ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން އާއި ޓީސީ ސްޕޯރޓްސް ބައްދަލުކުރި މެޗް ކާމިޔާބުކޮށް، ލީގުގެ ހަތަރު ވަނައަށް މާޒިޔާ ޖެހިލައިފި އެވެ.
މިމެޗަށް ނުކުތްއިރު ދެ ޓީމުންކުރެ ކޮންމެ ޓީމެއް ވަނީ ތިން މެޗް ކުޅެފައެވެ. މާޒިޔާ ކުޅުނު ތިން މެޗްގެ ތެރެއިން ފުރަތަމަ މެޗް ކާމިޔާބުކޮށްފައި ވާއިރު ދެވަނަ މެޗުން ވަނީ ބަލިވެފައެވެ. އަދި ތިންވަނަ މެޗް ނިމުނީ އެއްވަރު ވެގެން ނެވެ. ޓީސީ ކުޅުނު ތިން މެޗްގެ ތެރެއިން އެއް މެޗުން އެޓީމު މޮޅުވިއިރު ދެން ކުޅުނު ދެމެޗުން ވެސް ވީ ބައްޔެވެ.
މެޗް ފެށީއްސުރެ މޮޅުކުޅުމެއް ދައްކައި ލަނޑު ޖަހަން މަސައްކަތްކުރި މާޒިޔާގެ ހަމަލާތައް ހުއްޓުވުމުގައި ރަނގަޅު ޑިފެންސިވް ގޭމެއް ކުޅުނު ޓީސީއަށް މާޒީޔާ ހުއްޓުވުނީ 32 ވަނަ މިނިޓާއި ހަމައަށެވެ.
ސީޒަންގެ މިހާތަނަށް މޮޅުކުޅުމެއް ދައްކަމުންދާ އަބްދުﷲ ލޫތު އިބްރާހިމް ތަނަވަސް ކޮށްދިން ފުރުސަތެއްގައި 33 ވަނަ މިނިޓްގައި އިބްރާހިމް މަހުދީ ހުސެން ވަނީ މާޒިޔާއަށް ލީޑު ނަގައިދީފައެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ޓީސީއަށް އެކަށީގެންވާ ފުރުސަތެއް ތަނަވަސް ނުކުރެވުނު މިހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.
ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅުނީ މާޒިޔާއިން ނެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް މިހާފުގައި ވެސް ތަނަވަސްކުރި މާޒިޔާއިން އެޓީމުގެ ލީޑު ފުޅާކުރީ 66 ވަނަ މިނިޓް ގައެވެ. އިބްރާހިމް އައިސަމް ތަނަވަސް ކޮށްދިން ފުރުސަތެއްގައި މާޒިޔާއަށް މި ލަނޑު ޖަހައިދިނީ ނިކޮލާ ވުޖިސިކް ގޮޑްޖޮ ގޯމޭޒް އެވެ.
ދެ ޓީމުގެ ފަރާތުން ގިނަ ބަދަލުތަކެއް ފެނުނު މިމެޗްގެ ފަހުކޮޅު ވެސް މާޒިޔާއިން ވަނީ ލަނޑެއް ޖަހާފައެވެ. ނިކޮލާ ވުޖިސިކް ގޮޑްޖޮ ގޯމޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައި އެ ޓީމަށް މިލަނޑު ކާމިޔާބުކޮށްދިނީ، ފަހު ހާފުގައި ބަދަލަކަށް ކުޅެން ނުކުތް ބެންޖަމިން ކުކު އެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ހަތް ޕޮއިންޓް ހަމައަކަށް މާޒިޔާ ވަނީ ވަގުތީ ގޮތުން ލީގުގެ ހަތަރު ވަނައަށް ޖެހިލާފައެވެ.
މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މާޒިޔާގެ އިބްރާހިމް މަހުދީ ހުސެން އެވެ.
