މިހާރު ކުރިއަށްދާ އެފްއޭކަޕް 2026 ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ވިކްޓަރީން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 3 ލަނޑު ޖަހައި ޓީސީ ސްޕޯރޓްސް ކުލަބު ސެމީ ފައިނަލުގެ ތިން ވަނަ ޖާގަ ހޯދައިފިއެވެ.
މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވިކްޓްރީއަށް ޖަހައިދިނީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ވިކްޓަރީގެ ކުޅުންތެރިން މަތިމަތިން ކުރިޔަށް ފޮނުވާލި ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ޓީސީގެ ޑިފެންޑަރެއްގެ ބޮލުގައި ޖެހިފައި ފަހަތަށް ދިޔަ ބޯޅަ ރިޒުވާނަށް ލިބުނުއިރު އޭނާ ހުރީ މުޅިން ހުސްކޮށެވެ. ބޯޅަ ބިމުގައި ޖެހުމުގެ ކުރިން ރިޒުވާން ވަނީ ގޯލްގެ ތެރެއަށް ފޮނުވާލައިފައެވެ.
ފަހަތުން އަރައި ޓީސީން މޮޅުވި މިމެޗުގެ ނަތީޖާ ހަމަހަމަ ވީ ވިކްޓަރީގެ އަލީ ސާމިސް (ތޮއްޕެ) އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ.
ސެމީފައިނަލްގެ ޖާގައެއް ހޯދުމަށްޓަކައި ދެޓީމުން ވެސް ލަނޑެއް ޖެހޭތޯ މަސައްކަތްކުރަމުންދިޔަ މިމެޗްގައި ދެން ވެސް ފެނުނީ ޓީސީގެ ލަނޑެކެވެ.
ޓީސީން މޮޅުވި ލަނޑު އެޓީމުން ޖެހީ 88 ވަނަ މިނެޓްއެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަހުހާފުގައި ކުޅެން ނުކުތް އައިހަމް ހަމްދޫން އެވެ.
ވިކްޓަރީއަކީ ހަތަރު ފަހަރަށް މިމުބާރާތް ކާމިޔާބުކޮށްފައިވާ ޓީމެކެވެ. މުބާރާތުގައި ކުރިޔަށް ދިއުމަށްޓަކައި މޮޅުވުން ނޫންގޮތެއް ނެތް ވިކްޓަރީން ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ވާގޮތެއް ނުވިއެވެ.
2017 ވަނަ އަހަރުގެ އެފްއޭކަޕް ފައިނަލްގައި ކުޅެފައިވާ، ޓީސީން އެޓީމުގެ ތިންވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ އިތުރު ވަގުތުއެވެ. 94 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ މުހައްމަދު ދާނިޝް އެވެ. ދާނިސްއަކީ ވެސް ބަދަލަކަށް ކުޅެން ނުކުތް ކުޅުންތެރިއެކެވެ.
މިމުބާރާތުގެ މެޗެއް މިރޭ ވެސް އޮންނާނެއެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވާ ކުއާޓަރ ފައިނަލްގެ ފަހު މެޗްގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެންޕިއަން މާޒިޔާ ސްޕޯރޓްސް އާއި ބުރު ސްޕޯރޓްސް އެވެ.
