2025 ވަނަ އަހަރު ނުކުތް ލޯބީގެ އަސަރުގަދަ ފިލްމު “ސައްޔާރާ” އިން ބޮލީވުޑަށް ތައާރަފުވެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ޒުވާން ތަރި އަހާން ޕާންޑޭ އޭނާގެ ދެވަނަ ފިލްމުގެ ޝޫޓިން ފަށައިފިއެވެ.
އަހާންއާއެކު ޝަރްވަރީ ލީޑުން ފެނިގެންދާ މި ފިލްމުގެ ޝޫޓިން މިއަދު ފަށާފައިވާއިރު މި ފިލްމުގެ މުހިންމު ރޯލަކުން ބޮބީ ޑިއޯލްވެސް ފެނިގެންދާނެކަމަށް ޓީމުން ބުނެއެވެ. މި ފިލްމަށްޓަކައި އަހާން ވަނީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ހަށިގަނޑު ވަރުގަދަކުރުމުގެ ތަމްރީނުތަކެއް ހަދަން ފަށާފައެވެ.
ޔަޝް ރާޖް ފިލްމްސްގެ ކުޑައިގެ ދަށުން އުފައްދާ މި ފިލްމާއި ގުޅޭ އިތުރު މައުލޫމާތުތައް އަދި ހާމަކޮށްފައި ނުވާއިރު މި ފިލްމަކީ ޔަޝް ރާޖް ފިލްމްސްގެ 79 ވަނަ ފިލްމެވެ. އަލީ އައްބާސް ޒަފަރް ޑައިރެކްޓްކުރާ މި ފިލްމުގައި އަހާންގެ ވަރުގަދަ ރޯލެއް ފެނިގެންދާނެކަމަށް ލަފާކުރެވެއެވެ.
އަދި ނަން ހާމަނުކުރާ މި ފިލްމުގެ ޝޫޓިން ފެށިކަން އިއުލާންކުރަމުން އަލީ އައްބާސް ޒަފަރު މީސްމީޑިއާގައި އާންމުކުރި އަހާންގެ ވަރަށް އިންޓެންސް ލުކްއެއް ފެންނަ ފޮޓޯއާއެކު ވެސް މިއަދު އިއުލާންކުރުމާއެކު ވެސް މި ފިލްމަށް އޮތް ޝައުޤުވެރިކަން ވަނީ ބޮޑުވެފައެވެ. ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އާންމުކޮށްފައިނުވާއިރު ލަފާކުރެވޭގޮތުން މި ފިލްމު ސިނަމާތަކަށް އަންނާނީ 2026 ގެ ފަހުކޮޅު ނުވަތަ 2027 ގެ ކުރީކޮޅުއެވެ.
އަލީ އައްބާސް ޒަފަރަކީ ކުރިން ޔަޝް ރާޖް ފިލްމްސް އިން ގެނެސްދިން ކާމިޔާބު ފިލްމުތައް ކަމަށްވާ “ސުލްތާން” އާއި “ޓައިގާ ޒިންދާ ހޭ” ގެ ވެސް ޑައިރެކްޓަރެވެ.
