ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މަދޫބާލާ ދަންނަންތަ؟
އުށުން ހަދާފައިވާ މަދޫބާލާގެ ބުދެއްގެ ތަސްވީރެއް / ގެޓީ އިމޭޖްސް

މިއީ 1950 ގެ އަހަރުތަކުގައި ބޮލީވުޑްގައި އެންމެ އަގުބޮޑު ބަތަލާގެ ގޮތުގައި ފާހަގަކުރެވުނު، އަދި އުމުރުން އެންމެ 36 އަހަރުގައި މިދުނިޔެ ދޫކުރި މަޝްހޫރު ފަންނާނު މަދޫބާލާގެ ވާހަކައެވެ. އޭނާގެ ކެރިއަރުގައި 70 އަށްވުރެ ގިނަ ފިލްމު ކުޅެފައިވާއިރު، އޭނާއަކީ އިންޑިއާގެ ސިނަމާގައި ދުވަހަކުވެސް ފަނޑުވުމެއް ނެތް ތަރިއެކެވެ.

މަދޫބާލާގެ ކުރީގެ ދިރިއުޅުން

1933 ވަނަ އަހަރުގެ ފެބްރުއަރީ 14 ގައި ދިއްލީއަށް އުފަންވި މުމްތާޒު ޖަހާން ބޭގަމް ދެހްލަވީ، މަދޫބާލާގެ ނަމުން މަޝްހޫރުވެގެން ދިޔައީ 1940 އާއި 1960 އާ ދެމެދުގައެވެ. އުމުރުން އެންމެ 8 އަހަރުގައި އާއިލާއާއެކު މުމްބާއީއަށް ބަދަލުވި މަދޫބާލާއަކީ 11 ކުދިން ތިބި އާއިލާއެއްގެ ކުއްޖެކެވެ. އޭނާ ފިލްމީ ދާއިރާއަށް ވަނީ ބައްޕަގެ ވަޒީފާ ގެއްލުމާ ގުޅިގެން އާއިލާއަށް އެހީތެރިވުމުގެ މަގުސަދުގައެވެ. ފުރަތަމަ ލަވަކިޔުންތެރިއެއްގެ ގޮތުގައި ފެށި ނަމަވެސް، ބޮމްބޭ ޓޯކީޒްގެ ޖެނެރަލް މެނޭޖަރު ރާއި ބަހާދުރް ޗުއްނީލާލްގެ އެހީތެރިކަމާއެކު އޭނާއަށް ސިނަމާގެ ދޮރުތައް ހުޅުވިގެން ދިޔައެވެ.

ފިލްމީ ކެރިއަރު

އޭނާގެ ރީތިކަމުގެ ސަބަބުން “ވީނަސް އޮފް އިންޑިއަން ސިނަމާ”ގެ ލަގަބު ދެވިފައިވާ މަދޫބާލާގެ ފުރަތަމަ ފިލްމަކީ 1942 ވަނަ އަހަރުގެ “ބަސަންތު” އެވެ. ކުޑަކުއްޖެއްގެ ރޯލުން ފެށި ނަމަވެސް، އޭނާއަށް ބޮޑު މަގުބޫލުކަމެއް ލިބުނީ “ނީލް ކަމަލް” އިންނެވެ. އޭނާއަށް ‘މަދޫބާލާ’ގެ ނަން ދިނީ ފިލްމީ އުފެއްދުންތެރިޔާ މޯހަން ސިންހާއެވެ. 1948ގެ “ލާލް ދުޕައްޓާ” އާއި އިންޑިއާގެ ފުރަތަމަ ބިރުވެރި ފިލްމު “މަހަލް” އިން އޭނާގެ މަޝްހޫރުކަން އިންތިހާއަށް އުފުލިގެން ދިޔައެވެ.

1950 ގެ އަހަރުތަކުގައި އޭނާ ވަނީ “ދޫލާރީ”، “ބާދަލް” އަދި “ތަރާނާ” ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައެވެ. ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، “މިސްޓަރ އެންޑް މިސިސް 55” އާއި “ޗަލްތީ ކާ ނާމް ގާޅީ” ފަދަ ފިލްމުތަކުން އޭނާގެ ކާމިޔާބީ ދެމެހެއްޓިއެވެ. އޭނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ 1960 ވަނަ އަހަރު ރިލީޒްކުރި “މުގަލޭ އާޒަމް” އެވެ. މި ފިލްމަށް އޭނާއަށް އޭރުގެ ނިސްބަތުން ބޮޑު އުޖޫރައެއް ކަމަށްވާ 3 ލައްކަ ރުޕީސް ލިބުނު ކަމަށް ބުނެވެއެވެ.

ދިލިޕް ކުމާރާ އޮތް ގުޅުން

މަދޫބާލާ އާއި ދިލިޕް ކުމާރުގެ ލޯބީގެ ވާހަކައަކީ އޭރު ވަރަށް ބޮޑަށް ދެކެވުނު ވާހަކައެކެވެ. ނަމަވެސް މަދޫބާލާގެ ބައްޕަ، އަތާއުﷲ ޚާންގެ ނުފޫޒާއި، ފިލްމު “ނަޔާ ދައުރު” އާ ގުޅިގެން އުފެދުނު ގާނޫނީ މައްސަލަތަކުގެ ސަބަބުން މި ގުޅުން 1956 ވަނަ އަހަރު ނިމުމަކަށް އައެވެ. ދިލިޕް ކުމާރު ކޯޓުގައި މަދޫބާލާގެ ބައްޕައާ ދެކޮޅަށް ހެކިބަސް ދިނުމަކީ އެ ދެމީހުންގެ ގުޅުން މުޅިން ކެނޑިގެން ދިޔަ ސަބަބެވެ.

ކިޝޯރު ކުމާރާ ކައިވެނިކުރުން

ކުޑައިރުގެ އެކުވެރިއެއް ކަމަށްވާ ކިޝޯރު ކުމާރާ މަދޫބާލާ ކައިވެނިކުރީ 1960 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. ކައިވެންޏަށްފަހު ސިއްހީ ފަރުވާއަށް ލަންޑަނަށް ދިޔުމުން، އޭނާގެ ހިތުގެ ބަލީގެ ސަބަބުން އޮޕަރޭޝަނެއް ކުރެވެން ނެތްކަމާއި، ދަރިއަކު ހޯދުމަކީ ނުރައްކާތެރި ކަމެއްކަން އެނގުނެވެ. އެނބުރި އިންޑިއާއަށް އައުމަށްފަހު ދެމީހުންގެ ގުޅުމަށް ބުރޫއަރައި، މަދޫބާލާ އުޅެމުން ދިޔައީ އޭނާގެ އަމިއްލަ ގޭގައެވެ.

މަދޫބާލާގެ ވަކިވުން

އުފަންވީއިރުވެސް ހިތުގެ ބަލި (ވެންޓްރިކިއުލަރ ސެޕްޓަލް ޑީފެކްޓް) ހުރި މަދޫބާލާގެ ހާލަތު 1960ގެ އަހަރުތަކުގައި ވަރަށް ބޮޑަށް ގޯސްވިއެވެ. ފިލްމުތަކުން ދުރުވާން ޖެހި، ގޭގައި ގިނަ ވަގުތު އޮކްސިޖަންގެ އެހީގައި ހޭދަކުރަން ޖެހުނެވެ. އޭނާ މަރުވީ 1969 ވަނަ އަހަރުގެ ފެބްރުއަރީ 23ގައި، އުމުރުން އެންމެ 36 އަހަރުގައެވެ. މަދޫބާލާ އަކީ މިއަދުވެސް އިންޑިއާގެ ސިނަމާ ދުށް އެންމެ ރީތި އަދި އެންމެ ހުނަރުވެރި އެއް ބަތަލާއެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top