ނޭވާ ހިފަހައްޓާލަންޖެހޭ ފަދަ ސަސްޕެންސް ތުރިލާ ފިލްމު އަދި ސީރީޒްތަކަށް ލޯބިކުރާ ފަރާތްތަކަށް މިއޮތީ އުފާވެރި ޚަބަރެކެވެ. ޕާކިސްތާން ޑްރާމާ “މިސިންގ ޑާލިންގް” ފަށަން ތައްޔާރުވެއްޖެއެވެ.
ކިރަން އަޝްފާޤް، ރާނާ އާސިފް، މަރީނާ ސަފްދަރް، މުހީބް މިރްޒާ، ޔާސިރު ހުސައިން، ނައުޝީން ޝަހް، އުމައިރް އާލަމް، އުސާމާ ބިން އާތިޤް އަދި ޔުސްރާ އިރްފާން މައިގަނޑު ރޯލުތަކުން ފެނިގެންދާ “މިސިންގ ޑާލިންގް” ގައި ދައްކުވައިދެނީ ގެއްލިފައިވާ “ޑާލިންގް” ނަމަކަށް ކިޔާ މަޝްހޫރު ބަތަލާއެއް ހޯދުމަށް ފުލުހުން ކުރާ މަސައްކަތެވެ.
މި ސަސްޕެންސް ތުރިލާގެ އާންމުކޮށްފައިވާ ކުރު ޓީޒާތަކުން ފުލުހުންގެ ތަހުޤީޤުތަކާއި މަރުގެ ތުހުމަތު ކުރެވޭ ޤާތިލް އެ ޤަތުލުގައި ބޭނުންކުރި ހަތިޔާރުތަކާއި ތަހުޤީޤާ ގުޅުންހުރި މީހުންނާ ކުރެވޭ ހަރުކަށި ސުވާލުތައް ފެނިގެންދެއެވެ. މީގެ ތެރޭގައި “ޑާލިންގް” ގެ ބައްޕައާ ކުރެވޭ ސުވާލުތައްވެސް ހިމެނެއެވެ.
ޔާސިރް ހުސައިން އާއި ޔާސިރް ތާޖް ލިޔެ ޑައިރެކްޓްކޮށްފައިވާ “މިސިންގ ޑާލިންގް” އަކީ އައިވީސްޓާ މީޑިއާ އާއި އެލް.އޯ އައި.ކިއު ފިލްމްސް ގުޅިގެން އުފައްދާފައިވާ ސީރީޒެކެވެ.
“މިސިންގ ޑާލިންގް” ދައްކަން ފަށާގޮތަށް ނިންމާފައިވަނީ މި ހިނގާ އޭޕްރިލް މަހުގެ 5 ވަނަ ދުވަހުގެ ރޭ 8:00 ގައެވެ. އެޕިސޯޑްތައް ދައްކާނީ ކޮންމެ އާދިއްތަ ދުވަހެއްގެ ރޭ އެކްސްޕްރެސް ޓީވީއިންނެވެ. ޓީވީގެ އިތުރުން އެކްސްޕްރެސް ޓީވީގެ ޔޫޓިއުބް ޗެނަލުންވެސް އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
