ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބުރު ބަލިކޮށް ޓީސީ ފައިނަލަށް

މިހާރު ކުރިއަށްދާ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލް ދެވަނަ މެޗުގައި ބުރު ސްޕޯރޓްސް ބަލިކޮށް ޓީސީ ސްޕޯރޓްސް ފައިނަލަށް ދަތުރުކޮށްފިއެވެ.

މިރޭ ކުޅުނު ސެމީފައިނަލް މެޗުން ޓީސީ މޮޅުވީ ދެވަނަ ހާފުގައި ޖެހި 2 ލަނޑާއިއެކު 0 – 2 އިންނެވެ.

ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނު ނަމަވެސް، އެއްވެސް ޓީމަކަށް ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބުރަށް ލިބުނު ކޯނަރުން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، އެޓީމުގެ ކުޅުންތެރިއަކު ބޮލުން ފޮނުވާލުމުން އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ ފުރަތަމަ ލަނޑު ޓީސީން ޖެހީ 64 ވަނަ މިނިޓްގައެވެ. އިބްރާހީމް ޖިމޯ ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ބޯޑު ޕްރިންސްއަށް ޖައްސާލުމުން ކުޅުންތެރިއެއް ކައިރިން ނައްޓާލާފައި އޭނާ ފޮނުވާލި ބޯޅަ ގޯލްގެތެރެއަށް ވަނީ މަޑުމަޑުންނެވެ. ގޯލާއި ދިމާއަށް ޕްރިންސް ފޮނުވާލި ދިފާއު ކުރުމުގެ ފުރުސަތު ކީޕަރަށް ނުލިބުނީ ބޯޅަ ދިޔަ ގޮތުންނެވެ.

ލަނޑު ޖެހިތާ ދެމިނެޓެއްހާއިރު ފަހުން ވެސް ޓީސީއަށް ވަނީ ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ކޯނަރުން ގޯލް ކުރިމައްޗަށް ހުަސްކޮށްލި ބޯޅަ ހުސްކޮށް ހުރެ ޓީސީ ކުޅުންތެރިއަކު ބޮލުން ފޮނުވާލުމުން އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

ލަނޑު ޖަހާނެ ފުރުސަތު ބުރަށް ވެސް ލިބުނު މިމެޗްގައި، މެޗް އެއްވަރުކުރަން އެޓީމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 77 ވަނަ މިނިޓްއެވެ. އޭރިޔާ ތެރެއިން ބުރުގެ ހަޑްސަން ޑިއާޒްއަށް ޓީސީ ކުޅުންތެރިއަކު ކުރި ފައުލްއާ ގުޅިގެން ޕެނަލްޓީއެއް ލިބުނެވެ. ހަޑްސަން ޑިއާޒް ފޮނުވާލި ޕެނަލްޓީ ޓީސީގެ ކީޕަރ ވަނީ ދިފާއުކޮށްފައެވެ.

ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވަމުންދިޔަ މިމެޗްގެ ފަހު ވަގުތުކޮޅު ލަނޑު ޖަހާނެ އެއްމެ ރަނގަޅު ފުރުސަތެއް ލިބުނީ ޓީސީގެ ބޯޑު ޕްރިންސް އަށެވެ. އޭރިޔާތެރޭ މުޅިން ހުސްކޮށް ހުރެ ޕްރިންސް ފޮނުވާލި ބޯޅަ ދިޔައީ ގޯލްކުރިމަތިން ހުރަސް ވެގެން ކަހަލަ ގޮތަކަށް މާދުރުން ބޭރަށެވެ.

އިތުރު ވަގުތުގެ ފަހު މިނިޓްގައި ޓީސީން ޖެހި ލަނޑާއިއެކު 2-0 އިން މެޗް ނިމުނުއިރު، މި ލަނޑު ޓީސީއަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައި ދިން ބޯޑު ޕްރިންސްއެވެ.

ނިއުރޭޑިއަންޓާއި ޓީސީ ބައްދަލުކުރާ މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 18 ވަނަދުވަހުގެ ރެއެވެ. އެދުވަހު ހަވީރު ބުރާއި ބުލޫ ސްޕޯރޓްސް ބައްދަލުކުރާ 3 ވަނަ ހޮވާ މެޗް ވެސް އޮންނާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top