ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދުނިޔޭގެ 95 ޕަސެންޓް މީހުން ޖެހޭ ވައިރަހެއް ހުއްޓުވޭނެ ގޮތެއް ސައިންސްވެރިން ހޯދައިފި

އެޕްސްޓައިން-ބާ ވައިރަސް (އީބީވީ) ހަށިގަނޑުގެ ދިފާއީ ސެލްތަކަށް ވަނުން ހުއްޓުވާ ބާރުގަދަ އެންޓިބޮޑީތަކެއް އެމެރިކާގެ ފްރެޑް ހަޗިންސަން ކެންސަރު ސެންޓަރުގެ ސައިންސްވެރިން އުފައްދައިފިއެވެ.

އީބީވީ އަކީ ދުނިޔޭގެ ގާތްގަނޑަކަށް 95 ޕަސެންޓް މީހުންނަށް ޖެހޭ ވައިރަހެކެވެ. މި ވައިރަހާ ގުޅިގެން ތަފާތު ކެންސަރުތަކާއި ނިއުރޯޑީޖެނެރޭޓިވް ބަލިތަކާއި ދިގު މުއްދަތުގެ އެހެން ބަލިތައް ޖެހޭ ކަމަށް ސެލް ރިޕޯޓްސް މެޑިސިން ޖާނަލްގައި ޝާއިއުކުރި ދިރާސާގައި ބުނެފައިވެއެވެ. އިންސާނީ އެންޓިބޮޑީ ޖީން ހިމެނޭ ގޮތަށް އިންޖިނިއާކޮށްފައިވާ މީދާ ބޭނުންކޮށްގެން ދިރާސާ ޓީމުން ވަނީ ހަށިގަނޑުގެ ސެލްތަކުގައި ވައިރަސް ހަރުލައި ވަދެގަތުން ހުއްޓުވާ މޮނޮކްލޯނަލް އެންޓިބޮޑީތަކެއް އުފައްދައިފައެވެ. އޭގެ ތެރެއިން އެއް އެންޓިބޮޑީ ވަނީ ލެބް މޮޑެލްތަކުގައި އީބީވީ އިންފެކްޝަން އެއްކޮށް ހުއްޓުވައިފައެވެ.

ދިރާސާވެރިން ފޯކަސް ކުރީ ވައިރަހުގެ ދެ ޕްރޮޓީނެއް ކަމަށްވާ ޖީޕީ350 އާއި ޖީޕީ42 އަށެވެ. ޖީޕީ350 އަކީ ވައިރަސް އިންސާނީ ސެލްތަކުގައި ހަރުލުމަށް އެހީވާ ޕްރޮޓީނެކެވެ. ޖީޕީ42 އަކީ ވައިރަސް ސެލްތަކުގެ ތެރެއަށް ވަނުމަށް މަގުފަހިކޮށްދޭ ޕްރޮޓީނެކެވެ. ޚާއްޞަ މީދާ މޮޑެލް ބޭނުންކޮށްގެން ޖީޕީ350 އަށް ޓާގެޓް ކުރާ ދެ އެންޓިބޮޑީ އާއި ޖީޕީ42 އަށް ޓާގެޓް ކުރާ އަށް އެންޓިބޮޑީ ވަނީ ދެނެގަނެވިފައެވެ. ފައިނަލް ޓެސްޓިންގައި ޖީޕީ42 އަށް ޓާގެޓް ކުރި އެންޓިބޮޑީއަކުން އީބީވީ އިންފެކްޝަން އެއްކޮށް ހުއްޓުވި އިރު، ޖީޕީ350 އަށް ޓާގެޓް ކުރި އެންޓިބޮޑީއަކުން ވަކި ވަރެއްގެ ރައްކާތެރިކަމެއް ލިބުނެވެ.

“އީބީވީ ދިފާއީ ސެލްތަކަށް ވަނުން ހުއްޓުވާ އެންޓިބޮޑީ ހޯދުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. ސަބަބަކީ އެހެން ވައިރަސްތަކާ ޚިލާފަށް، އީބީވީ އަކީ ގާތްގަނޑަކަށް ހުރިހާ ބީ ސެލްތަކެއްގައި ހަރުލެވޭ ވައިރަހެއް” ކަމަށް ފްރެޑް ހަޗްގެ ވެކްސިން އެންޑް އިންފެކްޝަސް ޑިޒީޒް ޑިވިޝަންގެ ބައޮކެމިސްޓް އެންޑްރޫ މެކްގަޔާ ވިދާޅުވިއެވެ.

މި ހޯދުމުގެ ސަބަބުން ޚާއްޞަކޮށް ފައިދާވާނީ ގުނަވަން އަދި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާ ބަލިމީހުންނަށެވެ. އެމެރިކާގައި އެކަނި ވެސް ކޮންމެ އަހަރަކު 128،000 އަށް ވުރެ ގިނަ މީހުން ޓްރާންސްޕްލާންޓް ހަދާ ކަމަށާއި، މި ބަލިމީހުން ބޭނުންކުރާ ދިފާއީ ނިޒާމު ދައްކުރާ ބޭހުގެ ސަބަބުން އީބީވީ އަލުން އެކްޓިވް ވެދާނެ ކަމަށް ދިރާސާގައި ބުނެފައިވެއެވެ. ޓްރާންސްޕްލާންޓަށް ފަހު ޖެހޭ ލިމްފޮޕްރޮލިފެރޭޓިވް ޑިސްއޯޑާ (ޕީޓީއެލްޑީ) އަކީ ގިނަ ފަހަރު އީބީވީގެ ސަބަބުން ދިމާވާ ފުރާނައަށް ނުރައްކާވެދާނެ ލިމްފޯމާގެ ބާވަތެކެވެ. މިހާރު މިކަމަށް ޚާއްޞަ ފަރުވާއެއް ނެތެވެ.

ފްރެޑް ހަޗުން ވަނީ މި ދިރާސާގައި ހޯދި އެންޓިބޮޑީތަކާ ގުޅޭ ފިކުރީ މިލްކިއްޔާތުގެ ހައްގުތައް ހޯދުމަށް ހުށަހަޅައިފައެވެ. ދިރާސާ ޓީމުން މިހާރު މަސައްކަތް ކުރަމުން ދަނީ އިންޑަސްޓްރީ ޕާޓްނަރަކާ ގުޅިގެން މި ހޯދުން ކްލިނިކަލް ބޭނުމަށް ގެންދިއުމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
ރަޔާން – ދެވަނަ ބައި
3 ގަޑިއިރު ކުރިން
ރަސްގެފާނު ފައިނަލަށް!
3 ގަޑިއިރު ކުރިން
Home
Menu
Search
Back to top