ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރާޅުތައް – ފަހު ޗެޕްޓަރ

ދެ ދުނިޔެ ގުޅުވައިދޭ ފާލަން ރިހި ރާޅުތައް

އެރޭ…
އެންމެ ފަހުން އެ ރަށަށް އަމާންކަން ވެރިވެއްޖެއެވެ.
ވައިރޯޅިތައް މަޑުޖެހި، ހިޔަނިތައް ހުއްޓި، ވަސްވާސްތަކުގެ އަޑު މުޅިން ކެނޑިގެން ހިނގައްޖެއެވެ. އަދި ވަރަށް ގިނަ ދުވަސްތަކަކަށްފަހު މުޅި މާހައުލަށް ހިމޭންކަން ވެރިވިއެވެ.

ޔަސްމީން އަތިރިމަތީގައި އެކަނިމާ އެކަނި ހުއްޓެވެ.
އޭނާގެ ހިތް ވަނީ ނުތަނަވަސްކަމުން ފުރިފައެވެ.
ނަމަވެސް އޭނާގެ އަޒުމް ވަރުގަދައެވެ. އޭނާ ގޮތެއް ނިންމައިފިއެވެ. އެ ރަށަށްޓަކައެވެ. ދިރިތިބީންނަށްޓަކައެވެ. އޭނާއަށް ގެއްލިގެންދިޔަ ކަންތައްތަކުގެ އިހުސާސް ދުވަހަކުވެސް ނުކުރެވޭނެ މި ދުނިޔެއަށްޓަކައެވެ.

“އަހަރެން ތިބާ ދޫކޮށްލައިފިން.”
އޭނާ ކަނޑަށް ބަލަހައްޓައިގެން ހުރެ މަޑުމަޑުން ބުންޏެވެ. ރާޅުތައް މަޑުމަޑުން ބަސްބުނި ކަހަލައެވެ. ނުވަތަ އޭނާއަށް ހީވީ އެހެންނެވެ.
އޭނާ ލޯ މަރާލިއެވެ.
ފުން ނޭވާއެއް ލުމަށްފަހު، ފަސް އެނބުރި ހިނގައިގަތެވެ.
ނަމަވެސް އޭނާގެ ފައިތިލަ ވެލިގަނޑުގައި ޖެހުނު ވަގުތު
ވައިގެ މިސްރާބު ބަދަލުވިއެވެ.
އެއީ ފިނި ވަޔެއް ނޫނެވެ. އަދި ބީރައްޓެހި ވަޔެއްވެސް ނޫނެވެ.
އެއީ އޭނާއާ ދަންނަ، ގާތް ގޮތެއް ހުރި ވަޔެކެވެ.
އެ ވައިރޯޅި އޭނާގެ ކަރުގައި ބީހިލުމަށްފަހު މަޑުޖެހިލިއެވެ.
އެއީ އޭނާގެ މަތިން ހަނދާން ހުރި ފަދައަކުންނެވެ.
އޭނާގެ ނޭވާ ހުއްޓުނެވެ. އަދި މަޑުމަޑުން އޭނާގެ ލޯ ބޮޑުވިއެވެ. އޭނާގެ ފަހަތުން ރާޅުތައް ހުއްޓުނެވެ. އާދަޔާ ޚިލާފު ގޮތަކަށެވެ. އަދި ހިނދުކޮޅަކަށް އެ އަނދިރި ފެންގަނޑުގެ ތެރެއިން ސިފައެއް ފާޅުވިއެވެ. މުޅިން ފެންނަނީއެއް ނޫނެވެ. އެކަމަކު މުޅިން ގެއްލިގެންދަނީއެއްވެސް ނޫނެވެ.

ބަލަހައްޓައިގެންނެވެ. އިންތިޒާރުގައެވެ. ބާރު ފޯރުވާކަށް ނޫނެވެ. އެކަމަކު ވަކިވެގެންދާކަށްވެސް ނޫނެވެ. ޔަސްމީން ހީކުރީ އެކަން ނިމުނީ ކަމަށެވެ. ނަމަވެސް ބައެއް ލޯތްބަކީ ނިމުމެއް އޮންނަ އެއްޗެއް ނޫނެވެ. އެއީ އިންތިޒާރު ކުރާ އެއްޗެކެވެ. މިއީ މިހާރު ޔަސްމީންގެ ކޮންމެ ރެޔެއްގެ އާދައެވެ.

ރަށުގެ އަނެއް ކޮޅުގައި..

އެ ރޭގެ ފަހުން، އަމްޝަދުއާ ބެހޭގޮތުން މީހުން ދައްކަމުން އައި ވާހަކަތައް މުޅިން ބަދަލުވެއްޖެއެވެ. ފެނުނު މަންޒަރުތަކާއި، އޭގެ ފަހުން ހިނގައިދިޔަ ކަންތައްތަކަށްފަހު، އެއްވެސް މީހަކު ކުރިން އޭނާއާ މެދު ދެކުނު ގޮތަކަށް މިހާރަކު ނުދެކެއެވެ.
ފުރަތަމަ ކޮޅު މީހުން ބުނަމުންދިޔައީ އޭނާ ރަނގަޅުވަމުން އަންނަ ކަމަށެވެ. ކިޔެވި ކިޔެވުންތަކުގެ ބަރަކާތް ލައްވައި، ކުރި ފަންޑިތަވެރިކަމުން އޭނާ ސާފުޠާހިރުވެއްޖެ ކަމަށެވެ. އިމާމު މީހާ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްފި ކަމަށެވެ.

އޭނާ މިހާރަކު މަގުމަތީގައި މަގްޞަދެއް ނެތި ނުދުުވައެވެ. ކަނޑާ ދިމާއަށް ބަލަހައްޓައިގެން ހުންނަ ހުރުން ހުއްޓާލައިފިއެވެ. ޔަސްމީންގެ ނަން ކިޔައިގެން އުޅުންވެސް ނިމުމަކަށް އަތުވެއްޖެއެވެ. ނަމަވެސް، މަޑުމަޑުން މީހުންނަށް އާ ކަމެއް ފާހަގަވާން ފެށިއެވެ.
އޭނާގެ ހިނިތުންވުން ގެއްލިއްޖެއެވެ.

އެއްދުވަސްވަރެއްގައި އޭނާގެ ކިބައިގައި ހުރި ސަކަރާތްޖެހުމާއި މަޖާ މިޒާޖު މުޅިން ފިލައިގެން ހިނގައްޖެއެވެ. މުޅި ރަށު ތެރޭގައި އޭނާ އުޅުނު ހަލުވިކަމާއި ހަކަތަ މިހާރަކު ނެތެވެ. މީހުންނަށް އުނދަގޫކޮށް، ސަމާސާކޮށް، ހަލަބޮލިކޮށް އުޅުނު އެ ޒުވާނާ މުޅިން ގެއްލިއްޖެއެވެ.
އޭގެ ބަދަލުގައި ފެންނަން ހުރީ ހިމޭން، އެއްވެސް ހަރަކާތެއް ނެތް ސޫރައެކެވެ.

ގިނަ ވަގުތު އަމްޝަދު ފެންނަނީ ގޭގެ ކަނެއްގައި ހުންނަ ފަނޑު އަލިކަން ފޯރާ ގޮނޑިއެއްގައި އިށީނދެގެން އިންނަ ތަނެވެ. އޭނާގެ މޫނަށް އިރުގެ އަލިކަން ފޯރަނީ ކިރިޔާއެވެ. އަތްތިލަ ވަނީ ހަރަކާތެއް ނެތި ބާއްވާލެވިފައެވެ. ލޯ ހުޅުވިފައި ހުރި ނަމަވެސް، ބަލަހައްޓައިގެން އިނީ ވަރަށް ދުރަށެވެ. ހީވަނީ އޭނާ ވަށައިގެންވާ ފާރުތަކުން ބޭރުގައިވާ މާ ދުރު ކަމަކަށް ގެއްލިފައި އިންނަ ހެންނެވެ.
މީހުން ސިއްރުސިއްރުން ވާހަކަދައްކަން ފެށިއެވެ. “އޭނާ އެހުރީ ހަމަހޭގައެއް ނޫން.”، “އޭނާގެ ބުއްދި ގޮސްފި.”، “ކޮންމެވެސް އެއްޗެއް އޭނާގެ ސިކުނޑި އަތުލައިފި.”

ނަމަވެސް، ހަޤީޤަތުގައި ވީގޮތެއް އެކަކަށްވެސް ނޭނގެއެވެ.

އޭނާގެ ކިބައިން އަތުލެވުނީ ހަމައެކަނި ބިރުވެރިކަމެއް ނޫނެވެ. ނޫނީ ހަމައެކަނި މޮޔަވެފައި ހުރި ހުރުމެއްވެސް ނޫނެވެ.

އެއީ އޭނާގެ ހަނދާންތަކެވެ.

އެކަކަށްވެސް ނޭނގޭ، އަދި އެކަކަށްވެސް ތަޞައްވުރު ނުކުރެވޭ ހަޤީޤަތަކީ، އަމްޝަދު ޔަސްމީންގެ ފަހަތުން ދުވީ އަމިއްލަ އިޚްތިޔާރަކު ނޫން ކަމެވެ.

އެއްކޮށް އެހެންނެއް ނޫނެވެ.

އޭނާ ޔަސްމީންގެ ފަހަތުން ދާން ފެށުމުގެ މާ ކުރިން، އޭނާގެ ކޮޓަރީގެ ކުޑަދޮރު ކައިރީގައި ހުންނަން ފެށުމުގެ މާ ކުރިން، އަދި އޭނާގެ ހިތުގައި ލޯބީގެ ވިންދު ޖަހަން ފެށުމުގެ މާ ކުރިން، އެހެން ބާރެއް އޭނާގެ މައްޗަށް ގަދަވެގެންފައިވެއެވެ.

ފެންނަން ނެތް، ރިހިކުލައިގެ ދުންގަނޑެއް ފަދަ ބާރެއް އަބަދުވެސް ޔަސްމީންގެ ކައިރީގައި އުޅެއެވެ.

އެ ބާރަށް ބޭނުންވީ ސިފައެކެވެ. އިންސާނީ އިޙްސާސްތަކާއި، ލޯތްބާއި، ބީހުމުގެ އިޙްސާސްތައް ދެނެގަތުމަށްޓަކައި އިންސާނެއްގެ ހަށިގަނޑެވެ.

އެހެންކަމުން، އެ ބާރުން އަމްޝަދު އިޚްތިޔާރު ކުރީއެވެ.

އެއީ އަނިޔާވެރިކަމަކުން ނޫނެވެ. ނޫނީ ގަދަކަމަކުންވެސް ނޫނެވެ.

އެކަމަކު ވަރަށް ހިމޭންކަމާއެކުގައެވެ. ހީވެސް ނުކުރާހާ ސިއްރުވެރި ގޮތަކަށެވެ. އަމިއްލަ ނޫން ފިކުރެއް ސިކުނޑިއަށް ވެރިވި ފަދައިންނެވެ. އޭނާގެ ހިތުގައި އުފެދުނު އެދުންތަކަކީ އަމިއްލަ އެދުންތަކެއް ކަމަށް އޭނާއަށް ހީވީއެވެ.

އެ ބާރުން ކަންކަން ބަލަމުންދިޔައީ އަމްޝަދުގެ ލޮލުންނެވެ. އިޙްސާސް ކުރަމުންދިޔައީ އޭނާގެ ހަށިގަނޑުންނެވެ. އިންސާނިއްޔަތު ދަސްކުރަމުންދިޔައީ އޭނާ މެދުވެރިކޮށެވެ.

ކޮންމެ ބަލާލުމެއް، ކޮންމެ ފިޔަވަޅެއް، އަދި ކޮންމެ ސިއްރު ވަގުތަކީ ހަމައެކަނި އޭނާގެ އިޚްތިޔާރުގައި ހިނގާފައިވާ ކަންކަމެއް ނޫނެވެ.

އޭނާ ވެފައިވަނީ ދެ ދުނިޔެ ގުޅުވައިދޭ ފާލަމަކަށެވެ. ދެމެދުގައި ހުރި ދޮރާށްޓަކަށެވެ.

ކިޔެވި ކިޔެވުމާއި ފަންޑިތައިގެ ބާރުގައި، އޭނާގެ ހަށިގަނޑަށް އަވަލައިފާ ހުރި އެއްޗެއް ނެރެލި ވަގުތު، އެ ބާރު އޭނާ ދޫކޮށް ހިނގައްޖެއެވެ.

މުޅިން ވަކިވެގެން ހިނގައްޖެއެވެ.

އެ ބާރު ވަކިވެގެން ދިޔައީ އޭގައި ބީހުނު ކޮންމެ ކަމެއްވެސް ހިފައިގެންނެވެ.

އޭނާގެ ހިތުގައި އުފެދުނު ލޯތްބާއި، ޝައުޤުވެރިކަމާއި، އަދި އެތެރެހަށީގައި އަނދަމުންދިޔަ ހުރިހާ ޖަޒުބާތެއް ގެންގޮސްފިއެވެ.
ބާކީވީ ހަމައެކަނި ހިމޭންކަމެވެ. އަދި ހުސްކަމެވެ.

އޭނާގެ މައިންބަފައިންނަކަށް މިކަމެއް ނުވިސްނުނެވެ. ވިސްނޭނީވެސް ކިހިނެއް ހެއްޔެވެ؟ އެމީހުންނަށް ފެންނަނީ އެމީހުންގެ ދަރިފުޅު ދިރިހުއްޓާ އިންނަ ތަނެވެ. ނޭވާލާ ތަނެވެ. ކޮންމެ ދުވަހަކު ކުރިމަތީގައި އިންނަ ތަނެވެ.

ނަމަވެސް، އެއީ އެމީހުން ބޮޑުކުރި ދަރިފުޅެއް ނޫނެވެ.

މައިންބަފައިން އުއްމީދު ކަނޑާނުލައި، އެންމެ ފަހުގެ ވަސީލަތެއްގެ ގޮތުން ޔަސްމީންގެ ކައިރިއަށް ދިޔައެވެ.

ތަކުރާރުކޮށް އެމީހުން އޭނާގެ ކައިރިއަށް ދިޔައެވެ. ވަރަށް ނިކަމެތިވެ ހުރެ އާދޭސްކުރިއެވެ.

“އޭނާއާ ކައިވެނިކުރޭ.” އަމްޝަދުގެ މަންމަ ރޮމުން އާދޭސްކުރިއެވެ. “ފަހަރުގައި އޭނާ އެނބުރި އަތުވެދާނެ. އޭނާގެ އަސްލު ސިފަ އޭނާއަށް ލިބިދާނެ.”

ނަމަވެސް ޔަސްމީން އަބަދުވެސް ދެމުން ދިޔައީ ނޫން ބަހެވެ. ވަރަށް ހިމޭންކަމާއެކު، ނަމަވެސް ސާބިތުކަމާއެކުގައެވެ. އެއީ އޭނާގެ ހިތްހަރުކަމަކުން ނޫނެވެ. އެކަމަކު އޭނާއަށް ހަޤީޤަތް އެނގޭތީއެވެ.

އެމީހުންގެ ދެމެދުގައި އޮތް ގުޅުމަކީ ދުވަހަކުވެސް އަމްޝަދުގެ އަމިއްލަ އެއްޗެއް ނޫންކަން އޭނާއަށް އެނގެއެވެ.
އަދި އޭނާގެ ހިތުގައިވާ ސިއްރުތަކަކީ އެހެން އެއްވެސް އިންސާނަކަށް ދެވޭނެ އެއްޗެއް ނޫންކަންވެސްމެއެވެ.
އެހެންކަމުން، އަމްޝަދު އެ ހިމޭން ކޮޓަރީގައި އެގޮތުގައި އިނީއެވެ.
މެދުކެނޑިފައިވާ ދިރިއުޅުމެއްގެ ގޮތުގައެވެ. ނުނިމި އޮތް ވާހަކައެއްގެ ގޮތުގައެވެ.

އަދި ޔަސްމީން އޭނާގެ އަމިއްލަ ނިމުމާ ދިމާއަށް ދަތުރުކުރިއެވެ.
ރަށު މީހުންނަށް ފެންނަނީ އޭނާއަކީ ކައިވެންޏެއް ނުކޮށް، އެކަނިވެރިކޮށް އަތިރިމަތީގައި އުޅޭ ރީތި އުމުރުން ދުވަސްނުވާ އަންހެނެއްގެ ގޮތުގައެވެ. ބައެއް މީހުންނަށް އޭނާގެ މާމަ ނިޔާވުމަށްފަހު ބޮޑު ބަނޑެއް ލައިފާ ހުރި މަންޒަރުވެސް ފެނިފައި އެބަހުއްޓެވެ. އަދި އެއަށްފަހު ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑު އެ ގޭދޮށުން އިވުނު ވާހަކަވެސް ފެތުރުނެވެ.
ނަމަވެސް މީހުންނަކަށް ނޭނގެއެވެ. އޭނާ އެކަންޏެއް ނޫނެވެ.
އޭނާގެ ހިތަކީ އެކަނިވެރި އެއްޗެއް ނޫނެވެ.
އޭނާގެ ޚިޔާލީ ދުނިޔޭގެ ކަނެއްގައި، ނިދީގެ ތެރޭގައި، އަދި ހަންގަނޑުގައި ބީހޭ ފިނި ރޯޅިތަކުގެ ތެރޭގައި
އޭނާގެ ހިތް ވަނީ އެހެން ދުނިޔެއަކާ ގުޅިފައެވެ.
ޔަސްމީން އިންސާނުންގެ ދުނިޔޭގައި އުޅުނު ނަމަވެސް، އޭނާގެ ރޫޙު ވަނީ މިހާރުވެސް އެހެން ފަރާތަކަށް ވަޢުދުވެފައެވެ.
އެއީ އެއްވެސް ރަސްމިއްޔާތެއް ނެތް، ހެކިވެރިންނެއް ނެތް، އަދި ބަހަކުން ބުނެދެވެން ނެތް ކައިވެންޏެކެވެ.
އެކަމަކު އެއީ ވަރަށް ކުރީގެ، ވަރަށް ފުން ގުޅުމެކެވެ.
އެ ރިހިކުލައިގެ ދުންގަނޑާ އެކުގައެވެ. ރިހި ރާޅުތަކުގެ ހިޔަނިތަކުގެ ތެރޭގައެވެ.

އެއީ އޭނާ އަމިއްލައަށް އިޚްތިޔާރުކުރި ލޯތްބެވެ. އެކަމުގެ ސަބަބުން ދުނިޔޭގެ ހުރިހާ އުފަލެއް ގެއްލިގެން ދިޔަ ނަމަވެސްމެއެވެ.

އެ ރަށުގެ މީހުން ޤަބޫލުކުރީ އަނދިރިކަން ފިލައި ގޮސްފި ކަމަށެވެ. އިތުރު ވަސްވާސްތަކެއް ނެތެވެ. އިތުރު ހިޔަނިތަކެއް ނެތެވެ. އިތުރު ބިރުވެރިކަމެއް ނެތެވެ. ޔަސްމީން ނިންމީ މަޑުކުރުމަށެވެ. އޭނާގެ ރަށުގެ މީހުން ރައްކާތެރިކުރުމަށެވެ. އޭނާގެ ހިތުން ދުވަހަކުވެސް ފޮހެނުލެވޭނެ އެއްޗެއް ދޫކޮށްލުމަށެވެ. އަދި ދުވަސްކޮޅަކަށް އެކަން ކާމިޔާބުވިއެވެ.

ނަމަވެސް އެފަދަ ލޯތްބަކީ..

ހަނދާނުން ފޮހެވިގެންދާނެ އެއްޗެއް ނޫނެވެ.

އޭގެ ސިފަ ބަދަލުވަނީއެވެ.

ފުރަތަމަ އެނބުރި އައީ ވައިރޯޅިތަކެވެ.

ފެށުމުގައި ވަރަށް މަޑުމައިތިރިކޮށެވެ.

އެއީ އޭނާ ވަޅުލަން އުޅުނު ހަނދާނެއް ފަދައިން، އޭނާގެ ހަށިގަނޑުގައި ބީހިލި އޯގާތެރި ވައިރޯޅިތަކެކެވެ. ދެން ފެށުނީ ހުވަފެންތަކެވެ. ކުރިއަށްވުރެ ސާފުކޮށެވެ. ކުރިއަށްވުރެ ގާތުންނެވެ. ކުރިއަށްވުރެ ހަޤީޤީ ގޮތަކަށެވެ. ކުރިޔަށްވުރެން މާ ބޮޑު ބިޔަ ރާޅުތަކެއްހެން އަނެއްކާވެސް އޭނާގެ ހަށިގަނޑާ ހިތް ނަށަމުން އިހުސާސް ކުރަމުން ގެންދިޔައެވެ. އޭނާގެ މި އިހުސާސްތައް މާ ދުރަކު ނެތެވެ. މިފަހަރު މިއީ ހަމައެކަނި އިހުސާސް ކުރެވޭ ހިޔަންޏެއް ނޫނެވެ. އޭނާ އިންތިޒާރު ކުރަނީއެވެ. އަދި މިފަހަރު އޭނާ ހުރީ އެކަންޏެއް ނޫނެވެ. އެހެން ކޮންމެވެސް އެއްޗެއް ހޭލައި ގާތުގައިވެއެވެ. މާ ކުރީގެ، މާ ބާރުގަދަ އެއްޗެކެވެ. ފާރަލާ ބަލަހައްޓައިގެން ހުރި އެއްޗެކެވެ. ސަބަބަކީ ޔަސްމީން އެ ދެ ދުނިޔޭގެ ދެމެދުގައިވާ މަގު ބަންދުކުރިއިރު އޭނާ ހަމައެކަނި ދޮރެއް ލެއްޕީއެއް ނޫނެވެ. އޭނާ އެ ދޮރުގެ ފަހަތުގައިވާ ހުރިހާ ކަމެއް ގަޑުބަޑުކޮށްލީއެވެ. އަދި މިހާރު އެއް އިރެއްގައި އޭނާގެ ލޯބީގެ ގޮތުގައިވި ކަންތައް ވެފައިވަނީ އޭނާއާއި، އޭގެ ފަހަތުން އަންނަން އުޅޭ މާ ބޮޑު ބިރުވެރިކަމަކާ ދެމެދުގައިވާ ހަމައެކަނި ހުރަަހަށެވެ.

“މިފަހަރު ޔަސްމީން ދޫކޮށްލުމަކުން.. އެއްވެސް މީހަކު ސަލާމަތް ނުވެދާނެއެވެ.”

ނިމުނީ

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top