ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރާސްތާ – ޗެޕްޓަރ 2

އެ ސަޚްޞިއްޔަތު

އަމީރާ އަށް އިނދެވުނީ ގުޑާލަން ނުކެރި ގަނޑުވެފައެވެ.
ދޮރާ ދިމާއަށް އޭނާގެ ނަޒަރު ހުއްޓުމާއެކު، ނޭވާ ކަރުތެރޭގައި ތާށިވި ކަހަލަ އިހުސާސެއް ކުރެވުނެވެ.

އެއީ ހަމަ އެމީހާއެވެ.

ދިގު، ކަޅު، ހައިބަތު ބޮޑު، ބިޔަ، ވަރުގަދަ ފިރިހެނަކު އެތެރެއަށް ވަދެގެން އައެވެ. އޭނާގެ ވަރުގަދަ ސަޚްޞިއްޔަތުގެ ސަބަބުން މުޅި ކެފޭގެ ތެރެއަށް ބިރުވެރިކަމެއް ފެތުރިގެން ދިޔަ ކަހަލައެވެ. ފުޅާ ކޮނޑަކާއި ބަރު ފިޔަވަޅުތަކެކެވެ. އެއީ އެއްވެސް ބަހެއް ބޭނުންނުކޮށްވެސް މީހުންގެ ސަމާލުކަން ހޯދައިގަންނަ ފަދަ ހަށިގަނޑެއްގެ ވެރިއެކެވެ. އޭނާގެ ދިގު އިސްތަށިގަނޑު ހުރީ ލައިގެން ހުރި އައި ދިގު ޓީޝާރޓުގެ ކަރާ ހަމައަށް ފޯރާފައެވެ. ތޫނު ސިފަތަކެއް ލިބިފައިވާ އެ މޫނުމަތިން ފެންނަނީ ހަރުކަށިކަމެވެ. އޭނާ މުޅި ތަނަށް ނަޒަރު ހިންގަމުން ދިޔައީ އާދައިގެ ގޮތަކަށް ނޫނެވެ. އެއީ ކަމަކަށް އަމާޒުކޮށްގެން ހުރި ފަދަ ބަލައިލުމެކެވެ.

ޝިކާރަވެރިއެއް ފަދައިންނެވެ.

އަމީރާގެ އިނގިލިތަކުން ގޮނޑީގެ އަރިމަތީގައި ބާރަށް ހިފަހައްޓާލެވުނެވެ.

އޭނާގެ ހިތަށް އެންމެ ފުރަތަމަވެސް އެރީ ސަލާމަތްވުމަށެވެ.

ފިލާށެވެ.

މޭޒު ދަށަށް ވަންނާށެވެ.

ނުފެންނަ ފަދަ މީހަކަށް ވާށެވެ.

ނަމަވެސް އޭނާއަކަށް ގުޑައެއް ނުލެވުނެވެ. ސަބަބަކީ ހަމަ އެ ވަގުތަކީ ކެއުން ގެނައި ވަގުތަށް ވީތީއެވެ. ތަށި މޭޒުމަތީގައި ބެހެއްޓި އަޑު މަޑުމަޑުން އިވުނެވެ. ހޫނު ފްރެންޗް ފްރައިސްއެވެ. ހޫނު މައިލޯ ތައްޓެވެ. ކުކީޒެވެ. އެ ކާތަކެތީގެ މީރުވަސް އޭނާގެ ނޭފަތުގައި ޖެހުނެވެ. ބަނޑުހައިވެފައި ހުރުމުގެ ސަބަބުން އޭނާގެ ބަނޑުން އަޑުގޮވަން ފެށިއެވެ. އޭނާ އެއްޗެއް ބުނުމުގެ ކުރިން..

“މަންމާ!” ކުދިން އުފަލުން ހަޅޭއްލަވައިގަތެވެ.

އެ ކުދިންގެ ކުޑަ އަޑުތައް، ރަނގަބީލެއް ފަދައިން ކެފޭގެ ތެރޭގައި ގުގުމާލިއެވެ. މާވިންގެ ވަރުބަލިވެފައިވާ މޫނުމަތި އުޖާލާވެގެން ދިޔައެވެ. މީޝާ އުފަލުން އަތްޖަހަން ފެށިއެވެ. އެކުދިން އައިސް އަމީރާގެ ގައިގައި ބާރަށް ބައްދާލިއެވެ.

“ތެންކިޔޫ މަންމާ!” ދެކުދިން އެކުގައި ހަޅޭއްލަވައިގަތެވެ.

އެ އަޑު މާ ބާރެވެ. އިންތިހާއަށް ބާރެވެ.

އަމީރާގެ ހިތް ހުއްޓުނު ކަހަލައެވެ.

ނޫނެކެވެ. އޭނާ އަވަސްއަވަހަށް އަނެއްކާވެސް ދޮރާ ދިމާއަށް ބަލައިލިއެވެ. އެ ފިރިހެންމީހާ ހުއްޓިގެން ހުއްޓެވެ. އޭނާގެ ބޯ އެ ދިމާއަށް އަނބުރާލިއެވެ. ލަސްލަހުންނެވެ. ވަރަށް ބަލައިގެންނެވެ. ދެން އޭނާގެ ނަޒަރު އެމީހުންނަށް ހުއްޓުނެވެ. އަމީރާއަށް މުޅި ދުނިޔެ ހަނިވި ކަހަލަ އިހުސާސެއް ކުރެވުނެވެ. ކެފޭގެ އަޑުތައް ދުރުން އިވޭ ހަނދާނަކަށް ވެގެން ދިޔައެވެ. ވަށައިގެންވާ ވައި ބަރުވި ކަހަލައެވެ. އޭނާގެ ހުރިހާ ހިއްސުތަކެއް އެކުގައި ގޮވަމުން ދިޔައީ އެންމެ ކަމަކަށެވެ.

ދުވާށެވެ.

ފިލާށެވެ.

ކުދިން ރައްކާތެރިކުރާށެވެ.

ނަމަވެސް އޭނާ ގުޑުމެއްނެތި އިނެވެ. ސަބަބަކީ މިވަގުތު ހަރަކާތެއް ކުރުމަކީ ހުރިހާ ކަމެއް ފަޅާއެރުން ކަމަށް ވާތީއެވެ. އެ މީހާގެ ނަޒަރު އެމީހުންނަށް ހުއްޓިފައި ހުއްޓެވެ. އެއީ ހަމައެކަނި ބަލައިލުމެއް ނޫނެވެ. އެއީ ކަޅިޖަހާނުލާ ބަލާ ބެލުމެކެވެ. ވަޒަންކޮށްލުމެކެވެ. ނޫނީ ވަކިކުރަން އެނގުނީ ހެއްޔެވެ؟ އަމީރާގެ ހިތުގެ ތެޅުން ބާރުވެ، ކަންފަތް ކައިރިން އެ އަޑު އިވޭ ކަހަލައެވެ. ނަޒަރު ވަކިނުކުރާށެވެ. ގޮތެއް ނުދައްކާށެވެ. ބިރުގަންނަކަން އޭނާއަށް ދައްކާނުލާށެވެ. އަމީރާގެ އަތް އަމިއްލަ އިޚްތިޔާރުން ބޭރުގައި ކުދިން ގާތަށް ދަމައިގަތެވެ. އޭނާގެ ހަށިގަނޑުން އެކުދިން ނިވާކުރަމުންނެވެ.

“މަންމާ..” މީޝާ މިފަހަރު މަޑުމަޑުން ގޮވާލިއެވެ.

އޭނާގެ އަޑުގައި ވަނީ ނުތަނަވަސްކަމެވެ. އެ ކުޑަ ދަރިފުޅަށްވެސް މިހާރު ނުރައްކަލުގެ އިހުސާސް ކުރެވުނު ކަހަލައެވެ.

އަމީރާގެ މުޅި ހަށިގަނޑު ގަނޑުފެންކޮޅެއް ފަދައިން ފިނިވެފައިވީ ނަމަވެސް، އޭނާ ގަދަކަމުން ހިނިތުންވެލިއެވެ.

“ކާލާ ދަރިފުޅުމެން.” އޭނާ މަޑުމަޑުން ބުންޏެވެ. “އަވަހަށް.” ކުދިން އޭނާގެ ބަސް ޤަބޫލުކުރިއެވެ.

އަދިވެސް އުފަލުގައި ތިބެ، ފްރައިސްތަކުގައި ހިފަން ފެށިއެވެ. ނަމަވެސް އަމީރާއަކަށް އެކުދިންނަކަށް ނުބެލުނެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ހަމަ އެންމެ ދިމާއަކަށެވެ. އެ ފިރިހެންމީހާއަށެވެ. އޭނާ އަދިވެސް ގުޑައެއް ނުލައެވެ. އަދި އެއްވެސް ހަރަކާތެއް ނުކުރެއެވެ. ނަމަވެސް ދެން އޭނާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ.

ވިސްނުންތެރިކަމާއެކުގައެވެ. އެ ފިޔަވަޅުތަކުގެ ބަރުކަން އަމީރާއަށް އިހުސާސް ކުރެވުނީ ހަމައެކަނި ކަންފަތަށް އިވުނު އަޑަކުން ނޫނެވެ. މުޅި ހަށިގަނޑަށެވެ. އޭނާ އެދަނީ ކައިރިވަމުންނެވެ. އަމީރާގެ އެތެރެހަށީގެ ކޮންމެ ލޭނާރެއް މިހާރު ދަނީ އިންޒާރު ދެމުންނެވެ. ކުރިއަށްވުރެ ބާރަށެވެ. މާ ސާފުކޮށް، ދެކޮޅު ނުހެދޭނެ ފަދަ ގޮތަކަށެވެ. މިއީ ހަމަ އެ މީހާއެވެ. މީހުން ބުނާގޮތުން އެންމެ ބޮޑު މީހާއެވެ. ދަ ބޮސް! އަމީރާގެ ކަރުތެރެ ހިކުނެވެ. ހަނދާންތައް އައިސް ސިކުނޑީގައި ކުޅެލިއެވެ. މާ އަވަސްއަވަހަށް، އަދި ހިފަހައްޓަން އުނދަގޫވާވަރަށް އެ ހަނދާންތައް ވަނީ ބައިބައިވެފައެވެ. ނަމަވެސް އެވަރުންވެސް އޭނާގެ މޭ ފިއްތާލަން ފުދެއެވެ.

ބާރަށް ހުޅުވުނު ދޮރެއްގެ އަޑެވެ. ބާރަށް ހަޅޭއްލަވާ އަޑުތަކެވެ.

އޭނާގެ މައްޗަށް ގަދަވެގަނެގެން ހުރި ހިޔަނިތަކެވެ. ގޭތެރޭ އެއްޗެއް ތަޅައިގެން ދިޔަ އަޑެވެ. އޭނާ އެ ހަނދާންތައް އޮއްބަން މަސައްކަތް ކުރިއެވެ. މިވަގުތަކު ނޫނެވެ. މިތާކު ނޫނެވެ.

“މަންމާ..” މާވިންގެ އަޑު މިފަހަރު އިވުނީ ކުރިއަށްވުރެ މަޑުންނެވެ. އޭނާގެ ކުޑަކުޑަ އަތުން މަންމަގެ ގަމީހުގެ އަތްކުރީގައި މަޑުމަޑުން ހިފާލިއެވެ.

“އަދި މައިލޯ ބޯން ބޭނުން.” އެ ކުޑަކުޑަ ދަރިފުޅުގެ މައުސޫމް އަޑުން އަމީރާގެ ހިތް ކުދިކުދިވާ ފަދަ އިހުސާސެއް ކުރެވުނެވެ. “އާނ. ދަރިފުޅާ.” އަމީރާ މަޑުމަޑުން ބުނެލިއެވެ.

އޭނާގެ އަތް ތުރުތުރުލަމުން ދިޔަ ނަމަވެސް، ދަރިފުޅަށް ބޯން ފަސޭހަވާނޭހެން ތަށި ރަނގަޅުކޮށްލަދިނެވެ. “މަޑުމަޑުން ބޯލާ.” އޭނާގެ އަނެއް އަތުން މީޝާގެ ގައިގައި ބާރަށް ބައްދާލީ އޭނާ ރައްކާތެރިކުރުމުގެ ނިޔަތުގައެވެ. އެ ފިރިހެންމީހާގެ ފިޔަވަޅުތައް ހުއްޓުނެވެ. މާ ކައިރިއަށެވެ. މިހާރު އެ މޭޒުގެ ކައިރީގައި އޭނާ ހުރިކަން އަމީރާއަށް އިހުސާސް ކުރެވެއެވެ. ހީވަނީ އޭނާގެ ހިޔަނިން މުޅި މާހައުލު ނޭވާ ހާސްކުރުވާހެންނެވެ. އަމީރާ އިސްއުފުލާ ބަލައެއް ނުލައެވެ. އަދި ބަލާލާކަށް ބޭނުމެއް ނޫނެވެ. އޭނާއަށް ނުފެންނަ ކަމަށް ހެދިގެން ހުރެއްޖެއްޔާ ފަހަރެއްގައި..

“ދުވެ ފިލުމަކީ ދުވަހަކުވެސް ކަލޭގެ ހުރި ހުނަރެއް ނޫން.” އެ އަޑު މަޑެވެ.

ނަމަވެސް އެއީ ބިރުވެރި، އާދަވެފައިވާ އަޑެކެވެ. އަމީރާގެ ނޭވާ ހުއްޓުނު ކަހަލައެވެ. ނޫނެކެވެ. އަމިއްލަ ނަފްސުގެ އިހުސާސްތަކާ ދެކޮޅަށް، އޭނާ މަޑުމަޑުން އިސްއުފުލާލިއެވެ. އެއީ ހަމަ އޭނާއެވެ. އަމީރާ ބިރުގަތް ވަރަށްވުރެވެސް އޭނާ ހުރީ ކައިރީގައެވެ. އެ ތޫނު ސިފަތަކެވެ. އެ ދެލޮލުން ފެންނަން ހުރި ފިނި، ހިފެހެއްޓިފައިވާ ރުޅިވެރިކަމެވެ. ވަގުތާއެކު އޭނާގެ ސިފައަށް ބަދަލެއް ނައި ނަމަވެސް، އޭނާގެ މިޒާޖު ވަނީ ކުރިއަށްވުރެ ހަރުކަށިވެފައެވެ. އޭނާ އަމީރާއާ ދިމާލަށް ބަލަހައްޓައިގެން ހުރީ އެ ވަގުތުކޮޅުގެ މިލްކުވެރިއަކީ އޭނާ ކަމަށް ޤަބޫލުކޮށްގެން ހުރި ފަދަ ގޮތަކަށެވެ. ހީވަނީ އޭނާގެ މިލްކަކަށް ވާ އެއްޗެއް އެންމެ ފަހުން ފެނުނީހެންނެވެ.

“ކަލޭ މިކަންތައް.. ވަރަށް އުނދަގޫ ކޮށްފި.” އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ.

އޭނާގެ ނަޒަރު ކުޑަ ވަގުތުކޮޅަކަށް ކުދިންނަށް ހުއްޓާލުމަށްފަހު އަނބުރާ އަމީރާއަށް އަމާޒުކުރިއެވެ. އެންމެ ނަޒަރަކުންވެސް ފުދުނެވެ. އަމީރާ ވަގުތުން ދެ ކުދިން ގާތަށް ދަމާލާ، އޭނާގެ ހަށިގަނޑުން އެ ކުދިން ނިވާކޮށްލިއެވެ. އެއީ ބަހެއް ނުބުނެ ދިން އިންޒާރެކެވެ. ނާންނާށެވެ. އޭނާއަށް އެކަން ފާހަގަވިއެވެ.

ޝައްކެއްވެސް ނެތެވެ. އޭނާގެ ތުންފަތަށް ވެރިވީ ފާޑެއްގެ ހިނިތުންވުމެކެވެ. ނަމަވެސް އެ ހިނިތުންވުމެއް އޭނާގެ ދެލޮލަކުން ނުފެނެއެވެ.

“ކަލޭ ތިހެން ފިލައިގެން ދިޔައީމަ.” އޭނާ މަޑުމަޑުން ބުންޏެވެ. “ކަލޭ ހޯދަން އެކަކުވެސް ނާންނާނެ ކަމަށްތަ ހީކުރީ؟”

“އަހަރެން ފަހަތުން ނާދޭ. އަހަރެން ދޫކޮށްލާ.” އެ ބަސްތައް އެ ދެމެދުގައި ގުގުމާލިއެވެ. ނާޒުކު، ނަމަވެސް ނުރައްކާތެރި ބަސްތަކެކެވެ. އަމީރާގެ އަޑު ބޭރުވީ އޭނާގެ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. މަޑު، ނަމަވެސް ސާބިތުކޮށެވެ.

ފުރަތަމަ ފަހަރަށް އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެއީ ހައިރާންކަމެއް ނޫނެވެ. ރުޅިވެރިކަމެއްވެސް ނޫނެވެ. އޭގެ ބަދަލުގައި ފެނުނީ މާ އަނދިރި ކަމެކެވެ.

“އެކަން ނިންމާނީ ކަލެއެއް ނޫން.” އޭނާ ބާރަށް ޖަވާބުދިނެވެ.

އެ މާހައުލުގެ ނުތަނަވަސްކަން އިތުރުވިއެވެ. އެވަގުތު ކައުންޓަރު ކައިރީގައި ހުރި މީހެއްގެ އަތުން ކޮފީ ތަށްޓެއް ދޫވެ، ތަޅައިގެން ދިޔަ އަޑު އިވުނެވެ. އެ ތޫނު އަޑާއެކު މީޝާ ސިހިގެން ގޮސް އަމީރާގެ ގައިގައި ބާރަށް ބައްދާލިއެވެ. އަމީރާ ގުޑައެއް ނުލައެވެ. އޭނާގެ ނަޒަރު އޭނާގެ ދެލޮލަކުން ވަކި ނުކުރެއެވެ. އޭނާގެ މުޅި ހަށިގަނޑު އެތެރެއިން ތުރުތުރުލަމުން ދިޔަ ނަމަވެސްމެއެވެ. ބިރުވެރިކަމުން އޭނާގެ ހިތް ހުއްޓޭވަރު ވެފައިވީ ނަމަވެސްމެއެވެ. އޭނާގެ ހަށިގަނޑުގެ ކޮންމެ ގުނަވަނެއް އެ ކުދިން ގޮވައިގެން ފިލަން ބޭނުންވެފައިވީ ނަމަވެސްމެއެވެ. މިފަހަރަކު ނޫނެވެ. އަނެއްކައެއް ނޫނެވެ.

“އާދޭސްކުރަން.” އަމީރާ ބުންޏެވެ. އޭނާގެ އަޑު މިހާރު މަޑެވެ. ނަމަވެސް ކުރިއަށްވުރެ ބާރުގަދައެވެ. “އަހަރެމެންނަށް އުނދަގޫ ނުކޮށް ދޭ!”

ކުޑަ ވަގުތުކޮޅަކަށް ހަމަ އެންމެ ހިނދުކޮޅަކަށް އެ ދެމެދުގައި ހިމޭންކަން ރަސްކަން ކުރިއެވެ. ދެން ތިންވަނަ މީހެއްގެ އަޑު އިވުނެވެ.

“ބުރަދާ!” އެއީ ވެއިޓަރެވެ. އޭނާ މިހާރު ހުރީ މޭޒު ކައިރީގައެވެ. މަޑުމައިތިރި ނަމަވެސް ސާބިތުކަމާއެކު، އޭނާ ހުއްޓުނީ އެ ދެމީހުންގެ މެދުގައެވެ.

“މިތާ އެއްވެސް މައްސަލަ އޮތީތަ؟” އެ ފިރިހެންމީހާގެ ނަޒަރު މަޑުމަޑުން ވެއިޓަރަށް އަމާޒުވިއެވެ. އުނދަގޫވެފައިވާ ގޮތަކަށެވެ. ކިރާލެވިފައިވާ، ނުރައްކާތެރި ނަޒަރަކުންނެވެ. އަމީރާގެ ހިތް ބާރަށް ތެޅިގަތެވެ. މިއީ ރަނގަޅު ނިޝާނެއް ނޫނެވެ. ނަމަވެސް ވެއިޓަރު ގުޑައެއް ނުލައެވެ. ފަހަތަކަށް ނުޖެހުނެވެ. އޭނާގެ ނަޒަރު ވަކި ނުކުރެއެވެ. އަދި އެ ފިރިހެންމީހާ އެތަނަށް ވަތް ފަހުން ފުރަތަމަ ފަހަރަށް ކަންތައްތަކުގެ ބާރު ހުރި ފަރާތް ބަދަލުވިއެވެ. ކުޑަ ވަގުތުކޮޅަކަށެވެ.

(ނުނިމޭ)

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top