ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ޖުމްހޫރީ މޭވާ – ފައިދާތައް ވަރަށް ގިނަ، ކޮންމެހެންވެސް ކާންވާނެ
ފޮޓޯ: އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައި

ޖުމްހޫރީ މޭވާ ނުވަތަ ޕެޝަން ފުރުޓަކީ ގިނަ ބައެއްގެ މެދުގައި މަޤުބޫލު މޭވާއެކެވެ. ހުހަށް ކެއުމުގެ އިތުރުން ފަނި ގިރުމާއި، ސްމޫތީ، ޖޭމް އަދި ތަފާތު ފޮނި ކާތަކެތި ތައްޔާރުކުރުމުގައި ވެސް ގިނަ ބަޔަކު މި މޭވާ ބޭނުންކުރެއެވެ. ހޫނު މޫސުން އޮންނަ ސަރަހައްދުތަކުގައި ހެދޭ މި މޭވާގެ ރަހަ ފޮނިވެފައި ކުޑަކޮށް ހުތްގޮތެއް ހުރެއެވެ. ރާއްޖޭގައި މީގެ ދެ ވައްތަރެއް ހުރެއެވެ. އެއީ ދޮންވުމުން ތޮށިގަނޑު ރަތްކޮށް ހުންނަ ވައްތަރަކާއި ތޮށިގަނޑު ރީނދޫކޮށް ހުންނަ ވައްތަރެކެވެ.

މީރު ރަހައިގެ އިތުރުން ޕެޝަން ފުރުޓްގައި ގިނަ ސިއްޙީ ފައިދާތަކެއް ވެސް އެކުލެވެއެވެ. އޭގެ ތެރޭގައި:

1 – މުހިންމު މާއްދާތަކުން މުއްސަނދިވުން

ޕެޝަން ފުރުޓްގައި ގިނަ އަދަދަކަށް ވިޓަމިން އޭ އަދި ވިޓަމިން ސީ އެކުލެވިގެންވެއެވެ. މިއީ ހަމުގެ ދުޅަހެޔޮކަމަށާއި، ލޮލުގެ ފެނުމަށާއި، ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް މުހިންމު މާއްދާތަކެކެވެ. މީގެ އިތުރުން ފޮސްފަރަސް، ނިއަސިން އަދި ވިޓަމިން ބީ-6 ފަދަ ހަށިގަނޑަށް ބޭނުންތެރި މާއްދާތައް މީގައި ހިމެނެއެވެ.

2 – އެންޓިއޮކްސިޑެންޓްސް ގިނަވުން

ހަށިގަނޑުގެ ސިއްޙަތު ސަލާމަތުން ބެހެއްޓުމަށް ބޭނުންވާ އެންޓިއޮކްސިޑެންޓްސް ޕެޝަން ފުރުޓުން ލިބެއެވެ. މިއީ ލޭގެ ދައުރުވުން ރަނގަޅުކޮށްދީ، ހަށިގަނޑުގެ ދުޅަވުން ކުޑަކޮށްދޭ މާއްދާއެކެވެ. މީގެ ސަބަބުން ހިތުގެ ބަލިތަކާއި އަލްޒައިމާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.

3 – ފައިބަރުގެ މުއްސަނދިކަން

ޕެޝަން ފުރުޓުގައި ގިނަ އަދަދަކަށް ފައިބަރު ހިމެނެއެވެ. މިއީ ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދީ، ބަނޑު ހަރުވުމުން ދުރުކޮށްދޭ ކަމެކެވެ. އަދި ލޭގައި ހުންނަ ނުބައި ކޮލެސްޓްރޯލް ދަށްކޮށްދީ ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.

4 – ގްލައިސީމިކް އިންޑެކްސް ދަށްވުން

މިއީ ކެއުމަށްފަހު ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް މަތިވިޔަ ނުދޭ މޭވާއެކެވެ. އެހެންކަމުން ހަކުރު ބަލި ހުންނަ މީހުންނަށް މިއީ ބޭނުންކުރަން ރަނގަޅު މޭވާއެކެވެ.

ފޮޓޯ: އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައި

5 – އިންސިއުލިންގެ މަސައްކަތް ހަރުދަނާކުރުން

ދިރާސާތަކުން ދައްކާގޮތުގައި ޕެޝަން ފުރުޓުގެ އޮށުގައި އެކުލެވޭ މާއްދާއެއްގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުވެ، އިންސިއުލިން މަސައްކަތްކުރާ މިންވަރު ހަރުދަނާވެއެވެ. މިއީ ހަކުރުބަލީގެ ނުރައްކާ ކުޑަކޮށްދޭ ކަމެކެވެ.

6 – ދިފާޢީ ނިޒާމު ވަރުގަދަކުރުން

މީގައި ހުންނަ ވިޓަމިން ސީގެ ސަބަބުން ބަލިތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ހަށިގަނޑަށް ލިބިދެއެވެ. އަދި މިއީ ގަސްގަހާގެހިން ލިބޭ ކާނާގައި ހުންނަ އަޔަން (ދަގަނޑު) ހަށިގަނޑަށް ދަމައިގަތުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

7 – ހިތުގެ ދުޅަހެޔޮކަމަށް އެހީތެރިވުން

ޕެޝަން ފުރުޓުގައި ޕޮޓޭސިއަމް ގިނަވެފައި ސޯޑިއަމް މަދުވުމަކީ ލޭގެ ފިއްތުން ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ކަމެކެވެ. އަދި މީގައި ހުންނަ ފައިބަރުގެ ސަބަބުން ލޭނާރުތަކުގައި ހުންނަ އިތުރު ކޮލެސްޓްރޯލް ނައްތާލުމަށް އެހީވެދެއެވެ.

8 – ހާސްކަން ކުޑަކޮށްދިނުން

މީގައި މެގްނީޒިއަމް އެކުލެވިގެންވެއެވެ. މިއީ ހާސްކަމާއި ފިކުރުބޮޑުވުން ކުޑަކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

ޚާއްސަ ނޯޓެއް: މިއީ އާންމުކޮށް ރައްކާތެރި މޭވާއެއް ނަމަވެސް “ލޭޓެކްސް” އަށް އެލާޖިކްވާ މީހުން ޕެޝަން ފުރުޓަށް އެލާޖިކްވުމުގެ ފުރުސަތު އޮވެއެވެ.

ޖުމްހޫރީ މޭވާއަކީ ރާއްޖެ ފަދަ ހޫނު ޤައުމުތަކުގައި ފަސޭހައިން ހެދޭ މޭވާއަކަށް ވާއިރު، ސިއްޙަތަށް ނުހަނު ފައިދާ ލިބޭ މި މޭވާ ހައްދާލައިގެން ކައިލުން ބުއްދިވެރިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top