުވަން ފެށިއެވެ. ބިރުވެރިކަމަށްވުރެ ފުން އިހުސާސެއް އޭނާގެ ހިތުގައި އުފެދުނެވެ. އެއީ ތަދުވާ ފަދަ، ރިހުންދެނިވި އިހުސާސެކެވެ.
“ކަލާދެކެ އަހަރެންވާ ލޯބި…” އޭނާ މަޑުމަޑުން ބުންޏެވެ. މިފަހަރު އޭނާގެ އަޑުގައިވަނީ ތުރުތުރުލުމެވެ. ކޮންޓްރޯލެއް ނެތެވެ.
“މި އިހުސާސްތަކަކީ… ކެތްކުރެވޭވަރުގެ ކަންތައްތަކެއް ނޫން.”
ވައިރޯޅިތައް ހުއްޓުނެވެ. ރާޅުތައް މަޑުވިއެވެ. އެ ރޭގަނޑުގެ ހަމަހިމޭންކަންވެސް އެ ވާހަކަ އަޑުއަހަން އޮތް ކަހަލައެވެ.
“ކަލާާ ނެތި އަހަރެން ދިރިއުޅޭނީ ކިހިނެއް؟” އޭނާ އެހިއެވެ.
އޭނާގެ ދެލޯ ހޯދަމުން ދިޔައީ ބަދަލުވަމުންދާ އެ ސިފައިގެ ތެރެއިން ސާބިތު އެއްޗެކެވެ. އޭނާއަށް އަތްލެވޭނެ ފަދަ ހަގީގީ އެއްޗެކެވެ.
“ކަލާ ތިއަންނަނީ… އަދި އައިސްފައި ތިދަނީ.” އޭނާގެ ނޭވާ ތާށިވިއެވެ.
“ކަލާ ތިދަނީ ކޮންތާކަށް؟”
އަނދިރިކަމުގެ ތެރޭގައި ހުރި ރިހިކުލައިގެ އަލިކަން ފިޔަޖަހާލިއެވެ. މިހާރު އެހުރީ ވަރަށް ކައިރީގައެވެ. ސިފައަކުން ނޫނަސް، އޭގެ ހާޒިރުވުމުން އޭނާއާ ކައިރިވަމުން ދިޔައެވެ. ވައިގެ މަޑު އޮއިވަރެއް އޭނާގެ ހަށިގަނޑުގައި ބީހިލިއެވެ. އޭނާ ވަށާލިއެވެ. އެއީ ބަޔާންކުރަން ނޭނގޭ ފަދަ ފަރިތަ ގޮތަކަށެވެ…
ސިކުނޑި ހަނދާން ނެތް ނަމަވެސް، ހަށިގަނޑު ހަނދާން ހުރި ހަނދާނެއް ފަދައިންނެވެ. އޭނާ ލޯ މަރާލިއެވެ. ހިނދުކޮޅަކަށެވެ. އޭގެ ތެރެއަށް އަމިއްލަ ނަފްސު ދޫކޮށްލިއެވެ. ހީވަނީ މާ ކުރިންވެސް އޭނާ ދެކޮޅު ހަދަމުން އައި ކަމަކަށް މިހާރު އަމާންދިނީ ހެންނެވެ. އަދި އެ ދެމެދުގައިވާ ހަމަހިމޭން، ނާޒުކު ވަގުތުކޮޅުގެ ތެރޭގައި ކުރިން ހިތަށް އަރުވަންވެސް ނުކެރުނު ކަމެއް އޭނާއަށް ވިސްނުނެވެ. މިއީ އާ ކަމެއް ނޫނެވެ.
މި ގުޅުމަކީ… ދެންމެއަކު ފެށުނު ކަމެއް ނޫނެވެ.
މިއީ އަބަދުވެސް މިތާ އޮތް ކަމެކެވެ.
އިންތިޒާރުގައެވެ.
“ކީއްވެ އަހަރެން؟ އަދި އަހަރެން ތިބާ އަށް ގޮވަންވީ ކޮން ނަމަކުން؟” ޔަސްމީން ސުވާލުކުރިއެވެ… އިރުގަނޑެއްގެ ހަމަހިމޭންކަމަށް ފަހު ޔަސްމީން ގައިގާ ބައްދާލާ ނިއްކުރިޔަށް މަޑުމަޑުން ބޮސްދިނުމަށްފަހު ޖަވާބެއްދިނެވެ.
” މާމަ ގާތު އަހާ ކީއްވެގެންކަން…. އަހަރެންގެ މީހުންގެ ތެރޭގައި އަހަންނަށް ކިޔާއުޅެނީ ބަރްޤާން” ނަން ޔަސްމީން ކަނފަތުގައި ޖެހުނު ހިސާބުން އޭނާ ހަށިގަނޑު ހީވީ ބޮޑު ބިޔަ ރާޅެއްގެ ތެރެޔަށް ގަދަކަމުން ގަންބާލިހެނެވެ…. “ޔަސްމީން ޔަސްމީން ލޯ ހުޅުވަބަލަ..” ކަރީމާފުޅުދައިތަ އަޑަށް ޔަސްމީން އެނބުރި ދެ ދުނިޔޭގެ ދެމެދުން އެނބުރިއައެވެ.
އެއަށްފަހު އައި ދުވަސްތަކަކީ ޔަސްމީންއަށް ނުހަނު އުނދަގޫ ދުވަސްތަކެކެވެ. އެއީ އަޑުގަދަ، ހަލަބޮލި ދުވަސްތަކެއް ނޫނެވެ. ނަމަވެސް، އެ މުސްކުޅި އަންހެންމީހާގެ ގޭގެ ކޮންމެ ކަނަކުންވެސް ފެންނަން ނެތް ނަމަވެސް، ކޮންމެވެސް ބަރު ކަމެއް އިހުސާސް ކުރެވެއެވެ.
ވައިރޯޅިތަކުގެ ތެރޭގައިވެސް ތަފާތު ގޮތެއް ހުއްޓެވެ.
މަޑުމައިތިރި ކަމެވެ.
ފާރަވެރިވުމެވެ.
ޔަސްމީން އެ ގޭގައި އެ މުސްކުޅި އަންހެންމީހާގެ ބެލުމުގެ ދަށުގައި ހުއްޓެވެ. އޭނާގެ ހަށިގަނޑު އެތަނުގައި ހުރި ނަމަވެސް، ރޫހު ވަނީ ނުތަނަވަސްވެފައެވެ. އޭނާގެ އެތެރެހަށިން ދެ ދިމާލަކަށް ކަމެއް ދަމަމުންދާ ކަހަލަ އިހުސާސެއް ކުރެވެމުންދިޔައެވެ.
އެ މުސްކުޅި އަންހެންމީހާ އަރާމެއް ނުކުރެއެވެ. ފަތިހުން ފެށިގެން ދަންވަރު ވަންދެން، އޭނާގެ މަޑުމައިތިރި ޒިކުރުތަކުގެ އަޑު މުޅި ގޭތެރޭގައި ގުގުމަމުންދިޔައެވެ. ދުއާއަކަށްފަހު ދުއާއެކެވެ. އެއީ ޒަމާންވީ ތަޖުރިބާގެ މައްޗަށް ބިނާވެފައިވާ، ވަރަށް ފުން މާނަތަކެއް އެކުލެވޭ ބަސްތަކެކެވެ. މީގެ ކުރިންވެސް އޭނާ މިފަދަ ކަންކަން ދެކެފައިވެއެވެ. ނަމަވެސް މިހާރު މިފެންނަ ކަންތައްތަކަކީ ތަފާތު ކަންތައްތަކެކެވެ. މިހާ ބާރުގަދަ ކަމެއް އޭނާ މީގެ ކުރިން ނުދެކެއެވެ. މިހާ ބޮޑަށް އިންސާނަކާ އަޅައިގަނެފައިވާ ކަމެއް އޭނާއަށް ކުރިން ފެނިފައެއް ނުވެއެވެ.
ބައެއް ފަހަރު ޔަސްމީން ލޯ މަރާލައިގެން، މަޑުމަޑުން ނޭވާލަމުން، ވަރަށް ހަމަޖެހިލައިގެން އިނދެއެވެ.
އަދި ކުއްލިއަކަށް…
އެއްވެސް އިންޒާރެއް ނެތި…
އޭނާގެ މުޅި ހަށިގަނޑު ބާރުވެގެންދެއެވެ. އަތުގެ އިނގިލިތައް ބާރުކޮށްލެވެއެވެ. އެހެން މީހަކަށް ނީވޭ އަޑަކަށް ޖަވާބުދޭ ފަދައަކުން، އޭނާގެ ތުންފަތް ހަރަކާތްކޮށްލައެވެ. އެ ކޮންމެ ފަހަރަކު، އެ މުސްކުޅި އަންހެންމީހާގެ އަޑު ތަންކޮޅެއް ބާރުވެގެންދެއެވެ. އޭނާ އަނބުރާ ގެނައުމަށެވެ. އޭނާ މި ދުނިޔޭގައި ހިފެހެއްޓުމަށެވެ. އެހެން އެއްޗެއް އޭނާގެ ތެރެއަށް ވަނަނުދީ ހިފެހެއްޓުމަށެވެ. ނަމަވެސް މިއީ ފަސޭހަ ހަނގުރާމައެއް ނޫނެވެ .ސަބަބަކީ ޔަސްމީންގެ ހަށިގަނޑުގައި ހިފާފައިވާ އެ އެއްޗަކީ…އޭނާ ދޫކޮށްލަން ބޭނުންވާ އެއްޗަކަށް ނުވާތީއެވެ.
ގޭގެ އެއްކަނެއްގައި، ފާރާ ކައިރީގައި އަޅާފައިވާ ތުނި ގޮދަޑިއެއްގެ މަތީގައި ޔަސްމީންގެ މާމަ އޮތީ މަރުމަތީގައެވެ. ދުވަހެއް ދުވަހަކަށް އޭނާގެ ހަށިގަނޑު ހިކި އަނަރޫފަވަމުން ދިޔައެވެ. ބަލިކަށިވަމުން ދިޔައެވެ. އޭނާގެ ނޭވާލުން މަޑުވެފައި، އޮމާންކަމެއް ނެތެވެ. ކަނޑުގެ ރާޅުބާނީގެ އޮއިވަރަށް އަންނަ ބަދަލުތަކެއް ފަދައިން، އޭނާގެ ހޭވެރިކަންވެސް އަންނަނީ ގޯސްވަމުންނެވެ.
ޔަސްމީން ގިނަ ފަހަރަށް މާމަގެ ކައިރީގައި އިނދެއެވެ. މަޑުމަޑުންނެވެ. ބަލަހައްޓައިގެންނެވެ. އިންތިޒާރުގައެވެ. މީގެ ކުރިން އޭނާއަށް ދުވަހަކުވެސް އިހުސާސް ނުކުރެވޭ ފަދަ ކަމެއް މިހާރު އޭނާއަށް އިހުސާސް ކުރެވެއެވެ. ދުރުމިނެކެވެ. އެމީހުންގެ ދެމެދުގައި އަބަދުވެސް އޮންނަ ހަމަހިމޭންކަމެކެވެ… އެ ހަމަހިމޭންކަން މިހާރު ފުރިފައިވަނީ ނުބުނެވި ހުރި ވާހަކަތަކުންނެވެ. ވަގުތު ހުސްވަމުންދާ ކަންތައްތަކަކުންނެވެ.
އެއް ދުވަހެއްގެ ހަވީރު، ކުޑަދޮރުން ވަންނަ އަލި ފަނޑުވަމުން ދިޔަ ވަގުތު، މާމަ ހަރަކާތްކޮށްލިއެވެ. އޭނާގެ އިނގިލިތައް މަޑުމަޑުން ހަރަކާތްކޮށްލިއެވެ. “ޔަސްމީން…” މާމަ ވަރަށް ބަލި އަޑަކުން ގޮވާލިއެވެ. އެއީ ހިކިފައިވާ، ވަރަށް އުނދަގުލުން ނުކުތް އަޑެކެވެ.
ޔަސްމީން ވަގުތުން މާމައާ ކައިރިވެލިއެވެ. “މާމާ، އަހަރެން މިހުރީ.” މާމަގެ ލޯ ހުޅުވަން މަސައްކަތް ކުރަމުން ދިޔައެވެ. އަދި ކުޑަ ހިނދުކޮޅަކަށް، ލޯ ހުޅުވާލައި ޔަސްމީނަށް ބަލާލިއެވެ. އެ ލޮލުގެ ތެރެއިން ޔަސްމީން މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ ކަމެއް ފެނުނެވެ.
ބިރުވެރިކަމެވެ.
“މަގޭ ދަރިފުޅާ…” މާމަ ނޭވާލަމުން ބުންޏެވެ.
މަޑުކޮށްލިއެވެ.
ހަށިގަނޑުގައި ހުރި އެންމެ ފަހުގެ ހަކަތަ އެއްކުރާ ފަދައަކުންނެވެ.
“އަހަރެން… އަހަރެން ދަރިފުޅަށް މިވާހަކަ ކިޔައިދޭން ޖެހޭ…”
ޔަސްމީންގެ ހިތް ބާރަށް ތަޅެން ފެށިއެވެ. “ކޮން ވާހަކައެއް؟”
މާމަގެ ތުންފަތް ތުރުތުރުއަޅަން ފެށިއެވެ. “ދަރިފުޅުގެ މަންމަ…” އެ ބަސްތައް ނުކުންނަނީ ވަރަށް ލަސްލަހުންނެވެ. ވަރަށް ބަރުކޮށްނެވެ. “ދަރިފުޅުގެ މަންމަ ވަނީ އެއްބަސްވުމެއް ވެފައި…” މަޑުމަޑުން ނޭވާއެއް ލިއެވެ. “…ޝައިތާނާއާ އެކު.”
މުޅި ކޮޓަރިތެރެ ހުއްޓުނު ފަދައެވެ. ޖައްވުގައިވާ ވައިވެސް ހުއްޓުނު ކަހަލައެވެ. ޔަސްމީންގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. “ކީކޭ؟” އޭނާއަށް ބުނެވުނީ ހަމަ ކިރިޔާއެވެ.
ނަމަވެސް އިތުރު އެއްޗެއް ބުނުމުގެ ކުރިން މާމަގެ ލޯ މައްޗަށް އެރިއެވެ. ނޭވާ ކުރުވިއެވެ. އަދި އަނެއްކާވެސް އެއްވެސް ހަރަކާތެއް ނެތި އޮތެވެ.
“މާމާ” ޖަވާބެއް ނުލިބުނެވެ.
އިވެނީ ހަމައެކަނި ވަރަށް ބަލިކޮށް ނޭވާލާ އަޑެވެ.
އެ ވާހަކަ ނުނިމުނެވެ. ޖަވާބެއް ނުލިބުނެވެ.
ނަމަވެސް އެ ބަސްތައް ވަނީ ބުނެވިފައެވެ. އަދި އެ ބަސްތައް ފިލައިގެންނެއް ނުދިޔައެވެ. އެ ބަސްތައް ޔަސްމީންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ޔަސްމީންގެ ސިކުނޑީގެ ފުންމިނުގައި ވަޅުލެވިފައިވާ ކޮންމެވެސް ކަމެއް ހޭލައްވާލިއެވެ. ފަނޑުކޮށްނެވެ. ކުދިކުދި ބައިތަކެއްގެ ގޮތުގައެވެ. ނަމަވެސް އެއީ ހަގީގަތެކެވެ.
މާޒީ… ހަނދާނެކެވެ.. ނުވަތަ އެފަދަ ކަމެކެވެ. ޔަސްމީން ލޯ މަރާލިއެވެ. އަދި ކުއްލިއަކަށް އޭނާ އެ ކޮޓަރީގައި ނެތްފަދައެވެ .އޭނާ އަނެއްކާވެސް ކުޑަ ކުއްޖަކަށް ވީއެވެ.
ބަލަން ހުރި ކުއްޖަކަށެވެ.
ގެ އޮތީ އާދައިގެ ވަރަށްވުރެ ބޮޑަށް އަނދިރިވެފައެވެ. ވައިވެސް ވަނީ ބަރުވެފައެވެ. އޭނާގެ މަންމަ ހިޔަނިތަކުގެ ތެރެއިން ވަރަށް މަޑުމަޑުން ހިނގަމުން ދިޔައެވެ. އެއީ އެހެން ރޭރެއާ ތަފާތު ގޮތަކަށެވެ. އޭނާގެ މަންމަ ހުރީ ވަރަށް އަވަސް އަރުވާލާފައެވެ. ސިއްރުވެރި ގޮތަކަށެވެ.
ޔަސްމީން ހަނދާންވީ އޭނާ ދޮރުމަތީގައި، މީހަކަށް ނުފެނި ހުރި ހަނދާނެކެވެ. އޭނާގެ މަންމަ ކަޅުކުލައިގެ ޝޯލެއް ގައިގައި އޮޅާލައިގެން ހުރި ތަން ފެނުނެވެ. މަންމަ ކުޑަކޮށް މަޑުކޮށްލިއެވެ. ބޭރުން މީހަކު ގޮވާ އަޑަށް ކަންފަތް ދީގެން ހުރި ފަދައަކުންނެވެ.
އަދި އެއަށްފަހު…
އެއްވެސް ބަހެއް ބުނުމެއް ނެތި…
ރޭގަނޑުގެ އަނދިރިގަނޑުގެ ތެރެއަށް ނުކުމެގެން ދިޔައެވެ.
އެކަނިމާއެކަންޏެވެ.
ޔަސްމީންގެ ލޯ ކުއްލިއަކަށް ހުޅުވުނެވެ.
ނޭވާ އަވަސްވިއެވެ.
ސަބަބަކީ މިހާރު އެއީ ހަމައެކަނި ދުރު ހަނދާނެއްގެ ގޮތުގައި އިހުސާސެއް ނުކުރެވެއެވެ. އެއީ ކުރެހިފައިވާ މަގެއްގެ ގޮތުގައި އިހުސާސުވާން ފެށިއެވެ. އޭނާ އުފަންވުމުގެ މާ ކުރިން ފެށިފައިވާ ކަމެކެވެ. ނޭނގި ހުރެ އޭނާއަށްވެސް އެ މަގަށް ވަދެވިފައިވާ ކަމެވެ. އަދި އޭނާގެ އެތެރެހަށިން، އެ ބާރު އަނެއްކާވެސް ހަރަކާތްތެރިވާން ފެށިއެވެ. ކުރިއަށްވުރެ ބާރަށެވެ. ކުރިއަށްވުރެ ގާތުންނެވެ. އިންތިޒާރުގައެވެ.
( ނުނިމޭ )
