މިއަދު މި ގެނެސްދޭ ރަހަފަތަކީ ތުއްތުކުދިންނާއި ބޮޑެތިމީހުންނަށްވެސް ވަރަށް ކަމުދާނެ ކާނާއެކެވެ. ‘ލާމު ފަރުމަހު ގޮޅަ ޗީޒް ފިންގަރސް’ އަކީ ރޯދަ ވީއްލާ ސުފުރާއަށާއި އަޅުގަނޑުމެންގެ ދަރިންގެ އިންޓަވަލް ގަޑިއަށް ތައްޔާރުކޮށްލަން ވަރަށް އެކަށީގެންވާ ހެދިކާ އެކެވެ. ހަމަ އެހެންމެ ހަވީރު ސަޔަށް ވެސް ވަރަށް އެކަށީގެންވާ ހެދިކާއެކެވެ.

ބޭނުންވާނެ ތަކެތި:

– 250 ގްރާމް ފަރުމަސް ކަހާފައި  (ލާމު ފަރުމަހު ގޮޅަ ކަހާގޮތަށް ކަހާފައި)

– 1 ސައިސަމުސާ މުގުރި ހިކިމިރުސް

– 1 ސައިސަމުސާ އޮރެގާނޯ

– 1/2 ސައިސަމުސާ މުގުރި އަސޭމިރުސް

– 1/2 ސައިސަމުސާ މުގުރި ލޮނުމެދު

– 1/2 ސައިސަމުސާ ނުވަތަ ރަހަލާވަރަށް ލޮނު

– 1 ޖޯޑު ގާނާފައިހުރި ޗީޒް (މޮޒަރެއްލާ)

– 1 ޖޯޑު ގޮދަންފުށް

– 2 ކުކުޅުބިސް ރަނގަޅަށް ގިރާފައި

– 1 ޖޯޑު ފާރޮށި ކުނޑި

– ތެލުލުމަށް ބޭނުންވާނެ މިންވަރަށް ތެޔޮ

ތައްޔާރުކުރާނެ ގޮތް:

ލާމު ގޮޅަރިހަ ކައްކަން މަސްކަހާގޮތަށް ކަހާފައިހުރި ފަރުމަސްކޮޅު ބްލެންޑަރަށް އަޅައިގެން ރަނގަޅަށް ޗަސްކޮށްލާށެވެ. މަސް ކޮޅު ތަށްޓަކަށްއަޅައި އޭގެ ތެރެއަަށް މުގުރި ހިކިމިރުސް، އޮރެގާނޯ، އަސޭމިރުސް، ލޮލުމެދު، ލޮނު، ޗީޒް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

އަތުގައި ތެޔޮފޮދެއް ނުވަތަ މާޖިރިން ކޮޅެއް އުނގުޅުމަށްފަހު ތައްޔާރުކޮށްފައިހުރި މަސްގަނޑުން އެތިކޮޅެއް ދެއަތްތިލަ ދެމެދަށް ލައިގެން އިނގިއްޔެއްގެ ބައްޓަމަށް ވަށާލާށެވެ. އެއަށްފަހު ތައްޔާރުކޮށްލި މަސްކޮޅު ފުށަށް ލުމަށްފަހު، ބިހުގެ ތެރެއަށްލާށެވެ. އޭގެފަހުން ފާރޮށިކުނޑިއަށްލުމަށްފަހު ހޫނުކޮށްހުރި ތެޔޮ އެއްޗަށް އަޅައިގެން ތެލުލާށެވެ.

މި ރެސިޕީ ތައްޔާރުކުރީ ތިރީގައިވާ ފިންގަރ ފިޝް ރެސިޕީ އަސްލަކަށް ބަލައިގެން، މަހުގެ ގޮތުގައި ފަރުމަހުން ގޮޅަރިހަ ތައްޔާރުކުރުމަށް ތައްޔާރުކުރާ ގޮޅަ މަހަ ބޭނުންކޮށްގެންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.