“އޭނާ ދަންނަންތަ؟” ސައިކަލުގައި ނިފާރު ހަމަޖެހިލަމުން ޔަޒީދާ އަހާލި އެވެ.
“ނޫން.” މާބޮޑު ޝައުޤުވެރިކަމެއް ނެތް ކަހަލަ ގޮތަކަށް ނިފާރު ބުނެލި އެވެ.
“ދޮންބެދައްތަގެ ބައްޕަ. ވަރަށް ކަންތައްގަނޑު ބޮޑުވާނެ.. ރަނގަޅަށް ވިއްޔާ މިހާރު އޮންނާނެ މަންމަ ކައިރީ ބުނެފަ.” ޔަޒީދާގެ ކިބައިން ފާޅުވީ ހިތްހަމަނުޖެހުމެވެ.
“އެހެންތަ؟ ވެދާނެއެއްނު ޔަޒީދާއަށް ރަނގަޅަކަށް އޭނާ ކުރާ ކަމަކަށް ވެސް. ދޮންބެގެ ބަފައިބެ ވިއްޔާ ޔަޒީދާއަށް ވެސް ބަލާނެއެއްނު.” ޔަޒީދާމެން ގޭ ކައިރިއަށް ސައިކަލު މަޑުކޮށްލަމުން ނިފާރު ނަޒަރު ހިންގާލީ އެ އިމާރާތަށެވެ. ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު އެތަނަކީ އޭނާގެ ބައްޕަގެ ދެ ގެއިން އެއް ގެއެވެ.
“ހުއް. ވަރަށް ފޫހިވޭ.” ގެއަށް ވަންނަމުން، ނިފާރާއި ދިމާއަށް ބަލާލި ޔަޒީދާ ފާޅުކުރީ ހިތްހަމަނުޖެހުމެވެ.
މާލެ ދެވުމުން ނިފާރު ގުޅާލާނެކަމަށް ހައިފާ ހީކުރި ނަމަވެސް ނިފާރުގެ ޚަބަރެއް ނުވި އެވެ. ދެ ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ޚަބަރެއް ނުވުމުން ހައިފާ ގުޅި އެވެ.
“ތިޔަ ގުޅުއްވި ފަރާތުގެ ފޯނު މިވަގުތު ވަނީ ނިއްވާލާފަ ނުވަތަ ގުޅޭ ސަރަހައްދުން ބޭރުގަ.” ލިބުނު ޖަވާބާއިއެކު ހައިފާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަ އެވެ. ފޫހިކަމާއިއެކު ފާޑަކަށް ތުން އަނބުރާލަމުން އަނެއްކާ ވެސް ގުޅޭތޯ މަސައްކަތް ކުރި އެވެ. ދެވަނަ ފަހަރަށް ވެސް ލިބުނީ ހަމަ އެ ޖަވާބެވެ.
“ދަރިފުޅާ! ކިހިނެއްވީ؟ ހާދަބޮޑު ފިކުރެއްގަ އިންހެން ހީވެޔޭ.” ހައިފާގެ ޢަމަލުތަކަށް ބަލަހައްޓައިގެން އިން ނާސިތާއަކަށް ކެތެއް ނުވި އެވެ. ހައިފާގެ ފަރާތުން ފެންނަމުންދިޔަ މާޔޫސްކަމުގެ ސަބަބުން ނާސިތާ އާއި ވަލީދަށް ލިބެމުންދިޔަ ހިތާމަތައް އިތުރުވަމުން ދިޔަ އެވެ.
“ނިފާރު ފޯނު ނިވާލާފަ.” ހައިފާގެ ދެލޮލުން ކަރުނަ ފާއްދާލި އެވެ.
ހުއްޓުމެއް ނެތި ކަހަލަ ގޮތަކަށް ނިފާރު ކުރަމުންދިޔަ މަސައްކަތުން އޭނާ ހޯދަން ބޭނުންވި ހުރިހާ މަޢުލޫމާތެއް ހޯދާ އެއްކުރި އެވެ.
ޔަޒީދާއާ ވާހަކަ ދައްކާލާނެ ފުރުސަތަކަށް ބަލަބަލާ ހުރި ނިފާރަށް އެ ފުރުސަތު ލިބުނީ ދެ ދުވަހެއް ފަހުން ނެވެ. ބުރޭކަށް ދާން ނުކުންނަމުން ކޮފީއަކަށް ނުދާނަންތޯ ނިފާރު އަހާލީ ވާހަކަ ދައްކާލުމުގެ ބޭނުމުގަ އެވެ.
“ހިނގާ ދާން.” ދަޢުވަތެއްގެ އިންތިޒާރުގައި ޔަޒީދާ އިން ކަހަލަ އެވެ.
ނިފާރާއި ވާހަކަ ދައްކަމުން ދައްކަމުން އައި ޔަޒީދާ ގޮވައިގެން ނިފާރު ވަނީ އޮފީހާއި މާ ދުރުނޫން ހިސާބެއްގައި ހުރި އޯޕަން ކެފޭއަށެވެ. ނިފާރުމެން ވަތްއިރު އެތަނުގައި އޭރު މީހުން ވަރަށް މަދެވެ. ވަގުތަކަށް ބަލާލަ ބަލާލާ އިން ޔަޒީދާ ބޭނުންވި ފުރުސަތު ލިބުމާއިއެކު ވާހަކަ ދައްކަން ފެށި އެވެ.
“އޭރު ވެސް މަ ބުނީމެއްނު ޖިހާދުބެ ގޮސް މަންމަ ކައިރީ ކޮންމެވެސް އެއްޗެކޭ ކިޔާނެއޭ.. ނިފާރަށް އޭނަ އެނގޭ ދޯ؟” ކޮފީއަށް އޯޑަރު ދިނުމަށްފަހު ނިފާރަށް ބަލާލަމުން ޔަޒީދާ ވާހަކަ ދެއްކި އެވެ.
“ނޫން. ކީއްވެ ތިހެން ތިބުނީ؟” ނިފާރުގެ ކިބައިން ފެނުނީ ހައިރާންކަމެވެ.
“ނިފާރަކީ ރާއްޖެތެރެއިން އައިސް އުޅޭ ބޮޑު ފަގީރެކޯ. އަހަރެން ހައްދާލައިގެން މުއްސަނދިކަން ބޭނުންވެގެނޯ އެ އުޅެނީ. ޔަޒީދާ ކައިރީ ބުނާށޯ އަވަހަށް އޭނާގެ އަތްދަށުން ސަލާމަތްވާށޭ. ކިތަންމެ ބޮޑު ލަނޑެއް ވެސް ދީފާނެޔޭ. އެކަހަލަ މީހުނަށް ސަމާލުވާން ވާނެޔޯ. ދެ ދުވަހަށް މަންމަ އެ ވާހަކަ ދައްކައިފި. އެންމެ ފަހުން ރުޅިއައިސްގެން އަހަރެން ބުނެފިން އޭނާ ކައިރީ ބުނާށޭ ތަނެއްދޮރެއް ނުބަލާ އަނގަނުތަޅާ ހުންނާށޭ. ނިފާރުއާއެކު އަހަރެން އައީ އޮފީހުން ގެއަށޭ. އެހެން އެއްވެސް ގުޅުމެއް ނެތޭ.” ޔަޒީދާގެ ކިބައިން ފެނުނީ ހިތްހަމަނުޖެހުމެވެ.
“އެބުނީ ރަނގަޅު ވާހަކައަކަށް ވެސް ވެދާނެއެއްނު. ލަނޑަޔާ ވާނީ ލަނޑަޔާތާ.” ޔަޒީދާއަށް ބަލާލަމުން ނިފާރު ހީނލި އެވެ.
ދެކެވެމުންދިޔަ ވާހަކައާއެކު ކޮފީ ބުއިން ވެސް ކުރިޔަށް ދިޔަ އެވެ. ޔަޒީދާގެ ފަރާތުން ނިފާރު ހޯދަން ބޭނުންވި މަޢުލޫމާތު ކިތަންމެ ރަނގަޅަކަށް ވެސް ލިބުނެވެ.
ނިފާރާއި ވާހަކަ ދެއްކުމަށް ހައިފާ ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ ބުދަ ދުވަހު ހަވީރު އެވެ. ހައިފާއަށް ނިފާރު ފޯނު ކުރި އެވެ. އޭނާ ހޯދަން ޖެހޭ ހުރިހާ އެއްޗެއް ހޯދައި ތައްޔާރަށް ހުރި ވާހަކަ ބުނަމުން ނިފާރު އެދުނީ މާދަމާ ހަވީރަށް ޖާގައެއް ހޯދާށެވެ.
ނިފާރާއި ވާހަކަ ދައްކަން ހައިފާ މަސައްކަތްކުރި ނަމަވެސް ނިފާރު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. ފަހުން ޚަބަރެއް ކޮށްލާނެކަމަށް ބުނެ އަވަސްއަވަހަށް ފޯނު ކަނޑާލި އެވެ.
ހައިފާއާ ވާހަކަ ދައްކަން ނިފާރު ބޭނުން ނޫނަސް ނިފާރާއި ވާހަކަ ދައްކަން ހައިފާ ބޭނުމެވެ. އަވަސްއަވަހަށް ހައިފާ ގުޅާލިއިރު ނިފާރުގެ ފޯނު އޮތީ ނިވާލާފަ އެވެ. ނިފާރާއިމެދު ހައިފާގެ ހިތުގައި ޝައްކުތަކެއް އުފެދެމުންދިޔަ ނަމަވެސް އޭނާ އެދުނު ފަދައިން ބުރާސްފަތި ދުވަހު ހަވީރަށް ލާންޗުން ޖާގަ ހަމަޖެއްސި އެވެ.
ނިފާރާއިމެދު މާބޮޑު ޔަގީންކަމެއް ނެތް ނަމަވެސް އޭނާ ކައިރީ ކުރަން ބުނި ކަންތައް ހައިފާ ކުރި އެވެ. ލާންޗުން ޖާގަ ހޯދުމުގެ އިތުރުން އަތޮޅު ހޮސްޕިޓަލަށް ގޮސް ބައްޕަގެ އެކްސްރޭ ވެސް ނެގި އެވެ.
ހަފުތާއެއްހާ ދުވަހުގެ ތަމްރީނު ޕޮރޮގްރާމެއްގައި އިންޑިޔާއަށް ދާން ނާއިމަށް ފުރުސަތު ލިބުނީ އެ ހަފުތާގަ އެވެ. ސުނޭހާ ގާތު ނާއިމް އެވާހަކަ ދެއްކީ އޭނާއަށް ނާއިމާއެކު ދެވޭނެހެން ހުރިހާކަމެއް ހަމަޖައްސާފަ އެވެ. އެކަމާއި ދެކޮޅަށް ދެއްކޭނެ ބަހަނާއެއް ނެތުމުން ސުނޭހާ އެކަމަށް އެއްބަސްވި އެވެ.
ނިފާރު މާލެއިން ފުރި ދުވަހު ސުނޭހާ ވެސް މާލެއިން ފުރި އެވެ.
ލާންޗު ލަފާ ގަޑިއަށް ބަނދަރަށް ދިއުމަކީ ހައިފާ އާންމުކޮށް ކުރާ ކަމެކެވެ. އޭނާގެ ގެސްޓުން އަންނަނަމަ އެމީހުނާއި ބައްދަލުކުރާ ފުރަތަމަ މީހާއަށް ވުމަށާއި އެމީހުން ހިތްހަމަޖެހޭފަދަ މަރުޙަބާއެއް ކިޔުމަކީ ހައިފާ އެންމެ ބޭނުންވާ ކަންތަކެވެ.
އެއްގަމުގައި މަޑުކޮށްލައިގެން އިން ހައިފާގެ މޫނުމަތިން އުފަލާއި ހިތްހަމަޖެހުން ވިދައިގަތީ ލާންޗުން ފޭބި ނިފާރު ފެނިފަ އެވެ. ދަބަހެއް ކޮނޑުގައި އަޅުވާލައިގެން ލާންޗުން ފޭބި ނިފާރު ތޮށިގަނޑު މަތިން އެއްގަމަށް އެރުމާއިއެކު ހައިފާ އައިސް ސައިކަލު ގާތްކޮށްލި އެވެ.
“ވަރަށް ފޫހިވޭ. މާލެ ދެވުނީމަ އަހަރެން މަތިން ހަނދާން ވެސް ނެތް.” ހައިފާ ދެއްކި ވާހަކަ އަޑުއިވިފައި ނިފާރު ގާތަށް އައީ ލާނެއް ހިންޏެކެވެ. އެއްމިޔަކަނުން ފާޑަކަށް ހީނލަމުން ސައިކަލުގެ ފަހަތަށް އެރި އެވެ.
ބަނދަރު ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އެތައް ބައެއްގެ ލޯ ހައިފާމެނަށް އަމާޒުވެފައި ހުރި ނަމަވެސް އޭނާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. ސައިކަލަށް އެރި ނިފާރު އޯކޭ ދިނުމާއިއެކު ސައިކަލް ދުއްވާލި އެވެ.
ހައިފާގެ ފަހަތުން ގޭތެރެއަށް ވަދެގެން އައި ނިފާރު ފެނުމާއިއެކު ވަލީދާއި ނާސިތާގެ މޫނުމަތިން ހިތްހަމަޖެހުން ފާޅުވި އެވެ. އުންމީދުގެ ކުލަވަރު އާވި އެވެ.
ޖެހިގެން އައި ދުވަހު ހެނދުނު ނިފާރު އޭނާގެ މަސައްކަތް ފެށި އެވެ. ބޮޑުފަތިހާ ވަލީދު ގޮވައިގެން މޫދަށް ގޮސް ވެލި މޮޑުނެވެ. ގެއަށް އައިސް ފަތްގަނޑު މޮޑުނެވެ.
ބޮޑުދައިތަގެ ފަރާތުން ލަފަޔާއި މަޝްވަރާ ހޯދަމުން މަދަދަށް އެދި ދަންނަވަންވީ ފަރާތުގައި ދަންނަވަމުން ނިފާރު ފެށި މަސައްކަތުގެ ނަތީޖާ ދެތިން ދުވަހެއްގެ ތެރޭ ފެންނަން ފެށި އެވެ. ވަލީދަށް އަމިއްލައަށް އިށީނދެލައިގެން އިނދެވޭވަރުވި އެވެ. މީހެއްގެ އެހީގައި ކޮޅަށް ތެދުވެ އަމިއްލައަށް ކޮޅަށް ހުރެލެވޭވަރު ވެސްވި އެވެ.
ވަލީދަށް ބޭސްކުރުމުގެ އިތުރުން ގެސްޓްހައުސް ހިންގުމުގެ ކަންތަކުގައި ވެސް ނިފާރުގެ އެހީތެރިކަން ހައިފާއަށް ލިބެމުންދިޔަ އެވެ. ނިފާރުގެ ފަރާތުން ލިބެމުންދިޔަ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން ހައިފާއަށް ވަރަށް ފަސޭހަވި އެވެ.
ލިބެމުންދިޔަ ކާމިޔާބާއި އަންނަމުންދިޔަ ކުރިއެރުމުގެ ސަބަބުން ހަތަރު މީހުން ވެސް ތިބީ ވަރަށް ހިތްހަމަޖެހި އުފާވެފަ އެވެ. ނިފާރު ބޭނުންވާ ކޮންމެ އެހީތެރިކަމަކާއި އެއްބާރުލުމެއް ދިނުމުގައި ހައިފާ ސާބިތުވެ ހުއްޓެވެ.
ދުވަހުގެ ހަވީރު ހަތަރެއް ޖަހާކަންހާއިރެވެ. ގެސްޓްހައުސްއިން ނުކުމެގެން ގެއާ ދިމާއަށް އައި ނިފާރު ފަހަތުން ދެ ޒުވާނަކު އައި ނަމަވެސް އެމީހުނަކަށް ނިފާރު ސަމާލުކަމެއް ނުދެއެވެ. އެމީހުންގެ ސަމާލުކަން ވެސް ނިފާރަށް ހުއްޓިފައިވާހެނެއް އެމީހުންގެ ޢަމަލުތަކުން ހިއެއް ނުވެ އެވެ.
ކުއްލިއަކަށް ސައިކަލުގެ ކުރިމައްޗަށް އަރައި ސައިކަލު މަޑުކޮށްލުމުން ނިފާރު ދިޔައީ ސިއްސައިގެން ނެވެ. ތެޅިގެންފައި ބުރަކި ޖައްސަންކުރި މަސައްކަތް ކާމިޔާބުވީ ކިރިޔާ އެވެ.
ލިބުނު ހައިރާންކަމާއިއެކު އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ. އެ ތިން މީހުން ފިޔަވާ އެހެން އެއްވެސް މީހެއް އެހިސާބުން ފެންނަން ނެތުމުން ކަންބޮޑުވެ ހާސްވާގޮތްވި އެވެ. މީގެ ކުރިން ދުވަހަކު ވެސް އެފަދަ ކަމެއް ދިމާވެފައި ނުވާތީ ކޮންމެވެސް ވަރަކަށް ބިރު ވެސް ގަތެވެ.
“ކަލޭ މާފޮނިވެގެން މިރަށުގަ ނުތެޅެއްޗޭ.. ހައިފާ ގޮވައިގެން ކަލޭ ޖައްސާނެހާ ވައްތަރެއް ޖައްސަން އަހަރުމެން މަޑުން ތިބޭނެ ކަމަށް ކަލޭ ހީނުކުރައްޗޭ.” ސައިކަލުން ފޭބި ޒުވާނާ އައިސް މަޑުކޮށްލީ ކިރިޔަ ކިރިޔާ ނިފާރުގެ ގައިގައި ނުޖެހޭ ހިސާބު ކައިރީގަ އެވެ. ވާހަކަ ދައްކަން ފެށުމުގެ ކުރިން ވަށައިގެން ހޯދާލި ގޮތުން ހީވަނީ އެހެން މީހަކަށް އެ މަންޒަރު ފެނިދާނެތީ އޭނާ ބަލާލިހެން ނެވެ. އެފަދަ ފުރުސަތަކަށް ބަލާލަ ބަލާލަ ތިބި ކަހަލަ އެވެ.
“މީނަ ހިތުން މިދެން މާ ކާމިޔާބު މީހެކޯ. އިހަށް ދުވަހަކު މިރަށަށް އައިތަނުން ހައިފާމެންގެ ތަނަވަސްކަން ފެނި އޭނަ ބޮލަށް ޗިޕު ޖަހައިގެން މީނަ މި އުޅެނީ. މިކަހަލަ މީހުނަށް ރަނގަޅުވާނެ ކޮންމެ ގޮތެއް ހެދިޔަސް. ޔަގީނޭ ކޮންމެ ވެސް ބައިވަރުގަނޑެއް ކާލައިގެން ބަޗާނެކަން. ކަތިލާލަންވީ. އެއްވެސް މީހަކު ފެންނާކަށް ނެތެއްނު.” ހިތްހަމަނުޖެހުމާއިއެކު ސައިކަލުން ފޭބި އަނެއް ޒުވާނާ ވެސް ނިފާރާ ދިމާއަށް އައެވެ. އޭނާގެ ބަސްމަގުން ފެނުނު ނުރުހުން މޫނުމަތިންނާއި ޢަމަލުތަކުން ވެސް ފެނުނެވެ.
ކޮންމެ ވެސް ނުބައެއް ނުވަތަ ކޮންމެވެސް ހިތްހަމަނުޖެހުމެއް އެބައުޅެ އެވެ. ނިފާރުގެ ހާލަތު އިތުރަށް ގޯސްވިއިރު ހެދޭނެ އެހެން ގޮތެއް ނެތްކަމުގެ އިޙުސާސް ވެސް ކުރެވުނެވެ.
އެ ހިސާބާއި މާ ދުރުނޫން ގޯޅިއަކުން ނުކުތް މެދުއުމުރުގެ އަންހެންމީހާ ނިފާރުމެނާއި ދިމާއަށް ހިނގައިގަތް ވަގުތާއި އެތަނުން އެކަކަށް ފޯނެއް އައި ވަގުތުވީ އެއް ވަގުތަކަށެވެ. ލިބުނު ހިތްހަމަޖެހުމުގައި ނިފާރަށް ހިތާހިތުން ޝުކުރު ދެންނެވުނެވެ.
ހިތްހަމަނުޖެހުމާއެކު އެމީހާއަށް ބަލާލަމުން އެކަކު ސައިކަލާއި ދިމާއަށް ހިނގައިގަތެވެ. އޭރު ވެސް އޭނާ ހުރީ ފޯނަށް އިސްކަންދީގެން ނެވެ.
“ކަލޭ ވިސްނައިގެން އުޅޭތި!”
(ނުނިމޭ)
