ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކޮން ރާއްޖެތެރެއެއް މާލެއެއް ކިޔާކަށް!

އަހަރެމެންގެ މުޖުތަމަޢުގެ ތެރޭގައި ބައެއް ފަހަރު ފެންނަން އޮންނަ، ނަމަވެސް ބައެއް މީހުންނަށް ވަރަށް ބޮޑަށް އިޙްސާސްކުރެވޭ ބައިބައިވުމެއްގެ ވާހަކަ ދައްކާލަން އެބަޖެހެއެވެ. އެއީ މާލޭގެ މީހަކަށް ވީތީ އެއީ ތަހުޒީބީ، ނުވަތަ އެހެން މީހުންނަށްވުރެ މޮޅު ޝަރަފުވެރި ނުވަތަ އިނާޔަތްތަކަށް ބޮޑަށް ޙައްޤުވެގެންވާ މީހެއް ކަމަށް ދެކޭ ދެކުމެވެ. މިއީ ރަށްރަށުން މާލެ އައިސް އުޅޭ އެތައް ބަޔަކަށް އޭގެ ހިތި އަސަރުކޮށްފައިވާ ކަމެކެވެ.

ނަމަވެސް ސުވާލަކީ މިއީ ކީއްވެގެން ހިނގާ ކަމެއް ހެއްޔެވެ؟
މީހެއްގެ އުފަން ރަށަކީ އޭނާގެ އަގު ވަޒަންކުރާ މިންގަނޑަކަށް ހަދަންވީ ކީއްވެ ހެއްޔެވެ؟

އަހަރެމެން އެންމެންނަކީވެސް ދިވެހިންނެވެ. މާލޭގެ މެދުތެރެއަށް އުފަންވިޔަސް، ނުވަތަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރީތި ރަށްތަކަށް އުފަންވިޔަސްމެއެވެ. ކަނޑުގެ ރާޅުތަކުން އަހަރެމެންގެ ރަށްތައް ވަކިކޮށްދީފައި ވީނަމަވެސް، އަހަރެމެންގެ ހިތްތަކާއި ވިސްނުމުން އެކަކު އަނެކަކާ ވަކިވާކަށް ނުޖެހެއެވެ.

އަހަރެމެންނަކީ މުސްލިމުންނެވެ. އިންސާނުންނެވެ. އަހަރެމެން ހިއްސާކުރަނީ އެއް ދީނަކާއި، އެއް ލެޔަކާއި، އެއް ނަސްލަކާއި އަސްލެކެވެ. އަހަރެމެންގެ ހަމުގެ ކުލަ ތަފާތުވެދާނެއެވެ. ވާހަކަދައްކާ ރީތި ބަހުރުވަ ތަފާތުވެދާނެއެވެ. ދިރިއުޅުމުގެ އާދަކާދަ ތަފާތުވެދާނެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ އިންސާނެއްގެ އަގު ވަޒަންކުރަންވީ މިންގަނޑުތަކެއް ނޫނެވެ.

އިސްލާމްދީނުގައި އަހަރެމެންނަށް އުނގަންނައިދީފައިވަނީ، ޢަރަބި ނުނީ އިނގިރޭސި ވިލާތުގެ މައްޗަށް، އަދި ދޮން މީހަކަށް ކަޅު މީހެއްގެ މައްޗަށް އެއްވެސް މާތްކަމެއް ނުވާކަމެވެ. މާތްކަން ލިބިގެންވަނީ ހަމައެކަނި ތަޤުވާވެރިކަމާއި ރީތި އަޚުލާޤުގެ ސަބަބުންނެވެ. މީހެއްގެ ނަސަބާއި، ހަސަބާއި، އުޅޭ ތަނަކީ މީހާގެ މާތްކަން މިނެކިރާ އާލަތެއް ނޫނެވެ. އިންސާނާގެ ދަރަޖަ އުފުލައިދޭ ކަމަކީ ހިތްތިރިކަމާއި، ހެޔޮލަފާކަމާއި، ﷲ އަށް ބިރުވެތިވުމެވެ.

އިނގިރޭސިބަސް އެނގުމަކީ ބުއްދިވެރިކަމުގެ ހެއްކެއް ނޫނެވެ. އަގުބޮޑު ބްރޭންޑްތަކުގެ ހެދުން އެޅުމަކީ އަބުރުވެރިކަމުގެ މިންގަނޑެއް ނޫނެވެ. އަދި ވެރިރަށުގައި ދިރިއުޅުމަކީ މީހާގެ ފެންވަރު އަންގައިދޭ ކަމެއްވެސް ނޫނެވެ.

މީހެއްގެ އަގު ކަނޑައަޅަނީ އޭނާ އުޅޭ ތަނަކުން ނޫނެވެ. އެއީ އެމީހެއްގެ ކިބައިގައި ހުންނަ އޯގާތެރިކަމާއި، މަޑުމައިތިރިކަމާއި، އިޙްތިރާމްކުރުމުގެ ސިފައެވެ. އަދި އެހެން މީހުންނާ މެދު ކަންތައް ކުރާ ގޮތެވެ.

ރަށަކަށް ނިސްބަތްވީތީ މީހުންނާ ދިމާލަށް ބޭއަދަބީ ބަސްތައް ބުނެ، ދެބަސްވުންތައް އުފައްދައި، އެހެން މީހުންނަކީ ދަށް ބައެއްގެ ގޮތުގައި ދެކުމަކީ ހިތާމަހުރި ކަމެކެވެ. މީގެ ސަބަބުން ގެއްލުންވަނީ ހަމައެކަނި ވަކި ފަރުދަކަށް ނޫނެވެ. މިއީ އަހަރެމެންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަން ބަލިކަށިކޮށްލާ ކަމެކެވެ.

ޙަޤީޤަތަކީ، ދިވެހިރާއްޖެއަކީ ހަމައެކަނި މާލެއެއް ނޫނެވެ. އެއީ ކޮންމެ ރަށެކެވެ. ކޮންމެ މުޖުތަމަޢެކެވެ. ކޮންމެ އިންސާނެކެވެ. ޤަދަރާއި އިޙްތިރާމަކީ ވަކި ތަނަކަށް ޚާއްޞަވެފައިވާ އެއްޗެއް ނޫނެވެ. އެއީ އަހަރެމެން އެކަކު އަނެކަކަށް ބަލާ ގޮތެވެ.

އަހަރެމެންނަށް އިޙްތިރާމްކުރުމަކީ ވަކި ބަޔަކަށް ޚާއްޞަވެފައިވާ ކަމެއް ނޫންކަން ހަނދާންކުރަން އެބަޖެހެއެވެ. އެއްވެސް އިންސާނަކީ ދަށްކޮށްލުމާއި މަލާމާތް ލިބެންޖެހޭ މީހެއް ނޫނެވެ. މީހާގެ “ފެންވަރަކީ” އޭނާ އުޅޭ ތަނެއް ނޫނެވެ. އެއީ އެމީހެއްގެ ހިތުގައިވާ ސާފުކަމާއި އޯގާތެރިކަމެވެ. އަހަރެމެންނަކީ އެއް ބައެކެވެ. އަދި އަހަރެމެންގެ ޢަމަލުތައް ބަހައްޓަންވާނީވެސް އެގޮތުގެ މަތީގައެވެ.

7
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top