ވާހަކަ ދެއްކުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން އާހަނާ ބުނީ، މިއަދުގެ ޒަމާނުގައި ކަންކަން ހުށަހަޅައިދިނުމުގައި ވަރަށް ހިތްވަރުގަދަވާން ޖެހޭ ކަމަށެވެ. އަދި ކަންކަމުގެ އަޑިއަށް ނުގޮސް، ފަރުލޭ މަތިން ކަންކަން ނިންމާލުމުގެ ފުރުސަތު މިހާރު ނެތް ކަމަށާއި، ބެލުންތެރިން ބޭނުންވަނީ ކަންކަމުގެ ފުންމިނަށް ފީނައި، މާނަފުން ވާހަކަތަކެއް ބަލަން ކަމަށް އޭނާ ފާހަގަކުރިއެވެ. އޭނާގެ ފަހުގެ މަސައްކަތެއް ކަމަށްވާ “ދުރަންދަރު” އަށް އިޝާރާތް ކުރަމުން އޭނާ ބުނީ، “އަހަރެމެން މިހާރު ތިބީ ރޮނގު ފަހަނައަޅައި ގޮސްފައި” ކަމަށެވެ.
ބެލުންތެރިންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އުފެއްދުންތައް ފެންނަމުންދާތީ، އެމީހުންގެ އުއްމީދުތައް ވެސް ބަދަލުވެފައިވާކަން އަހާނާ ފާހަގަކުރިއެވެ.
“މިއަދުގެ ބެލުންތެރިންނަކީ ވަރަށް ހުޝިޔާރު ބައެއް. ޔޫޓިއުބާއި އެކި ޕްލެޓްފޯމްތަކުން ހުރިހާ މައުލޫމާތެއް އެމީހުންގެ އިނގިލި ކުރިއަށް ލިބޭ. އެހެންކަމުން، ހަޤީޤަތާ ޚިލާފު މާބޮޑަށް ރީތިކޮށްފައިވާ ކަންކަން ދައްކަން އުޅެފިނަމަ، މީހުން އެކަން ދިރާސާކޮށް، އެކަމާ ސުވާލު އުފައްދާނެ. އެހެންވެ، މިއަދުގެ ވާހަކަ ދެއްކުންތެރިކަން ވާންޖެހޭނީ ތެދުވެރި އަދި ހިތްވަރުގަދަ އެއްޗަކަށް.” އޭނާ ބުންޏެވެ.
އެކްޓިންގެ އިތުރުން އާހަނާ މިހާރު ވަނީ “ވޯކިންގް ޕަންޑާ ފިލްމްސް” ގެ ނަމުގައި ފިލްމު އުފެއްދުމުގެ ދާއިރާއަށް ވެސް ވަދެފައެވެ. މި ބަދަލާ ގުޅޭގޮތުން އޭނާ ބުނީ، އެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާއިރު އުޅެވެނީ ވަކި ހަނި ދާއިރާއެއްގައި ކަމަށާއި، ނަމަވެސް ޕްރޮޑިއުސަރަކަށް ވުމުން މަސައްކަތުގެ ދާއިރާ ވަރަށް ބޮޑަށް ފުޅާވެގެންދާ ކަމަށެވެ. މި ދަތުރަކީ މާ ފޯރިގަދަ ދަތުރަކަށް ވާނެ ކަމަށް އޭނާ ޤަބޫލުކުރެއެވެ.
އާހަނާ މިހެން ބުނީ “ކޮންޓެންޓް އިންޑިއާ 2026” ގައެވެ. މި ހަފްލާގައި ވާހަކަދައްކަމުން އޭނާ ވަނީ ޑިޝް ޓީވީ އިންޑިއާ އިން އިންތިޒާމުކުރާ މި ޕްލެޓްފޯމުގެ މުހިންމުކަން ވެސް ފާހަގަކޮށްފައެވެ. އޭނާ ބުނި ގޮތުގައި މިއީ ނެޓްފްލިކްސް، އެމެޒޯން އަދި ގޫގުލް ފަދަ ބޮޑެތި ކުންފުނިތައް އެއްތަންވާ މުހިންމު މައިދާނެކެވެ. “މިއީ ވަރަށް ރަނގަޅަށް ސަމާލުކަންދީފިނަމަ، ކޮންމެ ފަރާތަކުން ވެސް އާ ކަންތައްތަކެއް ދަސްކޮށްގެން އެނބުރި ދެވޭނެ ފަދަ ތަނެއް.” އާހަނާ ބުންޏެވެ. އަދި ފިލްމު އުފެއްދުމުގެ ދާއިރާއަށް ވަނުމަކީ އޭނާގެ ވިސްނުމަށް މުޅިން އާ ބަދަލެއް ގެނުވި ކަމެއް ކަމަށް ބުނެ އޭނާގެ ވާހަކަ ނިންމާލިއެވެ.
