1- ރިހި ސާފުކުރުން

ރިހިން ހަދާފައިވާ އެއްޗެއްސަކީ ގިނަދުވަސް ވުމުން އޭގައި ދަމިލަ ޖަހައި ކުލަޔަށް ބަދަލު އަންނަ އެއްޗެކެވެ. މިހެން ވުމުން، ބައެއް މީހުން ފިހާރަތަކަށް ގޮސް ރިހި ސާފުކުރުމަށް ބޭނުންކުރާ ބައެއް އަގުބޮޑު ތަކެތި ގަނެގެން ބޭނުންކުރެއެވެ. އެހެން ނަމަވެސް މިއީ ބޭކާރުގޮތުގައި ފައިސާ ތަކެއް ހޭދަކޮށްލެވުމުގެ އިތުރުން ވަގުތު ތަކެއްވެސް ބޭކާރުވާނެ ކަމެކެވެ. ރިހި ގަހަނާ ސާފުކުރުމަށް ބޭނުންވާނެ އެއްޗެހި ކޮންމެ ގެއެއްގައިވެސް ހުންނަކަން ގިނަބަޔަކަށް އޮންނަނީ ނޭނގިއެވެ. އެހެން ނަމަވެސް ދަތް އުނގުޅާ ބޭހަކީ މިކަމަށް އޮތް ރަނގަޅު ހައްލެކެވެ. ރިހި ގަހަނާ ސާފުކުރުމަށް ދަތްއުނގުޅާ ބޭސް ހާކައި ފޮތިކޮޅެއް ކަހަލަ އެއްޗަކުން އުނގުޅާށެވެ. ރިހި ގަހަނާ ސާފުކުރުމަށް ދަތްއުނގުޅާ ބުރުހުގައި ބޭސް ޖަހައިގެން ރަނގަޅަށް އުނގުޅާށެވެ. އޭރުން އޮންނާނީ ރަނގަޅަށް ސާފުވެ އޮފުވެފައެވެ.

2- ކާރުގެ ހެޑްލައިޓް ސާފުކުރުމަށް

ކާރު ދޮންނައިރު، ކާރުގެ ހެޑްލައިޓް ސާފުކުރުމަށް ވަރަށް ރަނގަޅަށް އުނގުޅުމަކީ އާދައެކެވެ. އެހެން ނަމަވެސް މިގޮތަށް އުނގުޅައިގެން ކާރުގެ ނުވަތަ ސައިކަލުގެ ލައިޓްގެ ބޭރުގައި ހުންނަ ކަވަރު ސާފެއް ނުކުރެވޭނެއެވެ. މިކަމަށްވެސް އޮތް އެންމެ ރަނގަޅު އަދި އަތްފޯރާފަށުން ލިބެން އޮތް ހައްލަކީ ދަތްއުނގުޅާ ބޭހުން ސާފުކޮށްލުމެވެ. ފޮތިކޮޅެއްގައި ދަތްއުނގުޅާ ބޭސްކޮޅެއް ޖަހައިގެން ހެޑްލައިޓްގައި ހާކާށެވެ. އޭރުން ހެޑްލައިޓްގައި ހުރި ހަޑިއާއި އެޅިފައިވާ ކުދި ކޫރުންތައް ފިލައިގެންދާނެ އެވެ.

3- ޕިޔާނޯ އާއި އޯގަންގެ ކީބޯޑްގެ ފިތްތައް ސާފުކުރުމަށް

ޕިޔާނޯ ނުވަތަ އޯގަން ގެންގުޅޭ މީހެއްނަމަ، އޭގެ ފިތްތައް ސާފުކޮށްލުމަށް ފޮތިކޮޅެއްގައި ދަތްއުނގުޅާ ބޭސްކޮޅެއް ޖަހައިގެން ފިތްތަކުގައި ހާކާށެވެ. އޭރުން ފިތްތަކުގައި ހުރި ހަޑިއާއި އެޅިފައިވާ ކުދި ކޫރުންތައް ފިލައިގެންދާނެ އެވެ. ފިތްތަކުގައި ހުރި ރީނދޫކަން ފިލައި ހުދުވާނެއެވެ.

4- ކެޝުއަލް ބޫޓުގެ ތިރިއަށް ހުންނަ ހުދު ރަބަރު ބައި ސާފުކުރުމަށް

ކެޝުއަލް ބޫޓުގެ އެންމެ ތިރިއަށް ހުންނަ ހުދުބައި ހަޑިވެފައި ހުރުމަކީ ބޫޓަކީ ބާ ބޫޓެއްކަމަށް ދައްކާނެ ކަމެކެވެ. އެހެންކަމުން މިފަދަ ބޫޓުގެ ސިފަ އާކޮށްލުމަށް ދަތްއުނގުޅާ ބޭސް ބޭނުންކުރާށެވެ. ފޮތިކޮޅެއްގައި ދަތްއުނގުޅާ ބޭސްކޮޅެއް ޖަހައިގެން ބޫޓުގެ ހުދު ރަބަރު ބައިގައި ހާކާށެވެ. އޭރުން އެބައިގައި ހުރި ހަޑިއާއި ހިފާފައިވާ ރީނދޫކަން ފިލައިގެންދާނެ އެވެ. ބޫޓު ހީވާނީ އާބޫޓެއް ހެންނެވެ.

5- މޭޒުފަދަ ތަކެތީގައި ޖަހާފައި ހުންނަ ފެނުގެ ބޮޅުތައް ފިލުވައިލުމަށް

މޭޒުމަތީގައި ބާއްވާފައި އޮންނަ ބިއްލޫރިގަނޑުގައި ޖަހަފާއިހުންނަ ފެންތިކީގެ ނިޝާންތައް ފިލުވައިލުމަށްވެސް ދަތްއުނގުޅާ ބޭހަކީ ވަރަށް ފައްކާ އެއްޗެކެވެ. ފޮތިކޮޅެއްގައި ދަތްއުނގުޅާ ބޭސްކޮޅެއް ޖަހައިގެން މޭޒުމަތީގައި ހާކާށެވެ. އޭރުން ބިއްލޫރިގަނޑުގައި ހުރި ފެންތިކިތަކުގެ ނިޝާނާއި އެޅިފައިވާ ކުދި ކޫރުންތައް ފިލައިގެންދާނެ އެވެ.

6- ގަމީހުން ގަލަމު ދެލި ފިލުވުމަށް

ޖީބުގައި ގަލަން ޖަހާފައި ހުއްޓާ ގަމީހުގައި ގަލަމު ދެލި އުނގުޅުމަކީ އޮފީސްތަކާއި ސްކޫލްތަކުގައި އުޅޭ މީހުންނަށް ދިމާވާ ކަމެކެވެ. މިހެން ވުމުން، ޖެހިފައި ހުންނަ ދެލި ފިލުވުމަކީ ފަސޭހަކަމެއް ނޫނެވެ. މެޝިނަށް ލައިގެން ދޮވުނަސް ދެއްޔެއް ނުފިލައެވެ. ލައްފިލުވާ ޖަހައިފިނަމަ، ގަމީހުން ކުލަވެއްޓޭނެއެވެ. އެހެންކަމުން މިކަމަށްވެސް އޮތް އެންމެ ފަސޭހަ އަދި ޚަރަދުކުޑަ ހައްލަކީ ދަތްއުނގުޅާ ބޭހެވެ. ދެލި ޖެހިފައިވާ ތަނުގައި ދަތްއުނގުޅާ ބޭސް ހާކާފައި 24 ގަޑިއިރު ވާންދެން ބަހައްޓާށެވެ. އެއަށްފަހު އާދައިގެ ދޮންނަކުނޑިއެއް ބޭނުންކޮށްގެން މެޝިނުން ދޮވެލާށެވެ.

7- ސޫފި ހެފުމުން ނަގާ ދިލައާއި ހިރުވުން ފިލުވައިލުމަށް

ސޫތްޕެއް ހަފައިގެން އެތަނުން ދިލަނަގައި ހިރުވާގޮތް ވުމަކީ މީހާ މޮޔަކޮށްލާވަރު ކަމެކެވެ. ސޫތްޕެއް ހަފައިގެން ނުވަތަ ކަށިޖަހައިގެން ނަގާ ދިލައާއި ހިރުވާ ހިރުވުން ފިލުވައިލުމަށް ދަތްއުނގުޅާ ބޭސް ބޭނުންކޮށްލާށެވެ. ސޫފި ހަފާފައިވާ ތަނުގައި ދަތްއުނގުޅާ ބޭސް ހާކާށެވެ. ދިލަނެގުމާއި ހިރުވުން އިސާހިތަކުން ކެނޑޭނެއެވެ. ސޫފި ހެފުމުން ރަތްވުމާއި ދުޅަވުން ވެސް ދަތްއުނގުޅާބޭސް ބޭނުންކުރުމުން ފިލައިގެން ދާނެއެވެ.

8- އޮށާޅަ އާއި މޫނުގައި ނަގާ ބިހި ރަނގަޅުކުރުމަށް

މޫނުގައި އޮށާޅަ އާއި ބިހި ނަގާފައި ހުއްޓާ އާއްމުންގެ ތެރެއަށް ނިކުމެ އުޅުމަކީ ލަދުކަމެއްދޯ އެވެ. މިކަމަށް ހައްލެއް ހޯދުމަށް ތަފާތު ކެމިކަލް ހިމެނޭ ބޭސްތައް ބޭނުންކުރުމަކީ ޢާއްމުކަމެކެވެ. އެހެންނަމަވެސް މިފަދަ ބޭސްތަކުންވެސް އޮންނަނީ އެދެވޭ ނަތީޖާއެއް ނުލިބިފައެވެ. އެހެންކަމުން އޮށާޅައާއި ބިހީގެ ދުޅަ ލުއިކޮށް ރަތްކަން ފިލުވައިލުމަށް ކުޑަކުޑަ ދަތްއުނގުޅާ ބޭސްކޮޅެއް ބޭނުންކޮށްލާށެވެ. މިނެޓެއް ނުވަތަ ދެމިނެޓެއް ވާންދެން ބެހެއްޓުމަށްފަހު ތާފަނާ ފެންފޮދަކުން ދޮވެލާށެވެ. ދުޅަކަމާއި ރަތްކަން އިސާހިތަކުން ކެނޑިދާނެއެވެ.

9- އިސްތިރި ސާފުކުރުމަށް

މިއީ ދަތްއުނގުޅާ ބޭހުން ކޮށްލެވޭނެ އެންމެ ސްމާޓް ޓްރިކެވެ. އިސްތިރީގެ ދަށުގައި ކަޅުކަމެއް ނުވަތަ ރަތްކަމެއް ހުންނަގޮތް ވުމަކީ އާއްމުކަމެކެވެ. މިއީ ފިލުވައިލަން އެހާ ފަސޭހަނޫން ކަމެކެވެ. އެހެންކަމުން އިސްތިރީގެ ދަށް ސާފުކުރުމަށް ދަތްއުނގުޅާ ބޭސް ބޭނުންކޮށްލާށެވެ. ހަނދާންކުރާށެވެ. މިކަން ކުރަންވާނީ އިސްތިރި ހިހޫކޮށް ހުއްޓައެވެ. އިސްތިރީގައި ޖަހާފައިވާ ކަޅުކަން ފިލައި އޮފުކަމެއް ގެނައުމަށް ފޮތިކޮޅެއްގައި ދަތްއުނގުޅާ ބޭސްކޮޅެއް ޖަހައިގެން އިސްތިރީގެ ދަށުގައި އުނގުޅާށެވެ.

10- ސްމާޓްފޯން ސާފުކުރުމަށް

ސްމާޓްފޯނަކީ އަހަރެމެން އެއާއި އަބަދުވެސް ކުޅެމުން އަންނަ އެއްޗެއްކަމުން ވަރަށް އަވަހަށް ފޯނު ހަޑިވެއެވެ. ދިރާސާތައް ދައްކާގޮތުން ފާހާނާ ތަށީގައި ހުންނަ ހަޑިއާއި ޖަރާސީމަށް ވުރެން ސްމާޓްފޯނުގައި ހުންނަ މިލައާއި ޖަރާސީމު ގިނައެވެ. އެހެންކަމުން ރައްކާތެރިކަމާއެކު ސްމާޓްފޯނު ސާފުކޮށްލުމަށްޓަކައި ފޮތިކޮޅެއްގައި ދަތްއުނގުޅާ ބޭސްކޮޅެއް ހާކައިގެން ފޯނު ސާފުކޮށްލާށެވެ. ފޯނު ސާފުވުމުގެ އިތުރުން ފޯނުން މީރުވަހެއްވެސް ދުވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.