ނުރައްކާތެރި ޚިޔާލެއް
މިފަދަ ތަނަކުން މީހަކު ކުއްލިއަކަށް ގެއްލިގެންދާނީ ކިހިނެއް ހެއްޔެވެ؟ އެ ސުވާލު އަމީރާގެ ހިތަށް ބަރުވަމުން ދިޔައެވެ. މިއީ ދިވެހިރާއްޖެއެވެ. މިއީ ގޮތް ނޭނގޭ ބޮޑު ޤައުމެއް ނޫނެވެ. މިއީ މީހަކު ވީނުވީއެއް ނޭނގި، އެއްވެސް ނިޝާނެއް ނެތި ގެއްލިގެންދާނެ ފަދަ ތަނެއް ނޫނެވެ. ޚާއްޞަކޮށް މާލޭގައެވެ. ކޮންމެ މީހަކީވެސް ކޮންމެވެސް މީހަކު ދަންނަ މީހެކެވެ. ނުވަތަ ދަންނަ މީހެއްގެ ރައްޓެއްސެކެވެ. އާއިލާ މީހެއް ނުވަތަ އަވަށްޓެރިއެކެވެ. ކޮންމެ ދިމާލަކުންވެސް ގުޅުންތައް ގުޅިފައިވެއެވެ. އެހެންވީއިރު އޭނާއާއި އޭނާގެ ދަރިން އެވަނީ ވަގަށް ނަގާފައެވެ. ފަހަރަކު ތަނަކުން ތަނަކަށް ބަދަލުކޮށްފައެވެ. ފޮރުވާފައެވެ. އެއީ އެއްވެސް ބަޔަކު ނޫން ކަމަށް ބަލާފައެވެ. އެމީހުންގެ އެއްވެސް ވުޖޫދެއް ނެތް ފަދައިންނެވެ. އޭނާގެ ކަރު ބެދި، ނޭވާލާން އުނދަގޫވިއެވެ. އެއްވެސް މީހަކު އަޅާނުލަނީ ހެއްޔެވެ؟
އެ ސުވާލުގެ ޖަވާބު ވަރަށް އަވަހަށް ލިބުނެވެ. ހިތްދަތި، ހަޤީޤީ ޖަވާބެކެވެ. ނޫނެކެވެ. މީހުންނަށް ކަންކަން އެނގޭތީއެވެ. ބުއްދި ސަލާމަތުން ހުރި އެއްވެސް މީހަކު މިފަދަ ކަމެއްގެ ތެރެއަށް ބޭނެން ބޭނުމެއް ނުވާނެއެވެ. ގޭންގުތަކެވެ. ސިޔާސީ ކަންކަމެވެ. މީހުން ދިރުވާލާ ފަދަ އަނދިރިކަމެކެވެ. ކުރިންވެސް އޭނާ އެ ވާހަކަ އަޑުއެހިއެވެ. ގޭންގުތަކާއި، ބާރާއި، ކޮރަޕްޝަންގެ ވަކިތަކުގެ ތެރެއަށް ދިއުމަށްވުރެ، އެކަނި ހާލުގައި އުޅެ، ބަނޑަށް ޖެހި މަރުވިޔަސް މާ ރަނގަޅުވާނެކަމެވެ. މިހާރު އޭނާއަށް އެކަން ވިސްނިއްޖެއެވެ. އެއްފަހަރު އެދަލުގައި ޖެހިއްޖެނަމަ ސަލާމަތްވެގެން ނުކުމެވޭނެ އެއްވެސް ސާފު މަގެއް ނެތެވެ.
އަމީރާ އޭނާގެ ދެއަތަށް ބަލާލިއެވެ. އިނގިލިތަކުގައި އަދިވެސް ހުރި މަޑު ތުރުތުރުލުމަށް ބަލާލިއެވެ. އޭނާއަކީ އެއްވެސް ބާރެއް ނެތް އާދައިގެ މީހެކެވެ. އޭނާގެ ޙައްޤުގައި ހަނގުރާމަކޮށްދޭނެ އާއިލާއެއް ނެތެވެ. މީހުންގެ މެދުގައި ބުރަދަނެއް ހުރި ނަމެއް ނެތެވެ. އެމީހުންނަށް އޭނާ ނައްތާލެވިދާނެއެވެ. އޭނާގެ ދަރިންވެސްމެއެވެ. ވަޅުލާފާނެއެވެ. ކަނޑަށް ފައްތާލާފާނެއެވެ. އަދި ދުނިޔެ އޭގެ ދުވެލީގައި ކުރިއަށްދާނެއެވެ. އެއްވެސް މީހެއްގެ ސަމާލުކަމެއް ނުލިބިއެވެ. އެއްވެސް ސުވާލެއް ނެތިއެވެ. އެއްވެސް ހިތާމައެއް ނެތިއެވެ. އޭނާގެ ހިތަށް ބާރުވިއެވެ. ނޫނެކެވެ. އެފަދަ ނިމުމަކަށް އޭނާ އިންކާރު ކުރެއެވެ. އޭނާގެ ހެދުމުގެ ތެރޭގައި ފޮރުވާފައިވާ ކުޑަ ރިހި ކުލައިގެ ތަޅުދަނޑީގައި މަޑުމަޑުން ހިފާލިއެވެ. މި ތަޅުދަނޑިން ހުޅުވައިދޭ ކޮންމެ އެއްޗަކީވެސް ވަރަށް މުހިންމު އެއްޗެކެވެ. އޭނާގެ ފިރިމީހާގެ ފުރާނަ ދާންޖެހުނުހާ މުހިންމު އެއްޗެކެވެ. ގާއްޑެ ފަދަ މީހުން އޭނާގެ ފަހަތުން އަޅުވާލާހާ މުހިންމު އެއްޗެކެވެ. އޭނާގެ ދިރިއުޅުން މިފަދަ ބިރުވެރި ހުވަފެނަކަށް ބަދަލުކޮށްލާހާ މުހިންމު އެއްޗެކެވެ. އަމީރާ ފުން ނޭވާއެއްލިއެވެ. ހަމަޖެހިލިއެވެ. އަދި ހިތާހިތުން ވަޢުދެއް ވިއެވެ. އަހަރެން އޭނާއަށްވުރެ ސިކުނޑި ބޭނުންކުރާނަމެވެ. އެމީހުންގެ ގޮތްތައް ދަސްކުރާނަމެވެ. މިކަމުން އަހަރެން ސަލާމަތްވާނަމެވެ. ބާރުގެ ބޭނުންކޮށްގެންނެއް ނޫނެވެ. ނުފޫޒަކުންނެއްވެސް ނޫނެވެ. ނަމަވެސް ވިސްނުންތެރިކަމާއެކުގައެވެ. ކެތްތެރިކަމާއެކުގައެވެ. އެމީހުން އުންމީދު ނުކުރާ ފަދަ މީހަކަށް ވެގެންނެވެ. ވިސްނުމުގެ ތެރެއަށް ގެއްލިފައި ހުރިއިރު، އޭނާގެ ދެލޯ ކުޑަކޮށް އަނދިރިވިއެވެ. ދެން ނުރައްކާތެރި ޚިޔާލެއް އޭނާގެ ސިކުނޑިއަށް ވަނެވެ. ލަސްލަހުންނެވެ. ހާސްކުރުވާ ފަދަ ޚިޔާލެކެވެ. ނަމަވެސް އެއީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ.
ގާއްޑެއެވެ.
އޭނާ އަމީރާއަށް ބަލާ ގޮތެވެ.
އޭނާގެ ކޮންޓްރޯލް ކުޑަ ހިނދުކޮޅަކަށް ނަމަވެސް ގެއްލޭ ގޮތެވެ.
އެއީ އެއްވެސް މާނައެއް ނެތް ކަމެއް ނޫނެވެ. އެއީ ބަލިކަށިކަމެކެވެ. ބޭނުން ކުރެވިދާނެ ހަތިޔާރެކެވެ. އަމީރާގެ ނޭވާ ހަމައަކަށް އެޅުނެވެ. މަޑުމަޑުންނެވެ. އޭނާއަށް އެކަމުގެ ބޭނުން ހިފިދާނެ ހެއްޔެވެ؟ އެ ޚިޔާލުން އޭނާގެ ހިތް ނުތަނަވަސްވިއެވެ. އުނދަގޫވިއެވެ. ފިތުރަތާ ޚިލާފު ކަމެއް ފަދައެވެ. ނަމަވެސް ސަލާމަތްތެރިކަން ލިބެނީ ހަމައެކަނި ސާފު މަގަކުންނެއް ނޫނެވެ. އެކަން ހާސިލުވަނީ އިޚްތިޔާރު ކުރަންޖެހޭ ކަންތައްތަކަކުންނެވެ. އުނދަގޫ ކަންތައްތަކަކުންނެވެ. އޭނާ ދުވަހަކުވެސް ކުރަން އުންމީދު ނުކުރާ ފަދަ ކަންތައްތަކެކެވެ.
“އޭނާ ބޭނުންވަނީ ކޮންޓްރޯލް ކުރަން.” އޭނާ މަޑުމަޑުން އަމިއްލަ ނަފްސަށް ބުންޏެވެ. “ހަމައެކަނި ޖަވާބުތަކެއް ހޯދާކަށް ނޫން.” އޭނާގެ ސިކުނޑި މިހާރު ވަރަށް ހަލުވިކޮށް މަސައްކަތް ކުރަމުންދެއެވެ. އޭނާގެ ސަމާލުކަން ހޯދިއްޖެނަމަ އޭނާގެ ވިސްނުން އެހެން ދިމާލަކަށް އަނބުރާލެވިއްޖެނަމަ، އޭނާ ޝައްކެއްގެ ތެރޭގައި ބެހެއްޓިއްޖެނަމަ، އޭރުން އަމީރާއަށް ވަގުތު ލިބޭނެއެވެ. ޖާގަ ލިބޭނެއެވެ. ފުރުޞަތު ލިބޭނެއެވެ. ނަމަވެސް އެއީ ނުރައްކާތެރި ކުޅިވަރެކެވެ. ކުޑަވެސް ކުށެއް ކުރެވިއްޖެނަމަ އޭނާގެ ހުރިހާ އެއްޗެއް ގެއްލިދާނެއެވެ. އަމީރާ ކުޑަ ހިނދުކޮޅަކަށް ލޯ މަރާލިއެވެ. ހިތްވަރު އާކުރަމުންނެވެ. މިއީ މިހާރު އަމިއްލަ ފަޚުރާ ބެހޭ ކަމެއް ނޫނެވެ. ނުވަތަ އަރާމާއި އުފަލާ ބެހޭ ކަމެއްވެސް ނޫނެވެ. ނުވަތަ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލާ ކަމެއްވެސް ނޫނެވެ. މިއީ ސަލާމަތްވުމާ ބެހޭ ކަމެކެވެ. އޭނާގެ ދަރިންނެވެ. އެކުދިންގެ މުސްތަޤުބަލެވެ. އޭނާ އަލުން ލޯ ހުޅުވާލިއެވެ. ލޮލުން ފެންނަނީ ސާފުކަމާއި ސަމާލުކަމެވެ. ސާބިތުކަމެވެ.
“އަހަރެން ހިތު ހުރި ގޮތެއް ހެދިޔަކަ ނުދޭނަން.” އޭނާ މަޑުމަޑުން ބުންޏެވެ. އަދި ގާއްޑޭގެ ދުނިޔެއަށް ވަންނަން ޖެހުނަސް އޭނާގެ އުސޫލުތަކުން ކުޅެން ޖެހުނަސް އަދި އޭނާގެ އަމިއްލަ ބަލިކަށިކަން އޭނާއާ ދެކޮޅަށް ބޭނުންކުރަން ޖެހުނަސް އެކަން ކުރަން އޭނާ ތައްޔާރެވެ.
އަނެއްކާވެސް ދޮރު ހުޅުވުނުއިރު، އަމީރާ އިނީ ގޮތެއް ނިންމައިގެންނެވެ. ދެން ބިރުގަނެ ހާސްވުމެއް ނެތެވެ. އަދި ކަންކަމާ ކުރިމަތިލުމުގައި ހަމައެކަނި ރައްދުދިނުމެއްވެސް ނެތެވެ. މީގެ ފަހުން އޭނާ ކަންކަން ކުރާނީ ރޭވުންތެރިކަމާއެކުގައެވެ. ގާއްޑެ ކޮޓަރިއަށް ވަދެގެން އައެވެ. އޭނާގެ ހަރުކަށިކަމުން މުޅި މާހައުލު ބަދަލުކޮށްލިއެވެ. އެއީ ހަމަ އެ ތޫނު ދެލޮލެވެ. އެ ސިއްރުވެރި މޫނުމަތީގެ އަސަރުތަކެވެ. ނަމަވެސް މިފަހަރު އަމީރާ އިސްއުފުލައި ބަލައިލިއެވެ. އިސްޖަހައެއް ނުލިއެވެ. އޭނާ މަޑުމަޑުން ކޮޅަށް ތެދުވިއެވެ. ހަމަޖެހިލައިގެންނެވެ. ކެރިގެންނެވެ. އޭނާގެ މި ބަދަލު ފެނިފައި ގާއްޑެއަށް މަޑުޖެހިލެވުނެވެ.
“ދެން ކިހިނެއްވީ؟” އަމީރާ މަޑުމައިތިރިކަމާއެކު އަހާލިއެވެ. އޭނާގެ އަޑުގައި އެއްވެސް ބިރުވެރިކަމެއް ނެތެވެ. ޖެހިލުންވުމެއް ނެތެވެ. އޮތީ ހަމައެކަނި އަމިއްލަ ނަފްސުގެ މައްޗަށް އޮތް ކޮންޓްރޯލެވެ. ގާއްޑެ އޭނާގެ ލޯ ހަނިކޮށްލިއެވެ. ކޮންމެވެސް ބަދަލެއް އަތުވެއްޖެކަން އޭނާއަށް އިހުސާސް ކުރެވުނެވެ.
“އެކަން ބުނަންވީ ކަލޭ.” ގާއްޑެ ޖަވާބުދިނެވެ. “މަގޭ ވަގުތު ބޭކާރުކުރުން ހުއްޓާލަން ކަލޭ ތިހުރީ ތައްޔާރަށްތަ؟”
އަމީރާ ފިޔަވަޅެއް ކުރިއަށް ޖެހިލިއެވެ. މާ ބޮޑަކަށް ނޫނެވެ. ނަމަވެސް އެއީ އޭނާގެ ކެރުން ދައްކައިދިނުމަށެވެ. “އަހަރެން މި ބުނީ ހަޤީޤަތް.” އޭނާ ބުންޏެވެ. “އެކަމަކު ކަލޭ އަހަރެންގެ ވާހަކައެއް ޤަބޫލެއް ނުކުރާނެ.” މަޑުޖެހިލުމަކަށްފަހު، ކުރިއަށްވުރެ މަޑުމައިތިރި އަޑަކުން އޭނާ ބުންޏެވެ. “އަހަންނާއި އަހަރެންގެ ދަރިން ސަލާމަތްކުރެވޭނެ އެއްޗެއް އަހަންނަށް އެނގޭނަމަ.. އެވާހަކަ ކަލޭ ގާތު ނުބުނެ ހުންނާނެ ކަމަށް ހީވޭތަ؟”
މިފަހަރު އޭނާގެ އަޑަކުން އެއްވެސް ނުކުޅެދުންތެރިކަމެއް ނުފެނެއެވެ. އޭގައި ހުރީ ހަރުދަނާކަމެވެ. ހަމަޖެހުމެވެ. ތެދުވެރިކަމެވެ.
ގާއްޑެ ވަރަށް ފަރުވާތެރިކަމާއެކު އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. ކޮންމެ ބަހަކަށެވެ. މޫނުމަތީގެ ކޮންމެ އަސަރަކަށެވެ. އޭނާ ދޮގުހަދާތޯ ބަލަމުންނެވެ. ނަމަވެސް އަމީރާ ހުރީ ސާބިތުކަންމަތީގައެވެ. ދެން، ކުޑަ ހިނދުކޮޅަކަށް އޭނާ އިސްޖަހާލިއެވެ. އެއީ ބަލިކަށިކަމަކުންނެއް ނޫނެވެ. އެއީ ވިސްނުންތެރިކަމާއެކުގައެވެ.
“އަހަންނަށް މި ދުނިޔެއެއް ނޭނގެ.” އޭނާ މަޑުމަޑުން ބުންޏެވެ. “އެކަމަކު އަހަރެން މިއީ މޮޔައެއްވެސް ނޫން.” ގާއްޑެގެ ޝައުގުވެރިކަން އުފެދުނެވެ. ކަރުހިއްކައިގަނެފައި ހުރި މީހެއްހެން އޭނާގެ ނަޒަރު މިހާރު ހުރީ އަމީރާގެ ހަށިގަނޑަށެވެ. އޭނާގެ ތުންފަތަށެވެ. ކޮނޑުމަތީ އޮތް އިސްތަށިގަނޑަށެވެ.
އަމީރާ އަނެއްކާވެސް އިސްއުފުލާ ބަލައިލިއެވެ. “ކަލޭ ތި ހީކުރަނީ އަހަރެން ކަމެއް ފޮރުވަނީ ކަމަށް.” އޭނާ ބުންޏެވެ.
“އެންމެ ރަނގަޅު.” ވަގުތުކޮޅަކަށްފަހު އޭނާ ބުންޏެވެ.
“އެހެންވީއިރު، ބޭނުމެއް ނެތް މީހެއްގެ ގޮތުގައި އަހަންނާ ދޭތެރޭ ކަންތައް ނުކުރޭ.” މުޅި ތަނަށް ހިމޭންކަން ވެރިވިއެވެ. އެ ބަސްތައް ގާއްޑެގެ ހިތަށް ވަނެވެ. ގާއްޑެގެ މޫނުމަތީގެ އަސަރު ކުޑަކޮށް ބަދަލުވިއެވެ. އެއީ ރުޅިވެރިކަމެއް ނޫނެވެ. އަދި އޯގާތެރިކަމެއްވެސް ނޫނެވެ. އެއީ އެ ދެމެދުގެ ކޮންމެވެސް އެހެން އަސަރެކެވެ.
“ކަލޭ ބޭނުންވަނީ އަހަރެންގެ މީހަކަށް ވެ ހުރެ އެހީތެރިވާންތަ؟” އޭނާ އަހާލިއެވެ. އަމީރާ މަޑުމަޑުން ބޯޖަހާލިއެވެ. “އާނ.” އަނެއްކާވެސް ހިމޭންކަމުގެ ވަގުތުކޮޅެއް ދިޔައެވެ. މިފަހަރު މާ ބޮޑަށެވެ. ދެން ގާއްޑެ އޭނާއާ ގާތަށް ޖެހިލިއެވެ. ހަރުކަށިކަމާއެކުގައެއް ނޫނެވެ. ނަމަވެސް މަޤުސަދަކާ އެކުގައެވެ. “ކަލޭ ތި އެދޭ ކަމެއްގެ ނުރައްކަލެއް ކަލެއަކަށް ނޭނގެ.” އޭނާ ބުންޏެވެ.
އަމީރާ ސީދާ އޭނާގެ ލޮލަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ. “އަހަންނަށް އެނގެންޖެހޭ މިންވަރަށް އެނގޭ.” ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އެއީ ބަހެއް ނެތް ހަނގުރާމައެކެވެ. ހަޅޭއްލެވުމެއް ނެތެވެ. ބާރުގެ ބޭނުންކުރުމެއް ނެތެވެ. އޮތީ ހަމައެކަނި ދެމެދުގައިވާ ނުތަނަވަސްކަމެވެ. ދެން އަމީރާ ކުޑަ ނަމަވެސް މުހިންމު ކަމެއް ކުރިއެވެ. އޭނާ ފަހަތަކަށް ނުޖެހުނެވެ. ޖެހިލުމެއް ނުވިއެވެ. ސާބިތުކަމާއެކު ހުރީއެވެ. އެއީ މުޅިން އާ ކަމެކެވެ. ގާއްޑެއަށް އެކަން ފާހަގަވިއެވެ. އޭނާގެ އަޑު ކުޑަކޮށް މަޑުވިއެވެ.
“ސަމާލުވޭ.” އޭނާ ބުންޏެވެ. “މިއީ ވަދެފައި ފަސޭހައިން ނުކުމެވޭނެ ތަނެއް ނޫން. އަދި އަހަރެން.. އަހަރެންގެ މީހުން ފަސޭހައިން ދޫ ނުކޮށްލަން.”
އަމީރާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ނަމަވެސް އެކަން ދައްކައެއް ނުލައެވެ. “އަހަރެން މިހާރުވެސް މިހިރީ މީގެ ތެރޭގައި، ކަލޭ ގާތުގައި، އަތް ޖެހޭ ހިސާބުގައި.” އަމީރާ ޖަވާބުދިނެވެ. ބަރުދަން ހުރި ހިމޭންކަމެއް މާހައުލުގައި އޮތެވެ. އެއީ ހަޤީޤަތެވެ. އަދި އެކަން ދެމީހުންނަށްވެސް އެނގެއެވެ.
ގާއްޑެ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ފަސް އެނބުރި ހިނގައިގަތެވެ. އޭނާ ވިސްނަނީއެވެ. ކަންކަން އަލުން ވަޒަންކުރަނީއެވެ. އޭނާ އަލުން ވާހަކަ ދެއްކިއިރު، އަޑުގެ ރާގު ވަނީ ބަދަލުވެފައެވެ.
“ތައްޔާރުވޭ. ހިނގާ.” އޭނާ ބުންޏެވެ. “ކަލޭ ހުންނަން ޖެހޭނީ މަގޭ ގާތުގައި.”
އަމީރާގެ ބަނޑަށް ފިނިވެލިއެވެ. މިއީ ފެށުމެވެ. ފުރަތަމަ މަރުހަލާ ކާމިޔާބުވަނީއެވެ. “ކޮންތާކަށް؟” އަމީރާ ފަރުވާތެރިކަމާއެކު އަހާލިއެވެ. ގާއްޑެ އޭނާއަށް ބަލައިލިއެވެ. ކުޑަ ހިނދުކޮޅަކަށްފަހު ބުންޏެވެ. “ތި ކުޅެން އުޅޭ ނުރައްކާތެރި ގޭމު ކުޅެން. ކަންކަން ރަނގަޅުކުރަން.” އަމީރާގެ ވިންދު އަވަސްވިއެވެ. ގާއްޑެ އަދިވެސް އޭނާގެ މި ބަދަލު ޤަބޫލެއް ނުކުރެއެވެ. ނަމަވެސް މުޅިއަކުން ނޫނެވެ. އެންމެ ރަނގަޅެވެ. އޭނާއަށް އެގޮތަށް ހީކުރަން ދޫކޮށްލާށެވެ.
“ކައިރީގައި ހުންނާތި!” އޭނާ އިތުރުކޮށްލިއެވެ. “އަދި އެއްވެސް ކަމެއް ކުރަން ނޫޅޭތި!” އަމީރާ ބޯޖަހާލިއެވެ. ކިޔަމަންތެރިކަމާއެކުގައެވެ. ނަމަވެސް ބަލިކަށިކަމެއް ނެތިއެވެ. ގާއްޑެ ނުކުމެގެން ދިޔުމުން އަމީރާ އޭނާގެ ފަހަތުން ހިނގައިގަތެވެ. ކޮންމެ ފިޔަވަޅެއް އެޅީ ވަރަށް ބަލައިގެންނެވެ. ވިސްނުން ހުރީ ތޫނުކޮށްލައިގެންނެވެ. މިހާރު އޭނާ މިކުރާ ކަމަކީ ހަމައެކަނި ސަލާމަތްވުމެއް ނޫނެވެ. އޭނާ މިވަނީ މި ނުރައްކާތެރި ކުޅިވަރުގެ ތެރެއަށް ވަދެފައެވެ. އަދި ގާއްޑެއަށް ނޭނގި ނަމަވެސް، އޭނާގެ ފުރަތަމަ ކުށް ކުރެވިއްޖެއެވެ. އެއީ އަމީރާ އެ ދުނިޔެއަށް ވެއްދުމެވެ.
ބޭރަށް ނުކުމެވުމާއެކު މާލޭގެ ހަލަބޮލިކަމުގެ އަޑުތައް އަނެއްކާވެސް އިވެން ފެށިއެވެ. މީހުންތައް އަވަސް އަރުވާލާފައި އުޅެއެވެ. އެއްވެސް ކަމެއް ނޭނގި، އާދައިގެ ދިރިއުޅުމެއްގައެވެ. ނަމަވެސް އަމީރާ ދެން އެ ދުނިޔޭގެ މީހަކަށް ނުވާނެއެވެ. އަދި މިހާރު އޭނާއަށް އާ ކަމެއް ދަސްވެއްޖެއެވެ. ފުރުސަތެއް ލިބިޖެއްއެވެ. ފަސޭހައިން ކަންކަމަށް ވާސިލްވާނެ ގޮތެކެވެ. އަދި ގާއްޑެގެ ސަމާލުކަން އޭނާއަށް ލިބިއްޖެއެވެ. އެއީ ދެމީހުންނަށްވެސް އޮތް ނުރައްކަލެއް ކަމުގައިވިޔަސްމެއެވެ.
(ނުނިމޭ)
