ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރާސްތާ – ޗެޕްޓަރ 9

އިމްތިހާނު

މާލޭގެ ހަނިހަނި މަގުތަކުގެ ތެރެއިން ކާރު ދުއްވަމުން ދިޔައިރު، އިންޖީނުގެ އަޑު މެދުކެނޑުމެއް ނެތި އިވެމުންދިޔައެވެ. ކާރުގެ ބޭރުން ފެންނަމުންދިޔަ މީހުންނަކީ އާދައިގެ ދިރިއުޅުމެއް އުޅެމުންދާ، ކަންކަމާ މަޝްޢޫލުވެފައިވާ ބައެކެވެ. އަމީރާއަށް އިހުސާސްވަމުންދިޔައީ އެ ދުނިޔެއާ އޭނާ މާބޮޑަށް ދުރުވެފައިވާ ކަމަށެވެ.

މީޝާ އިނީ އަމީރާގެ އަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. އަނެއް ފަރާތުގައި އިން މާވިން ހިތްވަރުގަދަކަމަށް ދެއްކި ނަމަވެސް، އޭނާގެ ހަށިގަނޑުން ފެންނަމުންދިޔަ ނުތަނަވަސްކަން އަމީރާއަށް އިހުސާސް ކުރެވެއެވެ. ކާރުގެ ކުރީ ސީޓުގައި ގާއްޑޭ އިނީ ވަރަށް މަޑުންނެވެ. ބަލާށެވެ. ފަހަތަށް އެނބުރި ނުބެލި ނަމަވެސް، އޭނާގެ ފާރަވެރިކަން އަމީރާއަށް އިހުސާސްވެއެވެ. އޭނާއަށް އެއްވެސް ކަމެއް ސިއްރެއް ނުވާނެކަން އަމީރާއަށް އެނގެއެވެ.
އަމީރާ އިސްޖަހާނުލައި ސީދަލަށް ބަލަހައްޓައިގެން އިނީ ހިތުގެ ތެޅުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުންނެވެ. ކޮންމެ ފިޔަވަޅެއް އަޅަންޖެހޭނީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ. ކޮންމެ ބަހެއް، ކޮންމެ ނޭވާއެއް، އަދި ކޮންމެ ހަރަކާތެއް ވެސް މެއެވެ. އެންމެ ކުށަކުން ވެސް ހުރިހާ ކަމެއް ބަރުބާދުވެދާނެއެވެ.

ކާރުގެ ދުވެލި މަޑުވެ، މަޑުކޮށްލިއެވެ. އަމީރާ އިސްއުފުލާ ބަލާލިއެވެ. އެއީ ހަނި، އާދަޔާ ހިލާފަށް ހިމޭން މަގެކެވެ.
“މީތަ އެ ތަނަކީ؟” ކާރުން ފައިބަމުން ގާއްޑޭ ވަރަށް އާދައިގެ ގޮތަކަށް އަހާލިއެވެ. އޭނާގެ ރާގު އާދައިގެ ނަމަވެސް، އެއީ ފަރުވާކުޑަވުމެއް ނޫނެވެ.
އަމީރާ މަޑުމަޑުން ކާރުން ފޭބިއެވެ. އަދި އޭނާގެ ދަރިން އޭނާއާ ކައިރިކޮށްލިއެވެ. އޭނާ ވަށައިގެން ހޯދާލިއެވެ. ވިސްނާށެވެ. ރަނގަޅަށް ވިސްނާށެވެ.
“އާނ،” އަޑަށް ބާރުލަމުން އަމީރާ ބުންޏެވެ. “އެ ހުރީ އެތެރޭގަ.”
ގާއްޑޭ އަމީރާއަށް ބަލާލިއެވެ. އެއީ މީހާ ފޫއަޅުވާލާ ފަދަ ތޫނު ބެލުމެކެވެ. އިމްތިހާނުކުރާ ފަދަ ބެލުމެކެވެ.
“ދައްކާ …. ހިނގާ.”

އަމީރާ ހިންދިރުވާލުމަށްފަހު ހިނގައިގަތެވެ. ކޮންމެ ފިޔަވަޅަކާއެކު ހިތުގެ ބިރުވެރިކަން ދިޔައީ އިތުރުވަމުންނެވެ. އޭނާއަށް އެ ތަނެއް ނޭނގެއެވެ. އެ ދޮރުތަކުގެ ފަހަތުގައި ވަނީ ކޮންއެއްޗެއް ކަމެއް ނޭނގެއެވެ. މި ހަދާ ދޮގުތައް ކިހާ ދުވަހަކު ދެމެހެއްޓޭނެ ކަމެއް ވެސް ނޭނގެއެވެ. ނަމަވެސް އޭނާގެ ދަރިންނަށްޓަކައި އެކަން ކުރަންޖެހެއެވެ. ބޭރުގެ ކުލަ ފޮޅި، ދޮރު ދަބަރު ޖަހާފައިވާ ދުވަސްވީ އިމާރާތެއްގެ ކުރިމަތީގައި އޭނާ މަޑުކޮށްލިއެވެ. އެއީ މީހުން ހަނދާން ނެތިފައިވާ ކަހަލަ ތަނެކެވެ. ބަލާބެލުމަށް އެއީ ތެދެއް ކަމަށް ގަބޫލުކުރެވޭ ފަދަ ތަނެކެވެ. އެއް ފަހަރަކު ވަރަށް އަވަސް އަރުވާލާފައި މާޒިން އަމީރާ ގޮވައިން ބާޒާރަށް ދަމުން އައި ކޯލްއަކަށްފަހު މިތަނުން އެއްޗެއް ނަގަން ޖެހިގެން މަޑުކޮށް ފައިލެއް ނެގި ހަނދާން އަމީރާ ވެއެވެ. ސުވާލު ކުރުމުން މާޒިން ބުނީ ސޭފްޓީ ބޮކްސްއެއް އެތާނގައި ހުންނަ ވަހަކައެެވެ.

“މިއީ،” އަމީރާ މަޑުމަޑުން ބުންޏެވެ.
ގާއްޑޭ ވަގުތުން ހަރަކާތެއް ނުކުރެއެވެ. އޭގެ ބަދަލުގައި އޭނާ އަމީރާއާ ވަރަށް ކައިރިވެލިއެވެ. އަދި ނުރައްކާތެރި ހިމޭން ރާގަކަށް ބުންޏެވެ.
“ކަލޭ ތިޔަ ހަދަނީ ދޮގު ކަމަށްވާނަމަ…” އޭނާ ޖުމްލަ ފުރިހަމައެއް ނުކުރެއެވެ. އެކަމަކު އަމީރާއަށް އޭގެ މާނަ ވިސްނުނެވެ. އެއީ ސާފު، ފިނި، އަދި އެންމެ ފަހުގެ އިންޒާރެވެ. އަމީރާގެ އަތުގެ ތެރޭގައި އޮތް މިޝާގެ އަތަށް އޭނާ ބާރުކޮށްލިއެވެ. “އަހަރެން ދޮގެއް ނުހަދަން،” އަމީރާ ބުންޏެވެ. އެ ވަގުތު އޭނާ ބުނި ބަހަކީ ތެދެއް ކަމަށް ހީވާ ފަދައެވެ. ގާއްޑޭ އިރުކޮޅަކު އަމީރާގެ ލޮލަށް ބަލަހައްޓައިގެން ހުރުމަށްފަހު، ބޯޖަހާލިއެވެ.

“ހުޅުވާ.”

އަމީރާގެ ހިތް އޭރު ދިޔައީ ބާރަށް ތެެޅެމުންނެވެ. އެންމެ ނާޒުކު ވަގުތު އައިސް ޖެހުނީއެވެ. އޭނާގެ ހެދުމުގެ ތެރޭގައި ފޮރުވާފައިވާ ތަޅުދަނޑީގައި އޭނާގެ އިނގިލިތައް ޖެހުނެވެ. އެއީ އަސްލު ތަޅުދަނޑިއެވެ. ވެލިރެސްފުށީގެ ތަޅުދަނޑިއެވެ. ނަމަވެސް މިވަގުތު އެ ބޭނުންކުރެވޭކަށް ނެތެވެ. އޭނާ ދޮރަށް ބަލާލިއެވެ. ދޮރުގެ އެއްފަރާތުގައި އޮތީ ބިންދައިގެން ގޮސްފައިވާ ކުޑަ ތަޅެކެވެ. “އަހަރެން.. މި މިހިރީ ހުޅުވާފަ” ގާއްޑޭއަށް އިތުރު ސުވާލެއް ކުރަން ފުރުސަތު ނުދީ އަމީރާ ކުރިއަށް ޖެހިލަމުން ބުންޏެވެ. އޭނާ ދޮރަށް މަޑުމަޑުން ކޮއްޕާލުމާއެކު، ދޮރު ހުޅުވިއްޖެއެވެ. އެތަން ހުރީ ތަޅުނުލައެވެ. އަމީރާ ހިތާހިތުން ޝުކުރުވެރިވިއެވެ. ނަސީބު މިފަހަރު އޭނާއަށް އެހީތެރިވެއްޖެއެވެ.

އެތެރެ އޮތީ އަނދިރިކޮށެވެ. މުޅިތަނުގައި ވަނީ ހިރަފުހެވެ. ބަލާބެލުމަށް އެއީ ހުސް ތަނެކެވެ. ގާއްޑޭ ވަރަށް ސަމާލުވެ ހުރެ އެތެރެއަށް ވަނެވެ. އޭނާގެ ތޫނު ދެލޮލުން ކޮންމެ ދިމާއަކަށް ފަރުވާތެރިކަމާއެކު ބަލަމުންދިޔައެވެ. އަމީރާ ހުރީ ދޮރުމަތީގައެވެ. އޭނާ ދުއާކުރަމުން ދިޔައީ މިކަމުން ގާއްޑޭގެ ސަމާލުކަން އަނބުރާލެވޭތޯއެވެ. ކުޑަ ވަގުތުކޮޅެއް ނަމަވެސް ލިބޭތޯއެވެ. އިރުކޮޅަކުން ގާއްޑޭ އެނބުރި ބަލާލިއެވެ. އޭނާގެ މޫނުމަތިން ފެނުނު އަސަރުތަކުން އަމީރާއަށް ހުރިހާ ކަމެއް ސާފުވިއެވެ. އޭނާއަށް އެކަން ފުރިހަމައަށް ގަބޫލެއް ނުކުރެވެއެވެ.

“އޭނާ ބެހެއްޓި އެއްޗަކީ މިއީތަ؟” ގާއްޑޭ ސުވާލުކުރިއެވެ.
އަމީރާ އަވަސް އަވަހަށް ބޯ ހޫރާލިއެވެ. “ނޫން… މިއީ އޭނާ އެއްޗެހި ބަހައްޓާ އުޅޭ ތަނެއް. ފަހަރެއްގައި… މީގެ ތެރެއިން އެއްޗެހި މިހާރު ގެންގޮސްފައި ހުރެދާނެ…” އަމީރާގެ އަޑުގައި ހުރީ ބިރުވެރިކަމާއި އޮޅުންބޮޅުން ކަމުގެ އަސަރެވެ. އެއީ ހަގީގީ އިހުސާސްތަކެއް ނަމަވެސް، އޭނާ އެ އިހުސާސްތައް ބޭނުންކުރީ އޭނާގެ މަގުސަދު ހާސިލުކުރުމަށެވެ.

ގާއްޑޭ ހިމޭނުން ހުރެ ވިސްނާލިއެވެ. އަދި އަމީރާއާ ކައިރިވެލަމުން ބުންޏެވެ. “ކަލޭ ތިޔައީ ދޮގު ހެދުމަށް ވަރަށް މޮޅު މީހެއް… ނޫނީ ކަލެއަށް ހަމަ އެއްވެސް ކަމެއް ނޭނގެނީ.” އަމީރާ އެއްވެސް ޖަވާބެއް ނުދެއެވެ. އެއިން ކޮންމެ ޖަވާބަކީ ވެސް ނުރައްކާތެރި ޖަވާބެކެވެ.

“މިތަން ބަލާ ފާސްކުރޭ،” ބޭރުގައި ތިބި މީހުންނަށް ގާއްޑޭ އަމުރުކުރިއެވެ. އެމީހުން ވަގުތުން މަސައްކަތް ފެށިއެވެ. ވަތްގަނޑުތަކާއި، ކަނުތަކާއި، ފާރުތައް ބަލަން ފެށިއެވެ. އެތަނުގައި ހަލަބޮލިކަން އުފެދުނެވެ. އަމީރާގެ ވިސްނުން އަވަސްކޮށްލިއެވެ. މިއީ ސަލާމަތްވުން ނޫން ނަމަވެސް، ސަލާމަތާ ގާތަށް އެޅުނު ފިޔަވަޅެކެވެ. ސަބަބަކީ މިހާރު ގާއްޑޭގެ ހިތުގައި ޝައްކު އުފެދިއްޖެއެވެ. އޭނާގެ ކޮންޓްރޯލް ގެއްލެން ފެށީއެވެ.

އެކި ދިމަދިމާލުން އިވެމުންދިޔަ އަޑުގަދަ އަޑުފަށްގަނޑު މަޑުމަޑުން މައިތިރިވާން ފެށިއެވެ. ކަބަޑުތަކުގެ ވަތްގަނޑުތައް ހުރީ ހުޅުވިފައެވެ. ކޮޓަރިތެރޭގައި ހިރަފުސްއަރާފައި ހުރި ތަކެތި ވަނީ ހާވާލެވިފައެވެ. ނަމަވެސް، އެމީހުން ހޯދަން އުޅުނު އެއްވެސް އެއްޗެއް ނުފެނުނެވެ. އެކަކަށްފަހު އަނެކަކު ހޯދުން ހުއްޓާލައި، ކޮޓަރިތެރެއަށް ނޭވާލާން އުނދަގޫވާ ފަދަ ބަރު ހަމަހިމޭންކަމެއް ވެރިވިއެވެ.

އަމީރާ އޭނާގެ ގާތުގައި ދަރިން ބައިތިއްބައިގެން، އެއްވެސް އަސަރެއް ނެތް މޫނަކާއެކު ހުއްޓި ހުއްޓެވެ. ނަމަވެސް އޭނާގެ ސިކުނޑީގައި ހާސްކަމުގެ ރާޅުތައް ދިޔައީ ބާރުމިނުގައި ދައުރުވަމުންނެވެ. މި ހަމަހިމޭންކަން މާ ބޮޑެވެ. އަދި މިކަން ނިމުނުލެއް މާ އަވަހެވެ. ކޮންމެވެސް ނުރައްކާތެރި ކަމެއް ވާން އުޅޭކަމުގެ އިހުސާސް އޭނާއަށް ކުރެވެމުންދިޔައެވެ. “މަ ބުނީ ރަނގަޅަށް ބަލާށޭ،” ގާއްޑޭގެ އަޑު އެ ހަމަހިމޭންކަން ފޫއަޅުވާލިއެވެ. އެއީ ފިނި، ކޮންޓްރޯލް ކުރެވިފައިވާ، އަދި ބިރުވެރި މައިތިރިކަމެއް އެކުލެވިގެންވާ އަޑެކެވެ.

“އަހަރެމެން ބަލައިފިން،” އެތަނުން އެކަކު ޖަވާބުދިނެވެ. “މިތާކު އެއްވެސް އެއްޗެއް ނެތް.”

ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު، ގާއްޑޭ ބުންޏެވެ. “ނިކުމޭ!”

އެއީ ވަރަށް ހަރުކަށި، އަދި އެންމެ ފަހުގެ ނިންމުމެވެ. އެމީހުން ސިކުންތުކޮޅަކަށް މަޑުޖެހިލުމަށްފަހު، އޭނާގެ އަމުރަށް ކިޔަމަންވެ ބޭރަށް ނިކުތެވެ. ދޮރު ލެއްޕުމާއެކު، އެތަނުގައި ތިބީ ހަމައެކަނި އަމީރާއާއި، އޭނާގެ ދަރިންނާއި، އަދި ގާއްޑޭއެވެ. އަމީރާގެ ހިތުގެ ތެޅުން އަވަސްވިއެވެ. މިއީ އަސްލު އިމްތިހާނެވެ. “މާވިން… މީޝާ،” އޭނާ މަޑުމަޑުން ދަރިންގެ ކަންފަތްދޮށުގައި ބުންޏެވެ. “ޑޯންޓް ސްޕީކް”

ގާއްޑޭ ލަސްލަހުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އަޅަމުން އައިސް، އަމީރާގެ ސީދާ ކުރިމަތީގައި ހުއްޓުނެވެ. އޭނާ ހުރީ އަމީރާއާ އެހާވެސް ގާތުގައެވެ. “ކަލޭ ތިޔަ ހެދީ ދޮގު،” އޭނާ ބުންޏެވެ. އެއީ ސުވާލެއް ނޫނެވެ. އެއީ އޭނާއަށް ޔަގީންވެފައިވާ ކަމެކެވެ.

އަމީރާ ވަގުތުން ބޯހޫލާލިއެވެ. އެއާއެކު ގާއްޑޭ އޭނާގެ އަތުން އަމީރާގެ ކައިރީގައި ހުރި ފާރުގައި ބާރަށް ޖެހިއެވެ. އެ އަޑު މުޅި ކޮޓަރިތެރޭގައި ގުގުމައިގެން ދިޔުމުން، ބިރުން ގޮސް މީޝާ އަމީރާގެ ގައިގައި ބާރަށް ބައްދާލިއެވެ. މާވިންގެ ހަށިގަނޑަށް ބާރުކޮށްލި ނަމަވެސް އޭނާ ހުރީ ހިމޭނުންނެވެ. އެއީ އޭނާގެ ހިތްވަރުގަދަކަމެވެ. ގާއްޑޭ އަމީރާއާ ކުޑަކޮށް ގާތްވެލަމުން މަޑުމަޑުން ބުންޏެވެ. “މަ ކަލެއަށް އެއް ފުރުސަތު ދިނިން.”
އަމީރާގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުންދިޔަ ނަމަވެސް، އޭނާ ގާއްޑޭގެ ލޮލަށް ސީދާ ބަލަހައްޓައިގެން ހުއްޓެވެ. “އަހަރެން ދޮގެއް ނަހަދަން،” އޭނާ ބުންޏެވެ. އޭނާގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ. “އަހަންނަށް އެނގޭ މިންވަރަކުން ހުރިހާ ވާހަކައެއް ކިޔައިދީފިން.”
ގާއްޑޭގެ ފުން އަދި ހަރުކަށި ދެލޮލުން އަމީރާގެ މޫނަށް ބަލަމުންދިޔައީ، އޭނާގެ ހިތުގެ އަޑިން ހަގީގަތް ދަމައިގަންނަން އުޅޭ ފަދައަކުންނެވެ. ވަގުތުތައް ބަރުވެ، ހިނދުކޮޅެއް ފާއިތުވެގެން ދިޔައެވެ. ދެން ކުއްލިއަކަށް އޭނާ ފަހަތަށް ޖެހިލިއެވެ.

ގާއްޑޭ އޭނާގެ ބޯހާވާލަމުން ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަން ފެށިއެވެ. އޭނާ ދިޔައީ ކޮންމެވެސް ކަމަކާ ފުންކޮށް ވިސްނަމުންނެވެ. އޭނާގެ ހިތުގައި ޝައްކު އުފެދުމަކީ އަމީރާއަށް ލިބުނު ކާމިޔާބީއެކެވެ. ސަބަބަކީ ޝައްކު އުފެދުމުން ކަންކަން ނިންމަން ވަގުތު ނަގާނެތީއެވެ. އަދި އެ ލިބޭ ވަގުތަކީ އަމީރާއަށް ލިބޭ ފުރުސަތެކެވެ. “ކަލެއަކީ ތިޔަފަދަ ކުޅިވަރުތައް ކުޅެން ދަންނަ މީހެއްގެ ސިފައެއް ނުޖަހާ،” އަމީރާއަށްވުރެ ބޮޑަށް އަމިއްލަ ނަފްސަށް އިވޭވަރަށް ގާއްޑޭ ބުންޏެވެ. “މިކަހަލަ ގޭމު ކުޅޭކަށް ވަގުތެއް ނެތް، ދެން ލޮލަކަށް ލޮލެއް!” ދެން އޭނާ ހުއްޓި، އަނެއްކާވެސް އަމީރާއާ ދިމާލަށް އެނބުރުނެވެ. “ފަހަރަކު އިނގިޔެއް.. ދަރިއެއް!” ގާއްޑޭ ވަރަށް ބާރަށް އަޑުގަދަކޮށް ބުންޏެވެ. އަމީރާގެ ދެލޯ ބޮޑުވެ ބިރުވެރިކަން އިނތިހާއަށް އިތުރުވިއެވެ. “މީގެ މާނައަކީ ދެކަމުން އެއްކަން. ނޫނީ ކަލޭ ތިޔަ ބުނަނީ ތެދު… ނޫނީ ކަލޭ ތިޔަ ފޮރުވަނީ މަރުވާން ޖެހުނަސް ހެޔޮވަރުގެ ބޮޑު ސިއްރެއް.”

އަމީރާގެ އަތްތިލަ މުށްކަވައިލެވުނެވެ. ނަމަވެސް އޭނާ އެއްވެސް އަސަރެއް ފާޅެއް ނުކުރެއެވެ. ސަބަބަކީ ގާއްޑޭ އެހުރީ ހަގީގަތާ ވަރަށް ގާތްވެފައި ކަމަށްވާތީއެވެ. ގާއްޑޭ ކުޑަވަގުތުކޮޅަކަށް ކުދިންނަށް ބަލާލުމަށްފަހު އަނެއްކާވެސް އަމީރާގެ މޫނަށް ބަލާލިއެވެ. “އަދި އެއީ ދެވަނަ ކަންތައް ކަމަށްވާނަމަ،” އޭނާ މަޑުމަޑުން އިތުރުކޮށްލިއެވެ. “އެކަން ސިއްރުކޮށްގެން ކަލެއަކަށް މާގިނަ ދުވަހަކު ސަލާމަތެއް ނުވެވޭނެ.” އެ ބަސްތައް އަމީރާގެ ކަންފަތުގައި ބަރުކޮށް ހަރުލިއެވެ. އަމީރާ އަވަސް އަވަހަށް ހިނދިރުވައިލިއެވެ. އެކަމަކުވެސް އޭނާ އެއްޗެކޭ ނުބުނެއެވެ. ސަބަބަކީ ނުބައި ބަހެއް ބުނުމަށްވުރެ ހަނުހުރުން މާ ރައްކާތެރިވާނެތީއެވެ.

ގިނަވަގުތުތަކެއް ފާއިތުވެދިޔުމަށްފަހު، ގާއްޑޭ ފުން ނޭވާއެއް ދޫކޮށްލިއެވެ. “މި މީހުން ގެންދޭ،” ދޮރު ހުޅުވާލަމުން އޭނާ އަމުރުކުރިއެވެ. ވަގުތުން އެމީހުން އެތެރެއަށް ވަނެވެ. އަމީރާގެ ހިތް މާޔޫސްވިއެވެ. “ގެންދާށޭ؟” ކޮންތާކަށް ހެއްޔެވެ؟ އޭނާ އުންމީދު ކުރި ގޮތަކީ މިއެއް ނޫނެވެ. އޭނާ ވަގުތު ހޯދި ނަމަވެސް، އެއީ ފުދޭވަރެއް ނޫނެވެ.

ހަނި މަގުތަކުގެ ތެރެއިން އެމީހުން ގެންދިޔައިރު، އަމީރާ އޭނާގެ ދަރިންގެ އަތުގައި ކުރިއަށްވުރެ ބާރަށް ހިފަހައްޓާލިއެވެ. އޭނާގެ ސިކުނޑި މިހާރު ކުރިއަށްވުރެ ސާފެވެ. މިގޮތަށް ދެން ސަލާމަތެއް ނުވެވޭނެއެވެ. ދެން ފަހަރަކުން ގާއްޑޭ މަޑެއް ނުކުރާނެއެވެ. އޭނާ އަމީރާގެ ހިތްވަރު ބަންޑުންކޮށްލާނެއެވެ.

އަމީރާ ފޮރުވާފައިވާ ތަޅުދަނޑީގައި އޭނާގެ އަތް ޖައްސާލިއެއެވެ. އެ އަދިވެސް އެބައޮތެވެ. އެއްވެސް މީހަކަށް ނުފެނިއެވެ. އެއީ އެ ރަށަށް ދާން އޮތް މަގެވެ. އަމީރާގެ ދަތްކުނޑި ވިކާލިއެވެ. ސަލާމަތްވާން އުޅޭނަމަ، އެކަން ކުރަންވީ ވަރަށް އަވަހަށެވެ. ގާއްޑޭގެ ޝައްކުތައް ޔަގީނަށް ބަދަލުވުމުގެ ކުރިންނެވެ. ސަބަބަކީ އެއްފަހަރު ގާއްޑޭއަށް ހަގީގަތް އެނގިއްޖެނަމަ، ދެން އިތުރު ފުރުސަތެއް ނުލިބޭނެތީއެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top